ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާން ބާވާލެއްވިއެވެ. އެޔާއެކުގައި އެފޮތުގެ ތަފުސީރެއްކަމުގައި ޝަރަހައެއްކަމުގައި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަލޭގެފާނުގެ ސުންނަތް ބާވާލެއްވިއެވެ. އެކަން ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَمَا يَنطِقُ عَنِ الْهَوَىٰ، إِنْ هُوَ إِلَّا وَحْيٌ يُوحَىٰ) سورة النجم: 4-5

މާނައީ: " އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ."

ފުރަތަމަ އާޔަތުގައި އެކަލޭގެފާނަކީ ހަވާނަފުސަށް ވާހަކަފުޅު ދައްކަވާ ބޭކަލެއްނޫންކަމަށް ބަޔާންކުރެއްވިފައިވާ އާޔަތުގެ ތަފުސީރުގައި އިމާމު ބަޣަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ހަވާގެ މުރާދަކީ އެކަލޭގެފާނަކީ ބާތިލުގެ ވާހަކަ ދައްކަވާ ބޭކަލެއްނޫންކަމުގައެވެ. އަދި އެކަމުގެ ސަބަބަކީ މައްކާގެ މުޝްރިކުން ބުންޏެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރުއާނާއި މެދުގައި ބުނަނީ އެކަލޭގެފާނަށް ފެންނަ ނަފުސުގެ ރައުޔެވެ" އަދި އިމާމު ޤުރުތުބީ އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. "އެކަލޭގާނު ދައްކަވާ ވާހަކަ ފުޅަކީ އެކަލޭގެފާނުގެ ރައުޔަށް ދައްކަވާ ވާހަކަފުޅެއްނޫނެވެ."

އަދި އެކަލޭގެފާނުގެ ބަސްފުޅުތަކަކީ ވަޙީއެއްކަމުގައި މެނުވީ ނުވެއެވެ. މި މާނައިގައިވާ އާޔަތުގައި އިބުނު ކަޘީރު ރަޙިމަހުﷲގެ އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ.

(أي : إنما يقول ما أمر به ، يبلغه إلى الناس كاملا موفرا من غير زيادة ولا نقصان )

އެބަހީ އެކަލޭގެފާނު ވިދާޅުވަނީ އެކަލޭގެފާނަށް ﷲ އަމުރުކުރެއްވި ބަސްފުޅެވެ. އަދި މީސްތަކުންނަށް އެކަލޭގެފާނު ފުރިހަމައަށް އެއްވެސް އިތުރުކުރުމެއް އަދި މަދުކުރުމެއްނެތި ފޯރުކޮށްދެއްވަވައެވެ.

އަދި އެޔަށްފަހު ތިރީގައިވާ ޙަދީޘް ގެންނަވާފައިވެއެވެ.

(عن عبد الله بن عمرو قال : كنت أكتب كل شيء أسمعه من رسول الله - صلى الله عليه وسلم - أريد حفظه ، فنهتني قريش فقالوا : إنك تكتب كل شيء تسمعه من رسول الله ، ورسول الله - صلى الله عليه وسلم - بشر ، يتكلم في الغضب . فأمسكت عن الكتاب ، فذكرت ذلك لرسول الله - صلى الله عليه وسلم - فقال : " اكتب ، فوالذي نفسي بيده ، ما خرج مني إلا حق " .)

މާނައީ: " އަބްދުﷲ ބިން ޢަމްރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހިތުދަސްކުރެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އަޑުއިވޭ ކޮންމެ އެއްޗެއްވެސް ލިޔުއްވަމުން ގެންދެވީމެވެ. އަދި ޤުރައިޝުންގެ މީހުން ތިމަންކަލޭގެފާނަށް އެކަން މަނާކޮށްފިއެވެ. އަދި ބުންޏެވެ. ކަލޭގެފާނު ރަސޫލުﷲގެ ކިބައިން އިވޭ ކޮންމެ އެއްޗެއްވެސް ލިޔަނީހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އިންސާނެކެވެ. ކޯފާ އިސްކުރައްވާވެސް ވާހަކަފުޅު ދައްކަވާނެއެވެ. ދެން ތިމަންކަލޭގެފާނު ލިޔުން ހުއްޓާލައްވައިފީމެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތިމަންކަލޭގެފާނު އެވާހަކަ ކިޔައިދެއްވީމެވެ. ދެން ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ލިޔާށެވެ. އެފަރާތެއްގެ ފަރާތުގައި ތިމަންކަލޭގެފާނުގެ ފުރާނަ ވާ ފަރާތް ގަންދެއްވާފައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ ކިބައިން ޙައްޤުމެނުވީ ނީވޭނެއެވެ."

(ޙަދީޘްގެ މަޞްދަރު: މުސްނަދު އިމާމު އަޙުމަދު)

މިޒަމާނުގައި ޙަދީޘް ޤަބޫލުނުކުރާ ފިކުރެއްވަނީ އުފެދިފައެވެ. އެބައިމީހުން ބުނަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘަކީ ބާޠިލުއެއްޗެއްކަމަށެވެ. އެޔާއެކުގައި އިސްލާމްދީނުގެ ބޮޑޫބައި އައިސްފައިވަނީ ޙަދިޘްގެ ޒަރީޢާއިންނެވެ. ބަންގިޔާއި ނަމާދާއި ޒަކާތާއި އަދިވެސް އެތައް އެތައް އަޅުކަމެއްގެ ތަފުސީލުވަނީ ޙަދީޘްގައެވެ. އެހެންކަމުން ޙަދީޘް ބާތިލު އެއްޗަކަށް ހެދުމުން ދީނުގައި އެއްވެސް އެއްޗެއް ބާކީއެއް ނޯންނާނެއެވެ. އެހެންކަމުން މީ އަޅުގަނޑުމެން އެކަމަކާއި މެދު ސަމާލުވާން ޖެހޭ ކަމެކެވެ. މިއާޔަތުން އެބަސްތަކަށް ރައްދު ލިބިގެންދެއެވެ. އަދި އެބައިމީހުން ބަހަނާ އަކަށް ގެންނަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘެއްގައި ޙަދީޘް ލިޔުން މަނާވެފައި އޮންނަ އޮތުމެކެވެ. އެއީ ވަކި ޞަޙާބީއަކަށް ކުރައްވާފައިވާ އަމުރެކެވެ. މަތީގައި އެވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ލިޔުމަށް ހުއްދަ ދެއްވާފައިވާ ޞަޙާބީއެއްގެ ޙަދިޘެކެވެ. އަދިވެސް ޙައްޖަތުލް ވަދާޢުގައި އަބޫ ޝާހް ކިޔާ ޞަހާބީއަކަށް ޙަދީޘް ލިޔަން ހުއްދަ ދެއްވިއެވެ. މަތީގައިވާ ޙަދީޘްގައިވާ ޢަބްދުﷲ ބިން ޢަމްރު ބިން ޢާޞްގެ ފަތްފުށް މުސްނަދު އަޙުމަދުގައި ސީދާ އެކަލޭގެފަނު ލިޔުއްވި ފަތްފުށުން ނަޤުލުކުރެއްވިފައިވެއެވެ.

ކީރިތި ޤުރުއާނަށް އީމާން ވެވޭނީ އެފޮތުގައިވާ ހުރިހާ އާޔަތަކަށް އީމާންވެގެންނެވެ. އަދި އޭގެ ތެރޭގައ ތަފްސީރު ބަޔާންކުރެވުނު މިދެ އާޔަތް ހިމެނެއެވެ. ދުޢާއަކީ އެންމެ ފުރިހަމަގޮތުގައި އީމާންވާ އަދި ނަބިއްޔާއަށް އީމާންވާ މީހުންކަމުގައި އަޅުގަނޑުމެން އެންމެން ލައްވާ އަޅުގަނޑުމެންގެ ކަންކަން އިސްލާޙުކުރެއްވުމެވެ.

والله أعلم وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާރީފް

    ޢަމީން

    4
    2
  2. ހޯރަބޭ

    އާމީން

    2
    1