131 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން މިރޭ މާލޭގައި އެރުވި ހަވާ ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެއްޖެއެވެ. ކުދިބޮޑު އެތައް ސަތޭކަ މީހުންނަށް ޖުމުހޫރީ މައިދާނަށް ޖަމާވެ އެމްއެންޑީއެފްއިން ހަވާ އެރުވި މަންޒަރު ވަނީ ބަލާފައެވެ. ހަވާ އަރުވާފައި ވަނީ މިރޭ 8:20 ހާއިރު އެވެ.

ސިފައިންގެ އަހަރީ ދުވަހާއި ގުޅުވައިގެން ހަވާ އެރުވުން ފިތުރު އީދު ދުވަހާއި ދިމާވުމުން ހަވާ ބަލަން ނިކުތް މީހުންގެ އަދަދު އިތުރުވިއެވެ.

މިރޭ މާލޭގައި ހަވާ އަރުވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިރޭ މާލޭގައި ހަވާ އަރުވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފަހަކަށް އައިސް ހަވާ އެރުވުމަކީ މާލޭގައި ކުރިއަށް ވުރެ އާއްމުކޮށް ކުރާ ކަމެއް ނަމަވެސް ހަވާ އަރުވާ ކޮންމެ ރެއަކު ވެސް އެމަންޒަރު ބަލަން އެތައް ބަޔަކު ޖަމާވެއެވެ.

އެމްއެންޑީއެފްއިން ވަނީ ޖުމްހޫރީ މައިދާނުގައި ޢާންމުންނަށް ހުޅުވާލައިގެން އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުމެއް ވެސް ބާއްވާފައެވެ. އެމަންޒަރު ބެލުމަށް ވެސް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ސިފައިން ވަނީ އެކި އެކި ހަރަކާތްތައް ރާވާފައިއެވެ. އެގޮތުން، މިއަދު ހަވީރު 16:00 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުމެއްވެސް ވެސް ބާއްވާފައި ވެއެވެ.

މިރޭ މާލޭގައި ހަވާ އަރުވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިރޭ މާލޭގައި ހަވާ އަރުވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއަދު ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައި ވެއެވެ. މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ސިފައިންގެ 131 ވަނައަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރު، "ސިފައިންގެ ބަދަހިކަން - ގައުމުގެ ހަމަޖެހުން" އިއުލާން ކޮށްދެއްވާފައެވެ. މީގެއިތުރުން ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 33 ވަނަ އަދަދު ވެސް ވަނީ ނެރެއްދެއްވާފައެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރަސްމީ ޖަލްސާއެއް ވެސް އަދި ބާއްވަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާރިޔާ

    ފިދަނަ ތަކުގެ ހަވާ އެރުވުން

  2. ހަސަނު

    ދިވެހިންސް ވެސް ދޯދެން! ބަލާ ބަލާ ފޫހި ނުވި އެއްޗެއްތަށް ތީ ؟ 2 މީހަކު ފޮޑި ޖަހަންނާ އެތަކަށް ވެސް ދާނެ

    3
    1