ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް އިސްލާހު ގެންނަން ހުށެޅި ބިލު މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް ފޮނުވަން މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއެވެ. ޕްލާސްތިކް ކޮތަޅުން ބޮޑު ފީއެއް ނަގާ މައްސަލަ ހައްލުކުރަން ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު މިއަދު ވަނީ މަޖިލީހުގެ ސަބް ކޮމިޓީއަށް ފޮނުވާފައެވެ. މިބިލު ފާސްކޮށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވަނީ ހަތް މެންބަރުން އެކުލެވޭ ސަބް ކޮމިޓީއަކަށް އެ މައްސަލަ ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އެއާއެކު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.

އެގޮތުން އެ ކޮމިޓީއަށް ހުށަހެޅުއްވި ނަންތަކަކީ:

  1. އެންވަޔަރަމަންޓް ކޮމިޓީން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  2. އެންވަޔަރަމަންޓް ކޮމިޓީން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
  3. އިޖްތިމާއީ ކޮމިޓީން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  4. މާލިއްޔަތު ކޮމިޓީން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ
  5. މާލިއްޔަތު ކޮމިޓީން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  6. އިގްތިސާދީ ކޮމިޓީން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިރު
  7. އިގްތިސާދީ ކޮމިޓީން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު

މުޅި މަޖިލީހުގެ ކޮމިޓީގައި ނެގި ވޯޓުން 26 މެންބަރުންގެ އިއްތިފާގުން ސަބް ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށް ފާސްކޮށް، 28 މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީ މެންބަރުންގެ ނަންތައް ފާސްކޮށްފައެވެ. އެއަށްފަހު ކޮމިޓީ ނިންމާލާފައި ވަނީ ސަބް ކޮމިޓީއަށް އެ މައްސަލަ ދިރާސާކުރުމަށް ހުށަހަޅާފައެވެ.

މީގެކުރިންވެސް މިބިލަށް ވަނީ ބަހުސްކޮށްފައެވެ. އެ ބަހުސްގައި މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ކޮތަޅު ފީ، ދެ ރުފިޔާއިން 50 ލާރިއަށް ކުޑަ ކުރުމަށް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ ކޮތަޅު ފީގެ ސަބަބުން ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިބްރާހިމް އަލި ޗޯރޭ

    ޥެރިކަން ނުލިބުނީމަ ރައްޔިތުން ރުއްސަންތަ. ޟިަޖިލީސް މޑޕ ހަދާން ނައްތާލާ