އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޓެއްގައި މަސައްކަތް ކުރާ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވިކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު )އެޗްއީއޯސީ( އިން ހާމަކުރެއްވީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހެވެ.

އެޗްއީއޯސީ އިން ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެ ބޯޓުގައި މަސައްކަތް ކުރާ ދިވެހި ފިރިހެނެކެވެ. އެކަމަކު، އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް އެޗްއީއޯސީ އިން ހާމަކުރައްވާފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެސްޓީއޯގެ "ބޮންތި 2" ކިޔާ ބޯޓެއްގެ ފަޅުވެރިއެކެވެ. އެ ބޯޓަކީ ފިޔާ އާއި އަލުވި، އަދި މި ނޫނަސް އެކިކަހަލަ ސާމާނު ރާއްޖެއަށް ގެންނަ ބޯޓެކެވެ.

މި ބޯޓުން މީހަކު ފައްސިވެފައި ވާއިރު މި ބޯޓުގައި މަސައްކަތްކުރާ އެއްވެސް މީހަކު ބޯޓުން ނުފައިބާތާ 5 މަސް ދުވަސް ވަރުވެފައިވާތީ، ބޯޓުގައި ހުރި މީހަކަށް ބަލި ޖެހުނު ގޮތާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ބަލި ޖެހުނުކަމަށް ލަފާކުރެވެނީ އިންޑިއާއަށް އެންމެ ފަހުން ކުރި ދަތުރުގައި!

އެސްޓީއޯގެ އެ ބޯޓުގައި މަސައްކަތް ކުރާ މީހަކަށް ބަލި ޖެހުނު އިރު އެ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެއީ ފާއިތުވެ ދިޔަ 5 ވަރަކަށް މަސް ދުވަހު އެ ބޯޓުގައި މަސައްކަތް ކުރާ މީހުން ބޯޓުން ނުފައިބާ، ބޯޓުގައި ކަރަންޓީނުވެގެން ތިބި އިރު ބަލި ފެތުރު ގޮތާއި މެދު އުފައްދާ ސުވާލުތަކެވެ.

އެ ބޯޓުގެ ބައެއް ފަޅުވެރިން ވަނީ ވަގުތާއި ވާހަކަދައްކާފައެވެ. އެ ބޯޓުން ވާހަކަދެއްކި އެކަކު ބުނީ ބޯޓުގައި ތިބޭ މީހުން ބޯޓުން ނުފޭބި ނަމަވެސް ބޯޓަށް މުދާ އަރުވާ ފައިބާ މީހުންގެ އަމަލުތައް ހުންނަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ.

"ތިލަފުށްޓަށް މުދާ އަރުވާ ބާލާއިރުވެސް ނުބަލާ. މާލެ ބަނދަރާ ހުޅުމާލެ ބަނދަރަށް އެއްޗެހި ބާލާއިރުވެސް ނުބަލާ. މާސްކް ނާޅާވެސް އުޅެނީ. އަހަރުމެން މިތާ މިތިބެނީ އަނބިދަރިންނާއި ދުރުގައި ކުޑަމިނުން ޓީވީގަނޑެއްވެސް ބަލާ ނުލާ." އޭނާ ކިޔާދިނެވެ.

އެ ބޯޓުގެ އިތުރު ފަޅުވެރިޔަކު ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ކުރީއްސުރެ ބޯޓުން އެއްވެސް މީހަކު ފައިބާފައި ނުވާ ކަމަށެވެ. ބޯޓު އެންމެ ފަހުން އިންޑިއާއަށް ކުރި ދަތުރުގައި ސަރވޭ ކުރާ ބަޔަކު ބޯޓަށް އެރި ކަމަށާއި، އެ މީހުންނަކީ ބޯޓުގެ ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވުމުން އެ ލިޔެކިޔުންތައް އާކުރަން ދިރާސާކުރަން ބޯޓަށް އެރި ބައެއް ކަމަށް އޭނާ ބުންޏެވެ. އެ މީހުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ބޯޓުގެ ކެޕްޓަން ޒިންމާވާން ޖެހޭނެ ބޯޓަށް ބަލި އައުމަށް. އެއީ އިންޑިއާ އަށް އެންމެ ފަހުން މި ކުރި ދަތުރާއި ހަމައަށް އެންމެންގެ ވެސް ހާލު ރަނގަޅު. ދެން މާސްކް ނާޅާ ބަޔަކަށް ބޯޓަށް އަރާ އެހާ މިނިވަންކަމާއި އެކު އުޅުމުގެ ފުރުސަތު ދީގެން ނުވާނެ ނޫންތޯ." އޭނާ ފާހަގަކުރިއެވެ.

އެ ބޯޓުން ކޮވިޑް-19 އަށް ފައްސި މީހަކު ފެނުމާއި އެކު މިހާރު އެ ބޯޓު އޮތީ ކަރަންޓީނުކޮށްފައެވެ.

ކަރަންޓީނުގައި ބޯޓު އޮތްނަމަވެސް މީހުންލައްވާ މަސައްކަތް ކުރުވާކަމުގެ ޝަކުވާ، އެސްޓީއޯއިން އެކަން ދޮގުކުރޭ!

އެސްޓީއޯގެ އެ ބޯޓު ކަރަންޓީނުގައި އޮތް ނަމަވެސް ބޯޓުގެ ފަޅުވެރިން ޑިއުޓީއަށް ނެރެގެން މަސައްކަތް ކުރުވާކަމަށާ އެ ބޯޓަށް އަދިވެސް މީހުން އަރާ ފައިބާކަމަށް އެ ބޯޓުގެ ފަޅުވެރިއަކު ވަނީ ވަގުތަށް ކިޔާދީފައެވެ. އަދި ބޯޓުގައި ހުންއައިސްފައި ތިބި 10 ވަރަކަށް މީހުން ތިބި އިރު އެ މީހުންނާއި އަޅާ ނުލާކަމަށް ވެސް އެ މީހުން ތުހުމަތުކުރެއެވެ.

" ޑެކަށް އަރުވާ މީހުން ލައްވާ އެބަ މަސައްކަތް ކުރުވާ. ގެންދަނީ ސިމެންތިކަހަލަ އެއްޗެހި.އެ ހަމަ ހިޔާކޮށްފަ ބެހެއްޓޭނެ. ހަލާކުވާ އެއްޗެއްސެއް ނޫން. މިތާ ހައިރިސްކު މީހުން އެބަތިބި. ސަރޖަރީ ހަދާފައި ހުރި މީހަކު އެބަހުރި. ކުރިންވެސް ހުން އައި ފުރަތަމަ މީހާގެ ވާހަކަ ސިއްރު ކުރީ. ޒިންމާއެއް ނުނަގާ." އެ ފަޅުވެރިޔާ ކިޔާދިނެވެ.

އެސްޓީއޯގެ އޮފިޝަލަކު ވަގުތަށް މައުލޫމާތުދެމުން ބުނީ ބަލި ޖެހުނު މީހާ އާއި ބައްދަލުވި އެއްވެސް މީހަކު މަސައްކަތަށް ނުނެރޭ ކަމަށާ، އެ މީހުން ވަކިން ކަރަންޓީނުވާން އަންގާފައިވާ ކަަމަށެވެ. އަދި ބަލި ޖެހުނު މީހެއްގެ ވާހަަކަ ސިއްރުވެސް ނުކުރާކަމަށް އެސްޓީއޯއިން ބުނެެވެ.

އަދި ބޯޓުން ތަކެތި ބާލަމުން ދަނީ އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް ހަލާކުވާ ތަކެއްޗާއި އަވަހަށް ފޯރުކޮށްދޭންޖެހޭ ތަކެތި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ތިވާނީ ޖިންނަި ޝައިތާނުންގެ ކިބައިން ތި ބަލި ފެތުރެނީކަމަށް! މިކަން އެޗްޕީއޭ އިން އެ އޮތީ ސާބިތުކޮށްދީފައި!

    17
    1
  2. އަލަކަ

    ތިޔަހެން ތި ދިމާވީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އަމަލު ކުރީމާ. އެގޮތަށް އަމަލު ނުކުރިނަމަ ތިޔަބޯޓް މީހަކަށް ކޮވިޑް ނުޖެހުނީސް. މީހުންލައްވާ މަސައްކަތްކުރާ ހަމަ އެއްވެސް ބަޔަކު ތެދެއް ނަހަދައޭ. އެސްޓީއޯ އަކަސް ސްޓީއޯ އަކަސް ހަމައެއްގޮތް.

    12
    1
  3. ޝަރީފް67

    ބަލަ އެސްޓީ އޯއިން ބޯޓުގަ ޓީ ވީ ބެލޭ ނެ ގޮތް ހަމަޖައްސާފަ ބޮޑު ފައިދާ ވީއޭ ބުނަން ވާ ނީ އަ މުރައް ނުވިސްނެނީ

    10
  4. އަރީ

    ކޮން ސުވާލެއް ! އަހަރެން މިބުނަނީ މައްސަލަ އުޅެނީ ޓެސްޓް ކިޓްގަޔޭ. ގައިމު ބުއްދި ހުރެއްޖެއަކާމުން މިވާގޮތް އިގެން ވެއްޖެއެއްނޫން. ބަޔަކު ފައްސި އޭބުނީމަ ފައްސި ވަނީ. އެހުރީ ރަނގަޅުވެފައޭ ބުނީމަ ރަގަޅުވަނީ.

    15
  5. ރަދީފް ހުސެން

    ފައްސިވާ އަދަދު ހިސާބުންމަތި ކު ރަން ވަ ރައް މުހިންމު. މިހެންބުނީމަ ހިސާބު ބަލަހައްޓަން ތިބިމީހުނައް އެނގޭނެ، ދަ ރުބާ ރުގޭގަ ކޮވިޑްނިންމާފަ ކޭކުފެޅިކުދިންނައް ގިނައިން ލިބެންޖެހެނީ ވެސް ހަމަ އެކުދިން ކޮއްދިން މަސައްތަކް ބޮޑުވީމަ. ޅޮލް

    11
    1
  6. ހަނި

    އޮޅުވާނުލާ ރައިތުންނަށް ކު ރީގަވެސް އަހަ ރެންބުނިން ބޯޓުގެ ކެޕްޓަން ނަށްސޭ ޖެހުނީ ނަމަވެސް މީގާ ޖަހާާނުދިން ކުު ރީގާ މިފަ ރު ޖަހާދޭށެވެ ސި ރުނުކު ރާށެވެ ؟

    4
    1
  7. ޞމގޅ

    މާދަން ބުނާނެ ނައްސިޔޭ