3 ނޮވެމްބަރު 1988 އަކީ ފަހުގެ ތާރީޚުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާހިނގި ދުވަހެވެ. އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާ ދިވެހިންނަށް ދިން ދުވަސްވެސް މެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެ، މި ލޮބުވެތި ވަޠަނަށް އަރައިގަންނަން ބަޔަކު ކުރި ވިޔާނުދާ އަމަލެއްގައި ކުށެއްނެތް ދިވެހި ދަރީންތަކަކާއި، ހިތްވަރުގަދަ ސިފައިންތަކެއް ޝަހީދުވެގެން ދިޔަ "ކަޅު" ދުވަހެކެވެ.

03 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހު ދިވެހި ރާއްޖެއަށް އަލިވިލުން އިރު ދިވެހިންގެ ކަންފަތްތަކުގައި ގުގުމާލައިފައިވަނީ ބަޑީގެ ހަރު އަޑެވެ. މީހުން ރޯއަޑާއި ހަޅޭ ލަވާ އަޑެވެ.

އެ ދުވަހު ދިވެހިރާއްޖެއަށް ހިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ޝްރީލަންކާގެ ތަމަޅަ ބާޣީ ގުރޫޕެއް ކަމަށްވާ “ޕްލޯޓް”ގެ އެހީގައި ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ދިވެހިންގެ މިނިވަންކަން ނަގާލުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމީހުންގެ ރޭވުން "ފެއިލް" ކޮށްލީ "އަށްޑަނައަކަށް މަގޭ މޭ" ހަދާނަމޭ ބުނެ ގައުމު ދިފާއު ކުރުމަށް ނުކުތް ސިފައިންގެ ހިތްވަރުގަދަ ބަތަލުންނެވެ. ފަސްޖެހުމެއް ނެތި ބާޢީންނާއި ޖިހާދު ކުރުމަށް ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ސިފައިންތަކެއް ނުކުމެ ގައުމު ސަލާމްތަކޮށްދިން އިރު ދިވެހިންގެ ލޯތަށް ވަނީ ކަރުނުން ފުރިފައެވެ. އެހެނީ އެއްވެސް ކުށެއް ނެތް 8 ސިފައިން ހިމެނޭހެން 19 ދިވެއްސެއްގެ ލެއިން މާލޭގެ މަގުތަށް ފާއްދާލައިފައިވުމުންނެވެ.

ނޮވެމްބަރު ތިނެއްގެ ބާޣީން

ނޮވެމްބަރު ތިނެއްގައި ސިފައިން ވެދެއްވި މަތިވެރި ގުރްބާނީ އާއި ހިތްވަރުން އަދި ދިވެހި ރައްޔިތުން އެދުވަހު ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ދިވެހިންނަށް މިއަދު ވަނީ ނަސްރު ލިބިފައެވެ. މިއަދު ދިވެހިން ދެކެމުން މިދާ މިނިވަންކަމުގެ ހަޤީޤީ އަސްލަކީ މިގައުމަށްޓަކައި ޝަހީދުވި ޝަހީދުންނެވެ. ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެންބަރު މަހުގެ ތިންވަނަ ދުވަސް ފާހަގަކުރުމުގެ އަސްލަކީވެސް އެއީއެވެ.

މިއަދު އަޅުގަނޑުމެން ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު ނަސްރުގެ ދުވަހުގެ އުދުވާނީ ހަމަލާއާއި މާޒީގައި މި ގައުމަށް ޕޯޗުގީޒުންނާއި މަލާބާރީންފަދަ އިސްތިއުމާރީ ބާރުތަކުން ދީފައިވާ ހަމަލާތަކަކީ އަޅުގަނޑުމެން އެކަންކަމުން ޢިބްރަތް ޙާޞިލް ކުރަން ޖެހޭ ހާދިސާތަކެއްކަން ކަށަވަރެވެ.

ބޭރު ގައުމުތަކުގެ އަތްދަށަށް މި ގައުމު ނުގޮސް މިނިވަންކަން މަތީ ދެމިއޮތުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މާތްﷲ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ދަމަހައްޓަވާންދޭވެ!

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅަބޭ

    ފަހުގެ ތާރީހެއްގައި ދިވެހިން ދުށް އެންމެ ބިރުވެރި އަދި ނާމާން ދުވަހަކީ ޔާގުންޑާ ވެރިކަމައް ސަވާރުވި ދުވަސް.

  2. ބޮޑު ދެލޯ

    ފާހަގަކުރާނެ ވަރަކަށް މިއަދު (3 ނޮވެމްބަރ) ފާހަގަ ކޮށް ނިއްމާލަ! ކުރިޔަށް އޮތީ މަމެންގެ ދުވަސް! މަމެންނަށް މަލާމާތާއި ފުރައްސާރަ ކުރާ އަދި ރައްދުވާ ދުވަހެއް މަމެން ފާހަގަ ނުކުރާނެކަން ނެއެގެންޏާ ޙައިރާން! ދޯ!ހިނދުކޮޅުބޯ!!

  3. ބޮޑު ދެލޒޮ

    " ދިވެހިން ދުށް " ނޫން. ދިވެހިންނަށް (ކެނެރީ- މަލުން) ފާކުރި.!!!!!

  4. ބޮލި މުލައް

    ޢަނގޮޓި ޝަރީފް ހޯދައިދިން ކޯޅޭޝަން ސަރުކާރަށް މިދުވަސް ކުލަގަދަކޮށް ފާހަގަކުރަން ކެރޭނެބާ؟

  5. ދޮންބެ

    138 ހާސް ދިވެހިން ބުނީ ހެވޭ! މިހާރު ތި ދުވަހެއް ހަނދާނެއް ނެތޭ ދެން ލަލަލާއޭ.

  6. ހަސީނު ސަލާމް

    އެދުވަހު ދިވެހި ސިފައިން ލޭ އޮހުރުވާލާގެން ދިފާއު ކޮށްދިން އޭރުގެ ވެރިން މިއަދު އެތިބީ އެ ޖަރީމާ އިސްވެ ހިންގި މީހާގެ ދަބި ދަރިއަށް ވެރިކަން ހޯދަދީގެން އޭނަޔާ ކަރާކަރު ޖައްސާ ސަލާމް ކުރާކަށް ނޫންތޯ؟ މައުމޫނާއި އިލްޔާސަށް ވަރަށް ސަލާމް. ވެރިކަމާ ޝާނާއި ޝައުކަތުގެ ބޭނުމުގައި ކޮންމެ ކަމެއްވެސް މި މީހުން ކޮށްފާނެ