ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ތ. އަތޮޅު ކިނބިދޫއަށް ނިސްބަތްވާ މީހުން ހުޅުމާލޭގެ ބީޗްގައި ކުޅިވަރުގެ ހަރަކާތްތައް ބާއްވާ، ރަށަށް ނިސްބަތްވާ ގިނަބަޔަކު އެއްތަން ކޮށްފިއެވެ.

ކިނބިދޫއަށް ނިސްބަތްވާ މީހުންގެ ފަރާތުން އިންތިޒާމް ކުރި މި ހަރަކާތުގައި ބައިވެރިވީވެސް އެރަށަށް ނިސްބަތްވާ މީހުންނެވެ.

ކިނބިދޫއަށް ނިސްބަތްވާ ޒުވާނުންތަކެއް ހުޅުމާލެ ބީޗްގައި ބޭއްވި އިދު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން

މިއަދު ހެނދުނު 8:30 އިން 11:30 އަށް ހުޅުމާލޭގެ ދިރާގު ފަހަތު ގޮނޑުދޮށުގައި ކިނބިދޫ ރައްޔިތުން އެއްވެގެން ކުޅިވަރުގެ އެތައް ހަރަކާތެއް ބޭއްވިއެވެ. މި ހަރަކާތްތައް ބަލަން އެ ސަރަހައްދަށް ގިނަބަޔަކު އެއްވި ކަަމަށްވެސް މި ހަރަކާތް އިންތިޒާމް ކުރުމުގައި އުޅުނު އޮފިޝަލަކު ބުނެފައި ވެއެވެ.

ކިނބިދޫއަށް ނިސްބަތްވާ ޒުވާނުންތަކެއް ހުޅުމާލެ ބީޗްގައި ބޭއްވި އިދު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން

އެ އޮފިޝަލް ކިޔާދިންގޮތުގައި، މިއަދުގެ ހަރަކާތަށް އެރަށަށް ނިސްބަތްވާ 150 އަށްވުރެ ގިނަ މީހުން އެ ސަރަހައްދަށް އެއްވެ، ކުޅިވަރުގެ ހަރަކާތްތައް ބަލާފައި ވެއެވެ. އަދި މި ހަރަކާތުގައި އެރަށަށް ނިސްބަތްވާ 50 އަަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ.

މި ހަރަކާތްތައްް ކުރިއަށް ގެންގޮސްފައި ވަނީ "ކިނބިދޫ ސްޓައިލް" ގައެވެ.

ކިނބިދޫއަށް ނިސްބަތްވާ ޒުވާނުންތަކެއް ހުޅުމާލެ ބީޗްގައި ބޭއްވި އިދު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން

އެގޮތުން އެ ސަރަހައްދުގައި ފޯރިއާއެކު ކުރިއަށް ގެންދިޔަ އީދު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރޭގައި

  • ވާދެމުން
  • ގޯނި ރޭސް.
  • ތިން ފައި ރޭސް.
  • ކަނު ބަނދެގެން ބޯޅަ ހޯދުން.
  • ބާރަށް ހިނގުމުގެ ރިލޭ ރޭސް.
  • ކޮރޭ ބައިބަލާ.
  • އުކާ އުޅުން.
  • ބިސް ރޭސް.
  • ފުށް ތަށިން ބައި ރުފިޔާ ނެގުން

"ވަރަށް ތަރުހީބު ބޮޑުކޮށް ފޯރިގަދަކޮށް ހަރަކާތްތައް ކުރިއަށް ދިޔައީ. ރަށު މީހުން ބައިވެރިކޮށްގެން. ކުރިއަށް ގެންދިޔަ ހަރަކާތެއް". އޮފިޝަލް ބުންޏެވެ.

ކިނބިދޫއަށް ނިސްބަތްވާ ޒުވާނުންތަކެއް ހުޅުމާލެ ބީޗްގައި ބޭއްވި އިދު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން

އޮފިޝަލް ބުނީ، މި ހަރަކާތް އިންތިޒާމް ކުރުމުގެ ބޭނުމަކީ ރަށަށް ނުދެވި ތިބި މީހުންނަށް، މި ހާއްސަ އީދު ކުޅިވަރުގައި ބައިވެރިވެ ބަލާލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

މިފަހަރު އީދާއި ގުޅުވައިގެން މާލެ އާއި އަތޮޅު ތެރޭގައިވެސް ތަފާތު ކުޅިވަރުގެ ހަރަކާތްތައް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް އޮތް ދެ ދުވަހުވެސް ބާއްވާނެއެވެ.