އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ވަނީ އިސްރާއީލުން ފޭރިގަނެ އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ހިސާބުތަކުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެތައް ހާސް ރޮކެޓްތަކެއް ބޭނުންކޮށްގެން ހަމާސްއިން ދަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގެ ތެރެއިން ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން ވަނީ ބިމާއި ވައިގެ މަގުން އަދި ކަނޑުގެ މަގުން އިސްރާއީލުގެ ބާރުގެ ދަށުގައި ވާ ހިސާބުތަކަށް ވަދެގަނެފައެވެ. އެ ސަރަހައްދު ތަކުގައިވާ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ހަމާސްގެ ބާރުގަދަ ކަން އެމީހުން ވަނީ ދައްކާލައިފައެވެ.

މި އަސްކަރީ އޮޕަރޭޝަން ޕްލޭން ކުރުމަށް ނަގާފައިވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށް ހަމާސްގެ ލީޑަރުންނާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ. ހަމާސްއިން އިސްރާއީލާ ދެކޮޅަށް މިފަހަރު ދިން ހަމަލާތަކަކީ މީގެކުރިން ފެނިފައި ނުވާފަދަ ވަރުގަދަ ހަމަލާތަކެއް ކަމުން މުޅި އިސްރާއީލާ އެގައުމަށް ވާގިވެރިވާ އެހެން ގައުމުތަކަށް ވަނީ ސިހުން ގެނުވާފައެވެ.

ހަމާސް އިން މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެގަންނަނީ.

ހަމާސްއިން މިފަހަރު އިސްވެ ހަމަލާދިނީ ކީއްވެ؟

ހަމާސްއިން މިފަހަރު އިސްރާއީލަށް އިސްވެ ހަމަލާ ދީފައި މިވަނީ މައިގަނޑު ތިންކަމެއްގެ ސަބަބުންނެވެ. ފުރަތަމަ ސަބަބަކީ، ހިފާފައިވާ ހުޅަނގު އައްސޭރިއާއި ގުދުސްގައި ވަޒަންވެރި ކުރުވާފައިވާ އިސްރާއީލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތި ކުރުވަމުންދިޔަ އަނިޔާވެރިކަމާއި ލާއިންސާނީ ކަންތައްތަކެވެ. އެގޮތުން ފަލަސްތީނުން އެހިސާބުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންނަށް ބާރުތަކެއް ދީ، ފަލަސްތީނުގެ ރައްޔިތުން ނިކަމެތި ކުރުމުގެ ސިޔާސަތުތަކެއް އެހިސާބުގައި ތަންފީޒު ކުރަން ފެށުމުގެ ސަބަބުން ހުޅަނގު އައްސޭރީގައި އުފެދިފައިވާ ދެކޮޅުވެރިކަން އިތުރުވެ، އިސްރާއީލުން އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަން ފެށިއެވެ. މިކަމުގެ ސަބަބުން ހަމާސްގެ ކެތްތެރިކަން ކޮޅުންލައި އިސްރާއީލާ ދެކޮޅަށް ހަމަލާދިނުމަށް މަޖުބޫރުވިއެވެ.

އަރަބިންނާ އިސްރާއީލުގެ ޔަހޫދީންނާ އެއްހަމަ ކުރުމުގެ ސިޔާސަތުތައް އެ ހިސާބުގައި ހިންގަން ފެށުމަކީ ވެސް ހަމާސްއަށް ހަނގުރާމަ ފަށަން މަޖުބޫރުވި ދެވަނަ ސަބަބެވެ. ފާއިތުވި އަހަރުތަކުގައި މި ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނުގެ މައްސަލައިގެ މުހިންމުކަން އިތުރަށް ކުޑަވެ، ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ހިންގަމުންދިޔަ އަނިޔާވެރި އަމަލުތައް ހުޓާލުމަށް އަރަބި ގައުމުތަކުން ކުރަމުން ދިޔަ ޕުރެޝަރުތައް ކުޑަވެގެން ގޮސްފައި ވެއެވެ.

ތިންވަނަ ސަބަބަކީ ހަމާސް އާއި އީރާނާ ދެމެދުގައި އޮތް ގުޅުން ރަނގަޅުވެ ވަރުގަދަވުމެވެ. މިކަމުގެ ސަބަބުން އިސްރާއީލުން ފަލަސްތީނަށް ކުރިމަތި ކުރުވަމުންދިޔަ އަނިޔާވެރި އަމަލުތަކުގެ ދިފާއުގައި ތެދުވުމަށް ހަމާސްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ގުޅުންތަކުގެ ސަބަބުން އީރާނުން ވަނީ ހަމާސްއަށް ހަނގުރާމަ އަށް ބޭނުންވާ ހަތިޔާރާ އަދި އެނޫންވެސް އެހީތައް ފޯރުކޮށްދީފައި ކަމަށް އިސްރާއީލުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ހަމާސް އިން ފޮނުވާލި ރޮކެޓް ހަމަލާއެއް އިސްރާއީލަށް އަމާޒުވެފައި.

އީރާނުން ހަމާސްއަށް ވާގިވެރި ވެދާނެތަ؟

މިފަހަރު ހަމާސް އިން އިސްވެ އިސްރާއީލަށް ހަމަލާ ދިނުމުގައި ބައިވެރިވާ ކަމަށް އީރާނުން ދޮގުކުރި ނަމަވެސް އެގައުމުން ވަނީ އެކަމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޖެނެރަލް ޔަހްޔާ ރަހީމް ސަފާވީ ވިދާޅުވީ "އަޅުގަނޑުމެން މި އޮޕަރޭޝަނަށް ތާއީދު ކުރާއިރު، ރެސިސްޓެންސް ފްރަންޓުން ވެސް މި މައްސަލައަށް ތާއީދުކުރާކަން އަޅުގަނޑުމެންނަށް ޔަގީން" ކަމަށެވެ.

ނަމަވެސް ހަމާސް އިން އިސްވެ އިސްރާއީލަށް ހަމަލާ ދިނުމުގައި އެހެން ގައުމުތަކެއް ބައިވެރިވާކަމުގެ ތުހުމަތު އިސްރާއީލުން އަންނަނީ ތަކުރާރުކޮށް ކުރަމުންނެވެ. ނަމަވެސް ހަމާސްއިން އަންނަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ. އަދި ހަމާސްއަށް ވާގިވެރި ވާކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރަމުންދާ އީރާނުން ވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށް، އިސްރާއީލާއި އެމެރިކާ އިން ގުޅިގެން އެ ގައުމަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ.

ހަމާސްގެ މުޖާހިދުން

ހަމާސްގެ "އެންޑް-ގޭމް" އަކީ ކޮބާ؟

ހަމާސްއިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއަކީ އިސްރާއީލުގެ އިތުރުން މުޅި ދުނިޔެވެސް އަޖައިބުކޮށްލި ހަމަލާއެކެވެ. މި ހަމަލާއަށް ހަފްތާއެއް ވި އިރު، އެ ޖަމާއަތުގެ ވިސްނުން ކުރިއަށް ހުރި ގޮތާއި ހަނގުރާމަ އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެކަން ނުވަތަ ނޫންކަން ވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ހަމާސް ޖަމާއަތުން މި ހަނގުރާމަ ފެށުމުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ބިންތައް ފޭރިގަތުން ހުއްޓުވައި ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ރައްޔިތުންގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ބާރުއެޅުން ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ހަމާސް އިން ފޮނުވާލި ރޮކެޓް ހަމަލާއެއް އިސްރާއީލަށް އަމާޒުވެފައި.

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ ހަތަރު ރައްޔިތަކު މަރުވެފައިވާ ކަމަށް ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވަނީ ވިދާޅުވެފައެވެ. އަދި އިސްރާއީލުން އިންޒާރެއް ނެތި ޣައްޒާގެ އާންމުންގެ ގެތަކަށް ހަމަލާދީފިނަމަ އެ ޖަމާއަތުން އިސްރާއީލުގެ އިތުރު ފަރާތްތައް ރަހީނު ކުރަން ފަށާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައެވެ. މިކަން ތަންފީޒު ކޮށްފިނަމަ ހަމާސްއާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތައް މަޑުޖައްސާލައި ފަހަތަށް ޖެހޭނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.

ހަމާސްގެ ލީޑަޝިޕުން ވަނީ މި ހަމަލާތަކުގެ މަގުސަދުތަކަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ ގަވައިދާ ހިލާފު ކަންތައްތައް ނިމުމަކަށް ގެނެސް، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމާއި، ފަލަސްތީނަކީ މިނިވަން އިސްލާމީ ދައުލަތެއް ކަމުގައި ހެދުން ކަމުގައި ހާމަކޮށްފައެވެ. މީގެ ކުރިން އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ ގިނަ ބަޔަކު އަލުން ހައްޔަރުކުރި ނަމަވެސް، މިފަހަހަރު ހަމާސްއިން ރަހީނުކުރި އިސްރާއީލުގެ ރައްޔިތުންގެ ބަދަލުގައި، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ހަމާސްއިން ބޭނުންވާކަމަށް ވަނީ ލަފާކުރެވިފައެވެ.

ހަމާސްގެ މުޖާހިދުން

ކުރިއަށް ލަފާކުރެވެނީ ކޮންކަމެއް؟

ހަމާސްގެ ހަމަލާތަކުން އަރައިގަތުމަށް އިސްރާއީލަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން އެގައުމުން ވަނީ ޣައްޒާއަށް ބޮންއެޅުން ވަރުގަދަކޮށް، ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތައް މުޅިން ބަންދުކޮށް، އެގައުމުން ޣައްޒާއަށް ދެމުންދިޔަ ކަރަންޓުގެ ހިދުމަތް ކަނޑާލައި، ފަލަސްތީނަށް އިންސާނީ އެހީތަކަށް ދިނުމަށް ހުރަސް އަޅައި އެކަން ވަނީ އިއުލާންކޮށްފައެވެ. އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން މީގެކުރިން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ މިފަދަ ފިއްތުންތައް ކުރިމަތި ކުރުވައި، އެކަމުގެ ސަބަބުން ދާޚިލީ ހަލަބޮލިކަމާ ކުރިމަތިލާން ޖެހިފައެވެ.

ހަމާސްގެ މި ހަމަލާތަކުގެ ސަބަބުން އިސްރާއިލަށް ނިންމަން ޖެހިފައި އޮތީ އުނދަގޫ ނިންމުންތަކެކެވެ. އެގޮތުން އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުން ފުޅާކުރަން ވީތޯ ނުވަތަ މިކަންކަމަކީ އެގައުމުގެ އަސްކަރިއްޔާއަށް ކުޅަދާނަ އަދި ހަރަދުގެ ގޮތުން ކުރެވޭނެ ފަދަ ކަމެއްތޯ ބަލަންޖެހޭކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް ހަމާސްއިން ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފިނަމަ ހަމާސްގެ ޑިމާންޑުތަކަށް އިސްރާއީލުން އެއްބަސްވެ، ހަނގުރާމަ ނިމުމަކަށް ގެނެސް، ގައިދީން ބަދަލުކުރުމުގެ އެއްބަސް ވުމަކަށް އައުން އެކަށީގެންވާކަމަށް ވެސް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން އިތުރަށް ހާމަކުރެއެވެ. އަދި މިކަމުގެ މެދުވެރިއަކަށް މިސްރު ވުމަކީ ކައިރިކަމެކެވެ.

އެންމެ ފަހުން އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއް ހެދުނު ނަމަވެސް ހަނގުރާމަ ކުރުމަށް މެދުވެރިވެފައިވާ އަސްލު ސަބަބުތައް ހައްލުކޮށް މިކަމަށް ދާއިމީ ހައްލެއް ލިބިދާނެކަމަށް ނުބެލެވެއެވެ. ފަލަސްތީނުގެ މީހުން ޖަލަށްލުމާއި، ފަލަސްތީނުގެ ފައިސާ ފްރީޒްކުރުމާއި، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތައް ދޫކޮށްލުމާއި، އެ ސަރަހައްދުގެ އިޖްތިމާއީ އިގްތިސާދީ ޙާލަތު ރަނގަޅުކުރުމާއި، ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓާލުމުގެ ވިސްނުމެއްގައި މި ކަންކަން ނިމުމަކަށް ގެނައުމުގެ ދާއިމީ ހައްލެއް އެގައުމުން ނުގެންގުޅޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ. މާނައަކީ ފަލަސްތީނާއި އިސްރާއީލުގެ ކޯޅުން ކުރިއަށް އޮތްތަނުގައި ވެސް ވަރުގަދަވެ، އިތުރު ލޭ އޮހޮރުވުންތަކެއް ހިނގުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮމެންޓޭ

    މިހާރުޔަގީންވާ ކަމަކީ އެތައްގައުމެއްގެ އިންޓަލިޖަންސް އިން ހަމާސް، އިޒްރޭލަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ދިން. އިޒްރޭލުން ހަމަލާދޭން ފުރުޞަތު ދިނީ އެމީހުން ބޭނުންވާ ކަންކަން ކުރަން. ހަމާސް ހަމަލާއިން ދީނަށް ލިބުނު ނަޞްރެއް ނެތް އީރާން އަޑީގަ އޮވެގެން ޞަރަޙައްދު ހަލަބޮލި ކުރަނީ. މިއަދުގެ ހަގީގަތް ގަބޫލު ކުރަން ޖެހޭ އިޒްރޭލާ ހަނގުރާމަ ކުރެވޭނެ އީމަންތެރިކަމެއް އަދި ބާރެއްވެސް ނެތް. މަރާ ފަނާކުރުން ފިޔަވާ އެހެން އެއްޗެއް ހަމާސް އަށް ނުހޯދާދެވޭ. އީރާންގެ އެންމެ ބޮޑު ބޭނުމަކަށްވީ ސައުދީން އިޒްރޭލާއެކު ކުރަމުން ގެންދިޔަ ޞުލްހައިގެ މަސައްކަތް ނާކާމިޔަބުކުރުން. ސައުދީން ދިއައީ ފަލަސްތީން ރަށްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުން. ހަގީގަތކީ މިއަދު އިޒްރޭލާ ކުރިމަތިލެވެން ނެތްކަން ޞުލްހަ ވެގެން ފަލަސތީން ރަށްޔިތުންގެ ހާލަތު ރަނގަޅު ކުރެވެން އޮތް ކަން. އީރާންގެ ފަނާކުރަނިވި އެޖެންޑާ ހިނގުން މުޅި މެދު އިރުމަތީގަ އީރާންދަނީ ފަސާދަ ކުރަމުން. ކިތަންމެ ޑިސްލައިކް ދިނަސް ހެޔޮ މީހަގީގަތް

    7
    44
    • މަންދި

      ދުނިޔެ ފަހަތުން ދުވާ ނުމާފިގުންނަށް ހީވާނޭ ނަސްރު ލިބުމަކީ ފެން މެޓަޔެއް ބޯލުންހާ ފަސޭހަ ކަމެކޭ. އީމާންތެރިކަމެއް ނެތޭ ތިޔަބުނަނީ ގާތަކުގެތެރެއިން ނުކުމެފައިވެސް އެކިޔަނީ އަލްޙަމްދުލިއްލާހިއޭ. ސައޫދީއަށް ވަމުންދާ ގޮތުން އެނގެޔޭ އެމީހުނަކީ ސޭކުލަރފިކުރު ބަޔެއްކަން. ހުރިހާ ޢިލްމުވެރިން ޖަލަށް ލައިގެން އެކުރަނީ އިސްލާމީ ވެރިކަމެއްހޭ. ބޭޅާ ހިތުން އިރާނަށް އެއްޗެހި ގޮވުނީމާ އެޔޮތީ ސިޔާސީ މުހައްލިލަކަށް ވެވިފާޔޭ. ޑިސްލައިކުވެސް އެދުނު ގޮތަށް ދީފީމޭ. ދެން އަތުގައި ތަނޑިއަޅުއްވައިގެން އިންނަވާށޭ ބޮޑިބަތް ކައްކަން. ދެން ދަންނަވަމޭ ފަލަސްތީނު މީހުނެއް ތިބޭޅާ ކަހަލަ ފިނޑިންގެ ހަމްދަރުދު ނުލިބެގެނެއް ނޫޅޭ. ހިމޭނުން ހުންނާށޭ.

      20
      1
  2. ދޮންތަ

    ފަލްސްތީނަށް ނަޞްރު ލިބޭންދޭވެ...އާމީން

    44
    0
  3. ބަބޫ

    އަހަރެންވެސް ބޭނުން ވަނީ ފަލަސްތީނަށް ނަސްތު ލިބުން. އެކަމަކު މިފަހަރު ހަމާސްއިން އެކުރީ ކުރަން ރަނގަޅުކަމެއްނޫން. ފަލަސްތީނު މީހުން ތަކު ތެރެއަށް ވަދެތިބެ އިސްރާއީލަށް ހަމަލާ ދިނުމުން މިހާރު އިސްރާއީލަށް ފަލަސްތީން ފުނޑުފުނޑު ކޮށްލަން ފުރުސަތު ލިބުނީ. ހަމާސްއަށް ހިފަހައްޓައެއް ނުލެވޭނެ. ހަމާސްއަކީ ގައުމެއް ނޫން. ބަޔަކު އެމީހުން ބޮލަށް ވަދެގެން އެޅުނު ޅައެއްޗެއް މިފަހަރު ތިޔައީ. ބައެއްމީހުން މިހެން ކޮމެންޓް ކުރީމަ ރުޅިވެސް އަންނާނެ އެކަމަކުވެސް ހަގީގަތަކީ މީ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ޝަހީދުވުން ނޫންކަމެއް ނުވާނެ. އަހަރެންގެ ދުޢާއަކީވެސް އިސްރާއީލް ފަނާވެ ނެތި ދިއުން. އޮތް ފުއް ނޫން އަނެއް ފުށަށް ޖެހުން. އެއްވެސް ގައުމަކުން ހަމާސްއާއި އެއްކޮޅަށް ނާރާނެ. އީރާންވެސް އަނގަ ތަޅާނީ

    3
    11
    • ކަލްދުން

      ފަލަސްތީނު އެންމެނަކީ ހަމާސް އެއްނޫން. އެކަމަކު ހަމާސް މީހުނަކީވެސް ފަލަސްތީނު މީހުން އިނގޭތޯ. ޔޫއެން އިން ފާސް ކޮށްފައި އޮތް ގަރާރެއްގައި އެބައޮތް ފަލަސްތީނުގެ މީހުނަށްވެސް ހަތިޔާރުގެ ބޭނުންކޮށްގެން ރެޒިސްޓު ކުރުމަކީ އެމީހުނަށް ލިބިގެންވާ ހައްގެއް ކަމުގަ. ކަލޭ ނަމަވެސް 75 އަހަރުވަންދެން އަޅުވެތިކަމަށް ކެތްކޮށްގެން އިންސާނީ ހައްގުތަކުން މަހުރޫމު ކުރީމަ ޕީސް އެން ލަވް އޭ ކިޔާލަ ކިޔާލައެއް ނުހުންނާނެ. އެމީހުނަށް އެނގޭ އަރަބިންނެއް އަދި އިރާނެއްވެސް ނާންނާނެކަން އެހީވާކަށް. ދިގު ހަނގުރާމައަކަށް ތައްޔާރުވެގެން އެ ފެށީ. ގާޒާގެ ވާހަކަ ބާއްވާފަ ހުޅަނގުއައްސޭރީގަވެސް ކޮންމެ ދުވަހަކު ހަމާސް އިން ކަމެއްކޮށްގެނެއް ނޫންދޯ އިޒުރޭލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން އެ މަރަނީ. މި އަހަރުގެ މި ހަނގުރާމަ ފެށުމުގެ ކުރިން 230 މީހުން މެރި. ދެން ކަލޭމެން ރޯނު އެދުރުންނަށް ފެނުނީ މިދިޔަ ހޮނިހިރުގަ ހަމާސްއިން ޖަލުން ނުކުމެ ހަމަލާ ދިނީމަ. އޭގެ ކުރިން ހަމައެކަނި މިއަހަރުވެސް އިޒުރޭލުން އެތައް ލާއިންސާނީ އަމަލުތައް ހިންގައިފި. ނުފެނޭނު އެތަނެއް. ސަބަބަކީ ކަލޭމެން ބަލަނީ ހަމައެކަނި ހިޅަނގުގެ ޚަބަރުތަކުން ކަލޭމެނަށް ދޭ ބޭސް. ދެން އޮތީ ހޮސްޓެޖުން ގެންދިޔަވާހަކަ. ޔަގީން ކަލޭމެނަކަށް ނޭނގޭނެ. އިޒުރޭލުގެ ޖަލުތަކުގަ ކުށެއްނެތި ފަލަސްތީނުގެ ކުޑަކުދިން އަންހެނުންނާ ޒުވާނުން ހައްޔަރުކޮށްފަ ތިބި އަދަދެއް. އަޅުވެތިކަމުން ސަލާމަތްވާން މަސައްކަތް ކުރާ މީހާއަށް، ތިމާގެ ހަޔާތުގައި އެންމެ ދުވަހަކުވެސް އަޅުވެތިކަމުގެ ރަހަ ނުދެކޭ ބަޔަކު ހަދަންވީ މިހެނޭ އެހެނޭ ކިޔަދިނުމުގެ ކުރިން ވިސްނައި ލަދުގަންނަން ޖެހޭނެ.

  4. ބަރުބާދު

    އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު އިޒްރޭލު ބަރުބާދު އެމެރިކާ ޑައުން އެމެރިކާ ބަރުބާދު