އިއްޔެ ފަތިހު ކ. މާފުށި ޝޭޑީ ގްލޯވާ އަހުމަދު އާދަމް މަނިކު ރިޔާ ނެގި ދޯންޏެއްގައި ދަތުރު ފެށީ އެއްވެސް މީހަކަށް ނޭނގިއެވެ. އޭނާ އެފަދަ ދަތުރެއްގައި އެކަނި ގޮސްދާނެ ކަމަށް ގަބޫލުވެސް ނުކުރެއެވެ.
އުމުުރުން 81 އަަހަރުގެ އަހުމަދު އާދަމް މަނިކުއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާއަށް ވާހަކަނުދެއްކެ އެވެ. އަޑެއްވެސް ނީވެއެވެ. އެހެން ނަމަވެސް އޭނާއަކީ ރަށުގައި އާއްމުކޮށް މީހުންނާއެކު އުޅޭ މީހެކެވެ. ކޮފީތަކަށްވެސް އަރައެވެ.
އޭނާ ފެނިފައި ވަނީ 13 ގަޑިއިރު ފަހުން!
އޭނާއަކީ މަހަށް ގޮސް އުޅޭ މީހެއް ނޫނެވެ. އެހެން ނަމަވެސް އޭނާ އިއްޔެ އެ ރިޔަލު ދޯނީގައި ދިޔައީ ކީއްވެގެންކަން އަދި ސާފެއް ނުވެއެވެ. އޭނާ ރިޔާ ނެގި ބޮއްކުރާގައި ފުރާފައި ވަނީ އިއްޔެ ފަތިހު 5:30 ހާއިރު އެވެ. އޭނާ ގެއްލިގެން އެމްއެންޑީއެފްއަށް އެންގީ 14:08 ހާއިރުއެވެ.
އޭނާ ހޯދުމުގެ މަސައްކަތް އޭގެ ކުރިން ރަށުގެ ރައްޔިތުން ކުރިއެވެ. އަދި ފަހުންވެސް ރަށުގެ ރައްޔިތުން ކޮށްފައި ވެއެވެ. ގިނަބަޔަކު ރަށުގެ އޮޑިދޯނިފަހަރުގައި ނުކުތްއިރު، އެމްއެންޑީއެފް އިންވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ 18:26 ހާއިރު އެވެ. އޭނާ ފެނިފައި ވަނީ ރަންނާޅި ރިސޯޓްގެ ކުރިމަތިން ކަމަށެވެ.
އެކަނި ފެށި ދަތުރު، ކަނޑުމަތީގައި އެތައް އިރެއް!
އާއްމުކޮށް މަހަށް ގޮސް ނޫޅޭ އާދަމް މަނިކު އެ ކުޑަ ދޯނީގައި ފުރާފަނެ ކަމަށްވެސް ގަބޫލު ނުކުރެވޭ އެތައް ބަޔަކު އެބަ ތިއްބެވެ.
"އަހަރުމެންނާއިވެސް ވަރަށް ގާތްކޮށް އުޅޭ މީހެއް އެއީ ހަމަ ފެނުނީމަ، ސަކަރާތް ޖަހާ ހަދާނެ، އެ މީހާއަކީ ބޮއްކުރާގެ ވެރިފަރާތާއި ވަރަށް ގާތްކޮށް އެއްކޮށް ކޮފީ ބޮއެ އުޅޭ، އަދި ވަރަށް ރަނގަޅަށް ބޮއްކުރާ މީހާވެސް އޭނާއާ ދޭތެރޭ ކަންތައް ކޮށްދީފައި ހުންނަނީ، އަޅުގަނޑުމެންނަށް ފެނޭ އެއްކޮށް އުޅޭތަންވެސް، އެހެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އޭނާ ނުބުނެ އެއަށް އަރައިގެން ދާނީ". އެރަށު ކައުންސިލް ރައީސް އުސްމާން ރަޝީދު"ވަގުތު"އަށް އިއްޔެ ވިދާޅުވިއެވެ.
އުސްމާން އިއްޔެ ވިދާޅުވީ، އޭނާ މީހަކާއި އިންނަން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް އަޑުއިވުނު ކަމަށެވެ.
އާދަމް މަނިކު ދިޔައީ މަހަށެވެ. އޭނާ އެކަން އުސްމާންއަށް ޔަގީންކޮށްދިނެވެ. އޭނަ މަހަށް ދިޔައީ ރޯލާއި، ދަބަހަށް ކެއުންވެސް ހިފައިގެންނެވެ.
އޭނާ މަހާށް ގޮސް އުޅުނީ އެނބުރި ނާދެވިގެންނެވެ. ވައި ނެތުމުން ދަތުރު ނުކުރެވިގެންނެވެ. އޭނާ ދިޔައީ ދަބަހަށް ކާއެއްޗެހިވެސް އަޅައިގެން ކަމަށް އޭނާ މައުލޫމާތު ދިން ކަމަށް އުސްމާން "ވަގުތު"އަށް ވިދާޅުވިއެެވެ.
ބޮއްކުރާ އޮތީ ރިޔާ އަޅުވާފައި، ފުރަން ތައްޔާރުކޮށްފައި، ގަބޫލުކުރެވެނީ ދިޔައީ މަހަށް ކަމަށް!
އާދަމް މަނިކު އެ ބޮއްކުރާއަށް އަރައިގެން ދިޔައީ، އެ ބޮއްކުރާގެ ވެރިފަރާތުން، ހަވާލުކޮށްފައިވަ މީހާ މަހަށް ދިއުމަށް އެ ބޮއްކުރާ ތައްޔާރުކޮށްފައި އޮއްވާ އެވެ.
"އެ މީހާ މަހަށް ދާން ވެގެން އެ ބޮއްކުރަގެ ރިޔާ އަޅުވާފައި އޮތީ އޭގެ ދުވަހު، އޭނާ ދާންވެގެން އަތިރިމައްޗަށް 6:00 ޖެހިހާއިރު ނުކުތްއިރު، ބޮއްކުރާ ނެތް ކަން، އެއިރު ނޭނގެ އޭނާ ދިޔަ ކަން، ގެއްލުނީކަމަށްތާ ހީކުރާނީ، ބޮއްކުރާ ވާމޮހިގެން އޮޔާ ދިޔައީއޭ އެކަހަލަ ގޮތަކަށް އުޅެނިކޮށް މި ވާގޮތަކީ މީހެއްގެ ފަރާތުން މި މައުލުމާތު ލިބެނީ ފަތިހު 5:30 ހާއިރު މި ބުނާ މީހާ ބޮއްކުރާއަށް އަރާ ހުއްޓާ ދެކުނީމޭ"، އުސްމާން ވިދާޅުވިއެވެ.
އެހެން ނަމަވެސް އާދަމް މަނިކް އެ ބޮއްކުރާގައި ދިޔަކަން އެނގުނީ މީހެއްގެ ފަރާތުންނެވެ. އެ މީހާ އަށް އާދަމް މަނިކް ބޮއްކުރާ ތެރޭގައި ހުންނަ މަންޒަރު ފެނިފައި ވެއެވެ.
"އެއީ ތެދެއްތޯ ބެލުމަށް އެގެއަށް ގުޅައިގެން ބެލި، އޭނާ ރަށުގައި ހުރިތޯ ބެލީ، ބެލިއިރު ނެތް ނުފެނިގެން އުޅުނީ، އައިސް އަލަމާރިން މަސްވެސް ނަގާފައި ހުރި ކަމަށް ވަނީ، ގަބޫލު ކުރެވެނީ މަހަށް ދިޔައީއޭ، މަސްވެސް ނެތޭ، ނަގާފައޭ ބުނީ".
އެއްވެސް މީހަކަށް އޭނާ ދަނިކޮށް ފެނިފައެއް ނުވެއެވެ.
އޭނާ ގެއްލިގެން އުޅުނު ކަން އެނގުމުން ފުލުހަށް ގުޅިއެވެ. އެއީ އިއްޔެ ހެނދުނެވެ. ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައި އިރު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިގަތެވެ. އެ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފްއަށްވެސް އެކަން އެންގިއެވެ. އެމްއެންޑީއެފްއަށް އެކަން ރިޕޯޓް ކުރީ މެންދުރެވެ.
ފެނުނީ އެތައް އިރެއް ފަހުން، ރަށަށް އައިސް ފުރަތަމަ ބުނީ ބަނޑުހައިކަމަަށް!
އުސްމާން މިއަދު ވިދާޅުވީ، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އޭނާ ރަށަށް ގެނެސްފައި ވަނީ 8:30 ހާއިރު ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭނާ ގެނައި ގޮތަށް ގެނައީ ސިއްހީ މަރުކަޒަށް، ޗެކްއަޕް ހަދާލަން، އަނެއްހެން ގޯހެއް ނޫން، އަޅުގަނޑާއިވެސް އޭނާ ދިމާވި ބަނޑުހައޭ ބުނީ، ބަނޑުހައި އަތް ކާތާފައި އަނގަޔަށް އަތް ދިގު ކުރަނީ، ބަނޑުހައި ވެގެން އުޅޭކަމަށް އެ ބުނަނީ". އުސްމާން ވިދާޅުވިއެވެ.
ކަނޑުމަތީގައި އެހާ އިރު އޭނާ ހޭދަކުރިއިިރު، ދާނެ މަންޒިލެެއް ނެތި މަގު އޮޅުނީ ކަމަށްވެސް ވުން ގާތެވެ. އޭނާ އެ 13 ގަޑިއިރު ތެރޭގައި ދެއްކީ ހިތްވަރެވެ.
އާދަމް މަނިކު ހޯދުމަށް ކޯސްޓް ގާޑް ފާސްޓާ އިންޓާސެޕްޓް ލޯންޗްގެ އިތުރުން ސީއެމްބިއުލާންސް އިން ކަނޑުމަތީގައި ހަރަކާތްތެރިވިއެެވެ. އަދި ރަށުގެ ބައެއް ދޯނި ފަހަރުތައްވެސް އޭނާ ހޯދަން ނުކުމެފައި ވެއެވެ.
އާދަންމަނިކު އެކަނި ވަދުއަޅަންދާކަށްނުޖެހެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިޔައީ ކީއްކުރާބައެއް. ބަލަ އެކަނި ވަދުއަޅަންދިއުގެ ޤާނޫނޫ އަވަހަށް ފާސްކޮށްލަބަލަ . އެއީ ކުށަކަށްހަދާލަބަލަ. ކަލޭމެންގެ ބޯކޮބާ ؟ އަމިއްލަޔަށް ވިސްނިގެން ހެދޭ ހަމަ ނެތޭ އެއްޤާނޫނޫވެސް # އާދަމް މަނިކަށް ނަޞޭހަތްދެއްވުން މުހިންމު
އަހްމަދު އާދަމް މަނިކާ ގުޅޭގޮތުން މިލިޔަނީ ހާދަހާ އެއްޗެއް ނޭގެ ބައެކޭދޯ އޭނަ މިހާރު ކަދުމައްޗައް ނޭރިއެއްކަމަކު އޭނާއަކީ އަބަދު ކަދުމަތީގައި އުޅެމީހެއް އާމުކޮށް އޭނާއަކީ ހިއްވަރު ގަދަމީހެއް