ދިވެހި ޤާނޫނު އަސާސީގައި ވާގޮތުން ދިވެހިރާއްޖޭގެ ރައްޔިތަކަށް ނުވަތަ ރައްވެއްސަކަށް ވެވޭނީ އިސްލާމް ދީން ގަބޫލު ކުރާ މުސްލިމަކަށެވެ. މިހެންކަމަށް ވަނީ ނަމަ މިގައުމުގެ ރައްޔިތުންނަށް ވާނީ މުސްލިމުންނެވެ. އެހެން ނޫންތޯއެވެ؟ ނަމަވެސް ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން މިގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ބުނަން ލަނދު ގަންނަ ހިސާބަށް ގައުމުގެ ކަންކަން މިވަނީ ގޮއްސައެވެ. ގައުމުގެ ބައެއް މީހުންގެ ފަރާތުން ދީނާއި ދުރު ހުޅަގުގެ އާދަތަށް މިދަނީ ފެންނަމުންނެވެ. އާންމު ގޮތެއްގައި މިފަދަ ކަންކަން ފެންނަނީ ގައުމުގެ މައިދޮރާށި ކަމުގައި ވާ ޒުވާނުންގެ ކިބައިންނެވެ. މިގޮތުން ކަންބޮޑުވުން އިންތިހާއަށް އޮތް އެއްކަމަކީ ދިވެހިންގެ ނައިޓްކުލަބުތަކަށް ރިސޯޓްތަށް ވުމެވެ.

ނައިޓް ކުލަބަކީ ކޮބާތޯއެވެ؟ ނައިޓް ކްލަބަކީ އިސްލާމްދީން ގަބޫލު ނުކުރާ ކާފަރުން ހިތްހަމަ ޖެއްސުމަށް ރޭގަނޑުގެ ވަގުތެއްގައި ހިންގާ އަދަބާ ހިލާފު ހަރަކާތަކަށް ކިޔާ ނަމެކެވެ. އެހަރަކާތުގެ ތެރެއިން ދެޖިންސު މަސްހުނިވެގެން ނެށުމާއި ،ރާބުއިމާއި ނިވާކަން ކުޑަ ހެދުންތަށް ލައިގެން ތަފާތު ވަށްތަރުތަށް ޖެއްސުމާއި އަހުލާޤީ ގޮތުން ދަށުދަރަޖައިގެ އެތަކެއް ކަމެއް ކުރެއެވެ. ކަންމިހެން ހުރިއިރު މިފަދަ ތަނަކަށް މުސްލިމަކު ވަދެ އެކަންކަމުގައި ބައިވެރިވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މުސްލިމުންނަށް ހަރާމް ބެލުންތަކަށް ބެލުން ވަނީ ހަރާމް ކުރައްވާފައެވެ. މުސްލިމުންނަށް މިޔުޒިކް ކުޅުމާއި މިޔުޒިކް އަޑުއެހުން ވަނީ ހަރާމް ކުރައްވާފައެވެ. އަދި މުސްލިމުންނަށް ދެޖިންސް މަސްހުނިވެގެން އުޅުން ވަނީ ނަހީ ކުރައްވާފައެވެ. އަދި ހަމައެހެންމެ މުސްލިމުންނަށް ވަނީ ރާ ހަރާމް ކުރައްވާފައެވެ. މިހުރިހާ ކަމެއް ހަރާމް ކުރައްވާފައިވާއިރު މިފަދަ ކަންކަމުގައި މުސްލިމުން ބައިވެރިވުމުގެ ބޭނުމެއް އެބައޮތް ތޯއެވެ؟ ހަމަ ޔަޤޫނުންވެސް ނޫނެވެ.

ރާއްޖެއަކީ ގުދުރަތުން ރީތިކަން އިންތިހާއަށް ދެއްވާފައިވާ ގައުމެކެވެ. މި ގައުމުގައި ރިސޯޓްތަށް ހަދައިފައިވަނީ ފަތުރުވެރިންގެ ބޭނުމަށެވެ. އެހެނީ އެކަމުން ދިވެހިންނަށް ރަނގަޅު މަންފާއެއް ކުރާތީއެވެ. ގިނަ ރިސޯޓްތަކުގައި ބާ ތަށް ހުރެއެވެ. އަދި ރޭގަނޑުގެ ވަގުތުގައި ނައިޓްކުލަބުގެ ހަރަކާތްތަށްވެސް ކުރިއަށް ގެންދެއެވެ. އެއީ ފަތުރުވެރިންގެ އާދަކާދައަށް އެކަން ވީމައެވެ.

ކަންމިހެން ހުރި ކަމުގައިވިޔަސް ދިވެހިން މިކަންކަމުގައި އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެއެވެ. އެއީ ކާފަރުން ކުރާ ކަންތަށް ކޮޕީ ކުރާ މީހާވެސް ވާހުށީ ކާފަރުންގެ ތެރެއިންކަމަށް ރަސޫލާ މުހައްމަދުއް ސައްލަﷲ އަލަޢިލި ވަސައްލަމަ ހަދީޡް ކުރައްވާފައިވާތީއެވެ. . މުސްލިމުންނަށް އައުލާކަން ބޮޑުވެގެންވަނީ ހަލާލު މަސައްކަތެއް ކޮށްގެން ހަލާލު ގޮތުގައި ފައިސާ ހޯދުމެވެ. އަދި އެކަމަކީ ކިތަންމެ މަންފާއެއް ކުރާ އަދި ކިތަންމެ ހިތްހަމަ ޖެހުމެއް ލިބޭ ކަމެއް ކަމުގައި ވިޔަސް އިސްލާމް ދީން ހުއްދަކުރާ ގޮތެއްގައި މެނުވީ ފައިސާ ހޯދައިގެން ނުވާނެއެވެ. މުސްލިމުންނަށް އަންގަވާފައިވަނީ ހަލާލުގޮތުގައި ހިތްހަމަ ޖެއްސުމަށެވެ. ހަލާލު ގޮތުގައި މަޖާކުރުމަށެވެ. މުސްލިމުން އަމަލު ކުރަން ޖެހޭ ގޮތް މިފަދައިން ހުރިއިރު މިކަމަށް ވިސްނަނީ މަދު ބަޔެކެވެ. މާތް ﷲގެ މަގު އެއްފަރާތްކޮށް އިބްލީހުގެ ވަސްވާހަށް ގިނަ ދިވެހީން މިވަނީ ހެއްލިފައެވެ.

ދުނިޔެ މަތީގެ އަރާމު ހޯދުމަށް ވަގުތުތަށް ހޭދަކުރާ ދިވެހިންވެސް މަދެއް ނޫނެވެ. ހަފްތާ ބަންދަށް ކޮންމެވެސް ރިސޯޓަކަށް ޕާޓީ ކޮށްލަން ދާ ދިވެހިންގެ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މިކަމުގައި ވަކި ޖިންސެއް ވަކި އުމުރެއް ނެތެވެ. ހުޅަނގުގެ ކާފަރު މަޅީގައި ގިނަ ދިވެހިން މިވަނީ ހައްޔަރުވެފައެވެ. މި މަޅިން ދިވެހިންނަށް ސަލާމަތްވެވޭނީ ދިވެހިން ނައިޓްކުލަބުތަކަށް ދިޔުން މަނާކޮށްގެނެވެ. އަދި އެކަން ކުރާ ފަރާތްތަށް ފަލީހަތްކޮށް ހަރުކަށި އަދަބު ދީގެނެވެ. އަދި އީމާންތެރިކަން ވަރުގަދަކޮށް އުހުރަވީ ހަޔާތުގެ ފޮނި މީރުކަން ހޯދަން މަސައްކަތް ކޮށްގެނެވެ. މިއަދު ޕާޓީކޮށްލައިގެން ލިބޭ ވަގުތީ އަރާމަށްވުރެއް އާހިރަތުގައި ހެޔޮއަމަލު ކުޅަ މީހުންނަށް ލިބޭ ދާއިމީ ފޮނިމީރުކަން މާކަ ހެޔޮކަން ބޮޑުވެގެންވާކަން އެފަދަ މީހުންނަށް އަންގައިދީގެނެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. މޯނިނގް ކްލަބް

  ދިސް އިޒް ޓްރޫ! ޢެކަމް މޯނިނގް ކްލަބަށް ބައިވެރިވާން ފަތިސް ނަމާދަކަށް ނޭރޭ. ޙޭލާހުރެ މޯނިންގަ ނިދާނީ. ލައިކް އަ ކެޓް!

 2. ޔަސް

  ބެހޭކަމެއް ނޫން މީ! ހުސް ދޮގު ޕްރޮޕަގަންޑާ!

 3. ރިސޯޓްބޯއި

  މިއި ވަރަށް ފުރިހަމަ ލިއުމެއް. ވަރަށް ބޮޑު ތެދުފުޅެއް. ހަފްތާ ބަންދުގައި ބޮލަން އަންނަބޭފުޅުން ވަރަށް ގިނަވެއްޖެ. ހާއްސަކޮށް ސަރުކާރުގެ މަތީ މަގާމުތަކުގައި އުޅޭމީހުން ތިބެނީ މިކަމުގައި ވަރަށް އުހުގައި

 4. އަހޫ

  ވަލިއްޔުލް ޢަމްރުވެސް ވަނީ ތިކަހަލަ ކަމެއްކޮއްފަ

 5. މަ މިއު މަ

  ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ނޫން. ކުރާނެ ކަމެއް ނެތް. ދެން ތި ވާހަކަ ދައްކާނެ ކަމެއް ވެސް ނެތް

 6. ހުސޭނުބެ

  މަނާ ކުރޭ މަނާ ކުރޭ. ދިވެހީން ނައިޓްކުލަބާ ދުރުކުރޭ

 7. Anonymous

  ގައުމުގަ ފަނާވަނީ،.....ހަނާވަނީ.... އެމީހަކާ އެ މީހަކާ..ދިރިތިއްބަސް މަރުވެފަވާ ބައެއްހެން ގިނަ ޒުވާނުން މަސްތުވެފަ...ޤިޔާމަތް ކައިރިވާން އުޅޭކަމުގެ އަލާމާތް ...ތައުބާވަމާ ވަގުތު އޮއްވާ!!!!

 8. Anonymous

  ބެހޭކަމެއްނޫންކަން އެނގޭނެ ދުވަހެއް އެބައޮތް. އެދުވަސް އެއްވެސް މީހަކާ ކުރިމަތިލާނީ ކޮންތަނެއްގަ، ކޮން ޙާލަތެއްގަ ހުއްޓައި ކިހިނެއްކަމެއް އެކަކަށްވެސް ނޭންގޭނެ. މަރު ތިމާޔާ ކުރިމަތިލާއިރު ޒުވާންތޯ، މުސްކުޅިތޯ، ފަޤީރުތޯ ނިކަމެތިތޯ އަދި ކޮން ދެމަފިރިއެއްގެ ދަރިއެއްތޯވެސް ނުބަލާނެ! ޔަސް އަށް ތެދުމަގު ދައްކަވާށި!

 9. ބޮއެގެން ތިބީ

  ޙަރާމް ކަމެއް އެގިހުރެ މިއުޒިކުގެ ވާހަކަ މި ނޫހުން ގެނެސްދެނީޔޯ

 10. މަރި

  މިސަރުކާރު އައިފަހުން މަޖާާކުރުން ފުޅާވެގެންދިޔަ ، ގަބޫލުކުރިއަސް ނުކުރިއަސް މީހަގީގަތް

 11. ޢަލީ

  ޟުޅީން ރަނގަޅު ވާހަކަ. ޙާއްސަކޮއް ފަހުން ހުޅުވިގެން މިދާރިޒޯޓުތަކުގައި މުއައްޒަފުންނައް ހާއްސަ ބާ ހުރޭ. ޢަދި އެޗް އޯ ޑީންނައް ސްޓޮރުން ބޮޑެތި ރާފުޅ ގައްނަން ލިބެން ހުރޭ މި އެއްޗެހި ދިވެހީންގެ ގިނަ ބަޔަކައް ލިބޭ ނުވަތަ ދިވެހީންނައް ވިއްކާ ލަނީ.

 12. ވާނުވާ

  ހުސްދޮގު