ފުލުހަކަށް ހަމަލާދިން މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެކަން ހިނގީ މިރޭ 8:19 ހާއިރު ޖަނަވަރީ މަގުގައެވެ.

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި އެމީހާ ވަނީ ފުލުސް މީހާއަށް ހަމަލާދީފައެވެ. އަދި ފުލުސް މީހާގެ އަނގަމަތި ފަޅާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގެ މަގުމަތީގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުން މިވަނީ އާންމުވެފައެވެ. ރޯމާދުވާލު މަސްތުވާ ތަކެތި ވިއްކައި ހަދައެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ކުދިންނަށް ފަރުވާދީ މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރީގެ ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. ނަމަވެސް ދައުރު ނިމިގެންދިޔައިރުވެސް މި މައްސަލަތައް ހައްލުކުރެވިފައި ނުވާކަން އަދި ފަރުވާ ބޭނުންވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.