ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އުޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލުކުރައްވާނެ މެންބަރެއް ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމެވީ ގޯސްކޮށް ކަމަށް އެމްއެންޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މީގެކުރިން އެމްއެންޕީގެ ތިން މެންބަރުން މަޖިލީހުގައި ތިއްބެވެ. އެއީ އުޝާމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އުޝާމް އިސްތިއުފާ ދެއްވީ މި ސަރުކާރުގެ އެޓާނީ ޖެނެރަލް ކަމުގެ މަގާމު ލިބިވަޑައިގަތުމުންނެވެ.

މަޖިލީހުުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ ޕާޓީގެ މެންބަރުންގެ އަދަދު އެއްވެސް ހާލަތެއްގައި ތިން މެންބަރުންނަށް ވުރެ މަދުވެއްޖެނަމަ، އެ ހައިސިއްޔަތު ގެއްލޭނެ ކަމަށެވެ.

ރިޔާސަތުން އެހެން ވިދާޅުވުމާއި ގުޅިގެން މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސްގެ ތެރެއިން ރިޔާޒް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އަދި މަޖިލީހުގައ އެމްއެންޕީ ތަމްސީލްކުރާނެ މެންބަރެއް ނެތްކަމަށް ރިޔާސަތުން ނިންމީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއަާއި 17 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވިދާޅުވިއެވެ.

ރިޔާސަތުގެ އެ ނިންމުމާ ގުޅިގެން ބަޖެޓު ބަހުސްގެ ތެރެއިން ނިޒާމީ ނުކުތާ ނަންގަވައި ރިޔާޒް ވިދާޅުވީ، ރިޔާސަތުގެ އެ އިއުލާނަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ.

ރިޔާސަތުގެ ނިންމުމަކީ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ) ގާނޫނުއަސާސީގެ އެ ތިން މާއްދާއާ ސީދާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވިއެވެ. އަދި ރިޔާޒަކީ އެމްއެންޕީގެ މެންބަރެއް ކަމަށް އިލެކްޝަން ކޮމިޝަނުން ގަބޫލްކުރާ ކަމަށާއި އެހެންކަމުން މަޖިލީހުން އެކަން ގަބޫލްނުކުރަންވީ ކީއްވެތޯ ސުވާލުކުރައްވާފައިވެއެވެ.

ރިޔާޒްގެ އެ ނިޒާމީ ނުކުތާ މަޖިލީހުގެ ރިޔާސަތުން ވަނީ ބަލައިނުގަނެފައެވެ.

މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ އުޝާމް އިސްތިއުފާ ދެއްވާފައިވާއިރު ރިޔާޒާއި ނާޒިމް މިހާރު މަޖިލީހުގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާނީ މިނިވަން މެންބަރުންގެ ގޮތުގައި ކަމަށެވެ. އަދި ކުރިން އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެންބަރު ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށްވެސް އަސްލަމް ވަނީ އިއުލާންކޮށްފައެވެ.

މަޖިލީހުގެ ދަފްތަރު މިހާރު އެކުލެވިގެންވަނީ އެމްޑީޕީގެ 56 މެންބަރުން، ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމްގެ ދެ މެންބަރުން، ޕީއެންސީގެ ދެ މެންބަރުން، އެމްޑީއޭގެ ދެ މެންބަރުން، ޖޭޕީގެ ދެ މެންބަރުން، އަދި މިނިވަން 4 މެންބަރުންނެވެ.