ކޮވިޑް-19 ފެތުރުމުގެ ކުރިން ރާއްޖޭގައި ހުރި ވެންޓިލޭޓަރުތަކުގެ އަދަދު 100 އަށް ނާރައެވެ. ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި، 149 ވެންޓިލޭޓަރު ގެނައުމަށް ސަރުކާރުން ތިން ކުންފުންޏަކާ ހަވާލު ކުރިއެވެ. އެކަމަކު، އެ މަސައްކަތް ތިން ކުންފުންޏާ ހަވާލުކުރުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އެކިއެކި ފަރާތްތަކުން ތުހުމަތުކުރިއެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭތީ ތިން ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ހަވާލުކުރި ގޮތާ ގުޅޭ ގޮތުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގަކަށް ދިޔައެވެ. އެކަމަކު، އޭސީސީގެ ތަހުގީގު ރިޕޯޓުގައި 57.2 މިލިއަން ރުފިޔާ ހޭދަކޮށްގެން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހަވާލުކުރުމުގައި ގޯސްތަކެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތް ކަމަކަށް ފާހަގައެއް ނުވިއެވެ.

ރާއްޖެ އަށް 18 ވެންޓިލޭޓަރެއް ގެނެސްފި

މި ވެންޓިލޭޓަރުތަކަކީ ވަރަށް އަވަހަށް ހޯދަން ޖެހޭ ތަކެތި ކަމަށްވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ދެ ކުންފުންޏަކަށް ތަކެތި ގެނައުމަށް ހަވާލު ކުރިއެވެ. އެ ދެ ކުންފުންޏަކީ މެޑްޓެކް މޯލްޑިވްސް އާއި ނާޑް ޕްރައިވެޓް ލިމިޓެޑެވެ.

ރާއްޖެ އަށް އިތުރު 10 ވެންޓިލޭޓަރެއް ގެނެސްފި

ނަމަވެސް ވެންޓިލޭޓަރުތައް ކުންފުނިތަކުން ކަނޑައަޅާފައިވާ މުއްދަތުގައި ގެނައުމަށް ބޮޑެތި ދަތިތަކެއް ދިމާވިއެވެ. އެއީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ފުރަބަންދަކަށް ދިއުމާއި އެތަކެތި އުފައްދާ ކުންފުނިތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިވާ އިރު، ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން ތަކެތި ސަޕްލައި ކުރުމަށް ލަސްތަކެއް ދިމާވިއެވެ. ދެ ކުންފުންޏާ ހަވާލު ކުރި ވެންޓިލޭޓަރުތައް ސަޕްލައި ކުރުމުގައި ލަސްވެދާނެ ކަމަށް ގަބޫލު ކުރެވޭތީ، ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް އިން އަގު ހޯދައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ތެރެއިން ވެންޓިލޭޓަރުތަކެއް ސަޕްލައި ކުރަން ހަވާލުކުރިއެވެ.

ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް އޮތް ކަމަކަށް އޭސީސީ އަށް އަދި ނުފެނޭ!

މިހާތަނަށް ވެންޓިލޭޓަރުތައް ގެނެސްދީފައި ވަނީ އެގްޒެކިއުޓާސް ކުންފުންޏާއި މެޑްޓެކް މޯލްޑިވްސް އިންނެވެ. އެގޮތުން އެގްޒެކިއުޓާސް އިން ގެނެސްދީފައި ވަނީ 75 ވެންޓިލޭޓަރުގެ ތެރެއިން 10 އެވެ. މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރުގެ ތެރެއިން ވަނީ 18 ވެންޓިލޭޓަރު ގެނެސްދީފައެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރި ކުންފުނިތައް:

1- ނާޑް ޕްރައިވެޓް ލިމިޓެޑް: 24 ވެންޓިލޭޓަރު (8.3 މިލިއަން ރުފިޔާ)

2- މެޑްޓެކް މޯލްޑިވްސް: 50 ވެންޓިލޭޓަރު (14.4 މިލިއަން ރުފިޔާ)

3- އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން 75 ވެންޓިލޭޓަރު (34.5 މިލިއަން ރުފިޔާ)

މިހާތަނަށް ގެނައި ވެންޓިލޭޓަރުތަކުގެ ތަފްސީލްތައް:

1- ހަތަރު ޕޯޓަބަލް ވެންޓިލޭޓަރު.

2- 18 ވެންޓިލޭޓަރު، މި ތަކެތި ގެނައީ މެއި 18 ވަނަ ދުވަހު.

3- 10 ވެންޓިލޭޓަރު، މިތަކެތި ގެނައީ މެއި 21 ވަނަ ދުވަހު.

4- ބާކީ ހުރި 117 ވެންޓިލޭޓަރު ދާދި އަވަހަށް ރާއްޖެ ގެންނާނެ.

"ވެންޓިލޭޓަރުތައް ހޯދަން އުޅުނީ އިތުބާރު ކުރެވޭ މަގަކުން"

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން "ވަގުތަށް" ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދަން އުޅުމާއި ހޮސްޕިޓަލްތަކުގެ އެނދުތައް އިތުރު ކުރުމާއި އަލަށް ފެސިލިޓީތައް ހެދުމުގެ މަސައްކަތަކީ ވަރަށް ނާޒުކު ވަގުތެއްގައި އަދި ކުރު މުއްދަތެއްގެ ތެރޭގައި ނުކުރެވިއްޖެ ކަމަށްވާ ނަމަ، އެކަމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވި ދުވަސްކޮޅެއް ކަމަށެވެ. އެކަން ކުރެވޭނެ ކުރު މަގަކުން ރަނގަޅަށް ކުރަން ވިސްނެވި ކަމަށް އަމީން ވިދާޅުވިއެވެ.

"އެހެންވީމަ ވެންޓިލޭޓަރު ކަމަށްވިޔަސް، ހޮސްޕިޓަލްތަކަށް އެނދުތައް ގެނައުމަށް ކަމަށްވިޔަސް، އަދި އެ ނޫން ވެސް ކޮންސިއުމަބްލްސް ކަމަށްވިޔަސް، ދެން ހުރި ވަސީލަތް ގެނައުމަށް ވަރަށް ގިނަ ތަކެތި ހޯދަން ޖެހުނު،" އަމީން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކަކީ އުފައްދާފައި ހުރި ތަކެތި ކަމަށް ނުވާތީ، އެތަކެތި ހޯދުމުގައި ބޮޑު ގޮންޖެހުމެއް ދިމާވި ކަމަށް އަމީން ވިދާޅުވިއެވެ. ހާއްސަކޮށް ވެންޓިލޭޓަރަކީ ހޯދަން އެންމެ އުނދަގޫވި އެއްޗަށްވި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ހޯދަން ކުންފުނިތަކާ ހަވާލު ކުރީ ހެލްތު މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، އިތުބާރު ކުރެވޭ މަގަކުން ކަމަށް އަމީން ވިދާޅުވިއެވެ. އެކަމަކު، ވަގުތުން ވަގުތަށް އެއްޗެހި ހޯދުމުގައި ދަތިތައް ދިމާވި ކަމަށް އަމީން ވިދާޅުވިއެވެ.

"އަދިވެސް އެބަހުރި އެ ދަތިކަން، ވެންޓިލޭޓަރުތައް އެކަންޏެއް ނޫން. ވަރަށް ގިނަ ވަސީލަތްތައް އެބަހުރި. އެއީ އޭގައި ދިމާވި ގޮންޖެހުމަކީ. ހުރިހާ ކުންފުނިތަކަށް، ހުރިހާ ގައުމުތަކަށް އޮތް ގޮންޖެހުމެއް އެއީ،" އަމީން ވިދާޅުވިއެވެ.

"އަޅުގަނޑަށް ކަށަވަރުކޮށް ބުނަން އެނގޭ ޕްރޮސެސް ހިނގާފައި އޮންނާނީ ރަނގަޅަށް. އަޅުގަނޑުމެން އަމަލުކޮށްފައި ހުންނާނީ އެކަންކަމަށް އަމަލު ކުރުމަށް ހަދާފައި ހުރި އުސޫލުތަކުގެ ތެރެއިން،"

އަމީން ވިދާޅުވީ މި ހަފްތާގެ ތެރޭގައި އިތުރު 65 ވެންޓިލޭޓަރު ރާއްޖެ ގެންނާނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އިތުރު ކުންފުންޏަކުން ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތަކުގެ ބައެއް ރާއްޖެ އަންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރިގެންފައިވާ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެކި ގައުމުތަކުގައި އަމަލު ކުރަނީ އެކި ގޮތެވެ. މި ބަލީގައި ފަރުވާއެއް ނުވަތަ ބޭހެއް ހޯދިފައި ނުވާ އިރު، ހާލު ބޮޑުވާ މީހުން ލާން ޖެހިފައި ވަނީ ވެންޓިލޭޓަރަށެވެ. ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ގިނަވެ އެ އެންމެންނަށް ބޭނުންވާ ވަރަށް ވެންޓިލޭޓަރު ނެތިގެން އެ ހޯދަން ގިނަ ގައުމުތަކުން މަސައްކަތް އެބަކުރެއެވެ.

ރާއްޖެ އިން މިވީހާ ދުވަހަށް މަސައްކަތްކޮށްފައި ވަނީ، އެ ހާލަތަށް ރާއްޖެ ވެސް ގޮސްދާނެތީ ތައްޔާރުވުމެވެ. އޭގެ ނަތީޖާއަކީ ގިނަ އަދަދެއްގެ ވެންޓިލޭޓަރުތައް ރާއްޖެ ގެނެވިފައިވުމެވެ. މީގެކުރިން ރާއްޖޭގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، ކުއްލި ކަމެއް ދިމާވެގެން ބިޑަށް ނުލައި ބައެއް ކުންފުނިތަކާ ކަންކަން ހަވާލުކޮށްފައި އެބަހުއްޓެވެ. އެހެންވެ ހެލްތު މިނިސްޓްރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ރަނގަޅު. މިވެންޓިލޭޓަރުތައް ފަހުން ބޭނުން ކޮށްލެވިދާނެ. ހާދަބައިވަރު ވެންޓިލޭތަރުކަެއް. އެހާ ސީރިޔަސް ބަލިމީހުން ވަރަށް މަދު އިރާދަކުރެއްވީތީ. އިސްރާފު ނުވާނެހެން ހީވަނީ

  13
  16
  • ގަލަން

   ކޮމެންޓު ކުރާއިރު ތިހެން ހެޔޮކޮށް ވިސްނާ މީހުން ހާދަ މަދޭ

   5
   6
 2. މޯދީ ކުމާރު

  ސަރުކާރުގެ އިސްވެރިން ކުރުމަގު ހިއާރުކުރަނީ އެމީހުންނައް (އިސްވެރިންނައް) ރަނގަޅަކައް މީގެ ކުރިންވެސް އެގޮތުން ލާމަސީލު ބޭފުޅެއް ފޮރިންމިނިސްޓަރު ޢަބުދުﷲ ސާހިދު މިއީވަރައްވާހަކަ.

  15
  2
 3. ލުޓޭރުންގެ ސަރުކާރު

  ނާޒު ކު ވަގުތުގަ ވައް ކަން ކުރުމު ކީވެސް މައްސަލައެއްނޫން..އސސ އަށްވެސް ވައް ކަން ހުއްދަވާ ވަގުތެ ދެއް ކިއްޖެ..ނަޒާހަތްތެރި ވެވޭނީ ތިހާ ކަންހާވަރަށް..ޕާޓީ ކުދިންނަ ރައްޔިތުންގެ ހައްގުތަ ހިމާޔަތް ކުރަން ހަވާލު ކުރީމާ ވާނީމިހެން...މޑޕގެ އޮފީހުން ނެރުނު ރިޕޯޓެނަމަ ތިއަށްވުރެ ނަޒާހަތްތެރިވާނެހެން ހީވަނީ...މަގުމަތީގަ ގައުމު ހަލަބޮލި ކުރަންތިބި ބަޔަ ކު ބޮޑެތި މަގާމުތަ ކަށްލީމަ ކިހާ ރީތި ރިޕޯޓްނެރޭނެ...

 4. ސަމިި

  ތި ބައިގަނޑު ރާއްޖޭގަ ހުޅުޖެހި އިރު އެކަންވެސް ނުވޭ ކަމކަށް. އެހެން ވީމާ މަތި މަތިން ކަރަޕޓް ވިއަސް އެކަމެއްގަ މައސަލއެއް ނޯންނާނެތާ