ކޮންމެ ކުއްޖަކީވެސް އެހެން ކުދިންނެކޭ އެއްފަދައިން، ދުވެ ސަކަރާތްޖަހަން ބޭނުންވާނެ ކުއްޖެެކެވެ. ސްކޫލަށް ގޮސް ރަހުމަތްތެރިންނާއެކު މަޖާކޮށް އުޅެން ބޭނުންވާނެ ކުއްޖެކެވެ. ނަމަވެސް މިކަންކަމަށް ބައެއް ފަހަރު ތަގުދީރު ހުރަސް އަޅައެވެ. ހަރަކާތްތެރިކޮށް އުފާވެރިކޮށް އުޅޭ ކުޑަ ކުއްޖާވެސް ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލައެއްގެ ސަބަބުން ހޮސްޕިޓަލުުގެ އެނދަށް ކަސްތަޅު އެޅުވެއެވެ. މިއީ ބަލާލަން އެންމެ ހިތްދަތި އެއް މަންޒަރެވެ.

ހއ. އިހަވަންދޫ އަޒުހާރާ އާއި މޫސަގެ ދަރިފުޅު މުހައްމަދު މާއިން މޫސާ، އަކީ އުމުރުން ތިން މަހުގައިވެސް އަދި 2 އަހަރުގައި ވެސް ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ދިމާވެ އެކަމަށް ފަރުވާ ދީފައިވާ ކުއްޖެކެވެ. ނަމަވެސް އެ މައުސޫމު ކުޑަ ކުއްޖާގެ ފުރާނައަށް ނުރައްކާތެރިވާނެ ފަދަ ސިއްހީ މައްސަލަތަކެއް ހުރި ކަމެއްވެސް ނޭނގެއެވެ.

"ވަގުތު އެހީ" އިން މި ހަފްތާގައި މައުލޫމާތު މި ގެނެސްދެނީ މާއިންއަށް ދިމާވެފައިވާ ސިއްހީ މައްސަލައާއި އޭނާއަށް ފަރުވާ ހޯދުމަށް އާއިލާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ.

މާއިން އަކީ އުމުރުން ދެ އަހަރުގައި ކުޑަކަމުދާ ހޮޅީގައި މައްސަލައަކަށް ފަރުވާ ހޯދުމަށް އިންޑިއާގައި އޮޕަރޭޝަނެއްކޮށްފައިވާ ކުއްޖެކެވެ. އޭނާ އަކީ ސިއްހަތު ރަނގަޅުކޮށް ހުރި ކުއްޖެއް ކަމަށް އެންމެ ފުރަތަމަ ހީކުރެވިފައި އޮތް ނަމަވެސް އޭނާގެ އުމުރުން 11 އަހަރުގައި ދިމާވާން ފެށި ކަންތަކުން އެއީ ކުށް ހީ އެއްކަން އެނގެން ފެށިއެވެ. ހުރިހާ ކަމެއްވެސް ފެށިގެން ދިޔައީ މާއިންއަށް ނުކެވި ގައިގެ ވަރުދެރަވެ އިހަވަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ހިސާބުންނެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގައި ބޭއްވުމަށް ފަހު ދެން މާއިން ގެންދިޔައީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި މާއިންއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޭ އަޅައި، ފަރުވާދެމުން ދަނިކޮށް ފިޓްޖެހި އެހޮސްޕިޓަލުން ފަރުވާ ދެވޭވަރަށްވުރެ ހާލު ގޯސްވުމުން އައިޖީއެމްއެޗްއަށް ބަދަލު ކުރިއެވެ. މާއިންގެ ބަލި ހާލަތުު ހުރި ގޮތް އެނގުނީ އެ ހިސާބުންނެވެ.

ޑޮކްޓަރުން ބުނެފައި ވަނީ މާއިންގެ ދެ ކިޑްނީވެސް ފެއިިލް ވެފައިވާ ކަމަށެވެ. މާއިންގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާއިރު، މާއިން ދުނިޔޭގައި ހުރުމަށް ހަފްތާއަކު ތިން ފަހަރު ޑައިލަސިސް ހަދަންޖެހެ އެވެ. އަދި އެކަމަށް ދާއިމީ ފަރުވާ އެއް ލިބޭނީ ހަމައެކަނި ކިޑްނީ ޓްރާންސްޕްލާންޓުކޮށްގެން ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މާއިންއަށް ޑައިލަސިސް ފަރުވާ ދެމުންދާއިރު އެފަރުވާ ދިނުމަށް އޭނާގެ ހަށިގަނޑަށް ލައްވާފައި ހުރި ވަގުތީ ހޮޅީގައި ޖަރާސީމުވެސް އުފެދުނެވެ. އެކަމުގެ ސަބަބުން މާއިން އިތުރަށް ބަލިވެ އައިސީޔޫއަށް ވެސް ބަދަލު ކުރިއެވެ.

"ޑައިލަސިސް ހަދަން ކުރީގައި އިންނަނީ ވަގުތީ ހޮޅިއެއް ލައްވާފަ. އެ ހޮޅީގައި ޖަރާސީމު ހެދުމުގެ ސަބަބުން އައިސީޔޫގައި ބާއްވާފަ މިހާރު އަނެއްކާ ދާއިމީ ހޮޅި އެއް ލައްވާފަ އަދި އައިސީޔޫއަކުން ނު ނެރޭ. ޑޮކްޓަރު ބުނަނީ އަދި ނުބައިކޮންނޯ ހޮޅި ލެއްވިފައި އިނީ." މާއިންގެ މަންމަ ކިޔައިދިނެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އޭވީ ފިސްޓޫލާ ލެއްވޭނެ ގޮތެއް ނެތުމުން މާއިން އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގެންދިޔައެވެ. މިހާރު އެ ހޮސްޕިޓަލުގައި މާއިންއަށް ފަރުވާ ދެމުންދާތާ 2 މަސްވަނީއެވެ.

"ޑައިލެސިސް ހެދުމާ ގުޅިގެން ސައިޑް އިފެކްޓްސް ހުރޭ. ޖަރާސީމު އުފެދުމުގެ ސަބަބުން އޭނަ ހުންއައިސް އެކަހަލަ ކަންތައް ދިމާވަނީ." މަންމަ ބުންޏެވެ.

މާއިންގެ ފަރުވާއަށް ދީފައިވާ މުއްދަތު މިމަހުގެ 30 އަށް ހަމަވުމުން އާސަންދައިގެ އެހީ މެދު ކެނޑޭނެއެވެ. އެހެން ކަމުން މާއިން އިންޑިއާގައި ބަހައްޓައިގެން އިތުރަށް ފަރުވާ ދިނުމަށާއި، އިންޑިއާގައި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށް އާއިލާއަށް ވަނީ ފައިސާގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

މީގެ އިތުރުން މާއިންގެ ބައްޔަށް ދާއިމީ ފަރުވާާއެއް ހޯދުމަށް ކިޑްނީ ޓްްރާާންސްޕްލާންޓު ކުރަން ޖެހޭ އިރު، އެކަން ކުރެވެން އޮތީ ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް ލިބިގެންނެވެ. މާއިންގެ އާއިލާއިން މިހާރު ހޯދަމުން ދަނީ މާއިންއަށް ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެކެވެ.

މާއިންގެ ބަލި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން މާއިންގެ މަންމަގެ ފޯން ނަމްބަރު 7898999 އަށް ނުވަތަ 7644414 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުމަށް އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މާއިންގެ މަންމަ އައިޝަތު އަޒްހާރާގެ ބޭންކް އޮފް މޯލްޑިވްސް ރުފިޔާ އެކައުންޓް ނަމްބަރު 7714523536101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ މާއިންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޮލް

    އެހީއަށް ނޭދި ދުއާކުރޭ. ރިޒުގު ލިބޭނެ

    • ދެރަ

      އަވަސް ޟިފާޔަކައް އެދެން!

    • ނއ

      އަމިއްލަ ދަރިއަކަށް މިފަދަ ކަމެއް ދިމާވެއްޖެނަމަ ކޮންމެ މީހަކުވެސް އެވަރުގެ ތަނަވަސް ކަމެއް ނެތްނަމަ އަނެކާގެ ގާތުގަ އެދޭނެ. ޢެއްވެސް މީހަކު އެމީހެއްގެ ދަރިޔަކަށް ކުޑަވެސް ވޭނެއް ލިބުމަކަށް ނޭދޭނެ. ޙާއްސަކޮށް މައެއްގެ ހިތަށް ކެތްވެސް ނުވާނެ. މީހަކާއި ދިމާއަށް އެއްޗެއް ބުނުމުގެ ކުރިން ވިސްނާލުން ހުރި. ޔަޤީނުންވެސް ދުޢާ އަކީ މުޢުމިނުންގެ ހަތިޔާރު އެކަމަކު ދުއާ ކުރުމާއި އެކު ސަބަބު ތަކުގަ ހިފުންވެސް އޮވޭ. ޢަމިއްލައަށް ފަރުވާ ކުރާނެ ތަނަވަސް ކަމެއްނެތް ނަމަ އެހެން ބައެއްގެ ގާތު އެދުމަކީ މައްސަލައެއް ނޫން. މިދައްކަނީ ބޮޑު ބައްޔެއްގެ ވާހަކަ ދުވާލަކު 100 ހަރަދުކޮށްގެން ހަރަދުތައް ނުޗަލާނެ ވަރުގެ ބައްޔެއްގެ ވާހަކަ. ޢަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާށި

  2. ލޮލި

    ޢާމީނ

  3. Anonymous

    މާއިންއަށް އަވަސް ޝިފާއެއް ދެއްވާށި.......އާމީން

  4. މ

    އާމީން