ބިދޭސީ އަކާއި އެކު ރޯދަ ވިއްލަން އިން މީހަކަށް ދިމާވި ކަމެއް ފޭސްބުކް ސްޓޭޓަަސް ގައި ލިޔުމުން އެ ސްޓޭޓަސް ފެނުނު އެންމެން އެ ސްޓޭޓަސް ޝެއާ ކުރިއެވެ. 500 އެއްހައި މީހުން ސްޓޭޓަސް ޝެއާކޮށް ބިދޭސީންގެ ޙައްޤުތަކުގެ ވާހަކަ ދެއްކިއެވެ. ދިވެހިން ބިދޭސީންނާއި މެދު ކަންތައް ކުރާ އިހާނެތި ގޮތުގެ ވާހަކަ ވެސް ދެއްކިއެވެ.

މިއީ ވަރަށް އާންމު ކަމެކެވެ. ބިދޭސީންގެ ޙައްޤުތަކުގެ ވާހަކަ އާއި، މަގުމައްޗަށް ކުނި އެޅުމުގެ ވާހަކަ އާއި، ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި ދީނީ ފަރުޟުތައް އަދާކުރުމުގެ ވާހަކަތައް ހުރިހާ ދިވެހިން ވެސް ފޭސްބުކާއި އެހެނިހެން މީސް މީޑިއާ ފޯރަމްތަކުގައި ވެސް ދައްކައެވެ. ނަމަވެސް ސުވާލަކީ މީސް މީޑިއާ އިން މިފެންނަ ދިވެހިންގެ ރީތި އަޙްލާޤު އެމީހުންނަށް އަމިއްލަ ދިރިއުޅުމުގައި ދައްކުވައި ދެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟ ފޭސްބުކް އިން ދިވެހިން ހޯދައިދޭ ޙައްޤު އަމިއްލަ ދިރިއުޅުމުގައި ޙައްޤުވެރިންނާއި ހަމައަށް ފޯރުކޮށްދެނީ ކިހައި ވަރަކަށް ހެއްޔެވެ؟

ފޭސްބުކްގައި ސްޓޭޓަށް އެއް އަޕްޑޭޓް ކުރާ ކޮންމެ މީހަކު ބިދޭސީންނާއި އިހްތިރާމާއި އެކު ވާހަކަ ދައްކާނަމަ ދިވެހިންގެ ތެރޭގައި ދިރިއުޅޭ ގިނަ ބިދޭސީންގެ ޙައްޤުތައް ހުންނާނީ ރައްކާތެރި ކުރެވިފައިތޯ އިތުރަށް ސުވާލު ވެސް އުފައްދާކަށް ނުޖެހޭނެއެވެ.

މަގުމައްޗަށާއި ކަނޑަށް ކުނި އަޅާތީ އެކަމާއި ކަންބޮޑުވެގެން ސްޓޭޓަސްއެއް އަޕްޑޭޓް ކުރާ ކޮންމެ މީހަކީ މަގުމައްޗާއި ކަނޑަށް ކުނި ނާޅާ މީހަކު ނަމަ ޔަގީނުން ވެސް ރާއްޖޭގެ ގޮނޑުދޮއްތަކާއި ފަރުތައް އަދި މަގުތައް ކުނިގޮނޑުތަކެއްގެ ގޮތުގައި ފެންނާކަށް ނޯންނާނެއެވެ.

ފޭސްބުކްގައި ދީނީ ނަސޭހަތްތައް ޝެއާ ކުރާ ކޮންމެ މީހަކީ އެފަދަ ޕޯސްޓްތަކުގައި ބުނާ ކަންކަން ފުރިހަމަ ކުރާ މީހެއްނަމަ ޔަގީނުން ވެސް ދިވެހިންގެ ދީނީ އަޤީދާ އޮތީހީ ވަރަށް ބޮޑަށް ވަރުގަދަ ކުރެވިފައެވެ. ދީނާއި ބީރައްޓެހި ކަންކަމުން ގިނަ ދިވެހިން ދުރު ވާނެއެވެ. ގިނަ ދިވެހިންނަކީ ދީނީ ފަރުޟުތަކަށް ފުރިހަމަ އަށް އަމަލު ކުރާ ބަޔަކަށް ވެސް ވާނެއެވެ.

މުހިންމީ ފޭސްބުކް ގައި ސްޓޭޓަސް އެއް އަޕްޑޭޓް ކުރުމެއް ނޫނެވެ. މުހިންމީ ކޮންމެ މީހަކު ވެސް ކުރާ އަމަލުތައް ރަނގަޅު ކުރުމެވެ. ބޭނުމީ ދެއްކުންތެރިކަމެއް ނޫނެވެ. ބޭނުމީ ނެރެވޭ ނަތީޖާ އެވެ.

ކޮންމެ މީހަކަށް ވެސް ފޭސްބުކްގައި މޮޅު ސްޓޭޓަަސް އެއް ލިޔެވިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށް އެގޮތައް އަމަލެއް ނުކުރެވެއެވެ. މައްސަލައަކީ އެއީ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭސް

    ޓޫ މެނީ ކީބޯޑް ވޯރިއަރސް

  2. މޮޔަނޮގޮވާ

    500 މީހުންދޯ ޝެއަރް ކުރީ، އާބާދީއަކީ 450،000.00 ދޯ؟ ޝެއަރ ކުރީ 0.11% ދޯ؟ އެހެންވީމަ މޮޔަނުގޮވާ.