މައިންބަފައިންނަކީ ތިމާގެ ހަޔާތުގައި އެންމެ މުހިންމު ވާން ޖެހޭނެ މީހުންނެވެ. އެހެނީ މައިންބަފައިންނަކީ އަޅުގަނޑުމެން މި މުޖްތަމައުއަށް ރަނގަޅު ތަރުބިއްޔަތަކާއެކު ނެރެން އެތައް ގުރުބާނީތަކެއްވާ ބަޔަކަށް ވާތީއެވެ. މައިންބަފައިންގެ ތެރެއިންވެސް އެންމެ ދަރަޖަ މަތިވެގެން ވަނީ މަންމައެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ ގޮތުގައި މައިންގެ ދަރަޖަ ބަފައިންގެ ދަރަޖައަށް ވުރެ ހަތަރު ގުނަ މައްޗެވެ.

ކަން މިހެން އޮތް އިރު މައިންބަފައިންނަށް އަދި ހާއްސަކޮށް ތިމާގެ މަންމައަށް ހައްގު ލޮތްބާއި އަޅާލުމާއި އިހުތިރާމު ދޭން ކޮންމެ ދަރިއަކުވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. މައިންބަފައިންގެ ގުރުބާނީތައް އަގު ނުކުރެވުނު ނަމަވެސް އެކަމުގެ ބަދަލު އެމީހުން މުސްކުޅުވާ ދުވަހު ދޭން ޖެހޭނެއެވެ.

ލ. ގަމަށް އުފަން އަބްދުލް ހަމީދު އަކީ އޭނާގެ މަންމަގެ ގުރުބާާނީތަކުގެ އަގު އަދާ ކުރުމަށް މަސައްކަތް ކުރަމުންދާ ދަރިއެކެވެ. އޭނާގެ މަންމަ، ލ. ގަން، ތުނޑި، ނިއްޝާ، އުމުރުން 62 އަހަރުގެ ސައުދިއްޔާ މުހައްމަދު އަކީ މިއަދު ކިޑްނީ ބަލީގެ ވޭން ތަހަންމަލު ކުރަމުންދާ ފަރާތެކެވެ. ހަމީދު ދަނީ އޭނާގެ މަންމަގެ ބައްޔަށް ޝިފާއެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

ސައުދިއްޔާގެ ކިޑްނީތަކުގައި މައްސަލަ ހުރި ކަން އެނގުނީ 2014 ވަނަ އަހަރު ފަޔަށް ދިމާވި މައްސަލައަކަށް ފަރުވާއެއްގެ ގޮތުން ދިން ބޭހެއް ކެއުމުން، އޭނާގެ ފަޔާއި މޫނު ދުޅަވާން ފެށި ހިސާބުންނެވެ. އެކަން ޑޮކްޓަރަށް ދެއްކުމުން އިތުރަށް ހެދި ޓެސްޓުތަކުން ދެއްކީ އޭނާގެ ކިޑްނީތަކުުގައި މައްސަލަ ހުންނަ ކަމަށެވެ.

އެފަހުން ބައޮޕްސީ ޓެސްޓު ހަދައި، އޭނާގެ ފަރުވާގެ ކަންކަން ފެށިއެވެ. ސައުދިއްޔާގެ ފަރުވާ ރާއްޖެއިން ފެށި އިރު މިހާރު އޭނާ ގޮވައިގެން ތިން ފަހަރު ވަނީ ރާއްޖެއިން ބޭރަށްވެސް ގޮސްފައެވެ. އެގޮތުން އެންމެ ފަހުން އޭނާ ގޮވައިގެން ފަރުވާއަށް ބޭރަށް ގެންދިޔައީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެެވެ.

"ފެބްރުއަރީ މަހު، ކިޑްނީ ފަންކްޝަން ދަށްވެގެން ގޮސް ގާތްގަނޑަކަށް ނުވަ ޕަސެންޓް މަސައްކަތް ކުރާތީ ގޮއްސަ ޑައިލަސިސް ހެދުމުގެ ގޮތުން ފިސްޓިއުލާ ލައްވައިގެން މިކޮޅަށް މި އައީ." ހަމީދު ކިޔައިދިނެވެ.

ފިސްޓިއުލާ އަކީ ޑައިލަސިސް ހަދާއިރު ހަށިގަނޑާއި މެޝިނު ގުޅުވާލާ ހޮޅި ލައްވާ ތަނެވެ. މިހާރު ސައުދިއްޔާގެ ހަށިގަނޑުގައި ފިސްޓިއުލާ ލައްވާފައިވާ ނަމަވެސް އަދި ޑައިލަސިސްގެ ދޭން ނުފަށައެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑައިލަސިސް ފަރުވާ ދޭން ފަށާނެއެވެ.

ޑޮކްޓަރުން ބުނެފައި ވަނީ ސައުދިއްޔާގެ ބައްޔަށް ދާއިމީ ފަރުވާއެެއް ލިބޭނީ ހަމައެކަނި ކިޑްނީ ޓްރާންސްޕްލާންޓެއް ހަދައިގެން ކަމަށެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓާއި ހަމައަށް ދެވެން ވާއިރަށް އޮތް ހަމައެކަނި ވަގުތީ ހައްލަކީ ޑައިލަސިސް ހެދުން ކަމަށެވެ.

މަންމަ ބަލިން ސަލާމަތް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ހަމީދާއި އޭނާގެ އާއިލާއިން ތިބީ ތައްޔާރަށެވެ. އެގޮތުން ހަމީދުގެ ބޭބެ ހުރީ މަންމައަށް އޭނާާގެ އަމިއްލަ ހަށިގަނޑުން ކިޑްނީއެއް ހަދިޔާ ކުރަން ތައްޔާރަށެވެ. ބޭބެގެ ލޭ ގްރޫޕަކީ އޯ ޕޮޒިޓިވް ކަމަށްވާއިރު، އޭނާގެ ކިޑްނީ އޭނާގެ މަންމަގެ ހަށިގަނޑާ ގުޅޭނެތޯ ބެލުމަށް ހަދާ ކްރޮސް މެޗް ޓެސްޓުގެ ނަތީޖާާ ރަނގަޅު ނަމަ އޮޕަރޭޝަނާއިގެން ކުރިއަށްދާނެއެވެ.

"ކެއުން ވަރަށް ދައްކޮށް އުޅެނީ، ކެއުން ވަރަށް ދަށް.... ބަރުދަން ލިއުވެފަ ބަރުވެފަ އެކަހަލަ ގޮތަކަށް. ކުރިއަށް ވުރެވެސް ދަށްކޮށް ދައްކަނީ.... މިދިޔަ ހަފްތާގައި އުޅުނީ ބަނޑަށް އުނދަގުވެފަ މޭ ދަށަށް އުނދަގޫވެފަ ހާސްވާ ގޮތެއް ވެގެން އުޅުނީ." ސައުދިއްޔާގެ ހާލަތު ހަމީދު ކިޔައިދިނެވެ.

ހަމީދުގެ ބުނީ ކެއުމުން ދަށްވުމާއި، ހަށިގަނޑަށް އަޅާ ވޭނުގެ އިތުރުން ބަލީގެ ސަބަބުން ނަފްސާނީ ގޮތުންވެސް މަންމައަށް އަސަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު މަންމަ ޑިޕްރެޝަންގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ފައިގައި ވަަރަށް ގިނަ ދުވަސް ވަންދެން ހުރި ފާރުގަނޑުއެއް އަނެއްކާވެސް ހަލާކުވެ އެކަމަށް ވެސް ފަރުވާ ކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ސައުދިއްޔާގެ ކިޑްނީ ބައްޔަށާއި ފައިގެ މައްސަލައަށް ފަރުވާ ބޭނުންވެފައިވާ އިރު އެކަން ކުރުމަށް ހުރި ހަމައަކަނި ހުރަހަކީ އާއިލާގައި އެވަރުގެ މާލީ ތަނަވަސްކަމެއް ނެތުމެވެ. އެހެންް ކަމުން އަބްދުލް ހަމީދު ވަނީ އޭނާގެ މަންމަގެ ފުރާނަ ސަލާމަތް ކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން ދީލަތި އެހީއަކަށް އެދިފައެވެ.

ސައުދިއްޔާގެ ބަލިހާލާއި ގުޅޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އަބްދުލް ހަމީދުގެ ފޯން ނަމްބަރު 7618806 އަށް ނުވަތަ ހުސެއިން އާރިފްގެ ފޯން ނަމްބަރު 7570464 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ސަމީހާ ލުޤުމާންގެ ބޭންކް އެކައުންޓް ނަމްބަރު 7704281078101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ. އަދި ސައުދިއްޔާގެ ޑޮލަރު އެކައުންޓަށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ. ސައުދިއްޔާގެ ޑޮލަރު އެކައުންޓު ނަމްބަރަކީ 7730000135365 އެވެ.

މާތް ﷲ ސައުދިއްޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!