އީރާނާއި ޕާކިސްތާނު ބޯޑަރު ކައިރީގައި ހުންނަ އިރާނުގެ ފުލުހުންގެ ހިދުމަތްދޭ މަރުކަޒަކަށް ހަތިޔާރު އެޅި ބަޔަކު ނުރައްކާތެރި ބަޑީގެ ހަމަލާ އެއް ދީ އެތައް ބަޔަކު މަރާލައިފިއެވެ.

އިރާނުގެ ގައުމީ ޓީވީ އިން މައުލޫމާތު ދޭ ގޮތުގައި ރޭ ދަންވަރު ދިން މި ހަމަލާގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ 11 މީހަކު ވަނީ މަރާލާފައެވެ. އަދި މީގެ އިތުރުން 8 މީހަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެސް ލިބިފައެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ ކަމަށް ވެސް އިރާނުގެ ޤައުމީ ހަބަރު ފަތުރާ އެޖެންސީ އިން ބުނެއެވެ.

އިރާނުގެ ވެރިރަށް ތެހެރާން އާއި 875 މޭލު ދުރުގައި އޮންނަ ރަސްކް ޓައުން އަކީ އިރާނުގެ ބަލޮޗިސްތާން ޕުރޮވިންސަށް ނިސްބަތްވާ އަވަށެކެވެ. މި ޕްރޮވިންސްގެ ޑެޕިއުޓީ މޭޔަރ އަލީ ރެޒާ ވިދާޅުވީ ފުލުހުންގެ އަވަސް ހަރަކާތްތަކުގެ ސަބަބުން ހަމަލާދިން ނިރުބަވެރިން ވަރަށް އަވަހަށް މަރާލެވުނު ކަމަށާއި އަދި އެ މީހުންގެ ތެރެއިން އެކަކު ދިރި ހުއްޓާ ވަނީ އަތުލައިގަނެވިފައި ކަމަށެވެ. މިއީ ތަހްގީގަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަން ވެސް އަލީ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެެއްވެސް ޖަމާއަތަކުން ނަގާފައި ނުވި ނަމަވެސް އިރާނުން ތުހުމަތު ކުރަނީ މިއީ އެ ގައުމުގެ ސަރުކާރާއި ވަކިވެގަންނަށް ހަނގުރާމަ ކުރާ ބަލޮޗިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް "ޖައިޝް އަލް އަދްލް" ގެ ހަމަލާއެއް ކަމަށެވެ. މި ހަނގުރާމަވެރި ޖަމާއަތަކީ ޕާކިސްތާނުގައި ހުންނަ އެމީހުންގެ ޖަގަހަތަކުން އިރާނަށް އައިސް ހަމަލާދިނުމަށްފަހު ފިލައިގެން އެނބުރި ޕާކިސްތާނަށް ދާ ޖަމާއަތެކެވެ. އެގޮތުން 2019 ވަނަ އަހަރުގައި އެ ޖަމާއަތުން ވަނީ އިރާނުގެ އިންގިލާބީ ސިފައިން ދަތުރުކުރި ބަހަކަށް ޖާނުން ފިދާވުމުގެ ނުރައްކާތެރި ހަމަލާއެއް ދީ 27 އޮފިސަރުން މަރާލާފައެވެ.

ބަލޮޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު ޕުރޮވިންސެވެ. އެ ޕުރޮވިންސްގެ ބޮޑު ބައެއް އޮންނަނީ ޕާކިސްތާނުގައެވެ. ނަމަވެސް އިރާނުގައިވެސް އެ ޕުރޮވިންސްގެ ބައެއް އޮވެއެވެ. ބަލޮޗިސްތާނުގެ ހަނގުރާމަ މަތީ ޖަމާއަތްތަކުން ދަނީ އިރާނުގެ ސަރުކާރުގެ އިތުރުން ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަމުންނެވެ. އެ ޖަމާއަތް ތަކުން ބުނާ ގޮތުގައި އިރާނުގެ ޝީއީ ވެރިން އެމީހުންގެ އަވަށް ތަކަށް އަޅައެއް ނުލައެވެ.އަދި ޕާކިސްތާނުގެ ވެރިން އެމީހުންގެ ބިމުގައިވާ ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި އެ ސަރަހައްދަށް އެއްވެސް ތަރައްޤީ އެއް ނުގެނެސްދެއެވެ. އެމީހުން ބޭނުންވަނީ އެމީހުންގެ އަމިއްލަ ވެރިކަމެއް ބަލޮޗިސްތާނުގައި ގާއިމުކުރާށެވެ.