ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އެތައް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާގެ ފައިސާ ނަގައި، އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މަންޑޭ ހައްޔަރުކުރަން އަމުރެއް ނެރުނީ އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ ކޯޓުން ބާތިލް ކޮށްފައި ވަނިކޮށެވެ. އަދި ފަހުން އޭނާ ހައްޔަރުކޮށްފައި ވަނީ ޖުލައި ފަސް ވަނަ ދުވަހެވެ.

އޭނާގެ ބަންދަށް ފުރަތަމަ 15 ދުވަސް ޖެހިއިރު، ބަންދުގެ މުއްދަތު ހަމަވެގެން ޖުލައި 20 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް އިތުރު 10 ދުވަސް ވަނީ ޖަހައިފައެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅުމެވެ. މަންޑޭގެ ބަންދަށް އިތުރަށް 10 ދުވަސް ޖަހާފައި ވަނީ މިއީ ގިނަބައެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވެފައި، އޭނާ މި މައްސަލައިގެ ހެކި ނައްތާލަން މަސައްކަތްކޮށް، ހެކިންނަށް ނުފޫޒު ފޯރުވާކަން ފުލުހުން ފާހަގަކޮށްފައިވާތީއެވެ.

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން ދިވެހި ހިއްސާދާރު މަންޑޭ، ކޭ ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން މަންޑޭ ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ކޭ ޕާކް އިމާރާތް ކުރަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިން ވަނީ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށްޓަކައި ކަމަށާއި އަދި 45 ދުވަސް ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން މަންޑޭއަށް ޝަރުތުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި 14 ބުރިއަށް އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސްގެ ލޯކަލް އެޖެންޓް، ހަންބޯ މޯލްޑިވްސްއާ އެކުގައި ހެދި ކޮންޓްރެކްޓް އުވާލައި ޕްރޮޖެކްޓު ވީ އެންމެ އަވަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮރެއާގެ ހަންބޯ ކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައެވެ. އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމުގެ ގޮތުންނާއި މާކެޓްކުރުމުގެ ގޮތުން ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ.

ނަމަވެސް ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނެ އޭނާގެ އަބުރު ކަތިލަން ބަޔާނެއް ނެރުނީ ހަންބޯ ކޮމްޕެނީގެ ޗައިނާ ހިއްސާދާރު ޝިއުން ޖިން ފައިސާތައް ހިފައިގެން ފިލަން ފުރުސަތު ނުދިނުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާނިއުމާނި

    ކޮން 10 ދުވަހެއް 15 ދުވަހެއްތަ އުމުރަށް ބަންދު ކޮށްބަލަ ކިތަށް މީހުންގެ ކިހާ ފައިސާއެއް ކާލައިގެން އެއުޅެނީ

  2. އަހަންމަދު

    ކޮއްކޯ ތިޔަކަކަހަލަ ހަމަ އެއްގޮތެއްވެސް ނުހެދޭނެ. އިސާހިތަކު ދޫކޮށްލަފާނެ. ތިޔަކަލޭގެ އެތައްބައެއްގެ އަތުން ފައިސާފޭރިގެން އުޅޭތާ ކިހާދުވަހެއް ވީފަހުންތޯ ތިހައްޔަރުވެސް ކޮށްލެވުނީ. ބެލެވެނީ ބައިއެޅުމުގަ ހަމަމޮޅީ ކަމަށް.