އިހު ޒަމާނުގައި އީދު ދުވަހަކީ އެކަކު އަނެކަކާ ބައްދަލުވެ، ސަލާންކޮށް، ހާލު އޮޅުން ފިލުވާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ޓެކްނޮލޮޖީގެ އީޖާދީ އުފެއްދުންތައް ރާއްޖެއަށް އައުމުގެ ކުރިން، އީދު ދުވަހަކީ ގާތް ތިމާގެ ގޭގެއަށް ގޮސް، އެކުވެރިންނާއި ގުޅުން ބަދަހިކޮށްލަން ފުރުސަތު ލިބޭ ދުވަހެކެވެ. ކާބަފައިންގެ ވާހަކައިން އެނގެނީ އީދު ނަމާދުން ފައިބައިގެން އެއް ގެއިން ސައި ބޮއި ނިންމުމަށް ފަހު، އަނެއް ގެއިން ސައި ބޮއިގެން، ހަމަޖެހި ނުލެވެނީސް އީދު ދުވަހުގެ މެންދުރު ކެއުމަށް އެހެން ކޮންމެވެސް ގެއަކުން ދައުވަތު ލިބޭ ވާހަކައެވެ.

ޒަމާން ބަދަލުވެ، މީޑިއާ އާއި މީސްމީޑިއާ އާއި ދޯޅުވެ، ރައްޓެހިވާ ވަރަކަށް ގޭގެއަށް ޒިޔާރަތްކޮށްގެން ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރުމުގެ އާދަ އައީ މަދުވަމުންނެވެ. ނަމަވެސް އީދުގައި އަމިއްލަ ރަށުގައި ހުންނަ ނަމަ، ގާތްތިމާގެ ގޭގެއަށް ޒިޔާރަތްކޮށް ނުލާ މީހަކު މަދުވާނެއެވެ. ގިނަ ފަހަރު އާއިލާ މީހުންނާއި ބައްދަލުވާނީވެސް މިފަދަ ދުވަސްތަކުގައެވެ. އަިދ ދިވެހިންގެ ސަޤާފަތް ހުންނަ ގޮތުން އެންމެން އެކުވެގެން، ބޮޑެތި ކެއުންގަނޑުގަނޑު ތައްޔާރު ކުރުމަކީ ކޮށް އުޅޭ ކަމެކެވެ.

އަދި ރަށުން ބޭރުގައި އުޅޭ މީހުންވެސް، އެ މީހަކު ހުރި ހިސާބެއްގައި ތިބި އެންމެ ގާތް ބަޔަކާއި އެކު އީދު ދުވަސް ހޭދަކުރަން ލޯބިކުރެއެވެ. ކަންދިމާކުރި ގޮތުން މި ފަހަރު އީދު ދުވަސް މިއައީ ސިއްހީ ކާރިސާއަކާއި ގުޅިގެން ފުރަބަންދުކޮށްފައި ވަނިކޮށެވެ. އެހެންކަމުން މި ފަހަރު އީދު ތަހުނިޔާ މީސްމީޑިއާ އާއި މެސެޖް މެދުވެރިކޮށް ފޮނުވާ މީހުންގެ އަދަދު އިންތިހާއަށް ގިނައެވެ.

ފޭސްބުކާއި، ޓްވިޓާ އާއި ވަޓްސްއެޕާއި ވައިބަ އަދި އެ ނޫންވެސް މީސްމީޑިއާގެ ވަސީލަތްތަކުން އީދު ތަހުނިޔާ ފޮނުވަން ފެށުމާއެކު އެއިން ކޮންމެ މެސެޖެއްް ހުޅުވައި އެއަށް ޖަވާބު ދިނުމަކީ ކުޅަދާނަކަމަކަށް ނުވެއެވެ. މިހެން އަންނަ މެސެޖްތަކާއި ހުރެ މި ދެ ދުވަހަކު މުހިންމު މެސެޖެއް އަޔަސް އެ ވެސް ފެންނާނެހެނެއް ހިއެއް ނުވެއެވެ. ވީޑިއޯ އާއި، ޅެމާއި އެ ނޫނަސް ތަފާތު އެކި ކަހަލަ މެސެޖްތަކާއެކު އީދު ތަހުނިޔާ ފޮނުވަމުންދާ އިރު، ގިނަ މީހުންގެ މީސްމީޑިއާ އިންބޮކްސްގައި ހާހުން މެސެޖްތައް ނުހުޅުވައި އެބަހުއްޓެވެ.

އެހެންކަމުން އީދު ނިމޭ އިރު ވެސް، މި މެސެޖްތަތަކަށް ޖަވާބު ދެވޭނެ ހެނެއް ހިއެއް ނުވެއެވެ. ޚާއްސަކޮށް އެކި ބޭނުމަށް ހަދާފައިވާ ވައިބަ ގްރޫޕްތަކުގައި އަންނަ މިފަދަ މެސެޖްތައް ގިނައެވެ. އެއީ އެފަދަ ގްރޫޕްތަކުގައި އެތައް 100 ބަޔަކު ތިބޭ އިރު އޭގެ ތެރެއިން ގިނަ މީހުން ހުރިހާ ގްރޫޕަކަށް ވެސް އީދު ހަދިޔާ ފޮނުވަމުން ދިއުމެވެ. ހަގީގަތަށް ބުނާ ނަމަ އީދު ތަހުނިޔާ އަރިސްކުރުމަކީ ރީތި، ހިތްގައިމު އާދައަކަށްވީނަމަވެސް މި މެސެޖްތަކާއި ހުރެ ކޮންމެވެސް ވަރަކަށް އުނދަގޫވާ ފަހަރުވެސް އާދެއެވެ.

އެއް މެސެޖެއް ތަކުރާރުކޮށް އެތައް ފަހަރަކު ކުރުމާއި، އެފަދަ މެސެޖްތައް ފުނިޖެހި މުހިންމު މެސެޖްތައް ނުފެންނަ ގޮތްވުމަކީ މަދުން ނަމަވެސް ވާގޮތެކެވެ. އެކަމަކު އާއިލާ އާއި ރައްޓެހިންނާއި ދުރުގައި ތިބޭ އިރު، އީދުގެ ތަހުނިޔާ މެސެޖެއް ލިބުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    މިތަނަށް ކަލާ ރަންއޭ އަނެކެއްޗެކޭ ކިޔައިގެން ރަނގަޅަށްވެސް އިންޑިޔާގެ ހިންދޫން ފާހަނގާކުރަށް ދުވަސްތަށް ރަނގަޅަށްވެސް ތަޢާރަފް ކޮށްފި!