މިމަހުގެ 15 ވަނަދުވަހު މާލެ އިން ފުރައިގެން ނ.އަތޮޅު ހޮޅުދުއާއި، ށ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރި "އަމާޒު" ބޯޓުން 98 މީހަކު ދަތުރު ކޮށްފައިވާ ކަމާއި، އެބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާކަން ސަރުކާރުން ހާމަކޮށްފައިވަނީ، މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ "އަމާޒު" ބޯޓު މާލެ އިން ފުރީ އޭޕްރީލް 15 ވަނަ ދުވަހު ކަމަށާއި، އެއީ މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނުނު ދުވަސް ކަމަށެވެ. އަދި ބޯޓު ފުރާފައި ވަނީ އެދުވަހު 15:00 ހާއިރު ކަމަށާއި، މާލެ ފުރަބަންދު (ލޮކްޑައުން) ކުރީ އެދުވަހު 15:30 ގައި ކަމުން، ބޯޓު ފުރާފައި ވަނީ މާލެ އިން ކޮވިޑް-19 ފެނުނުތާ ދެތިން ގަޑިއިރު ފަހުން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

އެ ބޯޓުގެ ކައްޕި، ކޮވިޑް-19 އަށް ފައިސިވުމާއި އެކު، މިކަމުގެ ބިރުވެރިކަން އެތައް ރަށަކަށް ވެރިވެގެން ދިޔައެވެ، ސަބަބަކަށްވީ، އެ ބޯޓުން ދަތުރުކުރި މީހުން، ނ، ށ، އަދި ހއ ބައެއް ރަށްރަށަށްވެސް ދަތުރުކޮށްފައިވާތީއެވެ.

އެގޮތުން، ނ. މާފަރު، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ އަދި ފީވަކުގެ އިތުރުން ހއ. އުތީމާއި އެ އަތޮޅު ދިއްދު އަށް ވެސް އެ ބޯޓުން ދަތުރު ކުރި މީހުން ގޮސްފައިވެއެވެ. މިހެންވުމުގެ ސަބަބުން، މިއީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވާ ކްލަސްޓަރއެއް ކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ކަންމިހެން ހުރުމާއި އެކު، "އަމާޒު" ބޯޓުން ދަތުރުކުރި މީހުން ތިބި ރަށްރަށަށް އަރައި ފޭބުން މަނާކޮށް އެ ރަށްރަށް މޮނިޓަރިންގެ ޙާލަތަށް ގެނައެވެ. އަދި އެ ބޯޓުން ދަތުރުކުރި އެންމެން އެޗްޕީއޭއަށް ރިޕޯޓު ކުރުމަށް އެނގިއެވެ. އަދި އެބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް އެޗްޕީއޭ އަށް ކޮންޓެކްޓް ޓްރޭސް ނުކުރެވިވާ މީހުން އެކަން އެޗްޕީއޭ އަށް އެންގުމަށްވެސް އެޗްޕީއޭން ވަނީ އިލްތިމާޞްކޮށްފައެވެ.

ދެން އެޗްޕީއޭ އިން މަސައްކަތް ފެށީ، އެ ބޯޓުން ދަތުރުކޮށްފައިވާ މީހުން ދެނެގަނެ، އެމީހުންގެ ސާމްޕަލްތައް ނެގުމަށެވެ. އެގޮތުން، ނަރުދޫން އެކަނިވެސް 22 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި އެރަށުގެ ކުދިބޮޑު އެންމެން އިންތިޒާރުކުރަމުން ދިޔަ މި ސާމްޕަލްތަކުގެ ތެރެއިން ބައެއް ސާމްޕަލްތަކުގެ ނަތީޖާ މިއަދު ވަނީ ލިބިފައެވެ. މި ސާމްޕަލްގެ ތެރެއިން 8 ސާމްޕަލެއްގެ ނަތީޖާ މި ބައްޔަށް ފައްސިވެފައިވާކަން އެ ރަށަށް އެންގި ޙަބަރު ވެެގެންދިޔައީ މީގެ ކުރިން ދުވަހަކުވެސް އެ ރަށަށް އައިސްފައިނުވާ ބިރުވެރިކަމާއި ހާސްކަމެއް ގެނުވި ހިތާމަވެރި ޙަބަރަކަށެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ފަހުން ފައްސިވި މީހުންގެ ތެރޭގައި ކައްޕިގެ އަންހެނުންނާއި، އޭނާގެ ތިން ދަރިންގެ އިތުރުން "އަމާޒު" ބޯޓުގެ ދެ ފަޅުވެރިއަކު ހިމެނެއެވެ.

ނަރުދުއަށް ވެރިވެފައިވާ ހާސްކަމުގެ ތެރެއިން، އެތައް ބަޔަކު ވަނީ އެމީހުންގެ އިޙްޞާޞްތައް "ވަގުތު" އާއި ވެސް ޙިއްސާކޮށްފައެވެ. އެގޮތުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، މިއީ މުޅި ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ބިރުވެރިިކަމެއް ކަމަށާއި، މި ބަލިމަޑުކަމުން ސަލާމަތް ކުރެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.

"ވަގުތު" އާއި ވާހަކަ ދެއްވި އިތުރު މީހަކު ބުނީ، ރަށު ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަކީ ވީ އެންމެ އަވަހަށް ކުރަން ޖެހޭ ކަމެއް ކަމަށާއި އެގޮތުން ރެންޑަމްކޮށް ނަމަވެސް ގިނަ ބައެއް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި އާދޭހާއި އެކު އެދޭކަމަށެވެ.

ނަރުދުއަށް ކުރިމަތިވެފައި މިވާ ދަތި އުނދަގޫ ޙާލަތާއި ގުޅިގެން މިކަމުގެ އަޞަރު އެންމެ ބޮޑަށް ކޮށްފައިވާ އެކަކީ، "އަމާޒު" ބޯޓުގެ ވެރިޔާ، ސަލީމެވެ. އެންމެ ދަންނަ ނަމުންނަމަ "ނަރުދޫ ސަމީލްބެ" އަށެވެ

"ވަގުތު" އަށް މަޢުލޫމާތު ހިއްސާކުރަމުން ސަލީމްބެ ބުނީ، ބޯޓުގެ ކައްޕި މި ބައްޔަށް ފައްސިވި ޙަބަރު އަޑުއެހީ ފުން ހިތާމަޔާއި އެކު ކަމަށާއި، އަދި އެންބަނޑު އެއްބަފާ ދެ މީހުންނަށްވެސް މި ބަލި ޖެހިފައިވާތީ ހިތަށް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމަށެވެ.

"ހަޔާތުގައި އައި ވަރަށް ހިތާމަވެރި ދުވަހެއް މީ. ކަމެއް ދިމާވާން ވެއްޖެއްޔާމު ވަރަށް ގިނަ ކަންކަން ހުންނާނެ ގޯސްކޮށް ކުރެވިފަ. ކީއްތޯ ކުރާނީ. އޮތީ ކެތްތެރިވުން. ﷲ އަށް ދުޢާ ދެންނެވުން." ވަރަށް އަސަރާއި އެކު ސަލީމްބެ ބުންޏެވެ.

މިހާތަނަށް އެޗްޕީއޭއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މުޅި ރާއްޖެއިން މި ބައްޔަށް 250 މީހަކު ވަނީ ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ، 99 ދިވެހިންނާއި، 151 ބިދޭސީންނެވެ. އަދި 18 މީހަކު މި ބަލިން ވަނީ ރަނގަޅުވެފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އައިއިރު، މި ބަލި 3,003,352 މީހަކަށް ވަނީ ޖެހިފައެވެ. މި ބަލީގައި 207,094 މީހަކު މަރުވެފައިވާ އިރު، ބަލި ޖެހިގެން ރަނގަޅުވީ 882,552 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 57,634 މީހެއްގެ ހާލު ސީރިއަސްއެވެ. އަދި 1,856,072 މީހެއްގެ ހާލު ގޯހެއް ނޫނެވެ.

މި ބަލި މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު، ފަގީރު ގައުމުތަކުގައި ކޮވިޑް-19 ފެތުރި، އެއް ބިލިއަން މީހުންނަށް ބަލި ޖެހި އޭގެ ތެރެއިން ތިން މިލިއަން މީހުން މަރުވެދާނެ ކަމަށް އިންޓަނޭޝަނަލް ރެސްކިއު ކޮމެޓީ (އައިއާރްސީ) އިން އާއްމު ކުރި ރިޕޯޓެއްގައ ވަނީ ބުނެފައެވެ.

މި ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ 34 ގައުމެއްގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތައް ދިރާސާ ކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ސީރިއާ އަދި ޔަމަން ވެސް ހިމެނެއެވެ.

"ވަރަށް ރަނގަޅަށް މަސައްކަތް ނުކުރެވިއްޖެނަމަ، އަދި މިހާރު ކުރެވިފައި ހުރި މަސައްކަތްތަކަށް ވުރެ އިތުރަށް، އިތުރު ގިނަ މަސައްކަތްތަކެއް ނުކޮށްފިނަމަ ކުރިއަށް އޮތް ހަފްތާތަކުގައި އެއް ބިލިއަން މީހުންނަށް ބަލި ޖެހި 1.5 މިލިއަން މީހުންނާއި 3.2 މިލިއަން މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ހިނގައިދާނެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

އައިއާރްސީގެ ވެރިޔާ މިލިބާންޑް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުން ކޮވިޑް-19 އަށް ތައްޔާރު ވާން ދެން މާގިނަ ދުވަހެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަވިޔަނި

    ހުޅުލޭ ބޮޑުމީހާތަ?

    3
    5
  2. ނަރުދޫ

    އަޑުގަދަ ކުރާ މީހުން އުޅޭ ރަށަކަށް ނުވާތީ އާންމު ގޮތެއްގައި ކަން ހިނގާނީ ދެރަކޮއް. ނިއުސް ކޮންފަރެންސާ ހަމައަށް އައި އިރުވެސް އެރަށާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް މަބްރޫކުގެ ނެތް. ސަރުކާރުގެ ފަރާތުން މަބްރޫކު އަންގަނީ އެރަށުގައި ވެސް ކަރަންޓު ފެސިލިޓީ ހުންނާނެ ކަމަށާއި ޓްރެއިން މީހުން ތިބޭނެ ކަމަށް. އެކަމަކު އެކަހަލަ ކަމަކަށް ކިރިޔާވެސް ބޭނުން ކުރެވޭނެ ތަނުގައި ހުރީ އެންމެ އެނދެއްލާފައި ހުރި އެންމެ ރޫމެއް ހުރި ތަނެއް. ސިއްހީ މަރުކަޒްގެ ހާލަތުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ. މިއައްވުރެ މިކަމުގައި ޒިންމާދާރުވާން ޖެހޭ. މާލޭ މީހުނަށް އެކަނިއެއްނޫން ޚިދުމަތް ދޭން ޖެހޭނީ

    27
    2
  3. ރާއްޖެތެރެ

    މިރަށް ނިސްބަތްވާ މަޖްލިސް މެމްބަރު ކޮބާ؟ ރައްޔިތުން ވަރަށް ހާލުގައި. ދިރިއުޅޭ ގެ ފިޔަވާ އެހެން ތަނެއްގައި އެކަހެރި ވެވެން ހުންނަން ވާނެ. މިވެސް މާލެ މީހުނަށް ނުވިޔަސް ދިވެހިން. ލޯނާ ހިލޭ އެހީއާ ހުރިހާ އެއްޗަކީ މި މީހުންވެސް ހިމެނޭ އެއްޗެހި. އަދި ބޯފެންފޮދުންވެސް އެމީހުންވެސް ޓެކްސް ވެސް ދައްކާ. އެންމެ ނުބައި ހާލަތަށް ދިޔަޔަސް ތައްޔާރު ކަމަށް ބުނާތާ އެތައް ދުވަހެއް. އަމަލާ ބަހާ ދިމާ ވާން ވާނެ

    26
    1