އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"ބަނީ އިސްރާއީލު ބާގައިގައި އެއް އަމާޒަކަށް ޤަޞްދުކޮށްގެން މަސައްކަތްކުރަމުން ދިޔަ ދެމީހެއްވިއެވެ. އެކަކީ ފާފަކުރާ މީހެކެވެ. އަނެއްމީހާއަކީ އަޅުކަމުގައި ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ މީހެކެވެ. އަޅުކަމުގައި ހީވާގިކަމާއެކު މަސައްކަތްކުރާ މީހާއަށް އަނެކަކު ފާފަކުރަނިކޮށް ފެންނަ ކޮންމެ ފަހަރަކު ބުނެއެވެ. ތިކަމުން ދުރުވާށެވެ.

އަނެއްކާވެސް ފާފައިގައިވަނިކޮށް ފެނިގެން ބުނެއެވެ. ތިކަމުން ދުރުވާށެވެ.

ދެން ފާފަކުރާމީހާ ބުންޏެވެ: އަހަރެންގެ ވެރިރައްބާއި އެކު އަހަރެން ދޫކޮށްލާށެވެ. އަހަރެންގެ މައްޗަށް ތިބާ ފޮނުއްވުނީ ވޮޗަރެއްގެ ގޮތުގައި ހެއްޔެވެ؟

ދެން އަޅުކަމުގައި ހީވާގި މީހާ ބުންޏެވެ: ﷲގަންދީފައި ބުނަމެވެ. ތިބާގެ މައްޗަށް ﷲ ފާފަ ނުފުއްސަވާނެއެވެ.

ނުވަތަ ﷲ ތިބާ ސުވަރުގެއަކަށް ނުވައްދަވާނެއެވެ.

ދެން ﷲ އެދެމީހުންގެ ފުރާނަ ގެންދަވައިފިއެވެ.

ދެން އެދެމީހުން ޢާލާމްތަކުގެ ވެރިރައްބު(ﷲގެ) ޙަޟްރަތަށް ޙާޒިރުކުރެވިއްޖެއެވެ. އަދި އަޅުކަމުގައި ހީވާގި ފަރާތަށް ﷲ ވަޙީކުރެއްވިއެވެ: ތިބާ ތިމަންﷲއާއި މެދު އެނގިގެންވާ މީހެއްކަމުގައި ވޭހެއްޔެވެ؟ ނުވަތަ ތިމަންﷲގެ އަތްޕުޅުގައިވާ ކަމެއްގެ މައްޗަށް (ގޮތްނިންމުމުގެ) ކުޅަދާންކަން ލިބިގެންވޭހެއްޔެވެ؟

އަދި ފާފަކުރިމީހާއަށް ﷲ ވަޙީކުރެއްވިއެވެ: ދާށެވެ. ތިމަންﷲގެ ރަޙުމަތުން ތިބާ ސުވަރުގެ ވަންނާށެވެ.

އަދި އަނެއްމީހާއަށް ބަސްވަޙީކުރެއްވިއެވެ: އޭނާ ނަރަކައަށް ގެންދާށެވެ."

ދެން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.

"އެފަރާތެއްގެ އަތްޕުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ނަފުސުވާ ފަރާތް ގަންދީފައި ބުނަމެވެ. ބުނި ކަލިމައެއްގެ ސަބަބުން އޭނާގެ ދުނިޔެއާއި އާޚިރަތް ހަލާކުވެގެން ދިޔައެވެ. "

(ޙަދީޘްގެ މާނަ، މަޞްދަރު: މުސްނަދު އަޙުމަދު (2/323) އަދި ސުނަނު އަބީ ދާވޫދު (4901) އަދި ޞެއިޚު އަލްބާނީ ޞައްހަކުރައްވާފައިވޭ)

 

މިވާހަކައިން ލިބޭ ޢިބުރަތްތައް:

ހ. ﷲޢާއި މެދު ބަހެއް ބުނުމުގެ ބޮޑުކަމާއި އަދި ނޭނގޭ ބަހެއް ބުނުން ހުއްދަވަގެން ނުވާނެކަން.

ށ. ފާފަކުރާ މީހަކު ﷲ ގެ ރަޙުމަތުން މަހުރޫމު ވާން ނުޖެހޭނެކަން.

ނ. ޝަރުޢީ ޢިލްމާއި ޙައްޤަކާ ނުލާ، މީހެއްގެ މައްޗަށް ސުވަރުގެ ނުވަތަ ނަރަކާގެ ޙުކުމް ޖެހުމަކީ އުލޫހިއްޔާ ނުވަތަ އިލާހުކަމަށް ދައުވާކުރުމުގެ ތެރޭން ހިމެނޭކަމެއްކަން.

ރ. ﷲގެ ރަޙުމަތުގެ ތަނަވަސްކަން.

ބ. ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމުގެ މުހިންމުކަން.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެބަ

    އެބަ ދައްކާ އެތެއް ވާހަކައެއް ޝޭޙުންނޭ މިކިޔާ ބައިގަނޑު