މި އަހަރުގެ ފިތުރު އީދު ނަމާދު، މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާ އާއި އެ މިސްކިތުގައި ބޭރުގައި ފުރިހަމަކޮށް މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދައިފިއެވެ.

ނިމިގެން ދިޔަ ރޯދަ މަސް ފެށުނު ފަހުން އަގްސާ މިސްކިތުގެ ތެރެއަށް އިސްރާއީލް ފުލުހުންނާއި ސިފައިން ވަދެ، އެ ތަނުގެ ހުރުމަތް ވަނީ ކަނޑާލައިފައެވެ. ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާކޮށް އެ މިސްކިތުގެ ތެރެއިން އެމީހުން ގަދަކަމުން ނެރެ، ބައެއް މީހުން ވަނީ ގަދަބާރުން ހައްޔަރު ވެސްކޮށްފައެވެ.

އެކަމަކު، ފަހުން، ފަލަސްތީން ރައްޔިތުން ވަނީ އިސްރާއީލް ސިފައިންނާއި ފުލުހުންގެ ބިރަށް ނުސިހި، އަގްސާ މިސްކިތް ތެރޭގައި އެމީހުންގެ ކޮންޓްރޯލް ހޯދައިފައެވެ. އެންމެ ފާހަގަކޮށްލެވުނު އެއް ރެއަކީ ރޯދަ މަހުގެ 27 ވިލޭރޭ ފަލަސްތީން މުސްލިމުން އަގްސާ ފުރާލައި، އެ ތަނުގައި ކުރި އަޅުކަންތަކެވެ.

ފަލަސްތީންގެ މުސްލިމުން އަގްސާ މިސްކިތް ބޭރުގައި ނަމާދު ކުރަނީ.

ލައިލަތުލްގަދުރި ވިލޭރޭ ހޯދުމަށް ފަހު ދިހައިގެ ދުވަސްތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުން ރެއާއި ދުވާލު އަޅުކަން ކުރެއެވެ. އޭގެ ތިން ދުވަސް ފަހުން މުސްލިމުންނާ ބައްދަލު ކުރީ ފިތުރު އީދެވެ.

ފިތުރު އީދު ދުވަހު އަގްސާ މިސްކިތުގައި އީދު ނަމާދު ކުރުން މިއަދު އޮތް އިރު، ގިނަ އަދަދެއްގެ ބަޔަކު މިސްކިތުގައި އާއި ބޭރުގައި ނަމާދު ކުރަން ތިބި މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާންމުވެފައެވެ.

ފަލަސްތީންގެ މުސްލިމުން އަގްސާ މިސްކިތް ބޭރުގައި ނަމާދު ކުރަނީ.

ރިޕޯޓުތައް ބުނާ ގޮތުގައި އަގްސާ މިސްކިތަށް ތިން ލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ގޮސް ފިތުރު އީދު ނަމާދުގައި ވަނީ ބައިވެރިވެފައެވެ.

އިސްރާއީލް ސިފައިންނާއި ފުލުހުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން އަގްސާ މިސްކިތުން މުސްލިމުން ފޮނުވާލައިފައެވެ. އަދި މިސްކިތް ދޫކޮށް ދާން ދެކޮޅު ހެދި މީހުންގެ ގައިގައި މުގުރު ބުރިން ތަޅައި ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ.

މި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވީ އެއީ އިސްރާއީލް ސިފައިން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ. އަގްސާ މިސްކިތުގައި އަޅުކަން ކުރުމަކީ އިސްރާއީލް ސިފައިންގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން ކަމަށާއި، އެ ތަނުގައި އަޅުކަން ކުރުމަކީ ފަލަސްތީން ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.