"ތި ވާހަކަ ދެއްކިޔަސް ވާނެ ކަމެއް ނޯންނާނެ" ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ބެހޭ ގޮތުން މީހަކު ދިނީ މި ޖަވާބެވެ. އޭނާގެ ވާހަކަ މުޅިއަކުން ދޮގެއް ނޫނެވެ. އެތައް އަހަރުތަކެއް ކުރިން އެތެރެވަމުން އައި ބިދޭސީން މި ގައުމު މިއަދު "ފުރިއްޖެ"އެވެ. އެއިން ބިދޭސީއަކަށް އޭނާ އަކީ ކާކުކަންވެސް ބުނެ ނުދެވެއެވެ. ކިހިނެއް އައި މީހެއްކަންވެސް އޭނާއަކަށް ނޭނގެއެވެ. މިއީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެވެ. އަޅައިނުލެވި އޮތް ބިދޭސީންގެ މައްސަލަ ބޮޑުވެގެން ބޮއްސުންލައިގެން ގޮސް ކުށުގެ ވެއްޓާ ހަމަޔަށް އެ މީހުން ފޯރައިފިއެވެ. ވައްކަމުން ފެށިގެން ގޮސް މާރާމާރީތަކުގެ އެންމެ ކުރީގައި ތިބެނީ ބިދޭސީންނެވެ. މިހާ ހިސާބަށް ކަންތައް ދިޔަ ސަބަބު ކުރިމަތިން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.

ހުރިހާވެސް ގޯހެއް ހަދަނީ ދިވެހިން!

ރާއްޖެއަށް ބިދޭސީ މީހާ އަންނަނީ އެތައް ގުރުބާނީއެއް ވެގެންނެވެ. ބޮޑެތި އަދަދުން ފައިސާތައް ހޭދަކޮށްގެންނެވެ. އާއިލާގެ މީހުންނާ ގާތް ރައްޓެހިން ކައިރިން ސަލާން ޖަހައިގެން ފައިސާ ހޯދައިގެންނެވެ. އެތައް ފޮނި ހުވަފެންތަކެއް ދައްކައި ރާއްޖެ ގެންނަ ބިދޭސީ މީހާ އެންމެ ފަހުން ޖެހެނީ ދިވެހިންގެ "ދަލު"ގައެވެ. އެ ދަލުން ސަލާމަތްވާ މަގު ހަނިއެވެ. މުސާރަ ނުދީ އެ މީހުންގެ އިންސާނީ ހައްގުތަކަށް ހުރަސް އެޅުމުން ދެން ޖެހޭނީ ފިލައިގެން ވިޔަސް އެހެން ދިމާލަކަށް ދާށެވެ. އެއް ބަޔަކު ފިލައިގެން އުޅުނަސް އަނެއް ބިދޭސީން ގޮތް ދޫނުކުރެއެވެ. މި ފަހުން ބ. ބޮޑުފިނޮޅު ހާދިސާއާ ހުޅުމާލޭގައި ބިދޭސީންތަކެއް ނިކުމެ ފުލުހުންނާ ކުރިމަތިލި ކުރިމަތިލުންތަކަކީ މީގެ އެއް މިސާލެވެ. އެއީ އެއްދުވަހަކުން އައި ރުޅިއެއް ނޫނެވެ. އެތައް ދުވަހެއްގެ މަތިން އައި ރުޅި ކޮންޓްރޯލް ނުވެގެން ދިޔުމުގެ ނަތީޖާއެވެ. ކެކެމުން ދިޔަ ރުޅިވެރިކަން ފަޅައިގެން ގޮސް އެންމެ ފަހުން އަތުން ފައިން ހެދުނީ ގޯހެވެ. މަކަރާއި، ދަގަނޑާއި އަދި އަތު ޖެހުނު އެއްޗެއް ހިފައިގެން ނުކުތީ "ހަނގުރާމަ" އަށެވެ.

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އައި ބޮޑުފިނޮޅުގައި މިދިޔަ އަހަރުގެ ޖުލައި މަހު ބިދޭސީންތަކަށް ދޭން ޖެހޭ މުސާރާނުދިން މައްސަލައިގައި 198 ބިދޭސީއަކު ނިކުމެ ރަށުގައި ހަމަނުޖެހުން ހިންގިއެވެ. ރަށުގެ އެކި ތަންތަނަށް ހަމަލާދީ ބޮޑެތު ގެއްލުންތަކެއްދީ އެތަނުގައި ތިބި ދިވެހިންތަކެއް ރަހީނުކުރިއެވެ. އެ ބިދޭސީން ފުލުހުންނަށްވެސް ދުލެއް ނުދިނެވެ. އެންމެ ފަހުން ފުލުހުން އެ ރަށަށް އެރީ ހަތިޔާރާއެކުއެވެ. އެ މައްސަލައިގައި ބަންގްލަދޭޝްގެ 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގައެވެ. މި ބިދޭސީންތަކަކީ ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒްކުންފުންޏަށް ނިސްބަށްވާ ބިދޭސީންނެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުން ހިތްވަރު ލިބިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގިއެވެ. ގަލާއި، ދަނގަޑާއި އެކި ކަހަލަ އާލާތްތައް ހިފައިގެން ސަލާމަތީ ބާރުތަކާ ދެކޮޅަށް ނިކުތީ ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓުގެ ބިދޭސީންތަކެވެ. އެތައް މަހެއްގެ މުސާރަ ނުލިބިގެން ނިކުތް ބިދޭސީންނާ ފުލުހުންނާ ހިނގި ކުރިމަތިލުމުގައި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދީ އެތައް ފުލުހަކު ޒަހަމްކޮށްފިއެވެ. ހަމަނުޖެހުން ހިންގި 10 ބިދޭސީއަކަށް އެކިވަރުގެ ޒަހަމްތައް ލިބުނެވެ.

މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއްވެގެން ހިންގި އެންމެ ބޮޑެތި ހަމަނުޖެހުންތަކެވެ. ބިދޭސީންގެ ދެމެދު މާރާމާރީތަކާއި ވައްކަން ކުރުމުގެ މައްސަލަތަކުގެ އިތުރުން އެއް ބިދޭސީއަކު އަނެއް ބިދޭސީއަކު މަރާލާފައިވެސް އެބަހުއްޓެވެ. ކުށުގެވެށިން ތަތްތެޅިފައި ތިބި ބިދޭސީންގެ އަދަދު ރާއްޖޭގައި މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ގޭންގު މާރާމާރީތަކާއި މަސްތުވާތަކެތީގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބިދޭސީންގެ އަދަދުވެސް އިހުނަށްވުރެ ވެސް އިތުރުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާ ގޮތުން ލިޔެކިޔުމެއް ނެތި 60،000 އެއްހާ ބިދޭސީން ރާއްޖޭގައި އެބައުޅެއެވެ. ޝަމާލްވެސް ވިދާޅުވާ ގޮތުން މިހާ ގިނަ އަދަދެއްގެ ބިދޭސީންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމާތައް ނުރައްކަލެވެ.

"އަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކަށް މިއޮތީ މި މީހުން ފޫއަޅުވާލާފައި ވަދެފައި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހީންނާ ކައިވެނި ކުރުމާ މިހެންގޮސް ހުރިހާ ދިމާލަކަށް. ކުށްތަކުގައި ވެސް މި މީހުން ޝާމިލް ވެގެން ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ. އެހެން ގޮސް އެންމެ ފަހުން ތިފެންނަނީ ފުލުހުންނާ އިހަކަށް ދުވަހަކު ކުރިމަތިލި މީހުން. އެހެންކަމުން މިއީ ގައުމީ ސަލާމަތަށް އިޝޫއަކަށް މިކަން ދިމާވާ ސަބަބަކީ." ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަމާލް ވަނީ ވިދާޅުވެފައެވެ.

ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް - ފޮޓޯ: މަޖިލިސް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް - ފޮޓޯ: މަޖިލިސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މި ރިޕޯޓަށް އިންޓަވިއު ދެއްވަމުން ވިދާޅުވީ، ކުށުގެ ވެށީގައި ބިދޭސީންތައް ގިނަވެ ރާއްޖޭގެ ވިޔަފާރިތަކުގައި އެމީހުންގެ ބާރު ގަދަވަމުންދާނަމަ ރާއްޖޭގެ އަމިއްލަ ވަންތަކަން ގެއްލިގެން ހިނގައިދާނެއެވެ. މިހާރުވެސް އެ މަންޒަރު ފެންނަމުން އަންނައިރު އެކަމަށް ހައްލެއް ނުގެނެވިއްޖެނަމަ ކުރިއަށް އޮތް ތަނުގައި ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަމަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވިއެވެ.

އުމަރު ނަސީރު ވަގުތު އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހައްލަކީ ކޮބާ؟

ގައުމާއި ގައުމިއްޔަތަކީ ކޮންމެ މީހަކަވެސް މުހިއްމު އެއްޗެކެވެ. މި އެއްބައިވަންތަ ދިވެހި ފަސްގަނޑުގައި އެހެން ބަޔަކު އަތްގަދަކުރަން ބޭނުންނުވާކަން މި ގައުމަށްޓަކައި ގުރުބާންވި ބަތަލުންވަނީ ދައްކާފައެވެ. މިއަދު ދިމާވެފައި މިއޮތް ހާލަތު ރާއްޖެއަށް ކުރިމަތުކުރުވި ބަޔަކު ތިބޭނެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ފަދައިން ބިދޭސީންގެ މައްސަލައަކީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫނެވެ. "އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ" ރައީސް ވިދާޅުވެފައިވެއެވެ. އެކަމަކު އެ ބަޔަކު މިއަދު ހޯދޭނެކަމާ މެދު ޝައްކެވެ.

މި މައްސަލައަށް އޮތް ހައްލަކީވެސް އެޔެވެ. އޮޅުވާލައިގެން އެކި އެޖެންސީގެ ނަމުގައި ބިދޭސީންތައް ގެނެސް އެމީހުން މަގުމަތިކޮށްލާ މީހުން ތިބޭނެއެވެ. އެބަޔަކު މިނިވަންކަމާއި އެކު ތާޒާ ވައިގެ ތެރޭގައި އުޅެމުން އެބަދެއެވެ. އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ބަޔަކުވެސް މިއިން ސަރުކާރަކު ނެތެވެ. އެއީ އެކަމުގައި ސަރުކާރުތަކުގެ އިސްވެރިންވެސް ތިބޭތީއެވެ. އެކަމަށް މަގު ފަހިކޮށްދޭނެ މުއައްސަސާތައް ތިބީތީއެވެ. ނަން ނަމުގައި ހިއުމަން ރައިޓްސްއާ އެހެނިހެން މުއައްސަސާތައް ތިއްބަސް މިއިން ބަޔަކަށް ހޭވެރިކަމެއް ވަނީ ކަމެއް ހިނގުމުންނެވެ. އެއަށް ފަހު ހަފްތާއެއް ވަންދެން މި ވާހަކަ ދައްކާލަފައި އަނެއްކާވެސް ގެއްލެއެވެ. ސިޔާސީ ވެރިންގެ ހާލަކީވެސް މިއެވެ.


"ބިދޭސީންގެ މައްސަލަތައް ހައްލުކުރާނަމޭ ކިތަންމެ އަޑުހަރުކޮށް ކިޔަސް އަމަލީގޮތުން ކުރެވޭ މަސައްކަތްތައް މަދެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލަން ޖާގަ ދީގެން ނުވާނެ ކަމަށްބުނެ އަޑުހަރުކޮށް ގޮވަމުންދާ ގައުމު ދެކޭ "ލޯބިވާ" މީހުންނަށްވެސް މި ވާހަކަތަކެއް ނުދެއްކޭއެވެ. ހަމައެކަނި އަޅުވަނީ ރައްޔިތުންގެ ލޮލުގައި އަނދުނެކެވެ.

ކިތަންމެ ވަރަކަށް ގަވާއިދުތައްވެސް ގާނޫނުތައްވެސް ހެދިދާނެއެވެ. އެކަމަކު އެއަށް އަމަލުނުކުރެވޭހާ ހިނދަކު އޭގެ ބޭނުމެއް ނެތެވެ. ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރަށްވުރެ ހަރުކަށި އުސޫލު ގެންގުޅެން ޖެހެއެވެ. ބިދޭސީންނާމެދު އިހާނެތިކޮށް ހަދާ މީހުންނަށް ހަރުކަށި އަދަބު ދީ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައްމަޑޭ

    ހެހެހެހެ...ކޮންމެ މީހަކުވެސް ބޮޑު ގޮނޑީގަ އިދެގެން މޮޅު ވާހަކަ ދައްކަނީ.. ހަމަގައިމުވެސް އަހަރެން ނުގެންގުޅެން ބޭރު މީހުންނެއް. މަވެސް އަރާމާ ފަސޭހައިގަ ތަނަވަސްކަމާއެކު އުޅެން ބޭނުން.

    4
    1
  2. 😇

    ރާއްޖެ އައް ކޮންމެ ފަހަރަކު ވެސް އުދުވާނީ ހަމަލާ އައީ ދިވެހި ދަރިންތަކެއް ގައްދާރުވެގެން
    ހަމަ އެއިން ކޮންމެ ފަހަރަކުވެސް ﷲ ގެ އިރާދަފުޅުން ދިވެހި ފަސްގަނޑައް އުފަން ދިވެހި ދަރިޔަކު މި ބިން ސަލާމަތް ކުރަނީ
    🇲🇻 ދީނާ މަގެ ގައުމާ މަގެ އަމްނާ ނުބެހެއްޗޭ
    ތާރީޙް އެނގިތިބެ ގައްދާރުނުވައްޗޭ
    ދޭނޭ ދިވެހިން ޖާން ވާނޭ ކެރި ގުރުބާން
    އީމާން ކަންމަތީ އީމާންކަން މަތީ ☝

    7
    2
    • ސިޔާހު

      އާ
      ހީބިހި ނަގާލަ މި ބިން ސަލާމަތް ކުރަން މީހުންވި ގުރުބާނީގެ ވާހަކަ އަޑު އަހާލީމަވެސް
      އާ ހިތްވަރެއްލިބެނީ
      ﷲގެ އިރަދުފުޅުން މި ގައުމު އަބަދުވެސް މި މިނިވަންކަންމަތީ ލަމަހައްޓަވާށި

    • ޜުކޭ

      ހަދާން ހުރޭ ސުނާމީ ގަ ވެސް ދިވެހިން އުޅެލި ހާލު ކާބެ އެއްޗެއްނެތި ބޯނެ އެއްޗެއްނެތި އެކަމުވެސް ދިވެހިންގެ އެއްބައިވަންތަކަން އެ ގުޅުން ނުކެނޑެ

  3. ސްލޭވަރީއިންމޯލްޑިވްސް

    އެމީހުންގެ މިތާ އެ ތިބެނީ އެމީހުން ލައްވާ މުސާރަ ނުދީ ކޮންސްޓުރަކްޝަން މަސައްކަތް ކުރުވޭތި އެމީހުނަށް މުސާރަ ނުދިނަސް އެމީހުންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ މިއީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް

  4. ޙަސަނާ

    އަޅެފަހެ މިކަންހައްލުކުރާނެ ހަމައެއްގޮތެއްވެސް ވެރިންނަކައްނޭގުނު ދޯ.....!!!!އަމިއްލައައްއެގިތިބެ ރާއްޖެ އެތެރެވާ ގުރޫޕެއްތީ ނޭގިގެނެންވެސްނޫން ވިސާކާޑުނެތި ސައިޓުތަކުގައުޅޭމީހުން ހުއްޓުވަބަލަ އެފަދަ މީހުންލައްވާ މަސައްކަތްކުރުވުން އިހުލާސްތެރިކަމާއެކުމަނާކޮއްބަލަ 4ވަރަކައްމަސްދީބަލަ ކުންފުންޔެއްގަ ރަގިސްޓުރީވާން އެތެރެވިއަނުދީބަލަ 4މަސްފަހުން މަގުމައްޗައްނުކުތުންމަނާކޮއްބަލަ ދިވެހިންއެކަނިތަކުއްވެރުވާންވީ މިމީހުންބޭރުކުރުމާދެކޮޅުވީ މިފަހަކުން ނަސީދު އެހެންނޫންނަމަ މިހާރު އިބޫ ރައީސްމިކަންހައްލުކޮއްފީސް..

  5. ހުސޭނުބެ

    ބަންގާޅިން ދަށުގަ ދިވެހިން މިއުޅެނީ. ކިލޯކިރައިން ބަންގާޅިން ވައްދާ ގައުމެއް މިނޫނީ ނެތް.

  6. އައްޑޫޝަކުވާބޯޓު

    ސާ ބަހޭ ސަމާހު. ވަރަށް ފުރިހަމަ ރިޕޯޓެއް!