ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނަ އިރު ވެސް ރައްޔިތުން މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރެއް ނުހިފެހެއްޓޭނެ ކަމަށް ހަތް ޤާނޫނީ ވަކީލަކު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދާއި ޝާހީން ހަމީދު އިސްކޮށް ތިއްބަވާ ޕްރިމިއާ ޗެމްބާސްގެ ހަތް ވަކީލަކު ސޮއި ކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަޖިލީހަށް މީހުން ހާޒިރު ކުރުމުގެ ބާރާއި ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު ހަނި ކުރުމުގެ އިތުރުން ފަހު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބައެއް ބާރުތައް ނެގުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.

"ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ނުހިމެނޭ މާއްދާތައް ކަމުގައިވާ ގާނޫނުއަސާސީގެ 99 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ނ. އާއި 228 ވަނަ މާއްދާ ވަގުތީ ގޮތުން ހިފަހައްޓާފައި ވުމަކީ ގާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފް ކަމެއް.." ވަކީލުންގެ ބަޔާނުގައި ވެއެވެ.

ބަޔާން ނެރުއްވި ޤާނޫނީ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި ކުއްލި ހާލަތު އިއުލާންކޮށް ނެރޭ ގަރާރުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގެ ބާރެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތްއިރު، ފަހު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބާރު ހިފެހެއްޓުމަކީ ކުއްލި ހާލަތުގެ ގަރާރާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ލިބިދޭ ބާރު ވެސް ހިފެހެއްޓުމެވެ.

ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދަންޖެހޭނެ ކަމަށާއި އެކަން ނުކުރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ވިދާޅުވި ގޮތުގައި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ މާއްދާ އެ ދެ ބޭފުޅުން ހައްޔަރު ކުރިއިރު ހިފަހައްޓާފައެއް ނެތެވެ.

ކުއްލި ހާލަތުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ބާތިލް ކަމަށް ބުނެ، އެ ބަޔާނުގައި ގޮވާލާފައިވަނީ ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ ގާނޫނުއަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކަމާ އެކު އެކަންކަން ބެލުމަށް އެ ބަޔާނުގައި ވަކީލުން ވަނީ ގޮވާލައްވާފައެވެ.