މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އިންތިހާބީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"ނޫސްވެރިންގެ ގުންޒަރު" ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ބޭނުންވާނެ ކަން ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ނޫސްވެރިން ދޭ ހިޔާލުތަކާއި މަޝްވަރާތަކާ އެކުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުން ގެންދާނެ ވާހަކަ ދެންނެވި އިރު، އިންތިގާލީ މަރުހަލާގެ ތެރޭގައި ވަރަށް ގިނަ ސީނިއާ ނޫސްވެރިންނާ ބައްދަލު ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން-- ވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

މުއިއްޒު ވިދާޅުވީ މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ދިމާވެފައިވާ ދަތިކަން ހައްލު ކުރަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ކޮންމެވެސް ކަހަލަ އިންސައްތައެއް ހަމަޖެއްސުމަށް ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޖު މަޖިލިހަށް ފޮނުވުމުގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހަށް ލިބުނު ފުރުސަތުގައި ސީނިއާ ބައެއް ނޫސްވެރިންނާ މަޝްވަރާ ކުރެވިފައި ނުވާތީ ސީދާ ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މަޖިލިހުގެ ތެރެއިން ކުރެވޭ މަޝްވަރާތަކުގައި އެކަމުގައި ގޮތެއް ކަނޑައަޅަން މަސައްކަތް ކުރައްވާނެ ކަން ވެސް މުއިއްޒު ވަނީ ހާމަކުރައްވައިފައެވެ.

"ކަމާބެހޭ ބަޖެޓު ކޮމިޓީގައި މަޝްވަރާ ކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެން ގަސްދުކޮށްފައި މިއޮތީ ބަޖެޓުގެ މަރުހަލާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތްތަކެއް ކުރަން އެކަމަށް. މަސައްކަތްކޮށް ވަކި އިންސައްތައެއް ހިމެނުމަށް ރައްޔިތުންގެ މަޖިލިހުގައި އެދެން،" މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން-- ވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަޖިލިހުގައި ވަރަށް ބޮޑަށް މަދު އިރު، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން މިކަމުގައި އެއްބާރުލުން ދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"އެބޭފުޅުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވައިފިއްޔާ މިފަހަރު ފާސްވާ ބަޖެޓުގެ ތެރޭގައި ވެސް އެކަމަށް ޖާގަ އުފެދިގެން ދާނެ،" މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން އެކަން ކުރަން،"

މުއިއްޒު ވިދާޅުވީ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމުން ހަމަޖެހޭ، ދެފުށް ފެންނަ، ޒިންމާދާރު އޫސުލަކާއި ގަވައިދެއް ހެދެން ޖެހޭނެ ކަމަށެވެ. އޭގެ ތަފްސީލަށް ވަޑައިނުގަތަސް، އެ މަރުހަލާ ކަޑައްތު ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކަޑައްތުކޮށް ޕަބްލިޝް ކުރެވޭ އުސޫލެއްގެ ތެރެއިން ފައިސާ ދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަވާ މުއިއްޒު މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ވައުދުވެވަޑައިގެންފައި ވަނީ މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައެވެ.

މުއިއްޒު ވިދާޅުވީ ނޫސްވެރިން ނުވަތަ މީޑިއާއަކީ ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް ކަމަށެވެ. އަދި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެންމެ އިސްދައުރެއް އަދާކުރާ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިން ކަމަށްވީ ނަމަވެސް މި ސަރުކާރުގައި ފެނުނީ ނޫސްވެރިކަން އަޅުވެތިކޮށްފައިވާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން ބައެއް ފަހަރު މިހާރު ވެއްޖެއްޔާ ރައީސް އޮފީހުން ފައިސާ ދޭ ވާހަކަ އިވެނީ. އެގޮތަށް އެކަން ވީމާ ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިކަމަށް ފޯރާ." މުއިއްޒުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދައިފޫ

    ވަރަށް ބޯބޮޑު މީހެއް މީ. ވެރިކަމާ ހަވާލުވުމުގެ ކުރިން މުޅި ރާއްޖޭގެ ހުރިހާ މީޑިޔާތައް އަތްދަށުލީ!! ކުޅި ކުޅެލާނަމޭ ހިތުގަ އެބަ އޮތްތާ!!

    8
    0