ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ ދާއިރާއާ ގުޅޭ ކޯސްތަކުގައި ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

"ނޫސްވެރިންގެ ގުންޒަރު" ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް ނޫސްވެރިކަމުގެ ދާއިރާގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ތައުލީމާއި ތަމްރީން ދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަން ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ތައުލީމީ ނިޒާމުގެ ތެރެއިން އެކަން ފަހިކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްދު ކުރަނީ މީޑިއާގައި، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސައިދޭން. އެކަން އިރާދަކުރެއްވިއްޔާ ހަމަޖައްސައި ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާ އަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.

މީޑިއާތަކުން ބޮޑެތި އަގު ދީފައި ތަންތަން ކުއްޔަށް ހިފައިގެން ނޫސްތައް ހިންގަން ޖެހޭ ކަން ބައެއް ނޫސްވެރިން ފާހަގަ ކުރައްވާފައިވާތީ އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އެއީ މިއަދުން މިއަދަށް ހައްލު ކުރެވޭނެ ކަމަކަށް ނުވި ނަމަވެސް މާލެ ސަރަހައްދުގައި މީޑީއާ ވިލެޖެއް ގާއިމު ކުރުމަކީ ވިސްނެވުމުގައި އޮތް ކަމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން މި ނުކުންނަނީ ހާމަކަން ބޮޑު ދެފުށް ފެންނަ ސަރުކާރެއް ގެނައުމަށެވެ. އެހެންވެ، މީޑިއާތަކަށް ސަރުކާރުގެ މައުލޫމާތު ހޯދައި ދިނުމުގައި ނިޒާމީ ގޮތުން ފެސިލިޓީތައް ވެސް ގާއިމުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުން މައުލޫމާތު ދިނުމުގައި ކުރަން ޖެހޭ ކަންކަން ތަރުތީބުގެ ތެރެއިން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތީބު

    އަދިވެސް ވައުދުތައް ވަނީތަ ދެން ހުއްޓާލަބަލަ ދެން ވެވުނު ވައުދުތައް ފުއްދޭތޯ ބަލަމާހިގާބަލަ