"ރާއްޖެ ޓީވީ" އެވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚަބަރާއި މައުލޫމާތު ބްރޯޑްކާސްޓް ކުރިކަމަށް އަމިއްލައަށް އިއުތިރާފްވެވިފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޤައުމީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚަބަރާއި މައުލޫމާތު ބްރޮޑްކާސްޓްކުރާ މީޑިއާތަށް ބަންދު ކުރަން ޖެހިދާނެކަމަށް ބުނެ ސަލާމަތީ ބާރުން ހުރިހާ މީޑިއާތަކަށް އަމާޒުކޮށް ނެރުނު ބަޔާނާއެކު "ރާއްޖެ ޓީވީ" އަމިއްލައަށް ބަންދުކުރުމުން، އެ ޓީވީ ސްޓޭޝަން ވަނީ އެފަދަ އަމަލުތައް ހިންގާފައިކަމަށް އަމިއްލައަށް އިއުތިރާފްވެވިފައިވާ ކަމަށެވެ.

"ޤައުމީ ދިފާއީ ބާރުން ނެރުނު ބަޔާނާއި ގުޅިގެން ކަމަށްބުނެ އެންމެ ފުރަތަމަ ރާއްޖެ ޓީވީ އަމިއްލައަށް ބަންދު ކުރީމާ، އޭގެ މާނައަކީ އެ ޓީވީ ޗެނަލަކީ، ޤައުމީ ސަލާމަތައް ނުރައްކާވާފަދަ ކަންތައްތައްކޮށް އެފަދަ ގޮތްގޮތަށް ޚަބަރު ފަތުރާ ބަޔެކޭ" އަދުރޭ ވިދާޅުވިއެވެ.

ބްރޮޑްކާސްޓް ކުރާ ސްޓޭޝަނެއް ބަންދުކުރަންވާނީ އެތަނެއް ބަންދު ކުރުމުގެ 15 ދުވަސް ކުރިން އަންގަންޖެހޭ ފަރާތްތަކަށް އަންގާފައިކަމަށް ޤާނޫނުގައި ބުނެފައިވީނަމަވެސް، "ރާއްޖެ ޓީވީ" ބަންދު ކުރިއިރު އެކަންވެސް ކުރީ ޤާނޫނާ ހިލާފަށް އެއްވެސް ފަރާތަކަށް އަންގާފައި ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ރާއްޖެ ޓީވީ" އިން އަމިއްލައަށް އިއުތިރާފްވީ ކަންތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބަލަންޖެހޭ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"ހަސަނަށް ހީވާނީ މުދިންބެ ފަތިސް ނަމާދަށް ދާއިރުވެސް ދާނީ ކެޔޮގަނޑު ކަނޑާލައިގެންނޭ" ވިދާޅުވެ ޕީޕީއެމް ގެ އިސް ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްވެސް ވަނީ ރާއްޖެ ޓީވީ އަމިއްލައަށް ބަންދުކުރި ބަންދު ކުރުމަށް ފާޑު ވިދާޅުވެފައެވެ.