މާލެ އިން ހުޅުމާލެ އަށް ޖާގަ ތަނަވަސް ހަތަރު ފުރޮޅުލީ އުޅަނދެއްގައި ދަތުރުފެށީ އެކުވެރި ބައެއް ނޫސްވެރިންނާއި އެކުގައެވެ. އެ ދަތުރުގެ މިސްރާބު ހުރީ ހުޅުމާލެ ސެންޓްރަލް ޕާކާއި ދިމާލަށެވެ. މެންދުރު ފަހު ތިނެއް ޖެހި އިރު ފެށި ދަތުރުގައި ވީ 15 ވަރަކަށް މިނިޓަށް ފަހު ދަތުރުކުރަމުން ދިޔަ އުޅަނދު ވަނީ ސެންޓްރަލް ޕާކާ ދިމާލުން ގަސްތަކު ތެރެއިން ތަނަވަސްކޮށްދީފައި އޮތް ހަނި މަގަށެވެ. ވަށައިގެން ފެހި ގަސްތައް ބޯކޮށް އޮތް އެ މަގުން ދިޔަ އިރު ލޮލުގައި އަޅައިގަތީ ބަރު އުޅަނދުތަކެވެ. މަގުގެ ދެ ފަރާތަށް ވާހެން ޕާކުކޮށްފައި ހުރި އެ އުޅަނދުތަކުގެ ތެރޭގައި ގިނައީ އިމާރާތްކުރުމަށް ބޭނުން ކުރާ އެކިކަހަލަ އުޅަނދުތަކެވެ. އެއްޗެހި އުފުއްލަން ބޭނުން ކުރާ އުޅަނދާއި، ސިމެންތި ގަށާ މެށިނާއި އަދި މި ނޫނަސް އުޅަނދުތައް ހުއްޓެވެ.

ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެ އަށް ކުރި ދަތުރު ނިމި، އެ އުޅަނދުން ފޭބިވަގުތަކީ ހަގީގީ ދަތުރަށް ފެއްޓުނު ވަގުތެވެ. އުޅަނދުން ފޭބުމާއި އެކު އިސް އުފުލާ ބަލާލެވުނީ ކުރިމަތިން ފެންނަން ހުރި ބިޔަ، ބޮޑު އިމާރާތަށެވެ. އެ އިމާރާތުގެ މަތިން ތިރިއަށް ނަޒަރު ހިންގާލުމުން އެ އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަން އިހުސާސްކުރެވުނެވެ. ބޭރުން ބަލާލުމުން އެންމެ ފުރަތަމަ ވިސްނާލެވުނު ކަމަކީ އިމާރާތުގެ މަސައްކަތް ހަރުފަތަކަށް ފަހު ހަރުފަތެއް ބިނާ ކުރަމުންދާ ވަރަކަށް، އެ އިމާރާތް ނިމޭ އިރު ހުންނާނެ ގޮތެގެ ނަކަލުތަކާއި އެއްގޮތަށް އެތަނުގައި ސިފަޖެހެމުންދާކަމެވެ. 14 ފަންގިފިލާ އަށް ވާގޮތަށް ރާނާ އިމާރާތްކޮށްފައިވާ އެ އިމާރާތަކީ ހަމައެކަނި ކޮންކްރީޓާއި، ސިމެންތީގެ ބިނާއެއް ނޫނެވެ. އެއީ އެތައް ބައެއްގެ އުންމީދެވެ. އެއީ އެތައް ބައެއް ދެކެމުންދާ ދިގު ހުވަފެނެއްގެ ނިމުމުގެ މަލަމައްޗެވެ. އެއީ އެތައް ބައެއްގެ އިންތިޒާރުގެ ފޮނި ނަތީޖާގެ ފެށުމެވެ. ކުރިމަތިން ފެންނަމުން ދިޔަ އިމާރާތަކީ "ކޭޕާކް ރެސިޑެންސް"ގެ ނަމުގައި ތަރައްގީ ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓެވެ.

ބޭރުފުށުން ބަލާލާއިރު އެތަން ހިތްގައިމެވެ. އެކަމަކު އެތަނާއި މެދު ގޮތެއް ނިންމޭނީ ތަނުގެ އެތެރެ ހުރިގޮތެއް ވެސް ބަލާފައިތާއެވެ. އެކުގައި ދިޔަ މިތުރުންނާއި އެކު ހަދަމުންދިޔަ އެ އިމާރާތަށް ވަންނަން ތައްޔާރުވީ ރަތް ކުލައިގެ ހެލްމެޓްތައް ބޮލަށް މަހާލުމާއި އެކުގައެވެ. އިމާރާތުގެ "ބަނޑޭރި ގަނޑު" ފެނުމަށް ފަހު އެތެރޭގައި ހުރި އެއްޗެއް މިނެ ކިރާލުމަށް ތައްޔާރުވަމުން ދިޔަ ވަގުތު އެ ސަރަހައްދަށް އަވަސް ކަޅިއެއް އެއްލީމެވެ. އެ ސަރަހައްދުގައި އޭރުވެސް މަސައްކަތްތެރިން ހޭލަމޭލަވެ އުޅެއެވެ. އެއް އަޑަކަށް އިވެނީ މަސައްކަތް ކުރާ ސާމާނުތަކުގެ އަޑާއި، މަސައްކަތްތެރީންގެ ޖޯޝުގެ އަޑެވެ. އެ ސަރަހައްދުން ފެންނަން ހުރި ދަގަނޑާއި ހޮޅި އާއި، ވަކަރު ޕެލެޓްތަކާއި މި ނޫނަސް އެކި ޒާތްޒާތުގެ ވަސީލަތްތަކަށް ބަލާލުމުން އެ ސަރަހައްދުގެ ހަރަކާތްތެރިކަން ހާމަވެއެވެ.

ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ
ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

ކޭޕާކް ރެސިޑެންސްގެ މަސައްކަތް ކުރަމުން އަންނަ ހަންބޯ ކޮމްޕެނީގެ މޭސްތިރިންގެ ފިޔަވަޅު ބަލަމުން މައްޗަށް އަރާ އެ ތަނުގެ ދެވަނަ ފަންގިފިލާ އާއި ހަމައަށް އާދެވިއްޖެއެވެ. އެ ތަނުން އެޕާޓްމެންޓަކަށް ވަންނަން ހުޅުވާލި ދޮރާއި އެކު ލޯމައްޗަށް ފެނިގެން ދިޔައީ ކޭޕާކުގެ އެޕާޓްމެންޓުގެ ފުރިހަމަކަމެވެ. ކޭޕާކް ރެސިޑެންސްގައި ހިމެނޭ 110 އެޕާޓްމަންޓުގެ ތެރެއިން އެއް އެޕާޓްމެންޓަށް ވަނުމުން އެ ތަނުގެ މަސައްކަތް ނިމޭ އިރު އެ ތަން ފުރިހަމަވާނެ މިންވަރު ތަސައްވުރުކުރެވުނެވެ.

އެތަނަށް ވަދެ ބަލާލުމުން ފެނުނީ ކޭޕާކުގެ ފަހު ހަރުފަތް ފުރިހަމަވަމުންދާ މަންޒަރެވެ. ޖާގައިގެ ގޮތުން ތަނަވަސް ސިޓީން ރޫމާއި ދިމާއަށް ހިނގައި ގަންނަ އިރު މަތީގައި ލައިނަކަށް ވާގޮތަށް ހުރި ލައިޓްތަކާއި، ސިޓީން ރޫމްގެ މެދެއްހާ ހިސާބުގައި އެލުވާފައި ހުރި ޗާދަލިއާއިން ތަނަށް އިތުރުކޮށްދިނީ ހިތްގައިމުކަމެވެ. އެ ތަނުގައި ހުރި އަލަމާރި އާއި ކަބަޑް ފަދަ ތަކެތިން ތަނުގެ އާރޯކަން އިތުރުކޮށްދިނެވެ.

ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ
ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

ތިން ކޮޓަރި އާއި މެއިޑްރޫމެއް ހުރި އެއިން ކޮންމެ ތަނެއްވެސް އެހާމެ ފުރިހަމައެވެ. އާއްމުކޮށް މާލެ ސަރަހައްދުގައި ލިބެން ހުންނަ ކޮޓަރިތަކަށް ވުރެ ޖާގައިގެ ގޮތުން ބޮޑު ކޮޓަރިތަކަށް އެތަނުގައި ބަހައްޓާފައި ހުރި އަލަމާރިތަކުން އިންސާފުކޮށްދެއެވެ. ކޮޓަރިތަކަށް ވަނުމަށް ފަހު އެންމެ ފަހުކަމަށް ބޯދިއްކޮށްލެވުނީ އެ ތަނުގެ ފާހަނާތަކަށެވެ. އެ ފާހަނާތަކުގައި ފެންވަރާ ސަރަހައްދު ވަކިކޮށްފައި ހުރި އިރު، އެތަނުގައި ހުރި އަޅި ކުލައިގެ ކަބަޑާއި، އޭގެ ރަން އަތްގަނޑު އަދި ފާހަނާގެ ހުދު ސިންކާއި އެކު ގުޅުވާލަދިން މަންޒަރަކީ ސާދާ އެހެނަސް ޝާހީ އިހުސާސެއް ކުރުވާ ކަމެކެވެ.

ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ
ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

އެންމެ ފަހުން ދެވުނީ އެތަނުގެ ބެލްކަންޏާއި ހަމައަށެވެ. އެކަމަކު އެންމެ ފުރިހަމައީ އެތަނުން ބޭރަށް ބަލާލުމުން ފެނުންނަ ހިތްގައިމު މަންޒަރެވެ. އެ ތަނުގައި ހުއްޓި ހުންނަ އިރު ޔަގީންވާ ކަމަކީ އެ އިމާރާތް ހަދާފައިވަނީ ތަނުގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގެ ވަށައިގެންވާ ހިތްގައިމު، ހަމަޖެހޭ މާހައުލުން ހިތްފަސޭހަކަން ގެނެސްދޭނޭ ފަދަ ގޮތަކަށް ކަމެވެ. ތިރިން ފެންނަނީ ފިތުރޯނުގަސް ހިމެނޭހެން ގަސްތަކުގެ ކުޑަ ސާލެކެވެ. ވަށައިގެން ހުޅުވިފައިވާ ބެލްކަންޏާއި ކުޑަދޮރުތަކުން އެތަނަށް ފާއްދާލަދިން އަވިން އެވަގުތުވެސް އެ ތަން ތާޒާކޮށްދިނެވެ.

މިދެއްކުނީ ތަނުގެ ހިތްގައިމުކަމުގެ ވާހަކައެކެވެ. ދެން ސުވާލަކަށް ވާނީ މި ހިތްގައިމުކަން ތަނުގެ ވެރިންނަށް ކިހާ އަވަހަކަށް ވަދެވޭނެތޯކަން ޔަގީނެވެ. ހަންބޯ ކުންފުނިން ވިދާޅުވީ މި އަހަރުގެ ނިޔަލަށް އެ ތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"ފުރަތަމަ ފްލޯ ފިނިޝިން އެއްކޮށް ނިމިފައި މިހިރީ ހޯލްވޭ ނޫނީ. ދެ ވަނަ ފްލޯ %90 ނިމިފައި. 3،4 ވެސް ދެ ބައިކުޅަ އެއްބައި ނިމިފައި. އޭގެ މަތީގައި %20 ނިމިފައި. އިލެކްޓްރޯނިކަލް އެޕްލަންސެސް އޮކްޓޯބަރގައި ގެނެވޭނެ. ފިނިޝިން އަށް ބޭނުންވާ ހުރިޙާ އެއްޗެއް ގެނެސް ނިމިފައި ހުރީ." ކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެތަނުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާނަމަ ސިވިލް މަސައްކަތުގެ 100 އިންސައްތަ ނިމި، ބޭރުގައި ކުލަ ލުމުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ބެލްކަނީތަކުގެ ރެއިލިން އާއި ދޮރުފަތާއި ކުޑަދޮރުތަކުގެ މަސައްކަތް ވަނީ 95 އިންސައްތަ ނިމިފައެވެ. އަދި އެއާކޮންޑިޝަން ކުރުމުގެ 80 އިންސައްތަ، ޕްލަމްބިންގެ 90 އިންސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން ކަރަންޓުގެ މަސައްކަތަށް ބަލާނަމަ މެއިން ކޭބަލްގެ 90 އިންސައްތަ، ދޮރުތައް ވަޔަރކުރުމުގެ 95 އިންސައްތަ ވަނީ ނިމިފައެވެ.

އެހެންކަމުން ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރިން 14 ފްލޯއަށް ހަދާ ކޭޕާކް ރެޒިޑެންސް ފްލެޓްތައް ގަނެފައިވާ މީހުންނަށް، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެތަނުގައި ދިރިއުޅެވެން ފެށޭނެ ކަމަށް ކުރާ އުންމީދަށް އަދި ފަނޑުކަމެއް ނާދެއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރިން 14 ފްލޯއަށް ހަދާ ކޭޕާކް ރެޒިޑެންސް ފްލެޓްތައް ގަނެފައިވާ މީހުންނަށް، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެތަނުގައި ދިރިއުޅެވެން ފެށޭނެ ކަމަށް އެ އިމާރާތް ކުރާ ކުންފުނިން ދިން އުންމީދަށް ވާސިލްވުމަށް މަސައްކަތްތެރިންގެ އަދަދު އިތުރުކޮށް ބާރު ސްޕީޑުގައި މަސައްކަތްތައް ދަނީ ކުރިއަށެވެ. އެހެންކަމުން ކޮވިޑްގެ ބަލިމަޑުކަމާއި އެކު ތަކެތި ލިބުމަށް ހުރަސް އެޅުން ފަދަ ހައްސާސް މައްސަލަތަކުގެ ސަބަބުން މަޑު ޖެހުނު މަސައްކަތްތައް މިހާރު ވަނީ ނިމުމުގެ މަގުމަތީގައެވެ.

ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ
ކޭޕާކް އެޕާޓްމެންޓް ބިލްޑިންގް - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

21،000 އަކަފޫޓު ހުންނަ އެ އިމާރާތް މަސައްކަތް އެކި ސަބަބުތަކާއި އެކު ހުއްޓިފައި އޮތުމަށް ފަހު ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައެވެ. 1200 އާއި 1500 އަކަފޫޓްގެ އެޕާޓްމަންޓުތައް ހިމެނޭ މި އިމާރާތުގައި މީހުން ދިރިއުޅޭނީ 11 ފަންގިފިލާގައެވެ. އެތަނުގެ ކޮންމެ ފަންގިފިލާއެއްގައި 10 އެޕާޓްމެންޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ އެއް އެޕާޓްމެންޓާއި، ދެ ކޮޓަރިއާއި މެއިޑް ކޮޓަރި އެއް ހިމެނޭ އެއް އެޕާޓްމެންޓުގެ އިތުރުން 3 ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ ހަތް އެޕާރޓްމެންޓެވެ. މީހުން ދިރިއުޅޭ ހުރިހާ ފަންގިފިލާތަކެއް އެއްގޮތަކަށް ފަރުމާކޮށްފައިވާ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ތަރައްގީކުރަނީ ކޮމަރޝަލް ތަނެއް ގޮތުގައެވެ. އެ ތަނުގައި ފިހާރަ އާއި ޖިމް ފަދަ ތަންތަން ހިމެނޭ އިރު އިމާރާތުގެ އެންމެ މަތީގައި ޕޫލް އެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މަސައްކަތް ކުރުވާފަ ލާރި ދޭންޖެހުނީމަ ނަންބަރ ބުލެކްލިސްޓައްލާފަ ފިލާ މީހެއް މަންޑޭ އަކީ..ހަދާނީ ހުސްދޮގު.އޮޅުވާލުމާ މަކަރު ވެރިކަމުން އުޅޭ މީހެއް.އެތައް ބަޔަކައް ދަރާފަ އޮތީ

    17
  2. މނޑ

    މުޅިން އޮޅުވާލައިގެން އުޅޭނީ މަނޑޭ...ތި އިސްތިހާރު ވެބަލަ މީހުންނައް ދޭން ހުރި ލާރި ދީފަ.

    14
    2
  3. ބޮންދުން

    ކުރިއަށް އޮތް 2 އަހަރުވެސް ހަންބޯއަށް ތިތަން ނުނިންމޭނެ އަހަރެން ބުނީތީ ބަލަންތިބޭ

    13
    1