ލިޔުނީ: މޫސާ ޝިމާއު
މުސާ ޝިމާއު އަކީ ނ.އަތޮޅު ހޮޅުދޫގެ ކައުންސިލް މެންބަރުކަން ކުރައްވަފައިވާ ބޭފުޅެއް.


ދިވެހިރާއްޖޭގެ ލިޔެވިފައިވާ ތާރީޚެއް ފެންނަން އޮތީ މީގެ ގާތް ގަޑަކަށް 800 އަހަރު ކުރިންނެވެ. އެ ތާރީޚު ހެކިދޭ ގޮތުން ދިވެހިންގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދިވެހިންގެ އަތުން ބީވެގެން ގޮސްފައިވަނީ ހަމަ އެންމެ ފަހަރަކުއެވެ. އެއީ މީލާދީން 1558 އިން 1573 އަށް ރާއްޖޭގެ މައްޗަށް ޕޯޗްގީޒުން އަތްގަދަކޮށް ވެރިކަން ހިންގި ދުވަސްވަރެވެ. އޭގެ ފަހުން ހިޖުރައިން 1166 ވަނަ އަހަރު ހޮޅިން ރާއްޖެ ހިފިކަމުގައި ވިޔަސް، އެގޮތުގައި އެމީހުނަށް ފައިހަރުކޮށްލެވުނީ އެންމެ 3 މަހާއި 20 ދުވަހުއެވެ.

މިއަށް ފަހުން ވެސް ދުނިޔޭގެ ބާރު ގަދަ ގައުމުތަކުގެ އަތްގަދަ ކުރުމުގެ އުދަގުލާ ކުރިމަތިލާން ޖެހިފައިވެއެވެ. ފަހުގެ ތާރީޚެއްގައި މިފަދަ ކަމާއި ދިވެހިން ކުރިމަތިލީ މީގެ 33 އަހަރު ކުރިންނެވެ. އާދެ 3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ ވާހަކަތަކަކީ އަޅުގަނޑުމެންނަށް އައު ވާހަކަތަކެއް ނޫނެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ދާއިރު އެދުވަހުގެ ހަނދާންތަކާއި ބިރުވެރިކަމުގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ފަށްފަށް ކުރެވެއެވެ

އެދުވަހު، ކުށެއް ނެތް 19 ދިވެހިން ޝަހީދު ކޮށްލިކަމާއި އެއީ ބޭރުގެ ކުލީ ސިފައިންނާއި ރާއްޖޭގެ ބަޔަކު ގުޅިގެން އޭރު ރާއްޖޭގަ އޮތް ވެރިކަން ބަދަލުކޮށްލަން ހިންގި ބަޣާވާތެއްކަމުގައި ދެކެވޭ ވާހަކަ ތަކަކީ އާންމު ވާހަކަ ތަކެކެވެ. އެހެން ކަމުން މިފަހަރު ބަލާލަން މިއުޅެނީ 3 ނޮވެމްބަރާ ގުޅިގެން އަޅުގަނޑުމެންގެ ތެރޭގައި އެއްގޮތަކަށް ވެސް ނުދެކެވޭ ނުވަތަ ފަނޑު ގޮތެއްގައި ދެކެވޭ ވާހަކަ ތަކަށެވެ.

ލުތުފީގެ ތައާރަފެއް

ޢަބްދުﷲ ލުޠުފީ އަކީ އައްޑުއަތޮޅު ހިތަދޫ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ) ގެ ގެ އަލްއުސްތާޛް މުހަންމަދު އިބުރާހީމް ލުތުފީ އާއި ހ.ހާޖަރާގޭ އަލްފާޟިލާ ޢާއިޝަތު ފަރީދާ (ހާޖަރާގޭ ސިއްތި) ގެ ދޮށީ ފިރިހެން ދަރިފުޅެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އަމަލީގޮތުން ބައިވެރިވެ ކުށް ސާބިތުވެ އެންމެ ބޮޑު ޙުކުމެއް ކޮށްފައިވަނީ ލުތުފިގެ މައްޗަށެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލައިގެ މާކުރިން 1968 ވަނަ އަހަރުގެ ތެރޭގައި އޭރު އޮތް ސަރުކާރު ބަދަލުކުރުމަށް ރޭވުނު ރޭވުމުގައި އަމަލީ ގޮތުން ލުތުފީ ބައިވެރިވިއެވެ. އޭރު އޭނާއަކީ އުމުރުން އެންމެ 20 އަހަރުގެ ޒުވާނެކެވެ. އެ ބަޣާވާތް ނާކާމިޔާބު ވުމުގެ ސަބަބުން އޭނާ ކުށަށް އިއުތިރާފުވިއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތުގެ ދަށުން ލުތުފީ 18 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރެވުނެވެ. ޖަލަށްލެވުނީ 23 މާރޗް 1968 ގައެވެ. ޖަލުގައި 4 އަހަރާއި 4 މަހާއި 13 ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާ ދެއްވި މަޢާފެއްގެ ދަށުން 1972 ވަނަ އަހަރު އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ޖަލުން ދޫކޮށްލެވުނެވެ.

އޭގެ ހައެއްކަ އަހަރު ފަހުންވެސް ލުތުފީގެ އަމަލުތައް ހުރިގޮތުން އޭނާ ދޫކޮށްލާފައި ބަހައްޓަން ސަރުކާރަށް ފެނިވަޑައި ނުގަތުމުގެ ސަބަބުން 1975 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ގައި ޖަލުގައި ހައްޔަރު ކުރެވުނެވެ. އަހަރެއްހާ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު 18 ނޮވެމްބަރު 1976 ގައި ހއ. އުލިގަމަށް އަރުވާލެވުނެވެ. އެހެން ހުއްޓާ މާލެ ގެނެސް އަނެއްކައި ޖަލަށް ލެވުނެވެ. ޖަލުގައި ހުއްޓާ ގޭ ބަންދަށް ބަދަލުކުރިއެވެ.

ލުތުފީ އެއްކޮށް މިނިވަން ކުރެވުނީ 1978 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. އޭރު އޭނާގެ އުމުރަކީ 29 އަހަރެވެ. 1978 ން ފެށިގެން 1986 ވަނަ އަހަރާއި ހަމައަށް ލުތުފީ ހަރަކާތްތެރި ވަމުން ގޮސްފައިވަނީ ވިޔަފާރީ އާއި އެނޫން ވެސް ތަފާތު މަސައްކަތްތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައެވެ. ވިޔަފާރި ކުރުމުގައި ވެސް ލުތުފީ ގަވާއިދާއި ހިލާފުވެފައި ވާތީ ފަހުންވެސް އޭނާ ގޭގައި ބަންދުކުރެވިފައިވެއެވެ.

ލުތުފީ އާއި ޕުލޮޓް ޖަމާއަތާއި ނުވަތަ ތަމަޅައިންނާއި ދިމާވިގޮތް

ލުތުފީގެ ގޭ ބަންދުން ވީއްލުމުން އޭނާ ގަސްދުކުރީ ސްރީލަންކާއަށް ދިއުމަށެވެ. މިގޮތުން 29 އޮކްޓޯބަރ 1986 ގައި ލުތުފީގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ލަންކާއަށް ދިއައެވެ. އެކޮޅަށް ގޮސް އެތަނުގައި ސިލޯނު މީހަކާ ގުޅިގެން އަސްދޫނި ގެންގުޅުމާއި ހިކި ކަނޑުމަސް ތައްޔާރުކުރުމުގެ މަސައްކަތެއް ފެށިއެވެ.

މިހެން އުޅުނު އުޅުމުގައި ލުތުފީ ބަނބުޅަޕެޓިޔާ ކޯވިލް ކައިރީގައި ހުންނަ ހޮޓަލަކަށް ސައިބޯން ގޮސް އުޅެއެވެ. މިތަނުން ލުތުފީއާއި ރުޑުލާ ކިޔާ ތަމަޅައަކާއި ރައްޓެހިވެއްޖެއެވެ. މިހެން އުޅެނިކޮށް 1987 ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާވެސް ރުޑުލާ އާ ސައި ހޮޓަލުން ބައްދަލުވެއްޖެއެވެ. މިދުވަހު ޕްލޮޓްގެލީޑަރ ލުތުފީއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ރުޑުލާ ބުނުމުން ލުތުފީ އެކަމާ އެއްބަސްވެ އަނެއް ދުވަހު ބައްދަލުވުމަށް ގަޑި ކިއުމަށް ފަހު އެދުވަހު ވަކިވިއެވެ.

ޖެހިގެންއާ ދުވަހު ލުތުފީ އެބުނި ގަޑިއަކަށް އެއަވަށުގައި ހުންނަ ޕްލޯޓް ޖަމާއަތުގައި އޮފީހަށް ދިއައެވެ. ޕްލޯޓަކީ ސްރީލަންކާގައި ވަކިވެގަތުމަށް މަސައްކަތްކުރާ 36 ޖަމާއަތުގެ ތެރެއިން އެއް ޖަމާއަތެވެ. އެތަނުން ލުތުފީއަށް މަރުހަބާކީ ކުރިން ވެސް ދިމާވި ރުޑުލާ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ޕްލޯޓުގެ ކޮމާންޑަރު ކަމަށްވާ ވަސަންތީވެސް ހުއްޓެވެ. މި ވަސަންތީ އަކީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހިކެވެ. މި ބައްދަލުވުން ނިމުނީ ޕްލޯޓް ޖަމާއަތުގެ ވެރިޔާ ކަމަށްވާ އުމާ މަހޭޝްވަރަމް ލުތުފީއާ ފަހުގެ ތާރީހެއްގައި ބައްދަލުކުރުމަށް އެއްބަސްވެފައެވެ.

ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ރާވަން ފެށުން

1987 ވަނަ އަހަރުގެ ފަހުކޮޅު ވަސަންތީ ފޯނުކޮށްފައި ލުތުފީ މަހޭޝްވަރަމްއާ ބައްދަލުކުރުމަށް އެމީހުން ތިބޭ ހޮޓަލަށް އައިސް ދިނުމަށް އެދުނެވެ. މި ބައްދަލުމުގައި މައިގަނޑުގޮތެއްގައި ދެކެވިފައިވަނީ ރާއްޖެގެ ރީތި ކަމުގެ ވާހަކައާއި ރާއްޖޭގައި ކުރެވިދާނެ ތަފާތު މަސައްކަތްތަކުގެ ވާހަކައެވެ. މި ބައްދަލުވުމުގައި ޕްލޯޓުން ގެންނަން އުޅޭ ހަތިޔާރު ކޮންޓެއިނަރެއް ރާއްޖޭ މަގުން ގެނެވިދާނެ ތޯ އެހުމުން އެއީ ވަރަށް ދަތި ކަމެއް ކަމަށް ލުތުފީ ބުނިކަމަށް ވެއެވެ. ދެން ޕްލޯޓްގެ މުސްތަގުބަލާއި ބެހޭގޮތުން ވާހަކަ ދައްކަން ތިބެލާފައި އެހެން ފަހަރަކުން ބައްދަލުވުމަށް ޝަރުތުކޮށް އެދުވަހުގެ ބައްދަލުވުން ނިންމާލީއެވެ.

ދެވަނަ ފަހަރަށް ލުތުފީ އާއި މަހޭޝްވަރަމް ބައްދަލުވީ 1988 ވަނަ އަހަރުގެ ފެބްރުއަރީ ހާތާގައެވެ. މި ހިސާބުން ދެ މީހުންގެ ބޭނުން އެއްބޭނުމަކަށް ހަދާ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިގަތެވެ. ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި ލުތުފީގެ އަތްމައްޗަށް ވެރިކަން އަނބުރާ ލެވިއްޖެނަމަ އެކަމުގެ ހަދިޔާ އެއްގެ ގޮތުން ތަމަޅައިންނަށް 3 ކަމެއް ކޮށްދިނުމަށް އެއްބަސްވެ އެގްރިމެންޓެއް ހެދިއެވެ.

އެކަންކަމަކީ ޕްލޯޓްގެ މީހުން ތަމްރީނު ކުރަން ދިވެހިރާއްޖޭގެ ފަޅުރަށެއް ދިނުމާއި، ޕްލޯޓް ޖަމާއަތަށް ހަތިޔާރު ހޯދައި ދިނުމަށާއި އެ ތަކެތި އެތެރެ ކޮށްދިނިމަށް ލުތުފީގެ ސަރުކާރުން އެހީވެދިނުމާއި އަދި ޕްލޯޓް ޖަމާއަތުގެ ޚަޒާނާ މުއްސަނދި ކުރުމަށްޓަކައި ރާއްޖޭގެ ރިސޯޓެއް އެމީހުންނަށް ދިނުމެވެ.

ހަމަލާ ރޭވުމަށްޓަކައި ލުތުފީ ދިޔައީ ތަފާތު މުހިންމު މައުލޫމާތު ތަކެއް އެއްކުރަމުންނެވެ. އެގޮތުން ސިފައިންގެ އެތެރެ އޮންނަ ގޮތާއި އެތަނުގައި ފޯރިއަށް ތިބެނީ ކިހާ މީހުންނެއްކަމާއި އެމީހުން ތިބޭ ތަންތަނަށް ދާންދެން ލުތުފީ ބަލާ ހޯދިއެވެ. މިކަމުގައ އޭނާއަށް ދިވެހިންގެ ތެރެއިން އެތައް ބައެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އޭގެތެރޭގައި ސިފައިންގޭގެ މަތީ މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ.

އަނެއްކޮޅުން މަހޭޝްވަރަމް ދިޔައީ ހަމަލާއަށްޓަކާ އެމީހުން ނިންމަންޖެހޭ ކަންކަން ނިންމަމުންނެވެ. އެގޮތުން އެޖަމައާތުގެ މީހަކު ޖާސޫސް ކުރުމަށްޓަކައި 1988 ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައި ފޮނުވުނެވެ. އަދި އެއަށް ފަހުން ހަމަ އެއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަސަންތީވެސް މާލެއައެވެ. އޭނާގެ މަސައްކަތަކީ ދިވެހި ސިފައިން ގެންގުޅޭ އެކިއެކި ހަތިޔާރުތައް ދެނެގަތުމެވެ. ލުތުފީމެންގެ އަމާޒަކަށްވީ 1988 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު މާލެ އެރުމެވެ. އެހެން ނަމަވެސް ރާއްޖޭއައުމަށް ބޭނުންވާ ބޯޓެއް ނުލިބުމުން އެކަން ނާކާމިޔާބު ވިއެވެ. 29 އޮކްޓޯބަރ 1988 ގައި މަހޭޝްވަރަމް އާއި ލުތުފީއާއި ވަސަންތީގެ އިތުރުން ދެންވެސް މާލެ އަންނަ ހަމަޖެހިފައިވާ ގުރޫޕް ތަކުގެ ލީޑަރުން ހިމެނޭ ގޮތަށް ބައްދަލުވުމެއް ބޭއްވިއެވެ.

މިބައްދަލުވުމުގައި މާލޭގެ ޗާޓައި ސިފައިންގޭގެ ޗާޓުގެ އިތުރުން އެހެންވެސް ފޮޓޯ ފަދަ ތަކެތި ދައްކާ ހަދާފައިވެއެވެ. މީގެ އިތުރުން މި ހަމަލައިގެ އިސް ކޮމާންޑަރަކަށް ވަސަންތީ ހަމަޖެއްސިއެވެ. މީގެ އިތުރުން މާލެ ގެންނަން ބޭނުންވާ ހަތިޔާރުތައް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ހިމެނެނީ އޭ.ކޭ 47 ގެ ރައިފަލް، ޖީ3ގެ ރައިފަލް، ޓީ 56 ގެ ރައިފަލް،އާރ.ޕީ.ޖީ 7 މޯޓާރޒް، ޑައިނަމައިޓް، އެލް.އެމް.ޖީ މެޝިން ބަޑި އަދި ފިސްތޯލަ އާއި ވަޅިއެވެ.

ރާއްޖެއަށް އައުމަށްޓަކައި ދަތުރުފެށުން

ހަމަލަ ދިނުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއްވެސް ބޯޓަށް އެރުވީ ރަބަރު ކޮތަޅުގައި ބަންދުކޮށްގެންނެވެ. މާލެ އައުމަށްޓަކައި ހަމަޖެއްސީ ދެ މަސް ބޯޓެވެ. މި ދެ ބޯޓަކީ ޓީ52 އާއި ސައުތްވެސްޓް 37 އެވެ. ސައުތްވެސްތް 37 އަކީ ކަނޑުމަތިން ފޭރިގަތް ބޯޓެކެވެ. މާލެއަށް ހަމަލާ ދިނުމަށް އައީ ލުތުފީ އާއި ނާސިރުގެ އިތުރުން ޕްލޯޓް ޖަމާއަތުގެ 80 މީހުންނެވެ. މާލެ އައުމަށްޓަކައި ސިލޯނުގެ މުލިއްކުލަމުން ލުތުފީމެން ފުރީ 29 އޮކްޓޫބަރ 1988 ދުވަހުގެ ރޭ 8:30 އެހާއިރުއެވެ. ޖެހިގެން އައި 30 ވަނަ ދުވަހު އަނެއްކާވެސް ކަނޑުމަތިން މަސްބޯޓެއް އަތުލައިގަތެވެ. އޭގައި ސިންގަޅައިންގެ ފަސް މަސްވެރިންވެސް ތިއްބެވެ.

ދެން ރާއްޖޭއާއި ދިމަޔަށް މިސްރާބު ޖެހީ އެދުވަހު 10:30 ހާއިރުއެވެ. އެދުވަހު އިރުއޮއްސުނު އިރު ދެކުނު އިންޑިޔާގެ ސޫތުކުޅިއާ ހަމައަށް އާދެވިއްޖެއެވެ. މިމީހުން ދަތުރުކުރަމުން ގެންދިޔައީ މަހޭޝްވަރަމް ކުރަހާފަ އޮތް ޗާޓެއް ބަލައިގެންނެވެ. ޖެހިގެން އައި ދުވަހު، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ އިރާކޮޅު ލުތުފީ މެން ވިސްނާލިއިރު ކަމަކު ދާކަށް ނެތެވެ. ދަތުރުކޮށްފައި ދެވެނީ މުޅިން ނުބައި ދިމާއަކަށެވެ. ދެން އެރޭ މެންދަމު 11 ޖަހާ އެހާއިރު މިސްރާބު އަލުން ރަނގަޅު ކޮށް ކުރިއަށް ދުއްވަން ފެށިއެވެ.

ދަތުރުކުރަމުން އައިސް 2 ނޮވެމްބަރު ވީ ބުދަދުވަހު ބަލާލިއިރު ބިސްކޯދު ކޮޅެއް ފިޔަވައި ކާނެ އިތުރު އެއްޗެއް ބޯޓަކު ނެތެވެ. ބޯ ފެންވެސް ހުސްވެއްޖެއެވެ. ކޮންމެއަކަސް އެރެއަށް އިރު އޮއްސުނުއިރު ހދ އަތޮޅުގެ އިރުމަތީ ބިތުގެ ރަށްތައް ފެންނަ ހިސާބަށް އާދެވިއްޖެއެވެ. މިހާ ހިސާބުން ދެ ބޯޓުގެ ފަލްކާ ތެރޭގައި ހުރި ހަތިޔާރުތައް ނަގަން ފަށައިފިއެވެ. އަދި މާލެ ފޭބުމަށް ފަހު ގުރޫޕްތައް ދާންވީ ތަންތަނާއި ހަދަންވީ ގޮތްތައް އެގުރޫޕް ތަކުގެ ލީޑަރުން ކިޔާދޭން ފެށިއެވެ.

3 ނޮވެމްބަރު 1988 ވީ ދުވަހުގެ ރޭ މެންދަމުން އަލިވެ އެކެއް ދޭއް ޖެހިއިރު މާލޭގެ އަލި މި ވެރިންނަށް ފެންނަން ފަށައިފިއެވެ. އޭރު ޖަމާއަތުގެ އެންމެންނަށް ތިބީ ޔުނީފޯމް ލައްވާފައެވެ، އެއީ ކަޅުފެހި ކުލައިގެ ގޮޅިޖެހި ގަމީހާއި ނޫކުލައިގެ ޖީންސްއެވެ. އޭރު އެންމެންގެ އަތަށް ހަތިޔާރުދީ ބޯޓުގެ އަރިމަތީގައި އަތުރާފައި ބޭތިއްބިއެވެ. ލުތުފީގެ ކައްޕި ކަމުގައި އައި ޓީ 52 ބޯޓް މާލެ ވަދެފައިވަނީ ގާތްގަނޑަކަށް އެރޭ 3:30 އެހާއިރުއެވެ.

މިހާ ހިސާބުން އެބައިމީހުންގެ ހަނގުރާމަ ފެށުނީއެވެ. ހަމަލާ ބަދަލުކުރުން ހަމަ ވަގުތުން ސިފައިންގެއިން ވެސް ރައްދު ހަމަލާ ދޭން ފެށިއެވެ. އެ ގޮތުގައި ދެ ފަރާތުން ވެސް ވަރުގަދަ ހަމަލަތަކެއް އެދުވަހުގެ ހަވީރާ ޖެހެންދެން ބަދަލުކުރިއެވެ. އެދުވަހުގެ 10 ޖަހާ އެހާއިރު ދިވެހި ސަރުކާރުން އިންޑިޔާ ސަރުކަރުގެ އެހީއަށް އެދުނެވެ. އެދުވަހުގެ ހަވީރު 5:30 ހާއިރު މާލެ މަތިން ބޭރުގެ މަތިންދާ ބޯޓެއް ބުރެއްޖެހިތަން ފެނިފައި ދުޝްމަނުން ބިރުން ތެޅިފޮޅި ގަތެވެ. އެރޭ ގާތްގަނޑަކަށް 9:30 ގައި ރާއްޖެއަށް އެހީވުމަށް އިންޑިޔާ އިން ފުރަތަމަ އައި ދެ މަތިންދާ ބޯޓް ހުޅުލެއަށް ޖެއްސިއެވެ. އަނެއްކޮޅުން އެ ދަނޑިވަޅު ލުތުފީ އާއި އޭނާގެ ބައިވެރިން ފިލާ ރައްކާވުމަށްޓަކައި ބައިބައަށް ގޮސް ޕްރޮގްރެސް ލައިޓް ބޯޓަށް އަރަން ފަށައިފިއެވެ.

11 ޖަހާއެހާ އިރު ގާދޫ ކޮލުން ބޯޓު ނިކުންނަން ދަނިކޮށް އިންޑިޔާ ސިފައިން ފޮނުވާލި ހަމަލައެއް ބޯޓަށް އަމާޒުވިއެވެ. ޖެހިގެން އައި ދުވަސް 4 ނޮވެމްބަރ 1988 ވަނަ ދުވަހުގެ ހެނދުނު 7:45 ގައި ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަން އަލުން ދުރަށް ފޮނުވަން ފެށުނެވެ.

އެގޮތުން އެންމެ ފުރަތަމަ ފޮނުވީ ކީރިތި ޤުރުއާނުގެ ނަޞްރު ސޫރަތެވެ. އެއަށްފަހު އޭރުގެ ރައީސް މައުމޫން ގައުމާ މުޚާތަބު ކުރެއްވިއެވެ.

ބާޣީން އަތުލައިގަތުން އިންޑިޔާ ސިފައިން ރާއްޖެއައި ވަގުތުން ފެށިގެން ދުޝްމަނުން ހިފާހައްޔަރު ކުރުމުގެ މަސައްކަތް ފެށިއެވެ. އޭރު ލުތުފީއާއި ތަމަޅައިންގެ ގުރޫޕް ދިވެހިންގެ ތެރެއިން ބަޔަކު ރަހީނުކޮށްގެން ޕްރޮގްރެސް ލައިޓް ގައި ފިލަންވެގެން ފުރައިފިއެވެ. ނޮވެމްބަރ 4 ވަނަ ދުވަހު އެ ބޯޓުގެ މިސްރާބު ހުރީ ސީދާ ސިލޯނާ ދިމާއަށެވެ. ޖެހިގެން އައި ދުވަހު ލުތުފީމެންގެ ބޯޓާއި ދިމާ ފަހަތުން އެއްޗެއް އަންނަތަން ފެނިއްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން އިންޑިޔާ ސިފައިންގެ ހެލިކޮޕޮޓަރެއް ބޯޓު ކައިރިން ބުރުޖަހަން ފެށިއެވެ. ބޯޓުގެ ފަހަތުން އަންނަތަން ފެނުނީ އިންޑިޔާގެ މަނަވަރެކެވެ. އޭރު 5 ނޮމެވްބަރު ދުވަހުގެ ހެނދުނު 11 ޖަހައިފިއެވެ. އޭރު އިންޑިޔާ މަނަވަރާ ލުތުފީމެންގެ ބޯޓާއި ހުރީ ރޭޑިޔޯ ސެޓްގެ ޒަރީއާއިން ގުޅިފައެވެ. ލުތުފީމެން އަންގަމުން ދިޔައީ މަނަވަރު އޮތް ހިސާބަށްވުރެ ބޯޓާއި ކައިރިވެއްޖެނަމަ ރަހީނުންގެ ތެރެއިން މީހަކު މަރާލާނެކަމަށެވެ.

އެރޭ 8 ޖެހިތަނާ މަނަވަރުން ބޯޓަށް ބަޑި ޖަހަން ފަށައިފިއެވެ. އެގޮތަށް ގޮސް ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު މަނަވަރުން ދެމުން ގެންދިޔަ ހަމަލަތައް ވަރަށް ވަރުގަދަ ކުރިއެވެ. އެހިނދު ބޯޓުގެ ބައިތައް ހަލާކުވާން ފަށައިފިއެވެ. އަދި ބޯޓުގެ ކުރީކޮޅުގައި އަލިފާން ރޯވެއްޖެއެވެ. އިރުކޮޅަކުން ބޯޓުގައި ތިބި ތަމަޅައިންގެ މީހުން ޑެކް މައްޗައް ނިކުމެ އަމާންދިނުމުގެ ގޮތުން އަތްމައްޗައް ނަގާ މަނަވަރާ ދިމަޔަށް ހޫރަން ފެށިއެވެ. ދެން މަނަވަރު ބޯޓާއި ބައި މޭލެއްހާ ކައިރިކޮށްފައި އެންމެން ކަނޑަށް ފުންމާލަން އެންގިއެވެ.

ދެން އޭގެ ތެރެއިން ރަހީނުން ގެ ގޮތުގައި ގެންދެވުނު ދިވެހިންގެ ތެރެއިން ހާލުދެރަ މީހުން ވަގުތުނ އިންޑިޔާ ސިފައިންގެ ހެލިކޮޕްޓަރުގައި ޓްރެވެންޑްރަމް އަށް ގެންދެވުނެވެ. ބާކީ ތިބި ދިވެހިންނާއި ތަމަޅައިން މާލެގެނައީ މަނަވަރުގައެވެ.

ޝަރީޢަތް ކުރުން

މި އުދުވާނީ ހަމަލާއާ ގުޅިގެން ހައްޔަރުކުރެވޭ އެކި މީހުންނާ މެދު ޝަރީއަތް ހިންގުމަށްޓަކައި ބޭނުންވާ ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮމެޓީއެއް އުފެއްދިއެވެ. މި އުދުވާނީ ހަމަލާގެ ކުށްވެރިންގެ ޝަރީއަތްތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ފެށުނީ 1989 މާރޗް 16 ވަނަ ދުވަހުއެވެ.

ބިދޭސީ ޓެރަރިސްޓުން ކޯޓަށް ގެންދެވުނީ މޫނު ނިވާކުރުވައިގެން އަތުގާ ބިޑި އަޅުވައިގެންނެވެ. ދިވެހިން ގެންދެވުނީ މޫނު ނުބަނދެއެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ ހައިކޯޓުގެ އުއްތަމަ ފަނޑިޔާރާއި އިތުރު ދެ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. މި ޝަރީއަތްތައް އެއްކޮށް ނިންމާލެވުނީ 1989 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހުއެވެ.

އެގޮތުން މެރުމަށް ނިޔާ ކަނޑައެޅީ 4 ދިވެހިންނާއި 12 ބިދޭސީ އެއްގެ މައްޗަށެވެ. އެހެންނަމަވެސް ފަހުން އެ އަދަބު އުމުރަށް ޖަލަށްލުމައް ބަދަލުކުރިއެވެ.

ނިންމުން

ކުރުގޮތަކަށް މި ބަލާލެވުނީ 3 ނޮވެމްބަރު 1988 ވަނަ ދުވަހު ހިނގާދިޔަ އުދުވާނީ ހަމަލާއާ ގުޅުން ހުރި ބައެއް ވާހަކަތަކެވެ. އެހެން ނަމަވެސް މި ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި މިގޮތަށް ދެކެވޭލެއް މަދެވެ. ދެކެވުނަސް ދެކެވެނީ ވަރަށްފަނޑު ގޮތެއްގައެވެ. މިހެންވެ މި ވާހަކަތައް ހިރަފުސް ފޮޅާލައިފައި އަލުންބަލުން ހަނދާން ކޮށްލުމުގެ ގޮތުން ކިޔުންތެރިންނާ ހިސާބަށް ގެނެސްދިނީއެވެ. ދުޢާއަކީ މި ފަދަ ބިރުވެރި ދުވަހެއް ދެން އަޅަމެންނަށް ނުދެއްކެވުމެވެ.

📝 ނޯޓް: 3 ނޮވެމްބަރު 1991 ވަނަ އަހަރު ރައީސުލްޖިމްހޫރިއްޔާ ގެ އޮފީހުން ”ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ“ މިނަމުގައި އެހާތަނަށް އެއްކުރެވިފައިވާ މައުލޫމާތު ހިމަނައިގެން ފޮތެއް ނެރިފައިވެއެވެ. މި ލިޔުމަށް މައުލޫމާތު ނެގިފައިވާނީ އެ ފޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. 🥲

    އެހެންވެ މިކިޔަނީ ކިތައްމެ ރުޅި އަޔަސް އިންޑިޔާ އައް އެއްޗެހި ނުކިޔަން
    ކަމެއްދިމާވީމަ ތިބޭނީ އަވައްޓެރިން

    64
    106
    • ޤައުމީބަސް

      ނޮވެމްބަރު 3 ވެސް އެއީ މިހާރު ޤައުމީ މުނާސަބަތަކަށްވުރެއް ބޮޑަށް ސިޔާސީ ދުވަހެއް. އިދިކޮޅުންވެސް ޤައުމު ދެކެ ލޯބިވާނަމަ މިނިވަންދުވަހާ ޤައުމީ ދުވަހާ ޝަހީދުންގެ ދުވަސްވެސް މިވަރަށް ފާހަގަކޮށް ވާހަކަ ދައްކާ އުޅޭނެތާ.. މައުމޫނު ވެސް 3 ނޮވެމްބަރު ދައްކައިގެން ސިމްޕަތީ ޖައްސައިގެން 30 އަހަރު ހިފެހެއްޓި ގޮތަށް މިހާރު އެ ދުވަސް އަނެއްކާވެސް އެގޮތަށް މި ޖައްސަނީ ސަރުކާރަށް ބަވާފަ އެޑްވާންޓޭޖްނަގަން.. އެއީ މާޒީ.. ތޮގޮތަށް ވާވައްދާ ސިޔާސީ ގޭމުން އެޑަވާންޓޭޖު ނުނެގޭނެ މިހާރު..

      16
      63
    • ޙަބޭ

      އޭރުވެސް، ޢިންޑިޔާއިން އެ ދަނޑިވަޅުގައި ރާއްޖެއަށް އެހީވީ އަމިއްލަ އެދުމައިގެން، ކަންކަން ހަމަޔަކަށް އެޅުމުން މިގައުމުން ފައިބައިގެން ނުދިޔަ. ފައިބައިގެން ދިޔައީ އެތައްމިލިއަން ޑޮލަރެއް ދިނުމުން. ޢެހެންވިމަ ފައިސާއަށް އެހީވީކަމަށް ނޫނީ ބެލެވޭނެތަ. މިއަދު ދިރާސާކުރާމީހުން ބުނަނީ 3 ނޮވެމްބަރުގަ ރާއްޖެ އެރި ތަމަޅައިން ތަމުރީނުކުރީ އިންޑިޔާއިންކަމަށް، މާލެމަތިން ބުރުޖަހާ ފިލުމަށްފުރުސަތު ދީފަ އެމިހުން ފަހާ ދުއްވީވެސް. ވަސަންތީ އެކަމުގެ ހަގީގަތް ކިޔައިދީފާނެތީ ފުރަތަމައިންވެސް ހޯދީ އޭނަ. ޢޭރު ދިވެހި ސިފއިން އޭނަމަރައިފި. ދެންވެސް އޭގެ އަޑި އެގޭނެހެން ހީވި ތަމަޅައިން ތިބީ އިނޑިޔާ ބެލުމުގެދަށުގައި

      65
      6
    • ޙަފޯ

      03 ނޮވެމްބަރގަ އިންޑިޔާއިން ރާއްޖެ އައިރު ދިވެހި ސިފައިންވަނީ ދުސްމަނުން ބަލިކޮއް ދުސްމަނުންގެ ކޮމާންޑަރުން މަރާފައި، ހަގުރާމައިގަ ނާކާމިޔާބުވުމުން ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ފިލައިގެން ދާން އުޅުނު ޕްރޮގްރެސްލައިޓް ހުއްޓުވީ އިންޑިޔާ ސިފައިން. ޢިންޑިޔާސިފައި އޭރުވެސް މިގައުމުން ނުފައިބައި ތިބެ އެތައްދުވަހަކު ތިބެ އެންމެފަހުން ބޭލީވެސް ބަދަލުދީގެން.

      39
      2
  2. ޙަލީ

    ކޮންމެ ވާހަކައެެއް ދެއްކިޔަސް ތީ ގައުމަށް ޣައްދާރުވީ އެތަށް ދިވެހިންނެއްގެ މަރުގެ ޒިންމާ ނަގަންޖެހޭ ބައެއްް. ނުދައްކާ ވާހަކައޭ ކިޔާ މީހުން މިހަމަލާއާމެދު ދެކޭގޮތް ބަދަލުކުރުން އެއީ މިިސަރުކާރުގެ އަމާޒު. 2008 ގަ ވެރިކަމަށް އއައިސްވެސް އެންމެ އިސްކަމެއް ދިނީ ދިވެހިން ނަސްރުގެ ދުވަހާމެދު ދެކޭގޮތް ބަދަލުކުރަން. ސިފައއިން އެފަހަރު ބާއްވަން ތައްޔާރުވި ނޮވެމްވަރ 3 ގެ ފޮޓޯ މައުރަޒުވެސް ހުއްޓުވި. ޙަގީގަތެއް ބަދަލެއް ނުުކުރެވޭނެ.

    76
    9
  3. މުހައްމަދު އަހްމަދު

    މި ސަރުކާރުން ޤައުމު އަޅުވެތި ކުރުވައިފި

    76
    11
  4. ރައްޔިތުމީހާ

    ލުތުފީއަކީ އުމުރުން 12 އަހަރުން ފެށިގެން މަސް ބޯޓެއްގައި ކަނޑުމަގުން ކޮޅުނބަށް ފުރި ކުއްޖެއް. އޭނާ ލަންކާއަށް ބަދަލުވީ އަންހެނުން ގޮވައިގެނެއްނޫން. ލުތުފީއަކީ އުމުރުން 12 އަހަރުން ފެށިގެން ލަންކާގައި އުޅެމުން ދިޔަ މީހެއް. ލުތުފީ ދީފައިވާ ބަޔާނުގައި ފުށުއެރުންތަކެއް އެބަވެޭ. މި ބަޔާނަށް ރިއާޔަތްކޮށް ވަގުތު ނޫހުން ކުރު ޚުލާސާއެއް ގެނަސްދިނުމަކުން ނުފެދޭ. މި ހަނގުރާމަ ހިނގަން މެދުވެރިވި ސީދާ "ސަބަބަކީ" ކޮބާ ކަން ކަށަވަރު ކުރަން މަސައްކަތް ކޮލަން ގޮވާލަން. މިނޫނިއްޔާ ފެށޭ އަހަރު ލުތުފީ މިނިވަންވުމުން ސީދާ މި ހަނގުރާމަ ހިނގަން މެދުވެރިވި "ސަބަބު" ބަޔާންކޮއް ދިނުމަށް ލުތުފީގެ އަރިހުން އެދެން.

    40
    6
    • ކޮމެންޓު

      ލުތުފީ ކިބައި އެގެން ބޭނުންވާ އެއްވެސް ކަމެއް ނެތް. އޭނާ އަށް ހައްގު ވަނީ މަރުގެ އަދަބު އެކަނި

      81
      4
      • ރައްޔިތުމީހާ

        ލުތުފީ މެރުމައް ތިޔަ ބުނަނީ އޭނާ މެރި އެންމެ ދިވެހި ރައްޔިތެއްވެސް ހުރެގެންތަ؟؟
        ހެކި ނެތީސް ތޯތޯ ވަހާކަ ނުދައްކަބަލަ.

        6
        55
  5. ޖުހާ

    މިޔަކު ނެތް ނުދައްކާ ވާހަކައެއް

    63
    1
  6. ނިކް

    އެދުވަހާ ގުޅިގެން ބައެއް މީހުންނަށް ޝަރީއަތްކޮށް ހުކުމް ކުރީ މަޢުމޫނު ހިތަށް އެރި ގޮތަކަށް މަޢުމޫނު އެދުނު މީހުންނަށް..

    18
    30
  7. ޢަދުރޭ

    މީ ޙަޤީޤަތް ހާމަކުރުމަށްވުރެ ޙަޤީޤަތް ފޮރުވަން ލިޔެފައި އޮތް ލިޔުމަކާ ވައްތަރީ ! މުޅި ވާހަކައިގެ ޕްލޮޓް މިއޮތީ ލުތުފީ ކިޔާ މީހަކު އުފަންވީއްސުރެ ވެރިކަން ހޯދަން އުޅުނު އުޅުމުގެ ނަތީޖާއެއްގެ ގޮތުން ހިނގި ކަމެއް ކަމަށް ނޮވެމްބަރު 3 އެއީ ! މީގެ އަޑީގައި ފޮރުވިގެން ތިބި މީހުން ދިފާޢު ކޮށްދީފަ މިއޮތީ . ސިފައިންގެ އެތެރޭން ޝާހިދު ކިޔާ މީހަކު ޗާޓު ހޯދައި ދިނީ ޝާހިދު އަށް މާލޭން ފައިސާ ދިނީ ސިއްކަ ފައިސާގެ ވަރަށް ބޮޑެތި މުޢާމަލާތު މިކަމުގައި ހިނގާފަ ހުރީ މިވަރު ކަމެއް ލުތުފީ އެކަނި ކިހިނެއް ކުރާނީ . ބޯގޯސްތަ ؟

    46
    1
  8. އަބުދުﷲ

    ވަކިބަޔަކައް އިންސާފު ނުހިގާތީ ދިމާވިކަމެއް!

    28
    2
  9. އަހުމަދު

    މީގެ އެތައް އަހަރެއް ކުރިން ލިޔެފަ އޮތް ފޮތަކުން އެކަނި މައުލޫމާތު ނަގައިގެން އާޓިކަލް އެއް ލިޔެފަ "ނުދެކެވޭ ވާހަކަ" އޯލަ. ލޮލް.

    42
  10. ޏނ

    މިއީ އާ ވާހަކަތަކެއް އަދި ނުދައްކާ ވާހަކަ ތަކެއްނޫން

    31
    1
  11. މުހަންމަދު

    މި އާޓީކަލްގައި އޭރު ނުދެއްކޭ ނުވަތަ އެގިފައިނެތް މަޢުލޫމާތެއް ކޮބައިބާ؟؟މުޅިން ވެސް ތިހިރީ ސަރުކާރުން ނެރުނު ފޮތުގައިވެސް ހުރި ވާހަކަ.....

    33
  12. ސިފަ

    ވަގުތެވެ. އިންޑިއާ މީހުން އައި އިރު ތަމަޅައިންގެ ކިތައް މީހުން މަރުވެފަ ވާކަން އަދި އެމީހުންގެ ކޮމާންޑް ސްޓްރަކްޗާ އޮތްގޮތް ލިޔެލިނަމަ އެމީހުން އަބުރާ ފުރީ އިންޑިއާ މީހުން އައިިސްގެން ނޫންކަން ސާފު ވާނެ. މިއަކީ ހޯދައި ބަލަންޖެހޭ މަޢުލޫމާތެއް ނޫން. މިއީ ރަސްމީކޮށް ފޮޓޯ އާއި އެކީ ޑޮކިއުމެންޓް ވެފަ ހުރި އެއްޗެހި.

    34
    1
  13. އއޓ

    އިންޑިޔާއަކުންނެއްނޫން މިގައުމު ހިމާޔަތްކުރީ. ދިވެހި ސިފައިންގެ މިންނެއް މަސައްކަތުން. އިންޑިއާ އިން މިގައުމަން އާދެވޭ 1 ގަޑިއިރުން. އެކަމަކު އެމިހުން މިތަނައް އައީ މައުމޫނު ގުޅިތާ ކިތައް ގަޑިއިރުންތޯ ބަލާލަބަލަ. ދެން އެންމެފަހުން އެމީހުން މިތަނުން ނުފޭބުމުން އެންމެ ފަހުން މައުމޫނައްޖެހުނީ އަލިފްދާލުގަ އެދިގެން ހުރިހާ ގައުމެއްގެ ހިމާޔަތުގެ ގާނޫނެއް ފާސްކުރަން.

    36
    2
  14. ލުތުފީގެ ފެށުން

    ނުދައްކާވާހަކައަކީ ލުތުފީ މިދިވެހިރާއްޖޭގައި ނޮވެންބަރ 3 ެެ މާ ކުރީގެ ބަޣާވާތަކުގައިވެސް ބަެިވެރިވެފައި ވާވާހަކަ ލުތުފީގެ އެން ޅައުމުރުން ށިގެން ޒުވާން އުމުރުގެ ބޮޑުވައި ހޭދަކުރީ ބޮޑެތި ބަޣާވާތަކުގައި ބަެިވެރިވުމުގެ ސަބަބުން ޖަލުބަންދުން ރަށުބަންދުން ޖޭބަންތުން ކަން މިކަނޭނގޭ ކިތައްމެމީހެއް އެބސތިބިކަން މިމަޢުލޫމާތު ހުށައެޅުއްވި ފަރާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ މީ ލުތުފީގެ ހަޔާތުގެ ފެށުން މިހާތަނަށް ނޭނގިއޮތް މަޢުލޫމާތުތަކެއް މިލިޔުމުން އެނގިގެން މިދިޔައީ ގިނނަމީހު ލުތުފީ ދައްނަނީ ހަމައެކަނި ނޮވެންބަރ 3 ގެ ފަހުން ޙަޤީޤަތުގަވެސް ނުދެކެވޭވާހަކަތަކެއް މިލިޔުމުގައި އެބަވޭ ޝުކުރިއްޔާ !

    12
    5
  15. ބަބޫ

    އެކަމެއް ނިމި އިންޑިޔާސިފައިން ރާއްޖޭގައި ދުވަސްކޮޅަކު ތިބުމަށްފަހު ފައިބަން އެންގުމުން ނުފައިބާ ބުނީ އެމީހުންނަށް ބަދަލު ދިނުމަށް. ދެން ސަރުކާރަށް ޖެހުނީ އޭރުގައި ރާއްޖޭގައި އޮތް ޝިޕިން ލައިންގެ ބޯޓްތަށް ވިއްކާލާފަ ބަދަލުދޭން. މިއީ ބޯޓް ދަތުރުކިރަން އުޅުނު ތައްޓެއްސަކު އެ ޝިޕިންލައިން އުވި ދިއުމުހެ އަސްލެއް ކަމަށް ބުނި ވާހަކައެއް. މި ނޫހުން މިކަމުގެ ހަގީގަތް ހޯދައިދިނުން އެދެން

    29
    1
  16. ކާފދ

    ހަމަޖެހޭ ލިޔުމެއްތަ؟

    5
    9
    • ށަވިޔަނި

      މިވާހަކައިގަ ނެތެންނު މިކަމުގައި ބައިވެރިވި ދިވެހިންގެ ނަންތައް ލުޠުފީއާ ނާސިރު އެކަނިތަ؟

      16
      2
  17. ލައްޓި ހުޅުމާލެ

    ޓެރަރިސްޓުން ލަންކާއިން ފުރީ 2 ބޯޓްގަ އަދި ކަނޑުމަތިން އިތުރު ބޯޓެއް ފޭރިގެންކަމަށް ބުނަނީ.އެހެންވީމާ މާލެއަށް ޓެރެރިސްޓުން އައީ 3 ބޯޓަގަތޯ؟ މިތިންބޯޓަށް ވީކިހިނެއްތޯ؟ މީ ވަރަށް އޮޅުންއަރާކަމެއް.ކޮންމެސް ފަރާތަކުން މިކަން ސާފުކޮއްލަދީފާނަންތޯ؟

    17
  18. ދިވެހި ރައްޔިތެއް

    އަވަށްޓެރިޤައުމުތަކުން އެހީއަށްއެދި އެހީހޯދުމަކުން ޖެހިގެންއަންނަދުވަހު އެ އެހީތެރިވިޤައުމުން އެހީދިން ޤައުމުގެ ދާޚިލީ ކަންކަމަށް އުދުޅިބާނާކަށް އެއީ އެއްވެސްޤައުމަކަށް ބަލައިގަނެވޭނެ ކަމެއްނޫން. އަވަށްޓެރި ޤައުމު އޮންނަަންވާނީ އަވަށްޓެރިއެއްގެގޮތުގަ. ޢެހީދިނީ މިޤައުމުގެ ބިމުން ބައިއަޅަން ޝަރުޠުކޮށްފައެއްނޫން.

    32
  19. މަހިބަދޫ މީހާ

    މިކަމުގަ އިތުރު ހޯދުން ތަކެއް ހޯދަންޖެހޭ މިހެން މިބުނީ 1987،1988 މިދުވަސްވަރު ލުދުފީ އދ.ދިއްގިރި(އެއްރުށްހުރަ)މިރަށުގަ ވަރަށް ފުޅާކޮށް ދިރޭ ކުދިމަހާ ވެލާ ކަހަނބުގެ ވިޔަފާރި ކުރަމުން ދިޔަ އަދި އދ.ހަންޏާމީދޫގަ އޭނަގެ އަނބިދަރިން ގެނެސްފަތިބި އެމީހުން ދިއްގިރީގަ ސްޓާފުން ތިބުމަށާ ލުތުފީހުރުމަށް ހެދި ކޮޓަރިތަކާ މޫދުގަ މަހާ ވެލާކަހަނބު ގެންގުޅެން ހެދި ތަންތަނުގެ ބައިތައް މިހާރުވެސް އެރަށުގެ ފަޅުތެރެއިން ފެންނާނެ މިހެންވީ ރައްގިރުމުގެ ސަބަބުން ފޮއިންޓަކީ އެދުވަސްވަރު އޭނަކުރި މިވިޔަފާރީގެ ވާހަކަ ދައްކާއިރު އެއްވެސް ތަހުގީގެއް ނޫނި ބަޔާނެއްގަވެސް މިކަން ފެންނަން ނެތްކަން.އެކަމަކު މިދުވަސްވަރު އޭނަ އެވިޔަފާރި އެތާ ކުރިކަން އަރިއަތޮޅު މީހުން ޙާއްސަކޮށް އދ.ހަންޏާމީދޫގެ ވަރަށްގިނަ ރަށްޔިތުން ހަދާންހުންނާނެ އަދި އެތަނުގަ މަސައްކަތް ކުރި ވަރައްގިނަ ބަޔަކުވެސް ތިބޭނެ. މިކަމާބެހޭ އިތުރު ދިރާސާއެއް ކޮށްލުން ވަރަށް މުހިންމު އިތުރު އާ މައުލޫމާތު ހާމަ ވާނެކަމަށް ބެލެވޭ.

  20. އަބސީ

    ކޮބާ ސަގަރޭގެ އެއްވެސް ކުށެއްނެތް ހުދު ފޮތިކޮޅަކަށް ވީތަ؟

    18
  21. ާދަލޭކް

    އެމީހުން އެއުޅެނީ ވަރަށް ހިން ހަމަޖެހިލައިގެން 19 ދިވެހިން މަރާލާފަ. ތިނުބައި މީހުނަށް އެއިގެ އަޒާބު ފެންނާނެ

    7
    1
  22. ބަބޫ

    ނުދުދައްކާ ވާހަކައެއް ބުދެދީފާނަން. އިންޑިޔާ ސިފައިން ތިޔަ ކަމުގައި އައިސް ނުފައިބައިގެން ލާރިދޭނެ ޖެހިގެން ރާއްޖޭގެ އޭރު އޮތް ޝިޕިންގ ލައިނުން ބޯޓެއް ވިއްކާލައިގެން އެމިހުން އެ ކޮށްދިންކަމުގެ ބަދަލަށް ލާރި ދިނީމަ އެމީހުން ފޭބީ.

  23. އިންޑިއާ އިން

    ދެންވެސް ކަލޭމެން ކިޔާ އިންޑިއާ އައުޓު

    1
    7
  24. ެައަހުމަދު

    ދިވެހިންނަކީ ވ އަވަހާ ހަނދާން ނެތޭ ބައެށް. ތި ވާހަކަ ތަށް ތާޒާ ކަންމަތީ އަންނަ ޖީލަށް ފޯރު ކޮށްދޭން ޖެހޭ.
    މިއަދު ގެ ސަރުކާރުން ބޭނުމެށް ނުވާނެ އެދުވަހުގެ އެއްވެސް ވާހަކަ އެއް ދައްކާކަށް..

    • ފޗތފތފތޗތ

      އ ސުކުން ށ ސުކުން ނޭނގޭ އާލާތުން ގައުމުގެ ކަންކަމާ ފާޑު ނުކިޔާ ދޭބަލަ ދިވެހި ކުލާހަކަށް

      1
      1
  25. ެައަހުމަދު

    ލުތުފީ މިނިވަނެއްގެ ގޮތިގައި ދޫކޮއްގެން ނުވާނެ. އެއީ އެތަށް ދިވެހިނެއް ޝަހީދު ކުރި ބޮޑު ބާޣީ އެށް. މަރުވަންދެން އޭނާ ޖަލުގަ ބަހައްޓަން ސަރުކާރަށް ގޮވާލަން..

    • ފރޗރ

      ކޮން "އެތަށް"އެއް؟؟ ދިވެހި ބަހުގެ ބޭސިކް ސުކުން ނޭނގޭ އާލާތުން ކޮމެންޓު ނުކުރާނީ

  26. މޮހޮރު

    ތިޔަބުނާ ބޯޓްތައް ލަންކާއިން ފުރީ އޭރު ލަންކާގަތިބި އިންޑިއާސިފައިން ކޮންޓްރޯލްކުރަމުން އައިސަރަހައްދަކުން ކަމައްވަނީ އެހެންވީމަ އެމީހުނައްވެސް ތިކަން ހިނގާކަން އެނގޭނެތާ

  27. ހަސަން

    ދީނަށާއި ގައުމަށް ދެވަނަފަހަރަށް ހިޔާނާތްތެރިވުން ހުއްޓުވުމަށް ހިޔާނާތްތެރިން އަތުލެވުނުއިރު އެމީހުން ވޭންދެނިވިގޮތަށް ނުމެރީ ކީއްވެ؟

  28. ގަޓު ގަޓު

    “”ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ“މިފޮތް އަހަރެން ކިއާ ނިންމީ އުމުރުން 7 އަހަރުގަ . އޭރު ވެސް ލޭހޫނުވެ. މިހާ ދާހިއްލާ، ޓާގެޓަކަށް ވީ ލަންކާގެ ތަމަޅަ ބަޢީން މަރާ ހުސްކޮށްލުން، އަމިއްލައަށް ޓްރެއިނިންގް ހަދަން ފެށިން . ރުކެއްގައި މާކެއް ޖަހާ އެއީ ޓާގެޓަކަށް ބަލައިގެން ، ވަޅި، ކަތިވަޅި، ފުރޯ އަދި އުދަލިވެސް އުކާ ހެދިން. ލ

  29. އއއ ރާންބޯ

    މި އާރޓިކަލްގެ ހުރިހާ ކޮމެންޓެއް އަހަރެން ކިޔައިފިން. މައްސަލައިގެ ހަގީގަތާއި ހަމައަށް ދިއުމަށް ގާތްކުރާ އެއްވެސް މީހަކު ނެތް. 3 ނޮވެމްބަރ ގެ އަސްލު ވަނީ ފޮރުވާފަ. އެއީ ބޮޑު ގައުމެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް. އެކަމަކު ދިވެހީންނަށް މި ސިއްރުތައް މިހާރު އެނގެންޖެހޭ.