ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރުމަށް ނިންމައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު" އަށް ވިދާޅުވީ، އީވާގެ އިތުބާރު ނެތް މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާކުރުމަށްޓަކައި އީވާގެ އިތުރުން އެހެން މެންބަރުންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށެވެ.

"އީވާގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކުރާ ވާހަކަ ސިޓީއަކުން އަންގާފައިވާނީ މެންބަރުންނަށްވެސް އީވާއަށް ވެސް." ޒިޔާ ވިދާޅުވިއެވެ.

މި މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާކުރެވުނު ކަމަށް ބުނެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސިޓީއެއް ފޮނުވިކަން މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ސިޓީގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަމީންއާންމު ވަނީ އެ މާއްދާ އާއި އެއްގޮތަށް ޑިސެމްބަރު 3 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ކޮންމެ މެންބަރަކަށް ތިން މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިން އެއް ފުރުސަތު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމައިފައެވެ.

މަޖިލީހުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހަމަކޮށްގެންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުން ކަމުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ވަކިކުރުމަށްޓަކައި 21 މެންބަރުންގެ ސޮއި ހަމަކުރަން ޖެހޭނެއެވެ.

ފަންސާސް މެންބަރަކު ސޮއިކުރައްވައި އީވާގެ އިތުބާރު ނެތް މައްސަލައެއް މަޖިލިހަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ފަހުން އަނބުރާ ގެންގޮސްފައެވެ.

އޭގެ ފަހުން އިވާގެ އިތުބާރު ނެތް މައްސަލަ އަނެއްކާވެސް މަޖިލީހަށް ވެއްދީ މިމަހު 13 ވަނަ ދުވަހު 50 މެމްބަރުންގެ ސޮޔާއެކުގައެވެ.

50 މެންބަރުންގެ ސޮޔާއެކު އީވާ ވަކިކުރަން ގަރާރެއް ހުށަހަޅައިފި

އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނާގޮތުން އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު