ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ އިހުއްސުރެ ރާއްޖޭގައި އާންމުވެފައިވާ ހައްލުނުވި މައްސަލައެކެވެ. މި ކަހަލަ ކިތަންމެ މައްސަލައެއް ފެންމަތިވެ އެ މައްސަލަތަކަށް އިންސާފު ނުލިބި ނިމިދާ ވާހަކައަކީ އާންމު އަޑަކަށްވެއްޖެއެވެ. ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނަކީ ނަފްސާނީ މައްސަލަތައް ހުންނަބައެކޭ ބުނާމީހުންވެސް އެބަތިއްބެވެ. ތެދެކެވެ. އެމީހުންގެ އެ ހުންނަ ނަފްސާނީ މައްސަލަ މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށް މިއޮތީ ފެންނާށެވެ. އަމިއްލަ ދަރިފުޅަށާއި ކާފަ ދަރިއަށް ކޮންމެވެސް ފިރިހެނަކު ޖިންސީގޯނާ ކުރާ ވާހަކަ އަޑު ނީވި އަހަރެއް ނިމިގެން ނުދެއެވެ. އަމިއްލަ ދަރިއަށް ނުވަތަ އަމިއްލަ ލެއަށް ޖިންސީ ގޯނާ ކުރާނީ ކިހާ ބޮޑު ނަފްސާނީ މައްސަލައެއް ހުރީމަތޯއެވެ.

މިކަން ކުރާމީހުންގެ ހިފާ ހައްޔަރުކުރުމަށް ރައްޔިތުން ނިކުމުގެ ގޮވާލާ ކޮންމެ ފަހަރަކު ކަމާބެހޭ އިދާރާތަކުން ވަރަށް ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިއަށްދާތަން ދައްކައެވެ. އަދި މިފަދަ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށްވެސް ގެންދެއެވެ. ނަމަވެސް އާޚިރުގައި ކަން ނިމެނީ ޖިންސީ ގޯނާކުރާ މީހަށް ކާމިޔާބު ލިބިގެންނެވެ.

1987 ވަނަ އަަހަރު 4 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މާލޭގައި ރޭޕްކޮށް މަރާލިއެވެ. އެ އަމަލު ހިންގި މިހާގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ. އަދިވެސް އޭނާ މިމުޖުތަމައުގައި އަހަރެމެންނާއެކު އެބަދިރުއުޅެއެވެ. 1994 ވަނަ އަަހަރު ކާށިދޫގައި 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްލުމަށްފަހު މަރާލިއެވެ. އެކަން ކުރިމީހަށް ހުކުމް ތަންފީޒުކޮށް ނިމި މިހާރުވަނީ މިނިވަންވެފައެވެ. 2009 ވަނަ އަހަރު 8 މަހުގެ ތުއްތު ފިރިހެން ކުއްޖަކު ރޭޕްކޮށް މަސްތުވާތަކެތި ދިނުމުގެ ސަބަބުން ފަރުވާދެމުން ދަނިކޮށް ނިޔާވިއެވެ. މިކަން ކުރި މިހާ މިހާރު ހުރީ ޖަލުގައެވެ. މިއީ ވޭތުވެދިޔަ ތާގައި ހިގާފައި ހުރި މަދު މައްސަލަތަކެކެވެ. އަދި ބާކީ މިކަހަލަ ކިތަންމެ މައްސަލައެެއް އެބަހުއްޓެވެ.

އިއްޔެއަކީ އަނެއްކާވެސް މިޤައުމުގައި ތިބި އެތައް ދިވެހި ރައްޔިތުންނެއްގެ ހިތްތައް ކަރުނައިން ފުރުނު ދުވަހެކެވެ. ދެއަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު އޭނާގެ ކާފަގެ ޖިންސީ ޝިކާރައަކަށްވެ ދިޔަ ޚަބަރެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާ ޖެންޑާ މިނިސްޓްރީގެ ސަމަލުކަމަށްވެސް ގެނެވިއްޖެއެވެ. އަދި މި ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ ކާފައާއި މުނިކާފަވެސް ހައްޔަރުކޮށްފިއެވެ. އަދި މިކަމުގައި އިހުމާލުވި އެކުއްޖާގެ ބައްޕަވެސް ހައްޔަރުކޮށްފިއެވެ.

ދެންމިއޮތީ މި މައްސަލައިގެ ޝަރުޢީ މަރުހަލާތަކެވެ. ކޯޓުން މިމައްސަލަ ބަލަން ފައްޓާއިރު މި ތިން ބަފައިންގެ ދިފާއުގައި ވަރުގަދަ ކޮންމެވެސް ލޯޔަރަކު ނިކުމެ ވަކާލާތުކުރަން ފެއްޓުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. މިކަހަލަ މައްސަލަތަކުގައި މިހާތަނަށްވެސް ކަންހިގާފައިވާ ގޮތަކީމިއީއެވެ.

ދެން އަޑު އިވޭނީ ހައްޔަރުކުރި ތިން މީހުން އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ބެލެވޭ ހެއްކެއް ފެންނަން ނެތް ވާހަކައެވެ. އަދި މި ތިންމީހުންވެސް ދޫކޮށްލާތަނެވެ. މިއީ މިގައުމުގައި އިންސާފް ހޯދައިދޭ ގޮތެވެ. ޤާނޫންތައް ބައްޓަން ކުރެވިފައި ހުރިގޮތެވެ. މިމައްސަލައިގައި މިރޭ ކަމާގުޅުން ހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރާއިރު މިވާހަކަތައް ދައްކާ މިހާރު ހެދިފައިހުރި ޤާނޫންތަކުން މިފަދަ ދައްޖާލުންނަށް ނިޔާ ކަނޑައެޅޭނެގޮތެއްގައ ހޯއްދަވައިދެއްވަންވީ ނޫންތޯއެވެ. ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާއެއްގެ ޒިންމާ ފުރިހަމަ ގޮތުގައި ނަންގަވަންވީ ނޫންތޯއެވެ.

ޤާނޫންތައް ހުރިގޮތުން މިފަދަ ފަރާތްތައް ދޫކޮށްލަންޖެހޭ ނަމަ އެކަންވެސް އެގެނީ ތިޔަ މުއައްސަސާތަކަށެވެ. އެހެންވެއްޖެނަމަ އެ ޤާނޫންތައް އިސްލާހްކޮށް މިފަދަ ކަންކަން ތަރުކާރު ނުވާނެ އުސޫލެއް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސިޓީއާއި ލިއުންތައް ފޮނުވަންވާނީ ތި މުއައްސަސާތަކަކުން ނޫންތޯއެވެ.

ކޮންމެ ފަހަރަކު ތުއްތު ކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުވެދިޔައިމަ ނިކުމެ އަޑު ގަދަކޮށްފައި ގެއަށް ވަދެ ނިދާ އުސޫލު ދޫކޮށްލާކަށް ނުވޭތޯއެވެ. މި ޤައުމުގެ ރައްޔިތުން މިކަހަލަ ކަންކަމަށް ލޯހުޅުވާލަދީ މިކަންކަން ވާން މެދުވެރިވާ ސަބަބުތައް މުޅި މުޖުތަމަޢުގައި އަބަދާ އަބަދުމެ ދައްކަމާ ހިގާށެވެ.

ހަގީގަތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް މި ޤައުމުގެ ކިތައްމެ ކުއްޖަކުވެ ނިމިއްޖެއެވެ. އެކަމަކު އެކުދިން އެތިބީ ދުނިޔޭގެ ލަދަށް އެވާހަކަ ނުދައްކައެވެ. މި ޒަމާނުގައި އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ. އަމިއްލަ ބައްޕަ އާއި މަށްމަ ހޯދައި ނުދިން ރައްކާތެރިކަމެއް ދެން ހޯދައިދެވޭނީ ކާކަށް ހެއްޔެވެ. ހަމަގައިމުވެސް ޤައުމު ހިންގަން ތިބި ފަރާތްތަކާއި މުއައްސަސާތަކަށް މިކަން ކުރެވޭނެ މަގު ފަހިވެފައި އެބައޮތެވެ. މިކަމުގައި ރައްޔިތުންގެ ޚިޔާލަކަށް ދިއުމުގެ ޖާގަވެސް އެބައޮތެވެ. ނޫން ނަމަ މިހާރު ޤާނޫންގައި ހުރި ހުސްކަން ނައްތާލަން ޤާނޫނީ ވާކީލުންނާއެކުވެސް މިކަމަށް ވާހަކަދެއްކިދާނެއެވެ. ހަތްތަހާވެސް ކުރެވޭނެ ކަންކަމެވެ. އެކަމަކު މިއަޑު އަހާ މިކަން ކުރާނެ ބަޔަކު މި ޤައުމުގެ އިސްސަފަށް އަންނާނީ ކޮން ދުވަހަކުން ބާއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަރަންޓޭ

    އެޖެންޑާ 19 ތަފާތުވާނޭ އެޖެންޑާ 19 ތަފާތުވާނޭ އެޖެންޑާ 19 ތަފާތުވާނޭ ރޮޒޭމެން ތަފާތުވާނޭ ސިދާތާމެން ތަފާތުވާނޭ ސޭކު އިމްރާންމެން ތަފާތުވާނޭ ރީދޫ ފިކުރު ތަފާތުވާނޭ ކެނެރީ ގުންޑާ ތަފާތުވާނޭ ހެހެ ހޭ ލާދީނީ ވެރިކަން ތަފާތުވާނޭ....

    8
    1
  2. ލޮލީ ކަލޯ

    މަންމަ ޔާއި ބައްޕަ ނުހޯދައިދިން ރައްކާ ތެރިކަމެއް ކުޑަކުދިންނަކަށް ނުލިބޭނެއެވެ ދެންއޮތީ ގާނޫނުގެވާހަކައެވެ އަބަދު އަބަދު ކުށް ކުރާމީހުންގެ ދިފާއުގައި ސަރުކާރު ހަރަކާތްތެރިވަންޏާ ގާނޫނުގެ ދިގު އަތް މުގުރި ޕެރަލައިޒް ވެދެއެވެ ގާނޫން ނުކުޅެދޭ އޮރިޔަށް އޮތް އެއްޗަކަށްވީމަ ކުށްކުރާ މީހުންނަށް ހިތްވަރު ލިބެއެވެ ކުށްވެރިޔާ އާ ގާނޫން އަރާ ހަމަނުކުރެވޭނެ ކަން ކުށްވެރިޔާ އަށް އެގެއެވެ މިހިސާބުން ލަދެއް ހަޔާތެއްނެތި ބޮކްސާ އަތުކޮޅަށް އެއްލާލާފައި 80 އަހަރު ވަހުޝީ ކަމުގައި ދިރިއުޅުނު ކާފަވެސް ކުށްކުރުމަށް މަގުމަށްޗަށް ތިލަވެއެވެ

  3. Anonymous

    ހައްލަކީ އިސްލާމީ ޝަރީޢަތް

    10
  4. ފްރޭމްވޯކް ވާރޝަން 10

    ކަމުގެ އަޞްލަށް ރުޖޫޢަ ނުވެ އެންމެން ތެޅިފޮޅި ނޭވާ ނުލެވިގެން މި އުޅެނީ ކީއްވެތޯ؟
    ﷲ ތަޢާލާ ކަމެއް މަނާ ކުރައްވާނީ އެކަމުގެ ގެއްލުމާ ޙަލާކާ ފަސާދަ ބޮޑުވާނެތީ އެހެން ނޫންތޯ؟ އަންހެންނުން ކުރު ސޯޓާ ބޮކްސާ ތުރުކުރައްވައިގެން ހުރިހާ އެއްޗެއް ސޭލް އަޅުވައިގެން ޓިކްޓޮކް ބޫޓް ގޮއްވަމުން އުޅޭ މުޖުތަމަޢެއްގަ ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ހުންނާނީ ކްރޭޒީވާ ދަރަޖައަށް އުތުރި އަރާފަ އެހެން ނޫންތޯ.. ދެން ކިހިނެއްތޯ މި މައްސަލަ ހައްލު ކުރާނީ. އިނގްލިޝް ބާބޫ ބުނިހެން ދުނިޔެ ފަސާދަކޮއްލެވޭނީ ރާ ތައްޓަކާ އޮރިޔާމުން ހުރި އަންހެނެކޭ. އެއީ ތެދުފުޅެއް ނޫންތޯ؟.

    5
    1
  5. ޑ

    ހައްލު ވާނީ ކޮންމެ ފަރުދެއްވެސް ﷲ سبحانه وتعالى އަށް ފުރިހަމަޔަށް ކިޔަމަން ވާން ގަދައަޅާ މަސައްކަތްކޮށްގެން. މީހުން ދެކެ ބިރުން ނެއްނޫން ގޯސް ކަންތައްތައް ނުކުރަންވީ. ﷲ سبحانه وتعالى ދެކެ ބިރުން. ތިމާގެ އަމިއްލަ ފޮތް ހުޅުވާލެވޭ ވަގުތު ދެކެ ބިރުން. ހިސާބު ބެއްލެވޭ ވަގުތު ދެކެ ބިރުން. ނަރަކަ ދެކެ ބިރުން. ﷲ سبحانه وتعالى ގެ އަޒާބު ދެކެ ބިރުން. ﷲ سبحانه وتعالى ގެ ސުވަރުގޭގެ މަތިވެރި ނިޢްމަތް ލިބޭތޯ ﷲ سبحانه وتعالى އަށް ފުރިހަމަޔަށް އީމާންވެ ކިޔަމަން ވާންވީ. އޭރުން އަސްލު ހައްލު ވާނީ.

    4
    1
  6. ރައްޔިތުމީހާ

    ﷲ ބާވައިލެއްވި ޤާނޫނުގައި ތިހުރިހާ ކަމަކަށް ޙައްލުވޭ އެއަށް އަމަލު ކުރުން މުސްލިމުންގެ މައްޗަށް ވާޖިބު

  7. ސޮނިފުހޭ

    އަންހެން ކުދިން ބެލުމާ ބައްޕަޔާ ހަވާލު ނުކުރޭ ވަރަށް މަދު މީހަކުނޫނީ ގިނަ ބައްޕައިންނަކީ ކުރު ސޯޓު ލީ އަންހެންކުއްޖަކު ފެންނައިރަށް ބުއްދިފަސްވެ ހިޖުރައޮޅި ދީނެއް މިއްލަތެއްނޭގި ހޭބަލިވާ މީހުންނޯ

  8. ކާލޯ

    ނުވާނެ އެއީ ތިކަމްގަ އިސްކޮށް އުޅެނީ ތަންތަނުގެ އިސްކޮށް އުޅޭވެރިން ގޮޅީގަ ދެދުވަހު ހުންނައިރަށް ފައިސާ ނަގާ އެމީހަކު މިނިވަން ކުރާނެ. ދެން ކުށްވެރިވެ ގޯސްވާނީ އެކުށްޖާޔާ ހެކިދޭމީހާޔާ ބެލެނިވެރިން....މިގޮތް އޯކޭވީމަ މިހާދުވަހު ހަމަރާޖޭގަ މިކަންކަން މިހިގަނީ މީއަލަ ކަށްވީ ކަމެއްނޫ