ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭ ޑިމޮކްރެޓިކް ނިޒާމަށް މި ވެގެން ދިޔަ ފަނަރަ ވަރަކަށް އަހަރުގެ ކުރު ތާރީހުގައި ވެސް، ބޮޑު ޕާޓީއެއްގެ އެތެރޭގެ ކޯޅުން ބޮޑުވެގެންދާ މަންޒަރު އެތައް ފަހަރެއްގެ މަތިން ފެނިއްޖެއެވެ. ޕާޓީގެ ހުންގާނަށް ވަރުގަދަ ދެ ކައްޕިއަކު ހިފައިގަންނަ ކޮންމެ ދަނޑިވަޅަކީ ޕާޓީއަށް ކޫރުންތަކެއް އަންނަ ދަނޑިވަޅެކެވެ. އެއިން ކޮންމެ ދަނޑިވަޅެއްގައި ޕާޓީ ދެބައިވުމުގެ ބިރު އަބަދުވެސް އޮވެއެވެ. ދެ ލީޑަރެއްގެ އަރައިރުން ބޮޑުވެ، ޕާޓީއެއް މުޅީން ރޫޅިގެން ދިޔަ މަންޒަރު ވެސް ފެނިގެން ގޮސްފިއެވެ.
އޭރު އެންމެ ގިނަ މެންބަރުންނާއެކު، އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތީ ޑީއާރުޕީއެވެ. ފުރަތަމަ ލީޑް ކުރައްވަމުން ގެންދެވީ އޭރު އާންމުންގެ ތެރޭގައި އެންމެ ތާއީދު ބޮޑު، އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ނަމަވެސް ފުރަތަމަ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާއިއެކު، ޕާޓީގެ ހުންގާނު އާ ކައްޕިއަކާއި ހަވާލުކުރެއްވީއެވެ. އެންމެ އަރިސް، އަހުމަދު ތަސްމީން އަލީއާއެވެ. ނަމަވެސް ދެ ބޭފުޅުންގެ ހިޔާލުތަފާތުވުން ބޮޑުވެ، ހިނގައިދިޔަ ކޯޅުމުގެ ތެރޭގައި ރައީސް މައުމޫން ޕާޓީ ދޫކުރައްވައި ވަޑައިގަތީއެވެ. ރައީސް މައުމޫނާއިއެކު، އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނެއް ވެސް ޕާޓީ ދޫކޮށްލީއެވެ. ފަހުން ތަސްމީން ވެސް ދޫކޮށްލާފައި ދިޔަ އެ ޕާޓީއަށް ވެގެން ދިޔަ ގޮތް އެ އޮތީ ފެންނާށެވެ.
ދެން ވެސްް މިފަދަ ބޮޑު ކޯޅުމެއް ފެނިގެން ދިޔައީ ރައީސް މައުމޫން އިސްވެ އުފެއްދެވި ޕާޓީއެއްގެ ތެރެއިންނެވެ. ޑީއާރުޕީން ނުކުމެވަޑައިގެން އެމަނިކުފާނު އުފެއްދެވި ޕީޕީއެމްއެވެ. ޕީޕީއެމްގެ ޅަފަތުގައި، ކޮއްކޯފުޅު އަބްދުﷲ ޔާމީންއާއިއެކު ކާމިޔާބީތައް ވެސް ހޯއްދެވިއެވެ. ނަމަވެސް ވެރިކަމާއި ހަމައިން ރައީސް ޔާމީނާ ހިޔާލު ތަފާތުވީއެވެ. ބޭބޭފުޅާއި ކޮއްކޯފުޅުގެ އެ ކޯޅުންގަނޑު ހޫނުވެ، ކައުންސިލް އިންތިހާބެއް ހުއްޓުވައިގެން ތިބެން ޖެހުނެވެ. ފަހުން ޝަރުއީ މަރުހަލާގެ ތެރެއިން، ރައީސް ޔާމީން އެ ކޯޅުންގަނޑު ކާމިޔާބުކޮށް، އާންމު މެންބަރުންގެ ތާއީދާއިއެކު ޕާޓީ ސަލާމަތް ކުރެއްވިއެވެ. ނަމަވެސް އެ ކޯޅުމަށްފަހު، ޕީޕީއެމްއަށް މިހާތަނަށް އެއްވެސް އިންތިހާބެއްގައި އެދެވޭ ނަތީޖާއެއް ނުހޯދެއެވެ
އެމްޑީޕީއަށް ބަލާލާ އިރު، އިންތިހާބުތަކުގައި އެންމެ ކާމިޔާބު ބޮޑު އެމްޑީޕީގައި ވެސް އެތެރޭގެ ކޯޅުންތައް އުފެދިފައިވާ ފަހަރުތައް މަދެކޭ ބުނެވޭކަށް ނެތެވެ. އެންމެ ފުރަތަމަ ބޭއްވުނު ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި، އޭރު ޕާޓީގެ ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު މުނައްވަރު ޕާޓީން ނުކުމެވަޑައިގަތީ އުފެދުނު ހިޔާލު ތަފާތުވުމެއްގެ ތެރެއިންނެވެ. އެމްޑީޕީގެ ނައިބު ރައީސް ކަން ކުރެއްވި އަލްހާން ފަހުމީ ވެސް ޕާޓީގެ އިސް ލީޑާޝިޕްއާ ހިޔާލު ތަފާތުވެ، "ނިއު އެމްޑީޕީ" އެއް އުފަައްދަވަން ވެސް އުޅުނެވެ. ނަމަވެސް ކުރިމަތިލާން ޖެހުނީ ޕާޓީން ވަކިވުމާއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ޕާޓީގެ ޗެއާޕާސަންކަން ކުރެއްވި ރީކޯ މޫސާ މަނިކު އިއުލާން ކުރެއްވި ހިސާބުން، އޭނާއަށް ވެސް ޕާޓީއާއި ވަކިވެގެން ދާން ޖެހުނީއެވެ.
މި ފަހަރުގެ ކޯޅުން ތަފާތު، އެމްޑީޕީގައި ދެ ލީޑަރުން
މީގެ ކުރިން އެމްޑީޕީގެ ތެރެއިން ކޯޅުންތަކެއް އައި ކަމަށް ބެލެވުނަސް، އެ ޕާޓީގެ އާންމު މެންބަރުންގެ ތާއީދު އޮންނަ ބޭފުޅަކަށް އޭރު ހުންނެވީ، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި މުހައްމަދު ނަޝީދެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ހިނގަމުން ދިޔަ ކަންކަން އާންމުންނާ ހަމައަށް ތިލަކުރުމުގެ ތެރެއިން މަޝްހޫރުވި "އަންނި" އެވެ. މިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް، ޕާޓީގެ އިސް ލީޑަރުގެ ގޮތުގައި ހުންނެވީ ވެސް އެމަނިކުފާނެވެ.
ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ކުރިމަތިވި ސިޔާސީ އަދި ގާނޫނީ ހުރަހަކާ ގުޅިގެން، ޕާޓީއަށް އާ ލީޑަރެއް އިސް ކުރައްވަން ޖެހިވަޑައިގަތީއެވެ. ޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން މަޖުބޫރުވެވަޑައިގަތީއެވެ. އެންމެ އަރިސް، އިބްރާހިމް މުހައްމަދު ސޯލިހްއަށެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި، އިދިކޮޅު އެހެން ޕާޓީތަކުގެ ލީޑަރުންގެ ތާއީދާއެކު ވެރިކަމަށް ސޯލިހް ވަޑައިގަތީއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އިސް ލީޑަރަކީ ވެސް މިހާރު ރައީސް ސޯލިހެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ވަރަށް ކުޑައިރުއްސުރެން ވެސް ދެ އެކުވެރިންނެވެ. ސިޔާސީ މަސައްކަތުގައި އުޅުއްވީ ވެސް އެކުއެކީގައެވެ. ރައީސް ސޯލިހް ފާހަގަވެފައި އޮންނަނީ ވެސް ރައީސް ނަޝީދުގެ އެންމެ އަރިސް ސިޔާސީ ބައިވެރިޔާގެ ގޮތުގައެވެ. އެހެންވިޔަސް ވެރިކަމާއި ހަމައިން އެއްބަފާ ދެބެއިންނަށް ނުވި ކަމެއް، އެއަށްވުރެ މާ ދުރުތާ އާއިލީ ގުޅުމެއް އޮންނަ ދެ ގާތް ރަހުމަތްތެރިންނަށް ވެދާނެ ކަމާ މެދު ގައި އަބަދުވެސް އާންމުންގެ ތެރޭގައި ސުވާލު އޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައީސް ނަޝީދު ނުކުންނެވީ އެމަނިކުފާނުގެ ސިޔާސީ ކުޅިބައި އަތުރާލުމަށް، "ހަ ކުޅި ކުރިއަށް ކުޅެން" ކަމަށް މާ ކުރިން ވެސް ބެލެވުނެވެ. ވެރިކަމުގައި އެމަނިފާނުގެ ބަސް ހިންގެވުމަށް ބާރެއް ވެސް ބޭނުންވާނެތާއެވެ. ނަމަވެސް މަޖިލީހުގެ ރައީސް ކަނޑައެޅުމުގެ ބަހުސާއިއެކު ސުޕަ މެޖޯރިޓީގެ ގްރޫޕްގެ ތެރޭ އެ ބަހުސް ހޫނުވެއްޖެއެވެ. ނަޝީދު ބޭނުންފުޅުވި ގޮތާއި ރައީސް އިހުތިޔާރު ކުރެއްވި ގޮތް ތަފާތުވެގެން ދިއުމާއެކުއެވެ. އެ ކޯޅުމުގެ ތެރެއިން ބޮޑު ރޭވުމެއް ރާވައިގެން ވިޔަސް އެންމެ ފަހުން އެ ގޮނޑިއަށް އިސްވީ ރައީސް ނަޝީދެވެ.
ދައުލަތުގެ އެއް ބާރުގެ ވެރިޔަކަށް ހުންނަވައިގެން ނަޝީދު މަޖިލިސް ހިންގަވަމުން ގެންދާ ގޮތުން، މަޑުގިނީގައި ހިނގަމުން ދިޔަ އެ ކޯޅުންގަނޑު މަޑުމަޑުން ސާފުވެ، ކޯޅުންގަނޑުގެ މަންޒަރު ތިލަވަމުން ދިޔައެވެ. ރިޔާސީ ކޮމިޝަންތަކުގެ ރިޕޯޓް އާންމުކުރުމުގައި ހިޔާލު ތަފާތުވިއެވެ. ފުލުހުންނާއި ސިފައިންނަށް ގެންނަން ޖެހޭ ރީފޯމްއާ މެދު ހިޔާލު ތަފާތުވިއެވެ. ފަހުން ރައީސްގެ ރިޔާސީ ކޮމިޝަންތައް ބޭއްވުން ވެސް ނަޝީދަށް ވެގެން ދިޔައީ ބޭކާރު ހަރަދަކަށެވެ.
ކޯޅުންގަނޑު މުޅިން އާ ދިމާއަކަށް ހިފާލާފައި އޮތީ މިދިޔަ ދެތިން ހަފުތާއެއްގައެވެ. އެމްޑީޕީގެ ވަޒީރުންނަށް ވެސް ރައީސް ނަޝީދުގެ ފާޑުވިދާޅުވުންތަކާ ކުރިމަތިލާން ޖެހުނެވެ. މާލީ ވަޒީރަށް ދަރަނި މެނޭޖް ނުކުރެއްވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓަރުގެ ޖަވާބަށް ރުހިވަޑައެއް ނުގަތެވެ. ދެން ފެނުނީ ސީދާ ރައީސް ސޯލިހްގެ އެންމެ އަރިސް ވަޒީރު، ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާން ހިފާލި މަންޒަރެވެ.
ވާދަވެރިކަމުގެ ތެރެއިން އެމްޑީޕީގެ އާންމު މެންބަރުން އިސްކުރެވޭނެތަ؟
ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ވެސް ވާދަވެރިކަން އޮތުމަކީ މައްސަލައަކަށް ވެގެން ނުވާނެއެވެ. އެންމެ ރަނގަޅު ލީޑަރު ކަނޑައެޅޭނީ ވާދަވެރިކަމެއް އޮވެގެނެވެ. ނަމަވެސް މިދިޔަ ކުރު މާޒީން ފެނުނު މަންޒަރަކީ ވާދަވެރިކަން، ބޮޑު ކޯޅުމަކަށް ބަދަލުވެ، އެއް ލީޑަރަކު ޕާޓީ ދޫކޮށްލާން ޖެހުނު ތަނެވެ. އާންމުންގެ ތާއީދު އޮތް ލީޑަރު ޕާޓީގައި ގަދަކޮށްލާ ތަނެވެ. މީގެ ސަބަބުން ޕާޓީ ދެބައިވެ، އިންތިހާބުތަކުގައި ނަތީޖާ ނުނެރެވި އޮންނަ މަންޒަރު ފެނިއްޖެއެވެ.
އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މެންބަރުންގެ ސޮއި ހޯދަން ރައީސް ނަޝީދު އިސްވެ ހުންނަވާ ނުކުންނެވިއިރު، ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ އިތުބާރު އެ ވަޒީރަށް އޮތް ކަން މީޑިއާ މެދުވެރިކޮށް ހާމަކުރައްވައިފައެވެ. އެނގިފައިވާ ގޮތުގައި، ސޮއި ހޯއްދަވަން ނަޝީދު މެންބަރުންނަށް ލޮބީ ކުރައްވަމުންދާއިރު، ރައީސް ސޯލިހް ގެންދަވަނީ ސޮއި ނުކުރެއްވުމަށް މެންބަރުންނަށް ލޮބީ ކުރައްވަމުންނެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މިހާރު ތިއްބެވި ގިނަ މެންބަރުންނަކީ ޒުވާން މެންބަރުންނަށް ވާއިރު، އެ މެންބަރުން އިސް ކުރައްވަނީ އެ މެންބަރުން ތަމްސީލު ކުރައްވާ ދާއިރާގެ ކަންކަމެވެ. ރައީސް ނަޝީދު ގޮތެއް ނިންމެވިޔަސް، ރައީސް ސޯލިހް ގޮތެއް ނިންމެވިޔަސް، މެންބަރުން އޭގައި ފަޅިއެއް ނަންގަވަނީ މެންބަރު ތަމްސީލު ކުރައްވާ ދާއިރާގެ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށް އެ މެންބަރު ވިދާޅުވިއެވެ.
"ހަގީގަތުގައި މިހާރު މި ތިބީ ވަރަށް އަމިއްލަ، މިނިވަން، ދެކޭ ގޮތް އިސް ކުރައްވާ ޒުވާން މެންބަރުންތަކެއް. ގިނައީ އެ މެންބަރުން. ބައެއް މެންބަރުން ވަޒީރުގެ މައްސަލާގައި ސޮއިކުރައްވާފައިވޭ، އެ މެންބަރުގެ ދާއިރާގެ މަޝްރޫއުތައް މަޑުޖެހިފައި އޮވެގެން. މިހާރު އެ އަދަދު ދާނީ މަދުވަމުން. އެއީ މަޝްރޫއުތައް ހިނގަމުންދާ ކަމުގެ ޔަގީން ކަން ވެސް ލިބޭތީ. " ރައީސް ސޯލިހްއާއި އަރިސް އެ މެންބަރު ވިދާޅުވިއެވެ.
އެ މެންބަރު ވިދާޅުވި ގޮތުގައި، އެ މައްސަލަ މިހާރު އޮތީ މަޑުޖެހިފައެވެ. މީގެ ކުރިން އެމްޑީޕީ ތެރޭގައި އެއަށްވުރެ މާ ބޮޑެތި މައްސަލަތައް މެދުވެރިވިއެވެ. ކުރިން އާންމުންނާ ހަމައަށް ތިލަވެފައިނެތީ އެތެރޭގައި އެ ކުރެވޭ ބަހުސްތައް ހިފެހެއްޓޭތީއެވެ. ނަމަވެސް އަމިއްލައަށް ދެކޭ ގޮތް އިސް ކުރައްވާ ޒުވާން ގިނަ މެންބަރުންތަކެއް ވެސް މިއަދު ތިއްބެވުމުން ކަންކަން ތިލަވަނީއެވެ. މިފަދަ ކަންކަމުގައި ދެންވެސް ޕާޓީ ދެބައިނުވެ ހައްލު ކުރެވޭނެ ކަމަށް އެ މެންބަރު ގަބޫލުކުރައްވައެވެ.
ރައީސް ނަޝީދާ ވަރަށް އަރިސް މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި، އެ ވަޒީރުގެ މައްސަލަ ހުށަހަޅުއްވަން ޖެހުނީ ކޯޅުމަކާ ހެދިއެއް ނޫނެވެ. ޕާޓީގެ ރައީސްއަށް އިތުބާރު ނެތް ހާލަތަށް ދިޔަކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވުމުންނެވެ. މިފަދަ ހިޔާލު ތަފާތުވުންތަކަކީ އަބަދުވެސް އެމްޑީޕީގެ އެތެރޭގައި އޮތް ކަމެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ ކަމެކެވެ. މިފަދަ މައްސަލަތަކުން ޕާޓީ ދެބައިވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީގެ އާންމު މެންބަރުން ސާބިތުކަމާއެކު ތިބޭނެ ކަމަށް ވިދާޅުވިއެވެ.
"މި ޕާޓީގެ އާންމު މެންބަރުން މި ތިބެނީ، އެ އާންމު މެންބަރުން ގަބޫލު ކުރައްވާ އެއް ސިޔާސަތެއްގެ މަތީގައި. ދެން ވެސް މި ޕާޓީގެ އާންމު މެންބަރުން ހަމަ އެ ގޮތުގައި ސާބިތުވެ ތިބޭނެ. މި އެމްޑީޕީއަކީ ފެށުނީއްސުރެން ޖަދަލު ކުރުމާއި ބަހުސް ކުރުމާއި މަޝްވަރާ ކުރުމާ ކަންކަން އޮންނަ ޕާޓީއެއް. މި ޕާޓީ ދެބައެއް ނުވާނެ. މިއީ ރޫޅިގެންދާ ވަރު ބައެއް ނޫން. " އެމްޑީޕީގައި ދެ ގޮތެއް ނުވެ ފެށުނީއްސުރެން އުޅެމުން އައި އެ މެންބަރު ވިދާޅުވިއެވެ.
ދެ ރައީސުުންގެ ވާދަވެރިކަން މި ވަނީ މި މައްސަލައިގައި ފެނިގެން ގޮސްފައެވެ. މި ފަހަރު ދެ ފަޅިން ވެސް ފެންނަނީ ދޫދިނުމެއް ނެތި ކުރިއަށް ދާން ތިބި މަންޒަރެވެ. އަދި ދެ ފަޅިން ވެސް އަންގަނީ ޕާޓީ ބައިބައިވެ ރޫޅިގެން ނުދާނެ ކަމުގައެވެ. ގައިމުވެސް އެމްޑީޕީގެ އާންމު ސަޕޯޓަރުން އެ ޕާޓީ ރޫޅޭކަށް ބޭނުމެއް ނުވާނެއެވެ. ބައި ލައްކައަށް ވުރެ ގިނަ އެ އާންމު މެންބަރުން ބޭނުންވާނީ ތި ވާދަވެރިކަމެއްގެ ތެރެއިން ވިޔަސް، އެ ރައްޔިތުން ތާއީދުކުރާ ސިޔާސަތާ އެއް ގޮތަށް ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ލިބިދިނުމަށެވެ. ބޮޑު ކޯޅުމަކާއި ހެދި ވެރިކަމަކުން ލިބެން ޖެހޭ ހިދުމަތް ނުލިބޭނެ ގޮތަކަށް ވާކަަށް ނޭދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހަސަދު

    މައްސަލަ އަކީ ކަންނުވާ ބޮޑު ފެއިލްއިޔަރެއް ގައުމުގެ ރައީސް އަކަސް ލުން. ހުރިހާ ކަމެއް ބޮއްސުންލައިގެން ދަނީ. މިހުރިހާކަމެއްގެ ޒިންމާ އެޅެނީ އެމް.ޑީ.ޕީ ގެ ބޮލުގައި. ރައީސް ގެ ބޭނުމަކީ ވެސް މިގޮތަށް އެއްވެސް ކަމެއްނުކޮށް ފަސް އަހަރު ހަމަކޮށްލުން. އޭރުން އިއްޒަތުގައި އުމުރު އެއްކޮށް އުޅެވޭނެ.

    60
    14
    • ބޯހަލާކު

      އިންޝާﷲ ތިމީހުންގެ ބާރުނެތިކޮއް، ފަލީހެއްކޮއް، ހައްގުއަދަބު ދެއްވާށި،

      36
      3
    • އިބްރާހީމް

      ހުރިހާ ނުބަޔަކީ މިހާރުގެ މަޖިލިސް ރައީސް. ނަޝީދުއަށް އޭރު ވެރިކަމަށް ކުރިމަތި ނުލެވުނަސް މިހާރު ލެވޭނެ. ސޯލިހުގެ ވެރިކަމަށް ނުފޫޒު ފޯރުވައި ވެރިކަން ހަލާކު ކުރަނީވެސް ނަޝީދު. ބޭނުމަކީ ދެން އަންނަ ރިޔާސީ އިންތިހާބުގައި ސޯލިހަށް ޕާޓީ ތެރެއިންވެސް ސަޕޯޓު ނުލިބި ނަޝީދުއަށް ސަޕޯޓު ލިބުން. ވެރިކަމާހެދި ނަޝީދު އެހެރީ ބޫތު ކައި ހުސްވެފަ.

      23
  2. ރއސ ސލހ

    ދިވެހި ރައްޔިތުންނަށް ރ ނަޝީދުގެ އިތުބާރު ގެއްލިއްޖެ. މޑޕ އިން ވަރަށް އަވަހަށް ރ ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގާ މޑޕ އިންނާއި މަޖްލީހުން ބޭރުކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަކީ މިނިވަން ޕާޓީ އެއްގެ ގޮތުގާ އާފެށުމަކުން އެކުލަވާލާނަން. މޑޕ އަކީ ވަރަށް ގިނަ ބައެއް ގެ ބުރަމަސައްކަތުން އުފެދުން ޕާޓީއެއް. މޑޕ އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން.

    60
    5
  3. Anonymous

    އަސްލު ތިއްތި ދޮންބެއާއޭނަގެ ދޮމްމާންމާފުޅުުގެ ދަރިންނާދެމެދު ތަފާތު ކޯޅުންޢޮވޭއެއީއަސްވާނެގޮތް ޔައުގޫބުގެފާނުންގެ ދަރިންގެ ތެރޭވެސް އެފަދަހިތްހަމަނުޖެހުން އޮތްގޮތަށް ދުނިޔޭގެއާދަ،. އެކަމަކު ގައްޔޫމްސީދީގެ އާއިލާ ސިއްކަގެއާއިލާޔާތަފާތުވާނެ ކެނެރީކެރަފާ ބައިބައިވެގެން ދިޔަ ނުދީ އޮބަހަށްޓާނެ ބޮޑުބޭބެއިންނާއި ބޮޑުދައިތައިން އެންމެފަހުވަގުތުއެމީހުންގެ އިޒްރާއީލީވިސްނުން ބެނުންކޮށް އެކަތިގަނޑަކަށްއެވެރިން ހަދާނެ އެރުން ކަސައުޓީގެ އާ ބާބެއް ފެށޭނެ ސައްތާރު އެންޑް ސިއްކަ ލެޔާލޭ ހިތާހިތް ދެޅިޔަނުންގެއަބަދުވެސް ގުޅޭނެ ވަކިނުވާނެ ޔަގީން ،ވަރަށްސަޅިއެގޮތައް ދެ ބޮޑުބޭބެ ދިވެހިން ހޭލާ އެކަތިގަނޑަކަށްވެ ކަސައުޓިީޒިންދަގީބެލުންހުއްޓާލާ ގައުމުސަލާމަތްކުރޭ އެކުވެރިކަމަކީ ގަދަފަދަ ބާރެއް

    26
    2
  4. އަބްދޫ

    މައްސަލަޔަކީ ގާނޫނީ ނިޒާމުން ބޭރުން ގައިރުގާނޫނީ ވެރިކަމެއް ނަސީދު ހިންގަވަން ފެއްޓެވުން.މިކަމުގެ ސަބަބުން އެމްޑީޕީ ގެސަޕޯޓަރުންވެސް ރައްޔިތުންވެސް ދެކެންފެށީ މިއީ ނާގާބިލް ސަރުކާރެއް ކަމަށް.

    59
    2
  5. ޔަގީނޭ

    މިފަހަރު ދެން ވާނެ ގޮތަކީ ރައީސް އިބޫގެ ބޮލެއް ހުރި ނަމަ މިއަހަރު ރައީސް އިބޫ އަމިއްލަ އަށް ވަކިން ސިޔާސީ ޕާރޓީ އެއް އުފައްދާނެ މިކަން މިއަހަރު ރައީސް އިބޫ ނުކޮށްފިނަމަ ދެން އަންނަ އަހަރު އެކަން ކޮށްގެން ފައިދާ އެއް ނުނިކުންނާނެއޭ ސަބަބަކީ ސިޔާސީ ޕާރޓީ އެއް މިހާރު ރާއްޖޭގެ ސިޔާސީ ހޭލުންތެރިކަން ހުރި ގޮތުން ވެރިކަން ކުރާ ޕާރޓީ އަށް ވެސް ސިޔާސީ ޕާރޓީ ރަނގަޅަށް ބިނާ ކޮށް އެކަން ވައިގައި ހިފޭނީ ރީއްޗަށް 3 އަހަރު ދުވަހުން އެ 3 އަހަރު ދުވަސް ރީއްޗަށް ބޭނުން ކުރުމަށް ޓަކައި މިއަހަރު ޖެހޭނެ ރައީސް އިބޫ ސިޔާސީ ޕާރޓީ އެއް އުފައްދަން އެގޮތަށް އެކަން ކޮށްފިނަމަ ދެން އެމްޑީޕީގައި ތިބި ގިނަ އަދަދެއްގެ މެމްބަރުން ރައީސް އިބޫ އުފައްދަވާ ސިޔާސީ ޕާރޓީ އަށް ބަދަލު ވެގެންދާނެ އަދި ރައީސް އިބޫ ޖެހޭނެ ރައީސް އިބޫ އުފައްދަވާ ސިޔާސީ ޕާރޓީ ކުރިއެރުވުމަށް ޓަކައި މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދޭ އެންމެންނަށް ފްލެޓްސް ބަދަލުގައި ބިން ދޭން އެކަން ކުރަން ހަދަންވީ ގޮތަކީ ގުޅިފަޅު ހިއްކާ އެއްކޮށް ގުޅި ފަޅުން ގޯތި ދޭންވީ އަދި މާލެ ކޮމާރޝަލް ހާރބަރު ނުޖެހޭ ކޮންމެހެން ގުޅިފަޅަށް ބަދަލު ކުރަން މާލެ ކޮމާރޝަލް ހާބަރު ބަދަލު ކުރަންވީ ފޭދޫ ފިނޮޅު ދެކުނުން އޮތް ފަޅު ހިއްކާ އެތަނަށް ދެން އެތަނާއި މިހާރު މާލޭގެ ކޮމާރޝަލް ހާރބަރާއި ދެމެދު ބްރިޖް އަޅާނީ އެއީ ސީދާ ހަމަ އެކަނި މާލޭ ކޮމާރޝަލް ހާރބަރަށް ޚާއްސަ ރަށަކަށް ހަދާނީ އެއިރަށް ރައީސް އިބޫ ދެން އަންނަ ދައުރެއްގައި ވެސް ރާއްޖޭގެ ވެރިކަން ކުރާނެ ކަން ކަށަވަރުވެ ޔަގީން.

    60
    5
  6. ވިސްނާ

    ގަބީލާ ވިސްނުން ދޫކޮށްފައި ކަމަށް ގާބިލު މީހުން ހޮވަން ފަރުދީ ޒިންމާއަދާކުރަން ޖެހޭ ވަގުތު ދިވެހިންނަށް އަދިވެސް ނާންނަނީބާ؟

    47
    1
  7. އުޒާލު

    ކެނެރީގޭ ނަޝީދަކީ ސުމްޕާކަމުން ފުރިގެންވާ މީހެއް. އޭނަކުރާ އެއްކަމެއްގައިވެސް ބަރަކާތެއް ނުހުންނާނެ، އެއީ ހެއްދެވި ފަރާތެއް، ރަސޫލެއް ، މިއްލަތެއް ދަންނަ މީހެއްނޫން ވީމަ. އޭނާ ހީކޮށްގެން ހުންނަނީ އޭނާގެ ގަދަބަދަވި ކަމުންކަމަށް ކަންކަން ވެގެން ދަނީ. މިވަރުގެ ޖާހިލަކަށް ތާއީދު ކުރާނީވެސް އަބާއްޖަ ވެރިން. އެމްޑީޕީގެ އާންމު މެންބަރުން މީނާ ދޫކޮށްފި ނަމަ އުޖާލާކަމެއް މިންވަރު ކޮށްދެއްވާނެ އިންޝާ ﷲ.

    75
    3
  8. ޔަގީނޭ

    ރައީސް އިބޫގެ ވެރިކަން ކާމިޔާބު ކުރުމުގެ ތަޅުދަނޑި އަކީ އެއީ ހަމަ އެންމެ ކަމެއް ގިނަ ރައީސުން ނަށް އަދި ކެބިނެޓް މެމްބަރުންނަށް ހީވަނީ ރާއްޖެތެރޭގައި ބަނދަރު އަދި ފާޚާނާ އާއި ފެންހޮޅި އަޅައިގެން މިހާރު އެމެންގެ ވޯޓް ލިބޭނެ ކަމަށްތޭ ނުލިބޭނެ ރާއްޖެތެރޭ މީހުން މިހާރު ވޯޓް ދެނީ އެއީ އެންމެ ކަމަކަށް އެއީ ވޯޓަށް ފައިސާ ދެންނާ އެމެން ވޯޓް ދޭނެއޭ ކަން މިހެން ހުރުމުން ރާއްޖެތެރޭ ވޯޓް ގަނެލެވޭނެއޭ ގިނަ ރަށްރަށުގެ އެކަމަކު ވޯޓްގެ ނަތީޖާ ބަދަލު ކޮށްލެވޭނީ އެއީ ހަމަ އެކަނި މާލެ ސަރަހައްދުގެ ވޯޓް ތަކުން މާލެ ސަރަހައްދުގެ ވޯޓް ތަކަކީ ހުރިހާ ގޮތަކުން ރާއްޖެތެރެ އާއި ގުޅިފައި ހުންނަވޯޓް ކަން މިހެން ހުރުމުން ރައީސް އިބޫގެ ވެރިކަން ކާމިޔާބު ކުރައްވަން ބޭނުން ނަމަ މާލެ ސަރަހައްދުން ގޯތި ދޭން އިއުލާން ކުރަންވީއޭ ދޭނީ މާލެ ސަރަހައްދުން ގޯއްޗަށް އެދޭ ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް މަހަކު 2 ހާސް ރުފިޔާގެ ކުއްޔެއް ސަރުކާރަށް ދައްކަން ޖެހޭނީ 100 އަހަރު ދުވަހުގެ މުއްދަތަށް އެއިރުން މަމެންނަށް ޔަގީން މާލެ ސަރަހައްދުން ހުޅުމާލޭން ވެސް މިހާރު ދެވޭނެ ކަން 50 ހާސް ގޯތި ދެން ގުޅިފަޅު އެއްކޮށް ހިއްކާ އެތަނުން ވެސް ދޭނީ 50 ހާސް ގޯތި އެއިރުން ދެން ރައީސް އިބޫ ފަހާލެވޭނެ ސިޔާސީ ލީޑަރަކު ދެން ރާއްޖޭގެ ސިޔާސީ މައިދާނަކު ނުހުުންނާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ...

  9. ޖައްސަންވީއޭ

    ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ރައްޔިތުންނަށް އެންމެ ކަމެއް ކޮށް ނުދެވޭ ވެރިކަމަކީ އެއީ ރައީސް އިބޫގެ ވެރިކަމޭ ރައީސް އިބޫ އަށް އަދި ކެބިނެޓަށް ވެސް ހީވެފައި އޮންނަނީ ރާއްޖެތެރޭގައި ޕްރޮޖެކްޓްސް ތައް ހިންގައިގެން ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށްތޭ އެކަން އެހެން ނުވާނެއޭ ރާއްޖެތެރެ އަށް ވުރެން ބޮޑަށް ހުރިހާ ދިވެހިންނަށް ފެންނަނީ އަދި އަޅައިގަންނަނީ މާލެ ސަރަހައްދޭ މާލެ އަށް ނާންނަ ދިވެއްސަކު ނުހުންނާނެއޭ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންގެ އާބާދީ އަކީ ވެސް ބޮޑު އާބާދީ އަކަށްވާއިރު މާލެ ސަރަހައްދުގެ ހުރިހާ އަމިއްލަ ކުންފުނި ތަކަށް ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިމެއް ތިލަފުށިން ދޭންވީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އެގޮތުން އެއްފަހަރާ ދޫކޮށްލާނީ 5 ހާސް އަކަފޫޓްގެ 25 ހާސް ގޯތި އެއިރުން ދެން ރައީސް އިބޫ އަށް މާލެ ސަރަހައްދުގެ ހުރިހާ ވިޔަފާރިވެރިންގެ ހިތް ތަކުން ވިންވީއޭ މިކަން ސީދާ ރައީސް އިބޫ އިއުލާން ކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ ގައުމާއި މުޚާތަބު ކުރައްވާ އެއިރުން ދެން ކެނެރީގެ ނަޝީދު ވެސް ދާން ޖެހޭނީ ފަހަތަށް ރައީސް ޔާމީނަށް ވެސް ދެން ރައީސް އިބޫ އާއި ވާދަ ނުކުރެވޭނެއޭ...

  10. ރިހި ރާންބާގަސް

    މިހާރު ދެކެން ބޭނުމީ މިޕާޓީއިން ނަޝީދު ބޭރުވެ ގައުމުގެ ވެރިކަމުގެ ދާއިރާއާ ހަމައަށްވެސް ނަޝީދަށް ވާސިލް ނުވެވޭ ހިސާބު ދުރަށް ފޮނުވާލާތަން ދުށުން! ތިޔައީ އެއްވެސް އިތުބާރެއް ހުރި މީހެއްނޫން!

    12
    3
  11. ޖައްސަންވީއޭ

    މަމެން ޕިންކީންގެ ވެރިކަން ވެސް ވެއްޓެން ދިމާވީ ރައީސް ޔާމީން ހަމަ އެކަނި ކެބިނެޓް މެމްބަރުންގެ ވާހަކަ ތައް އަޑުއަަހައިގެން ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަސް ތެރޭގައި މާލެ ސަރަހައްދުން ގޯތި ނުދީ ފްލެޓްސް ތައް ދޭން ހަދައިގެންނޭ އެއިރު ވެސް ހުޅުމާލެ ދޭއް ނިމުނު ތަނުން މަމެން ނަންގަތީމޭ ރައީސަށް ހުޅުމާލޭ ދޭކާއި އަދި ހުޅުމާލެ އެކެއްގައި ހުރި ހުރިހާ ހުސްބިންތައް އެއްކޮށް ލުމުން 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތި އެބަނެގެއޭ އެހުރިހާ ގޯތި ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދޫކޮށްލަންވީއޭ 100 އަހަރުން ކުލި ހަމަވާނެ އުސޫލުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ 25 ހާސް މީހުންނަށް ދެން އިތުރު ބުރެއް ހުޅުވާލާ އެބުރުގައި އަނެއް 25 ހާސް މީހުންނަށް ގޯތި ދޭނީއޭ އެހެން ހެދިނަމަ މިއަދުވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނާނެ ކަން ޔަގީނޭ ރައީސް އިބޫ ދެން އަންނަ ދައުރެއްގެ ވެރިކަން ކުރައްވަން ބޭނުން ނަމަ އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައިވާ ގޮތަށް ހުޅުމާލޭގައި ހުރިއްޔާ ހުރިހާ ބިންތައް ހުސްވަން ދެން ގޯތި ތައް ދޫކޮށްލަންވީއޭ އެޗްޑީސީ ޕްލޭން އޮޅާލާށޭ އެމެން ގާތު ބުނީމާ ހުންނާނީ ރަނގަޅަށޭ އެއިރުން ދެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ކުރިއަރައިގެން ދާނެއޭ...

    4
    4
  12. ޢައްޗި

    ރައީސް ނަޝީދަކީ އޭނަގެ ބައްޕަ ނުލާހިކުރަގަޅަށް ހިންގަމުންއައި މޭސްތިރި ހިންގުމާ އޭނަޔާ ހަވާލުކުރުމުން މާގިނަދުވަސްތަކެއްނުވެ އެތަން ބިގުރޫޓްކުރިމީހާ އޭނަގެ ރައީސްކަނުގަ 2 އަހަރުނުވެ ރަށްރަށުގެ އެކައުޓގައި ހުރިފައިސާ ދިރުވާލިމީހާ މިހާރު އެއުޅެނީ ލާރިގަޑު ނުކެވިގެން އޭނަގެ އެޖެންޑާ އަބަދުވެސް އޮންނާނީއެގޮތަށް ދެންރައްޔިތުންވިސްނާ ޢެނަޔަކީ މަޖިލީހުގެ ރައީސް އަކައްބަހައްޓާ ވަރުގެ ގާބިލް ކަމެއްހުރިމީހެއްނޫން ގެންހުރީ ޖާބިރު އޭނަޔަކީ އޭނަގެ މުއައްޒަފުންގެ މުސާރަބަޜާބަރައް ގޭމީހެއްނޫން

    12
    2
  13. ޖިންނި

    މީގަ ވަކި އަތަކަށް ނުޖެހި ވިސްނާ ބަޔަކަށް އެނގޭނެ އމ ޑ ޕ ފެެެއިލް ވެއްޖެކަން އެއީ ޢާއްމު މެންބަރުންނުން ފެށިގެން އެންމެ މަތީ ފަޑި އާއި ހަމައަށްވެސް ފެއިލް “ ފްލެގްމޭން “ ގެ ވެސް އެދުމެއްކަމަށް ބުނީ ވައްކަން ކުރި މީހާ ޖަލަށްލާތަން ދުށުމޯ ބޭނުމަކީ އޭރު އެ ފަކީރު އިނީ ސަލާން ޖަހަން ޝޭޚުން ކަމަށް ބުނާބަޔަކު ބުނި ދުޢާ ދެންނެވިފަދަ ވެރިއެކޭތޯއްޗެކޭ ވެސް މިއަދު މުޅި ދައުކަތުން ވައްކަން ކޮށްފި ކަން އޮޑިޓް ރިޕޯރޓް ތަކުން އެނގޭ ދީނަށް ފުރައްސާރަ ކުރުން މެކުހަށް ޖެހިކަން ވެސް އެއޮތީ ފެންނަން ވީ ކަމެއް ހަރާން ބަޔަކު ފެއިލް ވާނީ ތިވަރަކަށް

    14
    2
  14. ށަބީ

    މީހަކު ޝެއިޙަކާ ސުވާލު ކުރަނީ "ވެރިކަން ވައްޓާ ދުއާ ކުރާނީ ކިހިނެއް؟"
    ޝެއިޙު : ފުރަތަމަ ތައުބާވާން ޖެހޭނެ.
    ސުވާލު: މަށަށް ވުރެން މި ވެރިކަން ކުރާ މީހާ މާ ނުލަފާ.
    ޝެއިޙު: އެހެން މީހަކު ނުލަފާ ވީމަ ތިބާއަށް ވުލޫ ނުކޮށް ނަމާދު ކުރެވޭތަ؟ މިކަހަލަ ދުޢާ ކުރެވޭނީ އެހެންމީހުންނަށް އޯގާތެރި ހިތެއް އޮތް މީހަކަށް. ނުލަފާ މީހާގެ ވާގިވެރިންގެ ފާފަ ފުއްސެއްވުމަށް އެދި ދުއާ ކުރެވޭ ވަރުގެ ހިތެއް އޮތް މީހަކަށް. މަކަރާ ހީލަތުގެ ކަރުނަ އޮއްސައިގެން ﷲ އޮޅުވައެއް ނުލެވޭނެ.

  15. ސަޓޯ

    ހުރިހާ ކަމަކީ އިރާދަ... ނަޝީދުގެ ގަދަ ބަހެއް ނޫން...

    11
  16. ކޮވިޑް

    ފެއިލް ވީމައި ގޭމްޖައްސަނި

  17. ގާސިމް

    އެމްޑިޕީ ރޫޅި ބަލިކަށިވެގެން ދިޔުމަކީ ދިވެހިންގެ ނަސީބު. މި ޕާޓީއަކީ ދިވެހިންނަށް ޖެހިފައި އޮތް މުސީބާތެއް. ވެ ރިކަމަށް އަންނަ ކޮންމެ ފަހަ ރަކު ރައްޔިތުން ހަނާވެ ނިކަމެތިވެ މާލިއްޔަތު ކައިހުސްކޮށް ބޭ ރުގައުމަކަށް ރާއްޖެ ވިއްކާލަން ތެޅިބާލާނެ

  18. Anonymous

    އެމްޑީޕީ އަކީ ނަމުން ޑިމޮކްރެޓިކް ކަމުން ޚުދުމުޚުތާރު ވަންމޭން ޕާޓީއެއް. އެމްޑީޕީ އަކީ އަންނި. އަންނިއަކީ އެމްޑީޕީ. މިއީ ޕާޓީގެ އެންމެންވެސް ގަބޫލުކުރާގޮތް. މިފަހަރު އިބޫ ބޭރުވާނެ.

    1
    1