ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އިންތިޚާބުތަކަށް އެޕާޓީން ކެމްޕޭން ކުރަނީ ވެސް ވަރަށް ތަފާތުކޮށެވެ. ނަމަވެސް މިދިޔަ ދެ އިންތިޚާބުން ވެސް އެ ޕާޓީ ބަލިވިއެވެ. މިއާއެކު އެޕާޓީގެ އަޑު އެއްކޮށް މަޑުވެގެން ދިޔަ ކަހަލައެވެ. ހަފްތާއެއް ވަންދެން އެ ޕާޓީގެ މާބޮޑު ހަރަކާތެއް ނުހިންގައެވެ. މާޔޫސްވެފައި ތިބި މެމްބަރުންނަށް ވެސް އެޕާޓީން އެއްވެސް ކަހަލަ "ހިތްވަރުގެ މެސެޖެއް" ވެސް ދިން މަންޒަރެއް ފެނިގެން ނުދިޔައެވެ. ސޯޝަލް މީޑިއާ އިން ދެން ފެންނަން ފެށި މަންޒަރަކީ "އެމްޑީޕީގެ ބައެއް މެމްބަރުން" ފުރުއްވަމުން ގެންދެވި އެކި މަޤާމުތަކުން އިސްތިއުފާ ދެއްވި މަންޒަރެވެ. އަދި ބައެއް މީހުން ޕާޓީން ވެސް ވަކިވިއެވެ. ޕާޓީއަށް ނިސްބަތްވާ ބައެއް މީހުން ކުށްވެރި ކުރަން ފެށީ ލީޑަރޝިޕްގެ ބޭފުޅުންނެވެ. އެ މަޤާމުތަކުން އެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ޕާޓީގެ ގިނަ މެމްބަރުން ދިޔައީ ބުނަމުންނެވެ.

ކޮންމެޔަކަސް ޕާޓީ ހިމޭނުން އޮތުމަށްފަހު އަނެއްކާވެސް، އެ ޕާޓީގެ ހަރަކާތެއް ބުދަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އެމްޑީޕީ ޤައުމީ މަޖިލިސް ވަނީ ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ. ޤައުމީ މަޖިލީހަށްފަހު ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޗެއާޕަރސަން ފައްޔާޒު އިސްމާއިލް ވަނީ މީޑިއާތަކާ ބައްދަލުކުރައްވާފައެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އާއެކު ޕާޓީގެ ލީޑަރޝިޕް އިސްތިއުފާ ދޭންޖެހޭކަމަށް ބުނާ އަޑުތައް ގަދަވަގެން ދިޔަނަމަވެސް މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތު ނޫން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ އިންތިޚާބުތަކުން ކޮންމެސް އެއްބަޔަކު މޮޅުވެ އަނެއް ބަޔަކު ބަލިވާނީކަމުގައެވެ. އެހެންކަމުން ބަލިވި ސަބަބުތައް ދެނެގަނެ ކުރިޔަށް އޮތީ ޕާޓީ ވަރުގަދަކުރުންކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމާފައިވަނީ އެމްޑީޕީއަށް އިންތިޚާބުތައް ގެއްލިގެންދިޔަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު އެމްޑީޕީ ކުރިޔަށް ގެންދަން ޖެހޭގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށެވެ. ފައްޔާޒު ވިދާޅުވީ މިއީ އަނެއްކާވެސް އެމްޑީޕީ ނަގާ ކޮޅަށް ޖަހަންޖެހޭ ވަގުތުކަމުގައެވެ. އަދި އެއަށްފަހު ކުރިޔަށް އޮތްތަނުގައި ލިޑަރޝިޕް ބަދަލުކުރަން މެމްބަރުން ބޭނުންވާ ކަމަށްވާނަމަ އެ ފުރުސަތު ދޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ދެ އިންތިޚާބުން ވެސް އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ ވަރަށް ބޮޑު ނާކާމިޔާބީއަކާއެވެ. ޕާޓީގެ ބައެއް މެމްބަރުން ޤަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް މިހެން ދިމާވީ އެޕާޓީ ބައިބައި ވުމުގެ ސަބަބުންނެވެ. އެމްޑީޕީގެ ދެ ލީޑަރުންގެ މެދުގައި މައްސަލަ ޖެހެމުން ގޮސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހިސާބުން "ފިކުރެއްގެ ދިރުން" ފެކްޝަން އުފަންވިއެވެ. ނަޝީދަށް ތާއީދު ކުރާ އާންމު މެމްބަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން އެ ފިކުރާ ގުޅެމުންދިޔައެވެ. އަދި ފަހުން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ވެސް އުފެދިގެންދިޔައެވެ. މިއާއެކު ނަޝީދަށް ތާއީދުކުރާ މީހުން އެޕާޓީއާ ގުޅުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއިދު ކުރާ މެމްބަރުން އެމްޑީޕީއާ އެކު ތިއްބިއެވެ. ޕާޓީގެ ކެމްޕޭން ހަރަކާތްތަކުގައި "އިސްކޮށް" އުޅޭ މީހުން ވެސް ބައިބައިވުމުން ދެ ޕާޓީއަށް ވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. މަޖިލިސް އިންތިޚާބުގައި ދަ ޑޮމޮކްރެޓްސްއަށް ވެސް އެއްވެސް ގޮނޑިއެއް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. މިއާއެކު އާންމުންގެ ހިތްތަކުގައި ރައީސް ނަޝީދަށް އޮތް ތާއީދާ މެދު ވެސް ސުވާލު އުފެދިގެން ދިޔައެވެ.

ކުރިން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީއަށް މިފަަހަރު މަޖިލިސް އިންތިޚާބުގައި 12 ގޮނޑި ލިބިފައިވާއިރު، ވާދަވެރި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދައިފައެވެ. ރައްޔިތުން އެމްޑީޕީ އާ ދޭތެރޭ ދެކޭގޮތާއި އެ ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށް އެ ޕާޓީން ވަނީ ފާސްކޮށްފައެވެ. އަދި ޕާޓީގެ ރައީސް ޝާހިދު ވަނީ އެމްޑީޕީ އަލުން ތަރުތީބުވެލައިގެން ނުކުމެ އެމްޑީޕީގެ ފަލްސަފާތަކާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާ ވެސް ބާރަށް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ވެސް ކުރިމަގާ މެދު މިވަނީ އިންތިހާއަށް ސުވާލު އުފެދިފައެވެ. އާންމުންގެ ހިތްތަކުގައި މިހާރު އެންމެ ބޮޑަށް އުފެދޭ ސުވާލަކީ އަނެއްކާވެސް އެމްޑީޕީ އާއި ދަ ޑޮމޮކްރެޓްސް އެކީ ގުޅިގެން ސިޔާސީ މަސައްކަތުގައި އެއް މައިދާނަކުން ކުރިއަށްދާ މަންޒަރު ފެނިދާނެތޯއެވެ؟ ދެ ލީޑަރުން އެއް ޕޯޑިއަމަކުން ފެނިދާނެތޯއެވެ؟ ނަޝީދު ވަނީ މަޖިލިސް ކެމްޕޭނަށް މާލެ ވަޑައިގެން ވެސް އެމްޑީޕީ ސަރުކާރަށާއި އެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޤައުމު "ބަޖުރޫޓު" ވީ ކުރީ ސަރުކާރުން އަމަލު ކުރެއްވި ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ. ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާ ވެސް ބާރަށް މަސައްކަތް ފަށާނެ ކަަމަށް އެމްޑީޕީން ބުނެފައިވާއިރު އެޕާޓީ އަލުން އަނބުރާ ކޮޅަށް ޖެހުމަކީ ޕާޓީގެ ލީޑަރޝިޕަށް ފަސޭހަކަމަކަށް ނުވާނެއެވެ. ސިޔާސީ މައިދަނަކީ ވަރަށް އެހެން ކަހަލަ ތަނެކެވެ. މިތުރުން ހަތުރުންނަށް ވެ، ހަތުރުން މިތުރުންނަށް ވެސް ވާތަން ފެނެއެވެ. އެހެންކަމުން މި ދެޕާޓީ އެކުގައި މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ އާއި އެ ދެ ޕާޓީގެ ކުރިމަގާ މެދު މިވަނީ ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރަށްވެހި ފަތިސްހަނދުވަރު

    އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ޒަމާނުއްސުރެ، އެޖެންޑާ 19އޭ، އަނެއް ދިވެހިރާއްޖެއޭ ކިޔާ ދެއްކި ހުވަފެންތަކަކީ ބޮޑު އޮޅުވާލުމެއްކަން މިހާރު ރައްޔިތުންނަށް އެނގިއްޖެ. ވެރިކަމާ މަޖިލީހުގެ ހުރިހާ ބާރެއް ލިބުމުން ރައްޔިތުން ފެލާލިގޮތް ދިވެހިން ދުވަހަކުވެސް ހަނދާން ނުނެތޭނެ

    101
    5
  2. ސަލަމަ

    ޕާޓީގެ ކުރިމގަށްޓަކައި އިންތިހާބަށް ކުރިމަތިލި ޕާޓީގެ އިސް މެމްބަރުންގެ ގޮނޑި ކަމިޔާބުކުރުން ވަކިން މުހިއްމުވާނެއެވެ.
    ނަމަވެސް އެގޮނޑިތައް ކާމިޔާބު ކުރުމަށް ޓީމެއްގެ ގޮތުގައި މަސައްކަތް ނުކޮށް ކުދި ކުދި ޓީމްހަދައިގެން ނިކުމެ އެއްކަމެއްވެސް ނުކުރެވުނެވެ.
    މަޖިލިސް ރައީސްގެ ގޮނޑި ގެއްލުމުން ޕާޓީ ނިކަމެތިވެ ބާކިވެފައިވާކަން ހިތުގެއަޑިން ގަބޫލުކުރަން ޕާޓީގެ ހުރިހާ މީހުންނަށް މަޖްބުރުވިއެވެ.
    ވަރުގަދަކޮށް ފައިޓެއްނުދެވުނެވެ.

    18
    1
  3. ސދފދފ

    ޕާޓީ ފެއިލްވީ:
    1- އެފްކޮންސް އާއި ހަވާލު ކުރި މަސައްކަތުން ބްރިޖް ނޭޅި އައްޑޫ މަގު ނެހެދި ބޮޑު ތުރާލަކަށް އެކަންކަން ވެފައި އޮވެ އެއިން މަސައްކަތެއްގެ ކޮލިޓީ ބަލާނެ ބަޔަކު ނެތި ކުރާނެގޮތަކަށް ކުރަން ދޫކޮށްލުން.
    2- ވައުދުވި ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ނެތިގެން ދިއުން
    3- އިންޑިއާ އުނގަށް ވެއްޓި އެމީހުން ބޭނުންގޮތަކަށް ރާއްޖޭގެ ދާޚިލީ ކަންކަމާއި ފޮރިންގ ޕޮލިސީތަކާއި ކުޅޭން ފުރުސަތު ދިނުން.
    4- މަޖިލިސް މެމްބަރުންނަކީ ރައްޔިތުންނާއި ގުޅުން ކުޑަބަޔަކަށްވެ އަގުވެއްޓިފައި ތިބި ބަޔަކަށްވުން.
    5- ވަޒީފާ ތަކަޢި ބޮޑެތި މަގާމުތައް ދިނުމުގައި ހަމައެއް ލަމައެއްނެތި އޯލެވެލް ފާސް ނެތް މީހުން 30 ހާސްރުފިޔާގެ މަގާމުތަކުގައި ތިބޭއިރު ޑިގްރީ ފެންވަރު ކުދިން މިބުނާ އޯލެވެލ ފެންވަރު ނެތް މީހުންގެ ދަށުގައި 12 ހާސްރުފިޔާ ހަމަނުވާ މުސާރައަށް ގުދާރު ބިންދައިގެން މަަސައްކަތް ކުރަން ޖެހުން.

    45
    4
  4. އަހުމަދު ނަސީމް

    ބަލިވީ ފައްޔާޒު އިތުރުފުޅު ހެއްދަވާތީ. ކެމްޕޭނުގަ ކަމެއް ކޮށްދޭނެ ކަމަށް ބުނެފި ނަމަ އެކަމެއް ކުރަން އެޓް ލީސްޓް މަސައްކަތް ކުރަން ޖެހޭ. އެއްވެސް ތިމާ މޮޅުވާ އިރަށް އެކަން ކުރަން މަސައްކަތް ކުރި މީހުންގެ މަތިން ހަނދާން ނައްތާލީމަ ނިކުންނާނެ ނަތީޖާ ތިހުރީ ފެނިފަ. ދެން ކިތަންމެ ރަނގަޅެއް ކުރަން އުޅުނަސް ވާނެ ކަމެއް ނެތް. ރައްޔިތަކަށް ދޮގެއް ހަދާފި ނަމަ އެމީހެއްގެ ފަހަތުގަ ތިބޭ ކިތަން މީހުންގެ ވޯޓް ގެއްލޭނެކަން މީ ސިޔާސީ ވެރިން ހަނދާން ކުރަން ޖެހޭނެ ކަމެއް. އޮޅުވާލުމެއްގެ ތެރެއިން ވޯޓް ހޯދޭނީ އެއްފަހަރު. ދެވަނަފަހަރު ގޮވާނީ އަތަށް .

  5. Anonymous

    އެމްޑީޕީއާއި ދަނޑިމޮކޮސް ޕާޓީއަކީ އެއް ފިކުރެއްގެ ލާދީނީ ދެޕާޓީ. ތިދެޕާޓީ އަވަހަށް އުވާލަންވީ. އުވާނުލިޔަސް މިހާތު ތިދެޕާޓީދެކެ ދިވެހިން ފޫހިވެއްޖެ. ތިދެޕާޓީގައި އިސްކޮށް އުޅެނީ ލާދީނީ މަކަރުވެރި މީހުން.

    45
    7
  6. Ahmed

    އެމަގު ޗާޓުގެ ފުރަތަމަ ނަންބަރަކަށް އޮންނަންޖެހޭނީ މިހާރުގެ ލީޑިންގ ޓީމް އިސްތިއުފާ ދިނުން.. ދެ އިންތިޚާބް އިން ބަލިވީމަ އެކަންވީ ކިހިނެއްތޯ ބަލާ އެކަން ހައްލުކުރަން ޖެހޭނީ އާ ޓީމަކުން... ަެައެއީ ތިކިޔާ ޑިމޮކްރަސީ ގެންގުޅޭ މީހުން ކަންކުރާ ގޮތަކީ... ކުރިންވެސ އެނގ ކަލޭމެނ އަނގަފުޅާކުރިޔަސ ކަލޭމެނ ތިއުޅެނީކ ޑިމޮކްރަސ ގ ނޫންކަނ.. ތިޔައ ކިޔަނ މައުމޫނިޒަމ ނުވަތ ޚުދުމުހުތާރު

    26
    2
  7. ޖާބެ

    އިބޫ ފައްޔާޒު މަހްލޫފު ރޮޒައިނާ އަލީ ވަހީދު އަމީރު މިމީހުން ތިޔަމަޤާމްތަކުން އިސްތިޢުފާދޭންޖެހޭ ސިޔާސީ ހަޔާތް ކަފުންވީ މިހާރު ތިޔަ، ފައްޔާޒުމެންގެ ބޮޑާކަމާ ކިބުރުވެރިކަމުން ޖަރީމާ ގިނގާލެވިއްޖެތާ

    29
    1
  8. އދ

    މޑޕ އާއި ޑިމަކްރެޓްސް އަކީ ހަގީގަތުގައި އެކެއްޗަކަށް
    ދެން ނުވާނެއެވެ އެދެމެދަށް ހުރަސް އަޅަނީ ވެރިކަމެވެ
    މޑޕ ގެ ބިތުފަންގިނެގި އޭގެހަގީތް ފާޅުވުމުން ރައްޔިތުން ޕާޓީމަތިން ފޫހިވީއެވެ އާއްމު މެންބަރުންގެ ސައުގުވެރިކަން ދެން މޑޕ އަށް ލިބުމަކީ ނާދިރު ކަމެކެވެ އެންމެ ރަނގަޅު ގޮތަކީ އޭތި އުވާލައި އާޕާޓީއެއް އުފެއްދުމެވެ އާ ލީޑަރޝިޕެއް ރައްޔިތުންނަށް ދެއްކުމެވެ އިސްމަގާމުތަކުގައި ތިބި އެންމެން އިސްތިއުފާދީފައި ޒުވާނުންނަށް ފުރުސަތު ދިނުމެވެ ދޮގާއި މަކަރުވެރިކަމުގެދޮލަނގު ނުވިއްކޭނެތީއެވެ.

    27
    1
  9. ވަތަންގެ ދަރި

    އެމްޑީޕީ އަދި ޑިމޮކްރެޓްސް އަކީ އެކައްޗެޢް. ދެފަހަރެއްގެ މަތިން 8 އަހަރު ވެރިކަންކުރިއިޔު ހުރިހާ ގޮތަކުންވެސް ގައުމާ ރަޢްޔިތުން އިނދަޖައްސާލީ. ގައުމުގެ އަގުބޮޑު ބިންތައް އިންސާފެޢްނެތި ބަހާ ހުސްކޮށްލީ. ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލުވާލީ. ހަމަވިސްނުމަކުން ވިސްނައިފިޢްޔާ ރަގަޅު ގޮތަކީ ތިޔަ 2 ޕާރޓީވެސް ވުޖޫދުން ގެއްލިގެންދުން.

    7
    2
  10. ހަސަން

    މޑޕ އާއި ދަނޑިމޮކުރޮސް ގެ އެއްމެ ބޮޑެތިސުވާލުތައް 1. ކެނެރީއައްނި 2. ހިއްނަވަރުއިބުރޭ 2. އިންޑިމާރީ 3. ރޫރާނުލެވޭފައްޔާޒު 4. ދޮލަނގުޟާހިދު 5. ބޮކްސިންއީސަ އާނުލާ މޑޕ ބަރާބަރައް ކުރިޔައްދާނެ ގެރެންޓީ މިފަސްމީހުން އިތުބާރުގެއްލިއްޖެ ބަލައެއް ނުގަނޭ މީހުން

    31
    1
  11. ސުނާރު

    އެމްޑީޕީ ފަޅިފަޅިވެ ކިތަންމެ ޕާޓީ އެއް އުފެދިއްޖެ، ފުތަތަމަ ގާސިމް ޖުމްހޫރީ ޕާޓީ ދެން ވަހީދު ގައުމީ އިއްތިހާދު ދެން އިބުރާ ލިބަރަލް ޕާރޓީ ދެން އަންނިގެ ދަނޑި ޕާރޓީ، ކޮންމެފަހަރުވެސް ޕާރޓީ އޭގެ ފުރިހަމަ ބާރުގަ އަލުން ތެދުވެ ހިންދެމިލަން އަހަރެއްވެސް ނުނަގާ،އަލަށް އުފަންވި އެތި ނެތިދަނީ މިފަހަރުވެސް ވާނީ އެހެން، އެކަމު ވާދަވެރި ޑީ އާރުޕީ ބައިބައިވާ ކޮންމެފަހަރަކު މައިއެތި ފުނޑި ނެތިދަނީ،

    5
    2
  12. ލިކާ

    ސުޕަ މެޖޯރިޓީގަ ފުލެޓެއްވެސް އަޅާ ނުނިންމުނު

    7
    1
  13. އިމާ

    ކައިރި ގައުމެއް ރުއަްސަން ސޭހުގެ ދަރި މަގުމައްޗާއް ދޫކޮއްލުމައްފަހު ސޭހު ހައްޔަރުކުރީ އިބޫގެ އަމުރައް މީ އިޒުރޭލުން ފެންނަ ކަހަލަ މަންޒަރުތައް

  14. ރައްޔިތުން

    މާބޮޑު ސުވާލެއް އޮތް ކަމެއް ނޫން. ދެޕާޓީވެސް އުވާލަންވީ. ވައްސަލާން

    2
    1
  15. ރިމާޒް

    ކެނެރީގެ ނަޝީދު (އަންނި)އަށް އަށް އޮތް ޙަސަދައެއްގެ ސަބަބުން ރުޅިވެރި ބަސްތައް މަދު މީހަކު ރައްދު ކުރިއަސް ޙަޤީޤަތަކީ ދިވެހި ދައުލަތުގެ ތެރެއިން މިޤައުމުގެ ރައްޔިތުންނަށްޓަކައި މާލީ އެހީތެރިކަން ލިބޭނެގޮތް ހައްދަވައި ދެއްވައި ރައްޔިތު މީހާގެ ވޯޓް އެހެން މީހަކަށް ނުދައްކާ ސިއްރު ވޯޓެއް އަމިއްލައަށް އެޅުމުގެ ފުރުޞަތު ހޯދައިދެއްވި މީހަކީ ކެނެރީގެ ނަޝީދު. ރައީސް މައުމޫނުގެ ވެރިކަމުގައި އެތައް އަނިޔާ އަކާއި ވޭނެއް ތަޙައްމަލް ކޮށްގެން ހުއްޓާ ނުލާ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އަންނި އިސްވެ ހުރި ކުރި ބުރަ މަސައްކަތުން.
    މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ދައުލަތުގެ ޚަރަދުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފަދަ އަސާސީ އެތައް ޚިދުމަތެއް ދެވެމުން މިދަނީ މިދެންނެވި މަސައްކަތް އަންނި ކުރުމުގެ ސަބަބުން.

    2
    2
  16. ނިމުނުގޮތް

    ދަނޑިމޮކްރެޓް ގެސިޔާސަތު 0.0000% ވެސް ޤަބޫލު ނުކުރާނެކަން ދިވެހިން އެއޮތީ ބުނެފަ. އެމްޑީޕީއަށް ގޮނޑިއެއް ލިބުނަސް އެޕާޓީއަކީ ދިވެހިންނަށް އުންމީދެއްނޫން. ބަނގުރޫޓު ކުރުމާއި މާލިއަޔަތުން ވައްކަން ކުރުން

    3
    1