އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަމާންކަމާއި އޮމާންކަމާއެކީ ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ރައްޔިތުންނަށާއި އެހެން ޕާޓީތަކަށް ނަމޫނާ ދައްކައި ކުރިޔަށް އޮތް ޕްރައިމަރީ ސުލްހަވެރިކަމާއެކީ އަމާންކޮށް ކުރިއަށް ގެންދިޔުމަކީ ރައީސް މުއިއްޒު އާއި ޕާޓީގެ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ މި ޕްރައިމަރީގެ ކަންތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީ ސުލްހަވެރިކަމާއި އެކުވެރިކަމާއެކީގައި ކުރިޔަށް ގެންގޮސްދެއްވަން، ހުރިހާ ކެނޑިޑޭޓުންވެސް އަދި ސަޕޯޓަރުންވެސް މަސައްކަތްކޮށްދެއްވުުން. އަޅުގަނޑުމެންނަކީ އަބަދުވެސް އެހެން ޕާޓީތަކަށާއި ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވުން" އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ ޝަކުވާ އަބަދު ވެސް އަޑުއަހާނެ ކަމަށާއި އަބަދު ވެސް ކުރިޔަށްދާނީ ރައްޔިތުންގެ މަޝްވަރާއާއެކީގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކީ އަބަދުވެސް ރައްޔިތުންގެ މަޝްވަރާއެކީ ކުރިޔަށްދާ ދެޕާޓީ ޕީޕީއެމް/ޕީއެންސީއަކީ. ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމުގެ ޤާބިލްކަން އަޅުގަނޑުގެ ލީދަރޝިޕްގައިވެސް އަޅުގަނޑުމެންގެ ރައީސްގެވެސް އެބަހުރި." އަދުރޭ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ދެޕާޓީންވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ގާތުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. މި ޕްރައިމަރީގައި 296 ބޭފުޅަކު އެކި ދާއިރާތަކުން ވާދަކުރައްވާއިރު 13 ބޭފުޅަކަށް ވަނީ ޕްރައިމަރިއަކާނުލައި ޓިކެޓް ލިބިފައެވެ. މި ޕްރައިމަރީގައި 32 އަންހެން ބޭފުޅުން ވާދަކުރައްވާކަން އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ޓިކެޓް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތައް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ވަރަށް ބޮޑު ތާއިދެއްވަނީ ލިބިފަ. މިއަދާ ހަމަޔަށް އައިއިރު އަޅުގަނޑުމެންގެ ޓިކެޓު ހޯދުމަށްޓަކައި 283 ބޭފުޅަކު އެބަ ވާދަކުރައްވާ އެކި ދާއިރާތަކުން ޕްރައިމަރީގައި. އޭގެއިތުރުން 13 ބޭފުޅަކަށް އިންތިހާބަކާއިނުލާ މިވަނީ ޓިކެޓް ކަށަވަރުވެފައި."އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އެދުނީ މި އިންތިހާބު އަމާން އޮމާންކަމާއެކީ ސުލްހަވެރިކޮށް ކުރިޔަށް ގެންދިޔުމަށާއި އެހެން ޕާޓީތަކުގެ މީހުންނަށް ނަމޫނާ ދެއްކުމަށެވެ.

އަދުރޭ ވިދާޅުވީ ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި މިކަންކަން ނިންމެވުމުގައި ކެނޑިޑޭޓުންނަށް އެއްބަސްވުމަކަށް ނާދެވިއްޖިއްޔާ އެކަން ނިންމާނީ ޕާޓީ އޮފީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު