އެންމެ ފުރަތަމަ ކަސްރަތު ފެށީ ގޭގައެވެ. ދެން ފެށީ ދުވާށެވެ. ފުޓްބޯޅަ ކުޅެންވެސް ދިޔައެވެ. ބޭނުންވީ އަބަދުވެސް މަލާމާތް ރައްދުވާ ބަނޑު ހިންދާލުމެވެ. އެގޮތުގެ މަތިން އަހަރެއްހާ ދުވަސް ކުރިން ދުވަން ފެށިއެވެ. ހަށިގަނޑަށް ބަދަލެއް އާދޭތޯ ބަލަން ފެށި އެ މަސައްކަތުގ ތެރެއިން ފުޓްބޯޅަ ކުޅެން ގޮސް، އަނެއްކާ މިދިޔަ މަސް ތެރޭގައި އެ ފެށީ މުޅިން އާ ކަމެއް ކުރާށެވެ. ބައިސްކަލް ދުއްވާށެވެ.

ލ.ފޮނަދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދު (ހެޓްރިކް މޯޑް) މީގެ މަސް ދުވަސް ކުރިން ފަށައިގެން ދަރިފުޅާއެކު ކޮންމެ ދުވަހު ބައިސްކަލް ދުއްވަން ދެއެވެ. އެއީވެސް ވަރަށް ބޮޑު ކަސްރަތެކެެވެ. އަދި ހަމަ އެހެންމެ، ލާމު ލިންކް ފަދަ މަގެއްގައި، އެ ސަރަހައްދުގެ އެތައް ބަޔަކު ނުކޮށް ދޫކޮށްލާފައި އޮތް، ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

މޯޑު ބުނީ، ކަސްރުތުގެ ތެރެއަށް ދަރިފުޅުވެސް ވައްދާލަ ދިނީ ބައިސްކަލު ދުއްވުން ކަމަށެވެ. އެހެންވެ ދަރިފުޅާއި ދެމީހުން މިކަން ކުރުމަށް ބައިސްކަލެއް ގަނެގެން މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލާމު ލިންކުގައި ބައިސްކަލް ބުރު ޖަހަން ދާކަމަށް އޭނާ ބުންޏެވެ.

މޯޑް އާއި ދަރިފުޅު ބައިސްކަލް ދުއްވަން ގޮސް

މިގޮތަށް ދަރިފުޅާއެކު އޭނާ ބައިސްކަލް ބުރު ޖަހަން ދަނީ އަސަރު ނަމާދަށްފަހު ގާތްގަނޑަކަށް 16:30 ހާއިރުއެވެ. ބައެއް ފަހަރު ކުރިން އިރުއޮއްސުމުގެ ކުރިން ގެއަށް އާދެއެވެ. އަނެއް ބައި ފަހަރު ގެއަށް އަންނަނީ ނަމާދުގަޑިއަށެވެ.

"ބައިސްކަލް ދުއްވަން ފަށަނީ ގެއިން، ގެއިން ނައްޓާލައިގެން ބައެއް ދުވަހު ދަނީ ގަމާއި ހަމައަށް. އަނެއް ދުވަހު ދަނީ ކައްދޫ އާއި ހަމައަށް. އަނެއް ދުވަހު ދަނީ މާންދޫއާ ހަމައަށް." އޭނާ ބުންޏެވެ.

މޯޑް ބުނީ، ގޭތެރޭގައި ކަސްރަތު ކުރާ އެއްޗެއް (ދުވާ މެޝިނެއް) ބަހައްޓައިގެން ފުރަތަމަ ކަސްރަތު ކުރަމުންދިޔައީ އޭގެން ކަމަށެވެ.

"މެޝިން ބޭނުން ކުރުމުގައި އުޅެފައި ދެން މަގުމައްޗަށް ނުކުމެފައި ދުވަން ފެށީ، ދެން ދޭތެރެއަކުން ފުޓްބޯޅަ ކުޅެންވެސް ދަން. ފުޓްބޯޅަ ކުޅުނީމަ ބޮޑަށް އެބައި ރަނގަޅަށް ދަނީ، ސަރުބީވެސް ވިރެނީ". އޭނާ ބުންޏެވެ.

މޯޑް ބައިސްކަލް ދުއްވަން ގޮސް

އެހެން ނަމަވެސް މިހާރު އޭނާ މާބޮޑަކަށް ފުޓުބޯޅައައިގެން ނޫޅެއެވެ. އަދި ދުވާކަށްވެސް ނުދެއެވެ. ދުވަން ނުދެވުނީ ޕާޓްނަރެއް ނަގައިގެން ރޭގަނޑު ދުވަންގޮސްގޮސް ދެ މީހުންނަށް އެއް ދުވަހެއްގައި ދުވަން ދާން ވަގުތު ނުވުމެވެ. އެ ހުރިހާ ކަސްރަތަކަށްވުރެވެސް ބޮޑަށް ބައިސްކަލު ދުއްވުން ތަފާތުވި ސަބަބުތައްވެސް އެބަހުއްޓެވެ.

ދުއްވާނެ ތަން ލިބި، އެތަނުގެ ބޭނުން އެންމެ ރަނގަޅަށް ކޮއްލުމަށް ބައިސްކަލުގެ ކަސްރަތު ފުރިހަމައެވެ. ލާމުގެ ހިތްގައިމު މަގުގައި ދުއްވާލާ ދުއްވާލުމަކީ ހަށިގަނޑުގެ މަސައްތަކުގެ އިތުރުން މީހާގެ ސިކުނޑިއަށް ތާޒާކަން ގެނުވާނެ ހިތްގައިމު ކަމެކެވެ.

މޯޑް ބުނިގޮތުގައި، އޭނާ ދަރިފުޅާއެކު ބައިސްކަލް ދުއްވަން ފަށައިގެން، ފުރަތަމަ ކޮޅު ވަރުބަލިވާތީ ދަރިފުޅު އުޅެއެވެ. އެހެން ނަމަވެސް ފަހުން ނެގި އާ ބައިސްކަލާއެކު ދަރިފުޅަށްވެސް ފަސޭހަވެ މިހާރު ވަރުބަލިވެގެން ނޫޅޭކަމަށް މޯޑް ބުންޏެވެ.

މޯޑް އާއި ދަރިފުޅު ބައިސްކަލް ދުއްވަން ގޮސް

ބައިސްކަލް ދުއްވައިގެން ހަށިގަނޑަށް ރަނގަޅު ބަދަލެއް އަންނަ ކަމަށް އޭނާ ގަބޫލުކުރެއެވެ. އަދި ގިނަބަޔަކު އޭނާ އެކަބައިސްކަލް ދުއްވާތީ، ބައިސްކަލް ދުއްވަން ބޭނުންވެފައި ތިބޭ ކަމަށްވެސް މޯޑް ބުންޏެވެ.

މޯޑްއަކީ އަމިއްލަ ކާރަކާއި، އަމިއްލަ ދެ ސައިކަލުވެސް އޮންނަ މީހެކެވެ. އެހެން ނަމަވެސް އޭނާ ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކޮށްލައިގެން ބައިސްކަލަށް އަރައިގެން ލާމު ލިންކް ކުޑަ އެކުރަނީ ކަސްރަތު ކުރުމުގެ ބޭނުމުގައެވެ.

ލާމު ލިންކަށް ބައިސްކަލު ދުއްވުން ތައާރަފްކޮށް، އެކަން ވައިގައި ހަރުލެއްވުމަށް މީގެ ކުރިން ދެ ފަހަރެއްގައި ބައިކް މޯލްޑިވްސްއިން ވަނީ އެ މަގަށް ހާއްސަ ދުއްވުންތަކެއްވެސް ބާއްވާފައެވެ. އެހެން ނަމަވެސް ލާމުގެ މަގުން ހަވީރު ބައިސްކަލުގަ ފެންނަ މީހުން މަދެވެ. މޯޑުގެ ފެށުމަކީ އެތައް ބަޔަކަށް ފެށިގެން ދިޔަ ފެށުމެކެވެ. އެކަން މީހުންގެ ލޮލުގައި އަޅައިގަތީވެސް ބައިކް މޯލްޑިވްސްގެ ތައުރީފާ އެކުގައެވެ.

ބައިކް މޯލްޑިވްސްގެ ޕޭޖުގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ ލާމުން މޯޑު ދެއްކީ އުފާވެރި މަންޒަރެއް ކަމަށެވެ. ގަން ފޮނަދޫ މަގުގައި ބައިސްކަލު ޕްރޮމޯޓު ކުރުމުގެ ނިޔަތުގައި މޯޑު ފެށި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށް އެޖަމިއްޔާ އިން ބުނެފައި ވެއެވެ.

ތިމާވެއްޓާ ރައްޓެހި، ހަށިގަނޑަށް ދުޅަހެޔޮ، ރައްކާތެރި، ބައިސްކަލަކީ ގަން ފޮނަދޫގެ ރައްޔިތުން އާދަ ވާންވީ ވަސީލަތެެކެވެ. އުފާވެރި ހިތްހަމަ ޖެހޭ މާހައުލަކަށް ނުކުމެ، ހަށިގަނޑަށް ކޮށްދޭ އިހުސާސު ތަޖުރިބާކޮށްލުމަކީ މޯޑުގެ އެދުމަށްވާނެއެވެ. މާދަމާވެސް އޭނާއާއެކު އިތުރު ބަޔަކު ނުކުތުން ވެގެންދާނީ މޯޑާއި ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަވެސް ބައިސްކަލެެއްދިިީފިއްޔަަަަަަަަަަަެ ދުަަަުއްވާނަށް..

  2. ހުސޭނުބޭ

    އަމާންކަމުގައި ދެވެންޏާ މަވެސް ތާޢީދު! ސުވާލަކީ ސައިކަލު މުއްގަނޑު ފެލާލައިފައި ދުއްވާ ބޮޑު ހޭބަލިން ތި ލިންކްރޯޑުގައި ހަމަ ނޫޅޭނީހޭ!