ރާއްޖެ ޓީވީއިން ރައީސް ޔާމީން އަބްދުލް ޤައްޔޫމްްގެ އިންތިޚާބީ ބައިވެރިޔާ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދާމެދު އިހުމާލު ވެއްޖެކަމަށް ވިދާޅުވެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަދި ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރާއްޖެ ޓީވީއިން ޝަހީމްއާމެދު އިހުމާލު ވެއްޖެކަމަށް ބަޔާންކޮށް ރިޕޯޓްތައްނެރެ ޚަބަރުތައް ފަތުރަމުންދާ ކަމަށާއި މިގޮތަށް ކަންތައް ކުރަމުން އެދަނީ އެބޭފުޅުންނަށް ޕީޕީއެމްގެ މަސައްކަތުގެ ތަރުތީބު އެނގިވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ޕީޕީއެމްގެ ކޮންމެ މެންބަރަކީވެސް ވަރުގަދަ ލީޑަރެއް ކަމަށާއި، ކޮންމެ މެމްބަރަކީވެސް އެކަނިވެސް މާސިންގާ ލީޑަރޝިޕެއް ކޮންޓްރޯލް ކުރެވޭ ވަރުގެ ޤާބިލްކަން ހުރި މީހެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރާއްޖެ ޓީވީއިން ޝަހީމްއަށް އެޕާޓީގެ މެންބަރުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި ޝަހީމް ރަނިންމޭޓްއަކަށް ގެންނެވުމުން އެކަމާ ޕާޓީގެ ގިނަ ބަޔަކު ހިތްހަމަނުޖެހުނު ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށެވެ. އަދި އެޕާޓީގެ ހުރިހާ މެންބަރުންގެ އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގަންނަވާކަމަށް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއަށް އެންފަހުން ގުޅި ވަޑައިގެންނެވި ބޭފުޅަކީ ޑރ ޝަހީމް. އެމަނިކުފާނަށް ދެވަނަ ދައުރުގެ ރަނިންމޭޓްކަން ދެއްވުނު ހިސާބުން ފެށިގެން ޕާޓީގެ މެންބަރަކަށްވެ ވަޑައިގެން މަސައްކަތްޕުޅު އެކުރައްވަނީ. އަޅުގަނޑުމެން ހަމަ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ. އެމަނިކުފާނުގެ ފަހަތުގައި، އެމަނިކުފާނުގެ އަރިހުގައި،" ނިހާން ވިދާޅުވިއެވެ.

ރާއްޖެޓީވީއިން 6 ސެޕްޓެންބަރ ގައި "ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟" ނަމުގައި ގެނެސްދީފައިވާ ރިޕޯޓްގައި ބުނެފައިވަނީ، ޑރ ޝަހީމް ރަނިންމޭޓްކަމަށް ގެނައުމުން އެކަމާ ހިތްހަމަނުޖެހި ދުރުދުރުގައި ޕީޕީއެމްގެ އިސް ބޭފުޅުން "ކުދިކިޔަމުންދާ" ކަމަށެވެ. އެރިޕޯޓްގައި ބުނެފައިވަނީ ޝަހީމާ އެކު ރަށްރަށަށް ޕީޕީއެމްގެ އިސްބޭފުޅުން ވަޑައި ނުގަތުމަކީ ޕީޕީއެމްއިން އެމަނިކުފާނަށް އެއްބާރުލުން ނުދޭ ކަމުގެ ހެއްކެއް ކަމަށެވެ. މިކަމަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ ޑރ ޝަހީމް ބޭނުންފުޅުވެ ވަޑައިގަތްނެވި ގޮތަށް ބޭނުންފުޅުވި ކަހަލަ ޓީމެއް، ބޭނުންފުޅުވި ވަގުތަކު ކެންޕެއިން ޓީމްއެއް އެކުލަވާލައްފައިވާ ކަމަށެވެ.

"އެމަނިކުފާނުގެ ދަތުރުފުޅުގައި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ސެކްރެޓްރީ ޖެނެރަލް، އަޅުގަނޑު، އަޅުގަނޑުމެންގެ ޓީމް ފަހަރުގައި ނުފެނިދާނެ. އެއީ އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަތްނެވި ގޮތަށް ބޭނުންފުޅުވި ކަހަލަ ޓީމެއް، ބޭނުންފުޅުވި ވަގުތަކު އަޅުގަނޑުމެން އެކުލަވާލަދީފައިވާނީ،" ނިހާނު ވިދާޅުވިއެެވެ.

ރާއްޖެ ޓީވީއިން ޝަހީމް އާ ގުޅޭ ގޮތުން ތަފާތު ވާހަތަކެއް ދައްކަވަމުންދާއިރު، ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަތް ކަމުގެ ކުށުގައި ރާއްޖެ ޓީވީ ޖޫރިމަނާކޮށްދެއްވުމަށް އިއްޔެ ރައީސްގެ ފަރާތްޕުޅުން ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އަބުރުގެ ޤާނޫނަށް ނުކިޔަމަންތެރިކަން ދައްކައި، ސަރުކާރުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އަބުރަށް އަރައިގަތުމުގެ ކުށުގައި ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމަހަމަ

    ޙަޤީޤީ އިހުމާލުވަނީ އެމް.ޑީ.ޕީ މީހުން ފައިސަލްއަށް. ޤާސިމުގެ ލާރިން ކެމްޕެއިން ކުރަމުންދާއިރު ފައިސަލްގެ ފޮޓޯއެއްވެސް ނުހުރޭ ހަރުކޮށްފައި. ހުންނަނީ މައުމޫނާއި ޤާސިމާއި އަންނި އާއި އިމްރާނުއާއި މިހަތަރު ގައިދީންގެ ފޮޓޯތައް ޖަހާފއި. ދެން ހުންނަނީ އިބޫގެ ފޮޓޯއެއް ކުޑަކޮށް ފަންސުރަކުން ކުހަރާފައި، އިބޫގެ ފަހަތަށް ބޮލުހުޅިއެއްހެން ފައިސަލްގެ ފޮޓޯއެއް އިނދޭ ބައެއް ފަހަރު. ކެމްޕެއިންގައި މުޅި މާލޭގައި މަގުހުރަހަށް ހުރީ އެމް.ޑީ.ޕީގެ ބެނާތައް ދަމާފައި. މިއަށް ޚަރަދުކުރީ ޖޭޕީން. އަދާލަތަށް ތަނަކަށް ދިއުމަށް އެމް.ޑީ.ޕީ.އިން ބަޖެޓްއެއް ނުދޭ. އެމީހުން އެކަމު އެމް.ޑީ.ޕީ ފައިގައި ދޫލަމުންދޭ ގައުމުގައި ދީނީ މިނިވަންކަން ގެންދަންވެގެން.

  2. ފިތުނަ

    އެމް.ޑީ.ޕީ އަކީ އަބަދުވެސް އިސްވެ ނުބައިނުލަފާ ކަންތައްތައްކޮށްފައި، އެވާހަކަ ދެކެވެން ފެށުމުން އެއަށްވުރެ ބާރުލާފައި، އެވާހަކަތައް އިނދިކޮޅަށް އަނބުރާލައިގެން ހަރުއަޑުން ދައްކައި ގައުމުގައި އަޑުހިއްޕުމަށް އެއްވަނަ. ފިތުނައިގެ އައްޕަ. މިމީހުން އަދިވެސް ދިވެހިންނަށް ރަނގަޅަށް ދަސްނުވާތީ މައްސަލައަކީ.