މިއީ އިހަށް ދުވަހު ވާން ފެށި ކަމެއް ނޫނެވެ. މި ރަށުގައި 10 އަހަރެއްހާ ދުވަހު އުޅުނު މީހުން ވެސް ބުނާ ގޮތުން ކައިރީގައި އޮތް ތިލަފުށީގައި ކުނި އަންދައިގެން އަރުވާ ދުން އެ ރަށަށް އާދެއެވެ. ބޮޑަށް ދުމުގެ އަސަރު ފޯރަނީ ތިލަފުއްޓާ ކައިރީ ހިސާބަށެވެ. އެ ހިސާބުގެ ބައެއް ގެތަކަށް ވެސް ދުން އަރާ ކަމަށް ވަރަށް ގިނައިން އަޑު އަހަމެވެ. ދުން އެރުވުން ގިނަ ދުވަސްވަރެއްގައި ނަމަ، ބަލި ފެތުރުން އާންމުވާ ކަމުގެ އަޑު އަހަމެވެ.

ރަށުގެ އެންމެ ދެކުނު ހުޅަނގު ސަރަހައްދުގައި ހުރި އެތައް ގެއެއްގެ ރައްޔިތުން މިހާރު ވެސް މި ޝަކުވާ ކުރެއެވެ. މި މައްސަލަ ހައްލު ކުރަން ވެގެން އެކި ސަރުކާރުތަކުގައި އެކި މަޝްރޫއު އިއުލާން ކުރެވުނެވެ. އެކަމަކު އަދި މައްސަލަ ހައްލެއް ނުވިއެވެ. އަރާ ދުމުގެ އަސަރު ވިލިމާލެ މި ހިސާބުގެ ގެތަކުގެ ރައްޔިތުންނަށް ކުރެއެވެ. ދުމުގެ އަސަރާ ހެދި ރޯގާ ޖެހުން ފަދަ ބަލިތަކާ އަބަދު ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާ އަދިވެސް ކުރެއެވެ.

ވިލިމާލޭގެ މި ސަރަހައްދުން ދިމާވި މީހަކު ކިޔައިދިން ގޮތުގައި، އޭނާ ދިރިއުޅޭ ގެއަށް ވެސް ދުން ވަދެއެވެ. ދުން އަރާއިރު އޭގެ ވަސް ވެސް ހުންނަ ކަމާއި، ނޭވާ ލާން ވެސް އުނދަގޫވާ ކަމަށް ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި އަރާ ދުން ފަހުން އައިސް ވަރަށް ގިނައެވެ.

"މި ގެއަކީ ވަރަށް ކުޑަކުދިން ވެސް އުޅޭ ގެއެއް. އެ ކުދިންނަށް ވެސް ވަރަށް އުނދަގޫ ވާނެ. ގޭތެރެއަށް ވަންނާނެ ދޯ ވައި މަތީ ހުންނަ ގެއެއް ވީމަ. އަބަދު ރޯގާ ނުފިލައިގެން ވެސް އުޅެން ޖެހޭ." އޭނާ ކިޔައިދިނެވެ.

ވިލިމާލޭގައި ދިރިއުޅޭތާ ނުވަ އަހަރެއްހާ ދުވަސްވީ ފިރިހެނަކު ވެސް ކިޔައިދިން ގޮތުގައި އޭނާ އެ ރަށުގައި ދިރިއުޅޭން ފެށީއްސުރެން ތިލަފުށިން ކުނި އަންދައިގެން އަރުވާ ދުން އެ ރަށަށް އާދެއެވެ. މި ނުވަ އަހަރު ވެސް ވިލިމާލެ ދެކުނު ހުޅަނގު ސަރަހައްދުގައި އުޅުނު މީހާ ބުނި ގޮތުން، ފަހުން އައިސް އަރުވާ ދުން ގިނަވެ، ދުން އަރުވާ ވަގުތު ވެސް ގިނަވއެވެ.

"ބައެއް ފަހަރު ހަމަ ވަރަށް ދަންވަރު ގަޑީގަ ވެސް ދުން އަރައިދާނެ. ހަމަ އަޅުގަނޑުމެން ނިދާފައި އޮންނަ ގަޑިއެއް ވެސް ދުމާ ހެދި ހޭލެވިގެން އުޅޭ އެއްޗެއް. ދުވަހުން ދުވަހަށް ދެން ދުމުގެ އަސަރު ބޮޑުވޭ. މާ ގިނައިން މިހާރަކަށް އައިސް އަރާ އަސްލު." އޭނާ ބުންޏެވެ.

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތަކު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް

ތިލަފުށީގައި ކުނި އަންދައިގެން އަރުވާ ދުން އެރުމުން އެންމެ ބޮޑަށް ދުން އަންނަ ކަމަށް ބުނާ ސަރަހައްދަށް ދިއުމުން ޝަކުވާގެ އަޑުތައް އެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކުހެން އޮއްސާލިއެވެ. ކޮންމެ މީހަކާ ސުވާލުކޮށްލީމަ ވެސް ބުނަނީ ގޭތެރެއަށް ވެސް ވަންނަ ވަރަށް ދުން އަރާ ކަމަށެވެ. ބައެއް ފަހަރު މީހުން ސާފު ނުވާ ވަރަށް، ނޭވާ ލާން ވެސް އުނދަގޫވާ ވަރަށް ދުމުގެ އަސަރު ކުރާ ކަމަށް އެންމެން ވެސް ބުންޏެވެ.

"ކައުންސިލަށް ހުށަހަޅައިގެން ވެސް ކުރެވޭ ކަމެއް ނެތް، ކުރީ ކައުންސިލަށް ޕެޓިޝަނެއް ވެސް ތައްޔާރުކޮށްގެން މި ސަރަހައްދުގައި އުޅޭ މީހުން ސޮއިކުރުވާފައި ގެންދިޔަ، އޭގެ ޚަބަރެއް ވެސް ނެތް، އެންވަޔަރަމަންޓް މިނިސްޓްރީގެ މަޝްރޫއެއް ފެށި ވާހަކަ ވެސް އަޑުއެހިން، އޭގެ ފަހުން ވެސް ތިން އަހަރު ވަނީ، އަދި ކަމެއް ނުކުރެވޭ،" ވިލިމާލޭގައި އުޅޭތާ އަހަރު އަހަރެއްހާ ދުވަސްވެފައިވާ މީހަކު ބުންޏެވެ.

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތަކު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ގައި، ތިލަފުށިގައި ކުރިއަށް ގެންދާ މަޝްރޫއެއް އިއުލާން ކުރެވުނެވެ. ކުނި އެންދުން މެނޭޖް ކުރެވޭ ގޮތަށް ހިންގާ އެ މަޝްރޫއު ތަންފީޒު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ނިންމިއެވެ. އެކަމަކު މިއަދާ ހަމައަށް އައި ތިން އަހަރު ވި އިރުވެސް އެ ކަމަށް ހައްލެއް ނާދެއެވެ.

މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއަކީ އެ މައްސަލައަށް އޮތް ހައްލު ކަމަށެވެ. އަދި އެ މަޝްރޫއު ހިނގަމުންދާ ގޮތް ވަރަށް ގާތުން ސިޓީ ކައުންސިލުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސަރަހައްދަކީ ވެށްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވިސްނަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިލަފުށީގެ ކުނި އެންދުމުގެ ކަންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ޕްރޮޖެކްޓްއެއް އެބަ ހިންގާ. އިންސްޕެރޭޓާ ބަހައްޓައިގެން އެ ކުނި އެންދުން މެނޭޖް ކުރެވޭ ގޮތަށް. އެ މަޝްރޫއު ހިންގައިގެން ޕްރޮގްރެސް ވީމަ އަޅުގަނޑު ވެސް ދެކެނީ މި އަންދައިގެން އަރާ ދުމުގެ މައްސަލަ ހައްލު ވެގެން ދާނެ ކަމަށް. އޭގެ ހައްލަކީ މި މިޝްރޫއު." މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަލީ

ރައްޔިތުންގެ މަޖިލީހަށް ވެސް މާލެ ސިޓީގެ އެކި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ މިފަދަ ދަތިތަކުގެ މައްސަލަތައް ހުށަހެޅި ދިރާސާކުރަމުންދާއިރު، މި މައްސަލައަށް މަޖިލިސް ވެސް މާ ބޮޑު ސަމާލު ކަމެއް އައިސްފައެއް ނުވެއެވެ.

އެންމެ ފުރަތަމަ މާލޭގެ އިންޖީނުގެ ހުރީ ވެސް ރަށު މެދުގައެވެ. ގަލޮޅުގައި އެތައް މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އެ އިންޖީނުގެ ރަށުގެ އެއް ފަރާތަކަށް ގެންދިޔައީ އޭގެ ސަބަބުން އެތައް ތުރާލެއް ރައްޔިތުންނަށް ވީ ފަހުންނެވެ. މިހާރު ސްޓެލްކޯ ހިމެނޭ ސަރަހައްދުގައި ތިބި ބަޔަކަށް ވެސް އުނދަގޫވާ ކަމުގެ އަޑުތައް ގަދަކޮށްލާފައިވާއިރު، ވިލިމާލޭގެ އެތައް ރައްޔިތެއްގެ ޝަކުވާއަކީ އެ ރަށަށް އެ އަރާ ދުމުގެ އަސަރު ކުރާތާ އެތައް އަހަރެއްވީއިރު މަސައްކަތެއް ކުރެވޭ މަންޒަރު ވެސް މިހާތަނަށް އައިއިރު ފެންނަން ނެތުމުންނެވެ. ސިނާއީ މިފަދަ ކަންކަން މިއަށް ވުރެ ހަރުދަނާ ގޮތެއްގައި ތަރުތީބު ކުރާން ޖެހެއެވެ.

ވިލިމާލެ އޮތީ ދުންތަކުގެ ތުރާލެއްގައެވެ. ދައުލަތަށް އަދި ކޮށްދެވުނު މާ ބޮޑު ކަމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސާމާނުބެ

  ވެރިންނައް އަރާމީހުން އަންބޮނޑިއައް ބޮޑުކުން ހަދާތީ ވާގޮތްގިތް ތިފެންނަނީ. ގްރޭޓަރ ސަރަހްދު ވީމަ ތިކަހަލަ ކަންތައް ދިމާވާނެ. ބޭބެމެން ދޭން އޮތް ނަސޭހަތަކީ ގުރޭޓަރ ސަރަހައްދު ދޫކޮއް ރާއްޖެތެރެއައް އަންނާށޭ.

 2. ރަދީފު

  ނުޖެހޭ ދައުލަތުން ވިލިމާލެއަށް އަރާ ދުންތައް ހުއްޓުވާކަށެއް..ކީކުރާ ބައެއްތަ ވިލިމާލޭގައި އެއުޅެނީ، ކޮންމެ ކަމެށް ދައުލަތުގެ ބޮލުގައި އަޅުވާތި

  6
  3
 3. ދުންބޯ

  ތިޔަ .ދުމުގެ.އަސަރު .އައިޖީއެމްއެޗް . ކާރި .ގެތަކަށްވެސް. ވަރަށް.ބޮޑަށް..ކުރޭ. ބައެއް.ރޭރޭ . ދޮރުތައް.ޖަހައިގެން . ނިދާފަތިއްބާ ވެސް. ހޭލެވެނީ .ކޮޓަރިއަށް . ދުންގަނޑުވަދެގެން. އުދަގޫވެގެން.

  3
  1
  • އަހްމަދު

   ދެން ވިލިގިލީގަ އުޅޭނީ ކޮންހާލެއްގަ ބާ

 4. ޢެދުރޭ

  ޢަދި ގުޅިފަޅުގައި އިންޓަރނޭޝަނަލް ބަނދަރުހެދީމާ ދެންވާނީ ކިހިނަކުންބާ !

  4
  3
  • އަހްމަދު

   މިހާރު ދުންއަރާތީ އުދަގޫވަނީ
   އޭރުން އަޑުގަދަ ކަމުން ނުނިދިގެން އުޅެންޖެހޭނީ

 5. މުހައްމަދު

  ބައެއް ފަހަރަށް ނޫހުގެ ސަފްޙާއެއް ފުރާލަން ލިޔެފައި ހުންނަ ލިޔުންތައްވެސް ފެނެއެވެ. މިއީވެސް އެފަދަ ލިޔުމެކެވެ. އެހެން ނޫންނަމަ މި މައްސަލައާ ގުޅުންހުރި އިދާރާތަކުގެ ވެރިންނާ ބައްދަލުކޮށް މައްސަލައިގެ ޙައްލު މިހާރި އޮތް ހިސާބެއްވެސް ބަލައިލެވުނީސްތާއެވެ.

  2
  2
 6. ޖާހިލް

  ވަގުތު ޓީމުން ތިލަފުށި އަށް ގޮސް ބަލާލީމަ ފެންނާނެ އެކަން ހުއްޓުވަަން އެކުރާ މަސައްކަތް.. ކަންތައް ހޯދާ ބަލާފަ ތިހެން ލިޔޭ..

 7. އަހްމަދު

  ވިލިމާލެއަކީ ފެހިރަށަކަށް ހެދުމުން ދުމުގެ އަސަރެއް ނުކުރާނެ!!!!ވިލިމާލެ އަކީ ފެހިރަށަކަށް ހަދާ އެރަށުގައި އިންޖީނުލީ އެއްޗެހި ދުއްވުންމަނާ. ފެރީއިން ގެންދާ ފޮށިގަޑުގެންދަންޖެހެނީ ކޮޑަށްލައިގެން ގެއާހަމައަށް. ރަށުގާ ޓެކްސީ ދުއްވަން ހުއްދަ ދީފައޮންނަނީ ނުފޫޒުގަދަ ވިޔަފާރިވެރީންނަށް އެމީހުން ހިތަށް އެރިއްޔާމުން ދަތުރުކުރާނީ ޓެކްސީއެއް ބަގީއެއް ނުދުއްވާ ކިތައްމެ ދުވަހެއްވެސް އޮވެދާނެ. ޓެކްސީތަކަށް ގުޅޭ ހުރިހާ ނަމްބަރެއް ހުންނާނީ ނިއްވާލާފަ. ސިޓީކައުންސިލާ ސަރުކާރުވެސް އެމީހުންނަ ވިކިފަ އޮންނަކަހަލަ.... ވިލިމާލެއަކީ އެއްވެސް ސަރުކާރަކުން އަދި ކައުންސިލަކުންވެސް އަހުމިއްޔަތުކަމެއް ދޭތަނެއްނޫން. ނަމެއްގަ މެމްބަރެއްވެސް ހުރޭ، ކައުންސިލަރެއްވެސް ހުރޭ އެވެސް ނުފޫޒުގަދަ ވިޔަފާރިވެރިންނަށް ވިކިގެން ވޯޓުހޯދާ އެމީހުން ބުނާހާގޮތަކަށް ހެދިގެން ތިބޭބައެއް.....