(ފުވައްމުލައް ސިޓީ) މި ފަނާކުރުވަނިވި ދުނިޔޭގައި މައެއްގެ ލޯތްބަށް ވުރެ ވަކިން ބާރުގަދަ އެހެން ލޯތްބެއް ނުވާނެއެވެ. އެއަށް ވުރެ ގަދަރު ހުރި، އެއަށް ވުރެ އަގުބޮޑު ދަރަޖައެއް ދޭނެ ދެ ވަަނަ ލޯތްބެއް ވެސް ނެތެވެ. ނުވަ މަހާއި ނުވަ ދުވަހު ބަނޑު އަޅާ ވިހެއި ދަރިފުޅު ހެޔޮ ހާލުގައި ލެއްވުން އެދި ދުއާކުރުމުގެ އިތުރުން އެ ދަރިފުޅުގެ ހިމާޔަތުގައި މަޔަކު ނުކުރާނެ ހަމަ އެއް ކަމެއް ވެސް އޮންނާނެހެނެއް ހިއެއް ނުވެއެވެ.

އެ ދަރިފުޅަށް އެއްވެސް ކަމަކާ ހުރެ ކުޑަ ނަމަވެސް ވޭނެއް ތަަހަންމަލު ކުރަން ނުޖެހުމަކީ ކޮންމެ މައެއް ވެސް ތާއަބަދުމެ ކުރާނެ ދުއާއެވެ. ލޮލުގެ ދެ ނޫރު ފަދަ ދަރިފުޅަށް ތަކުލީފަކާ ކުރިމަތިލާން ޖެހި، އެ ވޭން ކުޑަކޮށް ދިނުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމަކީ މަޔަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަމެވެ.

އެ ފަދަ ދަނޑިވަޅެއްގައި މައެއްގެ ހިތުގައި އަޅާނެ ވޭނާއި ކެކުޅުން ހިތަށް ވެސް ނުގެނެވޭނެއެވެ. އެފަދަ މައެއްގެ ގިލަންވެރިކަން ތަސައްވުރުވެސް ނުކުރެވޭނެއެވެ. އެހެންކަމަށްވާ އިރު ލޯކުރިމަތިން އަމިއްލަ ބަނޑު އަޅާ ވިހެއި ހަ ކުދިން ނިޔާވި މަންޒަރުު ފެނުނު މައެއްގެ އުދާސް ލިޔުމުން ބަޔާންކޮށް ނުދެވޭނެކަން ގައިމެވެ. އެ އިހުސާސްތައް ލިޔުމަކުން ފަހުމުކޮށް ނުދެވޭނެކަން ކަށަވަރެވެ.

އުމުރުން 90 އަހަރުގެ އައިމިނަތު"ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ފުވައްމުލަކަށް އުފަން އައިމިނަތު މުހައްމަދު މަނިކެގެ އުމުރުން 90 އަހަރު ވޭތު ކުރި އިރު، އޭނާގެ ހަނދާނުގައި މިއަދުވެސް އޭނާގެ ތުއްތު ކުދިންނާ އަލްވަދާއު ކިޔަން މަޖުބޫރުވި ހަނދާންތައް ބިންވަޅު ނެގިފައި ހުއްޓެވެ. ދެ ލޯ ފަދަ ލޯބިވާ ދަރިންގެ ފުރާނަ ނެތް މަސްގަނޑު އަތްދަނޑި މަތީގައި އުފުލި ހިތްދަތި ހަނދަންތައް ހިތުން ފިލުވާލާނީ ކިހިނެ ހެއްޔެވެ؟

ސާދަ ކުދިންގެ އައިމިނަތު ވިހެއީ ހަތް އަންހެން ކުދިންނާއި ހަތް ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ހަ ފިރިހެން ކުދިން ނިޔާވީ ވަރަށް ހަގު އުމުރުގައެވެ. އެގޮތުން ބައެއް ކުދިން ނިޔާވީ ވިހޭތާ މަދު މަސްކޮޅެއްގެ ތެރޭގައެވެ. ނިޔާވި ހުރިހާ ކުދިންވެސް ނިޔާވީ ގޮތް ނޭނގޭ ހުމެއްގެ ޝިކާރައަކަށް ވެގެންނެވެ. ފަހުން އެނގުނު ގޮތުގައި އެ ކުދިން މަރުވީ މެލޭރިޔާ ފަދަ ހުމެއްގެ ސަބަބުން ކަމަށް ވުން އެކަށީގެންވެއެވެ.

" ކުދިން ވިހައިގެން އެންމެ ކުޑަ އިރު މަރުވީ ފަސް މަސް ވަރުވީ ތަނާ. ކުޑައިރު މަރުވީ. ސިއްސައިގެން ގޮސް ތަޅުވައިގަނެފައި ހަތަރު ވަރަކަށް ގަޑިއިރު ތެރޭގައި މަރުވީ. އޭރު ޑޮކްޓަރުންނެއް ނުތިބޭ. އެއް ފަހަރު އައްޑޫ އިނގިރޭސިން ތިބިއިރު ގަމަށް ގެންދިޔައީމަ ބުނީ ސިކުނޑިއަށް މެލޭރިޔާ ޖެހެނީ ކަމަށް ވެދާނެއޭ. އެއް ގޮތަކަށް މަރުވީ އެންމެންވެސް. ވަރަށް ހިތަށް އަސަރު ކުރޭ. 3-4 އަހަރުގައި ދެން ތިިބި ކުދިން. ހަތަރު އަހަރުން މަރުވީ ކުއްޖާ މަރުވި ދުވަސް ވެސް މިހާރުވެސް ހަނދާން ހުރޭ. ގޮތް ހުސްވެ، ދެން ކުރާނީ ކީއްހޭ ހިތަށް އަރާ. އެންމެ ކުއްޖެއް ދެ ކުއްޖެއް ނޫން. ހަ ކުދިން އެހެންވީމަ މައެއްގެ ލަގޮނޑި އަށް ވަރަށް އަސަރު ނުކުރާނެތާ؟" އައިމިނަތު ބުންޏެވެ.

އުމުރުން 90 އަހަރުގެ އައިމިނަތު"ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ޖުމްލަ ހަތަރު ކައިވެނި ކުރި އައިމިނަތު އޭނާގެ އަލަތު ކައިވެނި ކުރީ 11 އަހަރުވެސް ނުފުރެނީހެވެ. އައިމިނަތުގެ އެއް ކުއްޖަކު ފިޔަވައި އެހެން ކުދިންނަކީ އޭނާގެ ފަހު ކައިވެންޏަށް ލިބިފައިވާ ކުދިންނެވެ.

" މި ރަށު މިހަކާ ކައިވެނި ކުރީ. އޭރު ވަރަށް ހަގުވީމަ ވަރަށް ރުއިން ކައިވެނި ކުރަންވީމަ. މި އަވަށު މީހެއް އެއީ. ސަފަރު މަހެއްގައި ކައިވެނި ކުރީ. އެ ކައިވެނި ކުރީ 11 އަަހަރު ވެސް ނުވަނީސް. ކައިވެންޏަށް ތިން މަސް ވަރު ވީ ފަހުން ފުރާ ފުރިހަމަވެ ބޮޑު މީހަކަށް ވީ. ފުރަތަމަ ކައިވެންޏަށް އެންމެ ކުއްޖެއް ލިބުނީ. އެއީ 15 އަހަރުގައި. ފުރަތަމަ ފިރިމީހާ ކައިރިން ވަރިވެގެން ދެން ކުރި ކައިވެންޏަށް ކުއްޖަކު ނުލިބޭ. ފަހު ކައިވެނި ކުރި އިރުވެސް 18 ނުވޭ." އޭނާ ކިޔާދިނެވެ.

އުމުރުން 90 އަހަރުގެ އައިމިނަތު"ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

އައިމިނަތުގެ ހަޔާތުގައި ހިތްދަތި ސޮފްހާތަކެއް ލިޔެވުނު ނަމަވެސް އޭނާ އަކީ ހޭހަން ކަމަށް ލޯބި ކުރި ތައުލީމަށް ވެސް ލޯބިކުރި މީހެކެވެ. އަައިމިނަތު ބުނާ ގޮތުން އޭނާ އެންމެ ދުރު ހަނދާނަކަށް ހުންނަނީ މުޅި ރަށުން އެއް ވަނަ ލިބުނު ހަނދާނެވެ. އަދި އޭނާ އަކީ އުނގެނުމަށް ޚާއްސެއް ޝައުގެއް ހުރި މީހެއް ކަމުން އެ ރަށު ކައިވެނިކޮށްގެން ތިބި މީހުން މަދަރުސާއިން ވަކި ކުރި ދުވަހަކީ ހިތްދަތި ދުވަހެކެވެ.

" ކައިވެންޏަށް ފަހު ވެސް ކިޔެވުމާއެކު ކުރިއަށް ދިޔައީ. ލުތުފީ ހުރި އިރު މީހަކު އަހަރެން މަސައްކަތުގައި ހުއްޓާ ބުނީ ސޮއިކުރަން އަންނާށޯ. މީހުންނާއި އިނދެގެން ތިބި މީހުން ވަކިކުރަނީ އޭ. ދެން ބޭއްވި ވަކި ކުރި އެންމެންނަށް އިމްތިހާނެއް، 40-50 ކުދިން. ތިބޭނެ. އެ އިންވެސް ލިބުނު އެއް ވަނަ. މާލެ ވެސް ގެންދާން އުޅުނު އެއް ފަހަރު. ނުދެވުނީމަ ފަހުން ގެންދިޔައީ ޒުހޭރާ ކިޔާ މީހެއް. ދެން އިމްތިހާނުން ވަނަ ލިބުނީމަ ދިނީ މާލިއްޔާގެ ކާތިބުކަން. " އޭނާ ކިޔާދިނެވެ.

ރޯނު ވެށުމާއި، ހަކުރު ހެދުމާއި، ކުނާ ވިއުން ފަދަ މަސައްކަތްތަކުގައި އުޅުނު އައިމިނަތު އަކީ އޭނާގެ ޒުވާން ދުވަސް ވަރު ހީވާގި، މުރާލި ދިރިއުުމެއް އުުޅުނު މީހެެކެވެ. އޭނާގެ 31 މާމަ ކުދިން، 34 މުނި މާމަ ކުދިން އަދި 4 ހޫރު މާމަ ކުދިން އެބަތިއްބެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައްޑޫ ލެއި

  ދައްތަޔައް ހެޔޮ ރަޚްމަތް ލައްވާށި.

  83
  1
 2. ސސ

  ޢިލްމާއި ތައުލީމް އޭރުގައި މަދުކަން މިއެގުނީ، ޢިލްމާއި މަޢުރިފާ ވެރިކަން އިތުރު ކުރަންވީ އޭރުން އުފާވެރިކަން ލިބޭނެ ﷲ އަޅަމެން އެންމެނަށްވެސް އެކަލާގެ ހެޔުރަހުމަތް މިންވަރު ކުރައްވާށި!

  26
  1
 3. ހުސެން

  ނަމޫނާ ކެތްތެރިއެއް .މި ދައްތައަށް ހެޔޮ ރަހުމަތްލައްވާށީ

  16
  1