ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ލަސްވާ ކަމަށް ބުނެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް އެކަން ގެންނެވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަލީ ޝާހް މިއަދު ވިދާޅުވެއްޖެއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. އެކަމަކު، މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލައި އެ މައްސަލަ އޮތީ ހުކުމަކާ ހިސާބުގައެވެ.

މި މައްސަލައިގައި ހައި ކޯޓުގައި އެންމެ ފަހުން އަޑު އެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 21 ގައެވެ.

ހައި ކޯޓުގައި މައްސަލަ ނުނިމި ލަސްވާތީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދެވުމުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ އިއްޔެ ހައި ކޯޓަށް ވަޑައިގެންފައެވެ.

ހައި ކޯޓުގެ ބޭރުގައި އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝާހް ވިދާޅުވީ ޔާމީންގެ މައްސަލަ ލަސްވާ މައްސަލައިގައި ވަކީލުންގެ ޓީމަށް ކުރެވިދާނެ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހުކުމް ކުރުން ލަސްވެ، އިންސާފު ލިބުން ލަސްވަމުންދާ މައްސަލަ ރައީސްގެ އަރިހަށް ގެންދެވޭނެ ގޮތެއް އޮތްތޯ މަޝްވަރާ ކުރައްވާނެ ކަމުގައި ޝާް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމާ މެދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި ގާނޫނީ ގޮތުން ކުރެވޭނެ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ފަނޑިޔާރުންނަކީ އެ މީހުންގެ ހުރިހާ ވަގުތެއް މަސައްކަތަށް ހުސްކުރަން ޖެހޭނެ ބައެއް ކަމަށް ގާނޫނުއަސާސީގައި ފާހަގަކޮށްފައިވާ ކަމަށެވެ. ފަނޑިޔާރުންނަކީ ވަކި ކަމަކުން ބަރީއަވެ ނުވަތަ ވަކި ކަމެއް އިސްތިސްނާ ކޮށްގެން މަސައްކަތް ހުއްޓާލައިގެން ތިބެވޭނެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއުޅެނީ އާދައިގެ ރައްޔިތަކަށް އިންސާފު ނުލިބިގެން. މިއުޅެނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ފަރާތަކަށް އިންސާފު ނުލިބިގެން. މައްސަލައިގެ އަޑުއެހުންތައް ނިންމައި މިއޮށްހާ ދުވަސް ވެގެން ދިޔައިރުގައި ހުކުމަކަށް ނުދިއުމަކީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް. ނުވަތަ ވަކި ގޮތަކަށް ނުނިންމުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް،" ޝާހް ވިދާޅުވިއެވެ.

މީގެ ކުރިން، ހައި ކޯޓުގައި ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައި ހުރި މައްސަލަތައް ހުކުމް ކުރުމުގައި ކޯޓުން ލަސްކޮށްފައި ނުވަތަ "ވަޅުޖެހިފައި" ނުވާ ކަމަށް ޝާހް ވިދާޅުވިއެވެ.

"ވަޅުޖެހުނު ސަބަބެއް ހޯދަަން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. [ކޯޓުން] ދެނީ ކޮމްޕިއުޓަ ޖަވާބެއް. އެ ޖަވާބަކީ މައްސަލަ އަވަސް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް. އަވަސް ކުރަން ކުރަނީ ކޮން ކަމެއް ކަމެއް، ލަސްވަނީ ކީއްވެ ކަމެއް ސާފުކޮށެއް ނުދޭ،" ވަކީލު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުސެއިން ވަހީދު ވިދާޅުވީ ޔާމީން ޖަލުގައި ބޭއްވުމުގެ ސިލްސިލާ އަދިވެސް ނިމިފައި ނުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށާއި މިއީ މިނިވަން ޖުޑިޝަރީއަކަށް ދިވެހިން ކުރި އުންމީދަށް ކިލަނބުކަން އައި ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކާޅު ބާޒުު

    މިވެރިކަމުގައިވެސް ޖަލުގަ...

    3
    1
  2. ހަސަން

    ހުކުމްތަންފީޒުކޮއްނިމިގެން ދޫކުރަންޖެހޭނީ

    9
    2
  3. ބޮޑުރަސްގެފާނު

    ރައްޔިތުންމަޖިލީސް 2024 ނިމިގެން ތިޔަ ކަން ކުރިއަށް ދިއުން އެކަށީގެންވޭ

  4. ބޮޑުރަސްގެފާނު

    ރައްޔިތުންމަޖިލީސް 2024 އިންތިހާބު ނިމިގެން ތިޔަ ކަން ކުރިއަށް ދިއުން އެކަށީގެންވޭ.

  5. ހައިރާން

    މަ މިހުންނަނީ ހައިރާންވެ އަންތަރީސް ވެފައި. ނުވާންވީ ކީއްވެ؟ ޖުޑީޝަރީ، ވެރިކަން ހިންގާ ބާރާ ވަކިނުކޮށްގެންގެން އެންމެ ބާރަށް ވާހަކަދެއްކީ ޖަމީލުމެންނާއި އެމްޑީޕީ މީހުން. ވެރިއަކަށް ހުރި ބޭފުޅާ ތިތަން ތިއޮތީ މިނިވަންކޮށޭ ނުބެހޭނަމޭ ކުރާ ކަމެއް ކަލޭމެން އަމިއްލައަށް ފެންނަގޮތަކަށް އިންސާފުން ކުރާށޭ ބާރަށް އެބަގޮވާ. މިހެން ގޮވާއިރު އަލުން ބައްސަން މިދުވަނީވެސް ގައުމުގެ ވެރިމީހާ ޖުޑީޝަރީއާބެހޭތީ ކަންބޮޑުވެގެން ފާޑުފާޑަށް ބަޔާންދިން އެކަކު. ނިމިދިޔަ ވެރިކަމުގައި އެމްޑީޕީ އޮތީ ޖުޑީޝަރީގެ ތެރެއަށް ހަތަރެސްފައި ބާނައިގެން.

    21
    1
  6. އިންސާފު

    ވަކި މީހަކަށް ވެއްޖިއްޔާ އަވަހަށް އިންސާފު ލިބިފައި އެ ނޫން މީހަކަށް ވެއްޖިއްޔާ އިންސާފު ނުލިބިފައި ހުންނަންޖެހޭތަ! މީ ބޯބުރާންތިވެފައި ތިބޭ ވަކީލުންތަ!

    18
    2
  7. Anonymous

    ވައްކަން ކުރީމަ އަދަބުދޭންވާނެ ހަމަ އާދައިިގެ އެވްރެޖްމީހާއައްވެސް އަދަބުލިބޭ އުސޫލުން. ކޮންޔާމީނެއް ކުރީގެ ރައީސެއް ކިޔާކައް. ވަގުން ވާނީ ވަގުންނައް ކޮންމެމީހަކަސް. ވައްކަމުގެ އާދަ އެބަޖެހޭ ފިލުވަން ގައުމުގެ އެންމެމަތިން ތިރިއައް.

    10
    1
    • ޢެމްއެސް

      ޔާމީނަށް ވަގަށް ގޮވުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ޔާމީނު ވައްކަމެއް ނުކުރޭ ޔާމީނުއަށް ވެރިކަން ވިޔަނުދިނުމަށް ބަޔަކު ރާވައިގެން ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރިއޭކިޔާފައި ޔާމީނަށް ވަގަށް ގޮވައި އަބުރު ކަތިލުމަކީ ކިހާގޯސަމީހުން ކުރާކަމެއް! ވައްކަން ކުރުމަކީ ވަގަށް އެއްޗެހި ނެގުން ވައްކަން ކުރާއެއްވެސް ބަޔަކަށް އަދަބެއް ނުދޭ ވަގުންނާއި ހެދި ދިރިއުޅުމަށް ދަތިވެފައި ރައްޔިތުން މިތިބެނީ!

      4
      2
  8. ރިވެތި

    ތިވަރު ވީމާ ކޮންމެމީހަކައްވެސް އެބައެގޭ ބަދަލުހިފަނީކަން ރައީސްޔާމީޏްގެ ކުށެއްނުހޯދުނުކަން ބަލަ ކޯޓަތަކާމެދު ރައްޔިތުންގެމެދުގާ އިތުބާރު ހިފޭނެގޮތަކައް މައްސަލަތައް ކޮނަމެ ފަރާތަކައްނިމުނަސް އަވަސްކޮއް ނިއްމާ ހުކުން ކޮއްބަލަ އެއްމައްސަލެއް މުޅިގައުމުގެ ހުރިހާވަކީލުނ ތިޔަބަލާ ދިރާސާކޮއް ނިމުނީމަވެސް ކުހުންނުކުރެވި

    2
    5
    • ހނހ

      އަދިވެސް މަޖިލީހާ ޖުޑިޝަރީ އޮތީ އެމްޑީޕީ އަތްމަތީ އެތަންތަން މިނިވަންވި ދުވަހަކުން ތިކަންވާނެ ވަރައް ބާރައް

    • ހނހ

      އަދިވެސް މަޖިލީހާ ޖުޑިޝަރީ އޮތީ އެމްޑީޕީ އަތްމަތީ އެތަންތަން މިނިވަންވި ދުވަހަކުން ތިކަންވާނެ ވަރައް ބާރައް.

  9. ސަރަފަކައްދަ

    އަދުރޭމެން ، މުޢީޒު މެން ވެރިކަން ލިބޭތާ 24 ގަޑި އިރު ތެރޭގައި ރަޢީސް ޔާމީން މިނިވަން ކުރާނަމޭ ބުނެ ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަން ލިބުމުންވެސް ރަޢީސް ޔާމީނު މިނިވަން ނުކޮއް ތިބުމުން ތިކަމުގެ ހިތި މަޖުލިހުގެ އިންތިޙާބުން ރައްޔިތުން ދައްކާނެ ކަމަށް ލަފާކުރެވޭ!

    1
    6
  10. Anonymous

    ވައްކަންކުރާ އެހެންމީހުންވެސް ތިބެނީ ޖަލުގަ

    4
    1
  11. ޢަބްދުﷲ

    ޔާމީންގެ ވައްކަން ސާބިތުވެ ޝަރީޢަތުގައިވާ އުންސުރުތައް ހަމަވާނަމަ އަތް ކަނޑާބަލަ. މިއީ ފެށުމެއް ކަމުގައި ބަލައިގެން. އޭރުން ތަންތަނުގެ ވެރިންނަށް ރެއަކާލާނެ.

    • އަހްމަދު

      ޔާމީނު ވައްކަން ކުރިކަން ކޮންކޯޓަކުންތޯ ސާބިތުކޮށްދީފާއޮތީ. ނެތް.

  12. ޓިނު

    އަނިޔާވެރިންނަށް އެންމެ ރަނގަޅު ތަނަކީ ހުރަގެ.

  13. ވައްގު

    ރައީސް ޔާމީން އެކަނި ތައް ކޮބާ ދެން ތިބި މީހުން

  14. އަބްދޫ

    މިވެނި މީހެއްގެ އިސްތިއުނާފް އަވަސްކޮށްދީ މިވެނި މިހަކު ލަސްކޮށްދީ އެއީ ރައީސް ބުނަންޖެހޭ ވާހަކައެއްނޫން .ގާނޫނުއަސަސީގަ ބުނޭ ކޯޓް ތަކުގެ މިނިވަންކަންދެމެހެއްޓުމްށް ފަނޑިޔާރުންގެ މިނިވަންކަމާއި އެކަކުވެސް ނުބެހުމަށް.