الحمد لله رب العالمين. الصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ރަމަޟާން މަހަކީ ޞަދަޤާތްކުރުމުގެ މައްސަރެކެވެ. އެމަހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަގިނައިން ޞަދަޤާތް ކޮށް ދީލަތިވެލައްވާ ކަމަށް ރިވާވެގެންވެއެވެ. ޞަދަޤާތް ކުރުމަކީ އެކަމުގެ މާތްކަމާއި ބެހޭގޮތުން ވަރަށް ގިނަ އާޔަތްތަކާއި އަދި ޙަދީޘްތައް ވާރިދުވެފައިވާ ކަމެކެވެ.

އެގޮތުން ތިރީގައި ބަޔާންކުރެވިފައި އެވަނީ ނައްޞުތަކުގެ އަލީގައި ޞަދަޤާތްކުރުމުގެ ބައެއް މާތްކަންކަމެވެ.

ހ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހެއްގެ މުދާ އިތުރުކޮށްދެއްވާ ކަމެކެވެ.

ﷲ ވަހީކުރައްވާފައިވެއެވެ.

(إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضاً حَسَناً يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ) سورة الحديد: 18

މާނައީ: "
ހަމަކަށަވަރުން، ޞަދަޤާތްކުރާ ފިރިހެނުންނާއި، ޞަދަޤާތްކުރާ އަންހެނުންނާއި، އަދި ހެޔޮވެގެންވާ ދަރަނި ދިނުމަކުން اللَّه އަށްޓަކައި ދަރަނި ދިން (އެބަހީ: اللَّه އަށްޓަކައި ހޭދަކުރި) މީހުން (ދަންނާށެވެ) އެއުރެންނަށް (އެކަންކަމުގެ) ދަރުމަ ގިނަގުނަ ކުރައްވާނެތެވެ. އަދި އެއުރެންނަށް ދީލަތިވެގެންވާ ދަރުމަ ހުއްޓެވެ."

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

(مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ، وَاللَّـهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ) سورة البقرة: 245

މާނައީ: "ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. ރިޒުޤު ދަތިކުރައްވަނީ، އަދި، ތަނަވަސްކުރައްވަނީވެސް اللَّه އެވެ. އަދި، ތިޔަބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާހުށީ ހަމައެކަލާނގެ ޙަޟްރަތަށެވެ."

މިދެއާޔަތުން ﷲގެ މަގުގައި ޞަދަޤާތްކުރުމަކީ މުދާގިނަވެ ބަރަކާތްތެރިވެގެންވާ ކަމެއްކަން އެނިގިގެން ދެއެވެ. އަދި ﷲގެ މަގުގައި ހޭދަކުރާ މުދަލަކީ އެއިލާހަށް ދެވޭ ދަރަންޏެއްކަމުގައި މިއާޔަތުގައި ﷲ ސިފަކުރައްވާފައިއެވެ. ދަރަންޏަކީ އަނބުރާ އެމީހަކަށް އަދާކުރެވޭ އެއްޗެކެވެ. ﷲ އަށް ދޭ ދަރަންޏެއް އިއިލާހު އަނބުރާ ނުދީ ރައްދުކުރާނެ ކަމުގައި ހީވޭތޯއެވެ؟ އެހެން ކަމުން އެންމެ ހެޔޮވެގެންވާ ދަރަންޏެއް ދެވޭނީ ﷲ އެއިލާހަކަށް ކަމާމެދުގައި ޝައްކެއްނެތެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ، وَاللَّـهُ يُضَاعِفُ لِمَن يَشَاءُ، وَاللَّـهُ وَاسِعٌ عَلِيمٌ) سورة البقرة: 261

މާނައީ: " اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ސަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ށ. ޞަދަޤާތަކީ ފާފަތައް ފުހެލާ ކަމެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(والصدقة تطفىء الخطيئة كما تطفىء الماء النار) صححه الألباني في صحيح الترغيب.

މާނައީ: "ޞަދަޤާތުން ފާފަތައް، ފެނުން އަލިފާން ނިއްވާލާފަދައިން ފުހެލައެވެ."

ނ. ޞަދަޤާތަކީ ޤިޔާމަތް ދުވަހު ވާ ހިޔަލެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(ظِلُّ الْمُؤْمِنِ يَوْمَ الْقِيَامَةِ صَدَقَتُهُ)

މާނައީ: "ޤިޔާމަތް ދުވަހު މުއުމިނުންގެ ހިޔަލަކީ އޭނާގެ ޞަދަޤާތެވެ"

ރ. ޞަދަޤާތަކީ ﷲ އެމީހެއްގެ މައްޗަށް ހޭދަކުރައްވާ ސަބަބެކެވެ. ޞަހީޙް ބުޚާރީގައި އައިސްފައިވާ ޤުދުސީ ޙަދިޘެއްގައި ﷲ ވަޙީކުރައްވާފައިވެއެވެ.

(أَنْفِق يا ابن آدم أُنْفِق عليك)

މާނައީ: "އޭ އާދަމުގެ ދަރިޔާއެވެ. ހޭދަކުރާށެވެ. ތިބާގެ މައްޗަށް ﷲ ހޭދަކުރައްވާނެއެވެ."

ބ. އަދި ކޮންމެ މީހަކުވެސް އޭނާގެ އަހުލުވެރިން އަނބިން ދަރިން އަދި ފިރިންނަށް ހޭދަކުރާ އެއްޗަކީ ޞަދަޤާތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا أَعْطَى الرَّجُلُ امْرَأَتَهُ فَهُوَ صَدَقَةٌ)

މާނައީ: " މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ހޭދަކުރާ އެއްޗަކީ ޞަދަޤާތެވެ."

އެހެންކަމުން ރޯދަމަހަކީ މިކަން ގިނައިން ކޮށް އެމަހުގެ ހެޔޮކަމާއި ބާއްޖަވެރިކަން ލިބިގަންނަ މަހެއްކަމުގައި ލެއްވުން އެދި ދުޢާކުރަމެވެ.

وصلى الله وسلم على محمد و آله وصحبه أجمعين.

ކިޔުންތެރިންގެ ހިޔާލު