ދުނިޔެ އަކީ ތަފާތު ތަނެކެވެ. ދުނިޔެ ދައްކާނީ ތަފާތު ދަޅަތަކެކެވެ. އެއްބަޔަކު އުފާވެރިކަމުގެ ދުވަސްތައް ގުނަމުންދާއިރު، ނިކަމެތި ޙާލަތުގައި ހިތާމައިގެ ދުވަސްތައް ގުނަމުންދާ މީހުންވެސް މި ދުނިޔޭގައި އުޅެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. ކޮންމެ މީހަކަށް އުފާވެރިކަމުގެ ދިރިއުޅުން އުޅެވޭނެ ކަމީ މުސްތަޙިއްލުކަމެކެވެ.

ހައްވާ އަފްސާނާ، ރ.އަލިފުށި، އަކީ ކުޑަ ކުޑަ ތިން ކުދިންނާއެކު އަމިއްލަ ރަށުގައި ދިރިއުޅެމުން އަންނަ އެކަނިވެރި މައެކެވެ. މީގެ ތިން އަހަރު ކުރިން ޒަވާޖީ ޙަޔާތް ހުއްޓުމަކަށް އައުމުން އުޅެން ޖެހިފައިވަނީ ވަރަށްވެސް ދަތީގައެވެ. އަފްސާނާއަށް ތިން ކުދިން ލިބިފައި ވާއިރު، ކުދިންގެ ބައްޕަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އަފްސާނާއަކަށް ނުލިބެއެވެ. ކިރިޔާވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ހުރީ އަފްސާނާގެ ޢާއިލާއެވެ. އެހެންނަމަވެސް، އަފްސާނާގެ ޢާއިލާއަކީވެސް ފޯރާ ބަޔަކަށް ނުވުމުން، އަދި ޢާއިލާ މާލޭގައި އުޅެންޖެހުމުގެ ސަބަބުން ފައިސާގެ ދަތިކަން މުޅި ޢާއިލާއަށް ވެސް ފޯރާފައިވެއެވެ. އެގޮތުން ޢާއިލާގެ އެހީއާއި އެކު ކެއުންބުއިމުގެ ކަންކަން އަފްސާނާއަށް ހަމަޖައްސާލެވެއެވެ.

އަފްސާނާ ބުނާގޮތުގައި، ކުޑަކުޑަ ތިން ކުދިންނާ އެކު ރަށުގައި ދިރިއުޅެމުން އަންނަނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. "ކަރަންޓު ބިލް ކަނޑާލަން ކޮންމެ ފަހަރަކުވެސް ބުނެގެން ކަރަންޓު ބިލް ދެއްކެނީ" ކަމުގައި އަފްސާނާ ބުންޏެވެ. އަދި ކުދިންގެ ސްކޫލްގެ ތިން ހަތަރު މަހުގެ ފީވެސް ދެއްކިފައި ނުވާކަމަށް އަފްސާނާ ބުންޏެވެ. އެހާ ފޯރާ ބަޔަކަށް ނުވުމުން، ޚާއްޞަ ކަންތައްތައް ކުރަން ޖެހެނީ ދަރަންޏަށް ނަގައިގެންކަމަށްވެސް އަފްސާނާ ބުންޏެވެ. މީގެ އިތުރުން ފާއިތުވި ތިން އަހަރުގެ ތެރޭގައި، އެކަނިވެރި މައިންގެ ލާރިވެސް އަފްސާނާއަށް ލިބުނީ އަދި ހަމައެކަނި މި މަހުގައި ކަންވެސް އޭނާ ފާހަގަކުރެއެވެ.

އަޅުގަނޑުމެން ތިޔަ ކިޔުންތެރިންނާ ޙިއްސާކުރަން ބޭނުންވާ ވާހަކައަކީ އަދި މިއެއް ނޫނުނެވެ. އަފްސާނާވެސް ތިޔަ ކިޔުންތެރިންގެ ކިބައިން އެދެނީ އިތުރުކަމަކަށެވެ.

އެއީ އެއްރެއެއްގެ ވަގުތެކެވެ. އަފްސާނާގެ އެންމެ ހަގު ދަރިފުޅު އިބްރާހިމް އާފް (3 އަހަރު) ބަނޑެއްގައި ރިއްސާތީ ރޯން ފެށިއެވެ. އެރޭ އެ ކުޑަ ކުޑަ ދަރިފުޅުގެ ބަނޑު އާދަޔާ ޚިލާފަށް ފުއްޕާފައި ހުރުމުން ހަރު އެއްޗެއްގައި އަތް ޖެހުނު ކަމުގެ އިޙްސާސް އަފްސާނާއަށް ވިއެވެ. ހަމަ އެވަގުތު ދަރިފުޅުގޮވައިގެން އަފްސާނާ ދިޔައީ ރަށުގެ ސިއްޙީ މަރުކަޒަށެވެ. ރަށުން ޑޮކްޓަރުން ބައްލަވައިފާ ބުނުއްވީ "މޭ ތިރިއަށް ފައިބައި، ދުޅަވެފައި އޮތްކަމަށް ލަފާކުރެވޭ" ކަމަށެވެ. ދަރިފުޅުގެ ޙާލަތު ސީރިޔަސްކަން އެނގުމުން، އަފްސާނާގެ އެއްބަނޑު އެއްބަފާ ކޮއްކޮމެންނަށް ގުޅައި، ދަރިފުޅުގެ ޙާލަތާއި މެދު ރޮއި، މާޔޫސްވުމުގެ ސަބަބުން، ޖެހިގެން އައި ދުވަހު ކޮއްކޮމެން، ދަރިފުޅާއިއެކު އަފްސާނާ ގެނެއީ މާލެއަށެވެ.

މާލެއައިސް އޭޑީކޭ ޑޮކްޓަރަކަށް ދައްކައި އެ ޑޮކްޓަރ ވަރަށް ގިނަ ޓެސްޓްތައް ހެދިއެވެ. ހެދެވުނު ޓެސްޓްތަކުގެ ނަތީޖާ އާއި މެދު ދެތިން ޑޮކްޓަރަކާ ވާހަކަ ދައްކާ ޖެހިގެން އައި ދުވަހު އެހެން ޑޮކްޓަރަކަށް ޓެސްޓްތަކުގެ ރިޕޯޓް ދައްކައިގެން އަފްސާނާއަށް އިނގުނީ އޭނާގެ ތުއްތު ތުއްތު ދަރިފުޅަށް ލޭގެ ކެންސަރު ޖެހިފައވާކަމަށެވެ. ނިކަމެތި ދިރިއުޅުމެއްގައި އުޅޭ އަފްސާނާއަށް މި ޚަބަރު އިވުމުން ލިބުނީ ކުއްލި ޝޮކެކެވެ. ލޯބިވާ ދަރިފުޅު އޭނާއާއި ވަކިވެގެން ދާ ކަމުގެ އިޙްސާސްކުރެވުނު ކަހަލައެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ. އަޅުގަނޑަށް ލިބިފައިވާ ތިން ކުދިންނަކީ ވެސް އޮޕްރޭޝަން ކޮށްގެން ލިބިފައި ތިބި ތިން ކުދިން. އަންހެން ކުއްޖެއް ނުވެސް ހުންނާނެ. އެއާއެކު އުޅޭ ތިންކުދިން ވެސް ވަކިވެގެންދާނެތީ ވަރަށް ދެރަވެ. ހަމަގައިމުވެސް އަޅުގަނޑަކަށް ދެން ދަރިއަކުވެސް ނުލިބޭނެ. އެކުއްޖާ ވަކިވެގެން ގޮސްފިނަމަ، ދެން ތިބި ދެކުދިން ވެސް ވަރަށް އެކަނިވެރިވެ މާޔޫސް ވާނެކަން އިޙްސާސް ކުރެވެނީ"

ދަރިފުޅުގެ ޙާލަތު މަންމައަކު ޙިއްސާކުރީ އަސަރުން ފުރިގެންވާ މައިވަންތަ ބަސްތަކަކުންނެވެ.

އަފްސާނާގެ އެންމެ ހަގު ދަރިފުޅު އިބްރާހިމް އާފް އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އިނގުނީ މީގެ އެއްހަފްތާ ކުރިންނެވެ. ދަރިފުޅުގެ ޙާލަތު ވަރަށް ސީރިޔަސް ކަމަށް ޑޮކްޓަރު ބުނުއްވުމާއި އެކު އަފްސާނާ މަސައްކަތްކުރީ ވީ އެންމެ އަވަހަކަށް ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭރަށް ދިޔުމަށެވެ. އެހެންނަމަވެސް ވަރަށް އުނދަގުލުން ޢާއިލާގެ މެމްބަރުން ފައިސާކޮޅެއް އެއްކޮށް ގެން ވަނީ އިންޑިޔާއަށް ފުރާފައެވެ. ބޭރަށް ދިޔުމަށް ޓިކެޓް ނުނެގިގެންވެސް "ކޮއްކޮމެން ތިބީ ރޮވިފައިކަމަށް" އަފްސާނާ ބުންޏެވެ. އާސަންދައިން ފަސޭހަކަމާއި ބޭސްފަރުވާގެ ކަންކަން ކޮންމެވެސް ވަރަކަށް ހަމަޖެހިފައި ވިނަމަވެސް، އިންޑިޔާގައި ތިބޭއިރު ކުރަންޖެހޭ ޚަރަދުތަކުގެ ސަބަބުން މިއަދު އަފްސާނާ ވަނީ ދިވެހި ރައްޔިތުންގެ މަދަދަށް އެދި އާދޭސްކޮށްފައެވެ.

90 ޕަސަންޓް ލޭގެ ކެންސަރު ޖެހިފައިކަމަށް ޑޮކްޓަރު ޔަޤީންކަން ދީފައިވާއިރު، ދަރިފުޅަށް ފަރުވާލިބެން އޮތީ ބޯން މެރޯ ޓްރާންސްޕްލާންޓްކޮށްގެންނެވެ. މިހުރިހާ ކަމަކީވެސް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަކަށް ވުމުން، އަފްސާނާގެ ނިކަމެތި، ފަޤީރު ދިރިއުޅުމުގެ ސަބަބުން އޭނާއަށް ވަނީ މި ހުރިހާ ޚަރަދުތަކެއް ފޫބެއްދުމުގައި ނުކުޅެދިފައެވެ.

މިއަދު އަފްސާނާ ތިޔަ ކިޔުންތެރިން، ދިވެހި ލޮބުވެރި ރައްޔިތުންގެ އަރިހުން އެދެނީ މާލީ އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލައިގެން އޭނާގެ ލޯބި ލޯބި ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށެވެ. މަންމައަކު އެދެނީ ދެލޯނޭދި އެދޭ ދަރިފުޅަށް ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އަދި ކިޔުންތެރިންގެ ދުޢާގައި ކުޑަ ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރު ކޮށްދިނުމަށް އެދި ދުޢާކުރުމަށްވެސް އެ މަންމަ އެދެއެވެ.

ޑޮލަރު އެކައުންޓް :7730000088392 ހާޝިމް މުހައްމަދު

ރުފިޔާ އެކައުންޓް :7730000053867 ފާތިމަތު ފަސާނާ

އިބްރާހިމް އާފް (3 އަހަރު) އަށް ފަރުވާ ހޯދައިދިނުމުގައި އަފްސާނާއަށް އެހިތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އާފްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ ބޮޑުދައިތަ، ފާތިމަތު ފަސާނާއާ (9917787) އަށް ގުޅައިގެން އެހީތެރިކަން ފޯރުމާއި މަޢުލޫމާތު ހޯދުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙާމް

    ވަރަށް އަސަރު ކުރި ލިޔުމެެއް..
    ޢެކަމަކުވެސް މަގޭ އެބައޮތް ކުޑަ ޝަކުވާއެއް އަފްސާނާ ގެ ދަރިންގެ ޚަރަދު ހޯދަން ދަރިންގެ ބައްޕަ ގޮވައިގެން ކޯޓަށް ނުދަނީތޯއެވެ. ކޯޓައި ހަމައަށް ގޮއްސިއްޔާ މިހާރު ދަރިންނަށް ޚަރަދު ނުދީ ބައްޕައަށް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ.

    11
    2
  2. ޙުސެން

    ބައްޕަ ގިވައިން ކޯޓައް ދޭ.. މި ހުރިހާ ދުވަހު އެކަނި ވެރި މައި ގެ ރުފިއާ ނުލިބުޏި ކީއްވެ ބާ .. އެވެސް 6 ޙަސް ރުފިއާ ދެއްތޮ

    • ލިއޯ

      ކުއްޖަކަށް ހާހެއް ދެނީ...އެހެން ވީމާ ތިންހާސް..

  3. ހުސެން

    މިހާރު މި ކުއްޖާގެ ހާލަތު ބަލާލަން ވަރަށް ބޭނުން.. ވަގުތު އިން މިކންބަލާބަ ..

  4. ރަދީފް

    ވަރަށް ދެރަވެ ހިތާމަކުރަން މިފެމިލީގެ ހާލަތު ދެކިފަ.ކޮބާ މަޖްލިސް މެމްބަރު އަދި އަލަށް ހޮވުނު މެމްބަރު.މިފަދަ ދަތިހާލުގަ ތިބޭ ފަރާތްތަކަށް ފޯރާ މީހުން އެހީގެ އަތެއް ދިއްނުކުރަނީ ކީއްވެގެންބާ!! ކުއްލިހާލަތުގަ މިފަދަ ފަރާތްތަކަށް އެހީވުމަށް ހުރިހާ ރިސޯޓްތަކާއި ޓޫރިޒަމް މިނިސްޓްރީ އަދި ޖެންޑަރ މިނިސްޓްރީ ގުޅިގެން ދެފުށް ފެންނަކަހަލަ ފަންޑެއް ގާއިމްކުރެވިދާނެ.ކޮންމެ ރިސޯޓަކުން ސީއެސްއާރްގެ ދަށުން މަހަކު 1000 ޑޮލަރު ހަދިޔާކޮށްފިނަމަ ރަނގަޅު ބަދަލެއް ގެނެސްދެވިދާނެ.މިސާލަކަށް 100 ރިސޯޓުން 1500 ޑޮލަރު ހަދިޔާކުރާނަމަ އެއީ 1.5 ލައްކަ ޑޮލަރު.އަހަރަކު 1.8 މިލިއަން ޑޮލަރު. (27 މިލިއަން ރުފިޔާ).އަވަސް ޝިފާއަކަށް އެދެން.ކޮންމެވެސް އެއްޗެއް ހަދިޔާ ކުރެވޭތޯ ޓްރައިކުރަްނ