އާންމުވެފައިވާ އެއް ވީޑިއޯ އިން ފެންނަނީ ފަލަސްތީނުގެ ކުޑަ ކުއްޖަކު މަގުމަތީގައި ރޮމުން ދިޔަ މަންޒަރެވެ. ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވާނެ ކަމަށް ލަފާ ކުރެވޭ އެ ފިރިހެން ކުއްޖާ ކައިރީގައި ފަލަސްތީނުގެ އިތުރު ދެ މީހަކު ހިފަހައްޓައިގެން ހުއްޓެވެ. އެ ކުޑަ ކުއްޖާ ތަކުރާރުކޮށް އަހަމުން ދިޔައީ އެންމެ ސުވާލެކެވެ.

"ކޮބާ އަރަބި ގައުމުތައް؟ ކޮބާ އަރަބިން؟ ކޮބާ އަރަބި ގައުމުތައް؟" ލޮލުން ކަރުނަތައް ފައިބަމުން ދިޔަ ވަގުތު ވެސް ކުޑަ ކުއްޖާ އަސަރާއެކު ސުވާލު ކުރިއެވެ.

އެހެން ވީޑިއޯއެއްގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ބުނަމުން ދިޔައީ، އެމީހުން ދާނެ ތަނެއް ނެތް ވާހަކައެވެ. ދާ ކޮންމެ ތަނަކަށް އިސްރާއީލް ސިފައިން ބޮން އަޅަމުންދާ ކަމަށާއި ކަރަންޓާއި ފެނާއި ކާބޯތަކެތި ލިބުމުން ވެސް އިސްރާއީލުން މަހްރޫމްކޮށްފައިވާ ކަމަށް އެ ކުއްޖާ ބުންޏެވެ.

10 އަހަރުގެ ކުއްޖާ ވާހަކަ ދައްކަނީ.

"އަހަރެން މަރުވެދާނެތީ ބިރުގަނޭ، އަހަރެން މަރުވާކަށް ބޭނުމެއްނޫން. އަހަރެން އަދި ދިރިހުންނަން ބޭނުން، އަހަރެންގެ އުންމީދުތަކާއި ހުވަފެންތައް ހާސިލް ކުރަން ބޭނުން. އަހަރެންގެ އުމުރުން އަދި އެންމެ 10 އަހަރު. އަހަރެން ވަކީ ހަދާނީ ކިހިނެއް؟ ދާ ކޮންމެ ތާކަށް ޔަހޫދީން އަންނަނީ ބޮންއަޅަމުން." އެ ކުއްޖާ އަސަރާ އެކު ކިޔައިދިނެވެ.

މުހައްމަދު އަބޫ ދަގާ.

ފޮޓޯ އިން ތި ފެންނަނީ ފަލަސްތީނުގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު އަބޫ ދަގާއެވެ. އިސްރާއީލުން ވައިގެ މަގުން ޣައްޒާގެ ހާން ޔޫނިސް އަށް ދިން ހަމަލާތަކެއްގައި އޭނާ ސަލާމަތްވިއެވެ. އެކަމަކު އޭނާގެ އާއިލާގެ އަށް މެމްބަރުން ވަނީ ޝަހީދުވެފައެވެ. އާއިލާގެ އިތުރު ތިން މެމްބަރަކު ވަނީ އިމާރާތްތަކުގެ ދަށުވެފައެވެ. އެމީހުން އަދި މިހާތަނަށް އައިއިރު ފެނިފައެއް ނުވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 2،670 މީހުން ޝަހީދުވެ، ސްކޫލްތަކާއި ހޮސްޕިޓަލްތައް ބިމާ ހަމަވެފައިވާތީ އެކަމުގެ ކަންބޮޑުވުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި އިސްރާއީލު ސަރުކާރުން ޣައްޒާއަށް ކަރަންޓާއި ފެނާއި ތެލުގެ ސަޕްލައި ކަނޑާލުމަކީ އެ ސަރަހައްދުގެ 2.3 މިލިއަން މީހުންގެ އާބާދީގެ އިންސާނީ ހައްގުތަކަށް އަރައިގަތުމެވެ. އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ނިންމުމެކެވެ.

ފަލަސްތީނުގެ ރައްޔިތުންތަކެއް ރަފާ ބޯޑަރު ކައިރީގައި. އެއީ މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދު.

މި މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ސަރަހައްދުތަކަށް ވަދެ ރަހީނުކުރި އިސްރާއީލުގެ ރައްޔިތުން މިނިވަން ކުރުމުން ނޫނީ އެ ގައުމުން ފަލަސްތީނަށް ދެމުންދިޔަ ފެނާއި ތެޔޮ އަލުން ނުދޭނެ ކަމަށް އިސްރާއީލުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ހަމާސްގެ ހަނގުރާމަވެރިން ޕެރަގްލައިޑަރު ބޭނުންކޮށްގެން އިސްރާއީލަށް ވަދެ، ޣައްޒާގެ ބޯޑަރު ފެންސާ ކައިރި އަވަށްތަކަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ 1،400 މީހުން މަރާލައި 3،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވެއެވެ. އަދި ހަމާސްގެ ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި 150 މީހުން ގެންގޮސްފައިވެއެވެ. ބަދަލުގައި އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް، އެތައް އިމާރާތްތަކެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.

ހަމާސްއިން އިސްރާއިލަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހަނގުރާމަ މަތީ މަތިންދާބޯޓު އުފުލާ މަނަވަރަކާއި ހަނގުރާމަވެރި ލަޝްކަރެއްގެ އިތުރުން އިތުރު މަނަވަރުތަކެއް އިސްރާއީލަށް ފޮނުވާނެކަމަށް ވިދާޅުވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެދުއިރުމަތީގެ މިހާރު ފެށިގެން އުޅޭ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިސްރާއީލާއި އެމެރިކާ ހިމެނޭނެހެން ދަމަހައްޓަމުން ދަނީ ހަނގުރާމައިގެ ގާނޫނުތައް ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންތަކެއް ފެން ނަގަން އައިސްފައި.

އެކަމަކު ހަނގުރާމައިގެ ގާނޫނުތަކަކީ، ސީދާ ކޮން ގާނޫނުތަކެއް ހެއްޔެވެ؟ އަދި އިސްރާއީލުން ފަލަސްތީނުގެ އެކި ތަންތަނަށް ބޮން އަޅައި، ދެމުންދާ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭނެހެން އެތައް ބަޔަކު ޝަހީދުވެ، ސްކޫލުތަކާއި ހޮސްޕިޓަލްތައް ބިމާހަމަވަމުން ދާއިރު، އެއީ އެބުނާ ބައިނަލްއަގްވާމީ ގާނޫނުތައް ދެމެއްޓުން ކަމުގައި ވާނެ ހެއްޔެވެ؟

ހަނގުރާމައިގެ ގާނޫނުތަކަކީ ކޮބާ؟

ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން ބުނާ ހަތިޔާރާއެކު ކުރިއަށް ގެންދެވޭ ހަމަނުޖެހުމެކެވެ.

ހަނގުރާމައިގެ މި ގާނޫނުތަކުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމާލާތައް ދިނުމާއި އެއްވެސް ސިފައެއްގައި އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ އެއްވެސް އަމަލެއް، އިންސާނީ އުސޫލުތަކާއި ކަރާމަތައް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ކުރުން މަނާކޮށްފައި ވެއެވެ. މީގެއިތުރުން އެންމެ އަސާސީ ކަންކަމުގެ ގޮތުގައި ހަނގުރާމަ ކުރާ ފަރާތްތަކުން ކުރަންޖެހޭކަމަށް މި ގާނޫނުގައި ލާޒިމު ކުރަނީ:

- ހަމަލާތައް ދިނުމުގައި ހަނގުރާމަވެރިންނާއި އާންމުން ވަކިކޮށް، އާންމުންނަށް ހަމަލާ ނުދިނުން
- ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ ސިވިލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުން
- އަމާޒުކޮށްފައިވާ ތަންތަނުގައި އާންމުން ތިބިނަމަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ކުރިން ދިނުން
- މެޑިކަލް ސްޓާފުންނަށް ގެއްލުން ދިނުމާއި މެޑިކަލް ފެސިލިޓީތަކަށް ކަރަންޓާއި ފެން މަހުރޫމް ކުރުމުން ދުރުހެލިވުން
- އެއްވެސް ސިފައެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް ނޭޅުން
- އާންމުންނާއި މީނުންވެސް ހަނގުރާމާގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުދީ ދޫކޮށްލުމާއި އެއްވެސް ހާލެއްގައި މިފަދަ ފަރާތެއް ގަތުލުކުރުމާއި، އަނިޔާކުރުމާއި، ރަހީނުކުރުން ފަދަ ކަންކަން ނުކުރުން

ފަލަސްތީނުގެ ރައްޔިތުންތަކެއް ޝަހީދުވެފައި.

ނަމަވެސް މި ގާނޫނުގައި މިހެން ބުނެވިފައި ވީނަމަވެސް އިސްރާއީލުން މި ގާނޫނަށް ބޯލަނބާތަނެއް ނުފެނެއެވެ. އެ ގައުމުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަމަލު ކުރަމުންދަނީ ހިތުހުރި ގޮތަކަށެވެ. ފަލަސްތީނުގެ އާންމުގެ ގެތަކަށާއި ސްކޫލުތަކުގެ އިތުރުން ހޮސްޕިޓަލްތަކަށް ވެސް އިސްރާއީލުން ދަނީ ވަރުގަދަ ހަމަލާތަކެއް ދީ ފަލަސްތީނުގެ އެތައް އާންމު ރައްޔިތުންނެއް ޝަހީދު ކުރަމުންނެވެ.

އިސްރާއީލުން ހަނގުރާމައިގެ ގާނޫނުތަކާ ހިލާފަށް ކުރަނީ ކޮންކަންތައްތަކެއް؟

ވޭތުވެދިޔަ ދެތިން ދުވަހު އިސްރާއީލުން ފަލަސްތީނުގެ އެކި ހިސާބުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ކުށެއް ނެތް އެތައް ހާސް ބަޔަކު މަރުވެދާނެކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ދެމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް މިހާރު ދެމުންގެންދާ ހަމާލާތަކާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލަންޓް ވަނީ ފަލަސްތީނުގެ ރައްޔިތުންނަކީ "ޖަނަވާރު ބައެއް" ކަމަށް ބުނެ، ޣައްޒާ "މުޅިން ވަށާލުމަށް" އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަމުރު ކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. އިސްރާއީލުން އަންގާރަ ދުވަހު ރަފާހު ބޯޑަރަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ތެލާއި ކާބޯތަކެތި ހިމެނޭ ޓްރަކްތަކަށް ޣައްޒާއަށް އެތެރެވުމަށް ވަނީ ހުރަސްއެޅިފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ގަލަންޓް ބުނީ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އެ ގައުމުގެ ސިފައިންނައް އެ ހިސާބުގެ ހުރިހާ ބާރުތަކެއް ދޫކޮށްލާފައި ވާކަމަށެވެ. މީގެއިތުރުން ހަމާސްއިން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބަދަލެއް ގެނައުމަށް ކަމަށާއި، އެކަމަކު އެކަން އެގޮތަށް ނުވާނެކަމަށް ވެސް އޭނާ ހާމަކުރިއެވެ. ހަމައެހެންމެ ހަމާސްއިން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް މީގެކުރިން ޣައްޒާ އޮތްގޮތަށް އަލުން އިއާދަ ނުވާނެކަމަށް ބުނެ އޭނާ ވަނީ ހަމާސްއަށް އިންޒާރު ދީފައެވެ.

ފުނޑުފުނޑުވެފައިވާ އިމާރާތެއްގެ ކައިރީގައި މީހަކު މާޔޫސްވެފައި.

ފާއިތުވި 16 އަހަރު ދުވަހު އިސްރާއީލުގެ ފިއްތުންތަކާއި އަނިޔާވެރިކަމުގެ ވަކިދަށުގައި އޮތް ޣައްޒާ ވަނީ މީގެކުރިން ހަމަލާތައް ނުދޭވަރަށް ހަމަލާތައްދީ މުޅިން ސުންނާފަތި ކޮށްލާފައެވެ. އެގޮތުން ޣައްޒާއަށް ތެޔޮ އެތެރެކުރުމަށް އިސްރާއީލުން ހުރަސް އެޅުމުގެ ސަބަބުން، އެސަރަހައްދަށް ކަރަންޓު ދިނުމަށް ހުރި ހަމައެކަނި އިންޖީނުގެ ހުއްޓި، މުޅި ޣައްޒާވަނީ އަނދިރިކަމުގެ ތެރޭގައެވެ. މީގެއިތުރުން ޔަހޫދީ އިސްރާއީލުން ވައިގެ މަގުން ދޭ ހަމަލާތައް ރެފިއުޖީ ކޭމްޕްތަކާއި، ރެޒިޑެންޝަލް ބްލޮކްތަކާއި، ޓެލެކޮމިއުނިކޭޝަން އޮފީސްތަކާއި، ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ މުހިންމު އިންފްރާސްޓްރަކްޗަތަކަށް އަމާޒުކޮށް ގިނަ ތަންތަން ވަނީ ބިމާ ހަމަކޮށްލާފައެވެ.

"އަހަރެމެން ތަހަންމަލު ކުރަމުން މިގެންދަނީ ދުނިޔޭގެ އެއްވެސް ތަނެއްގެ ބަޔަކު މީގެކުރިން ތަހަންމަލްކޮށްފައި ނުވާ ފަދަ އަނިޔާވެރިކަމާއި ލާއިންސާނީ އެތައް ކަމެއް... މި ކަންކަމުގެ ތެރެއިން އަހަރުމެން ލޯބިވާ އެތައް ބަޔަކުވަނީ ވަކިވެ ގޮސްފަ.. އެކަމަކު މި ހަނގުރާމަ ނިމުމަކަށް ގެނެސް އަހަރުމެންނަށް ހަމަޖެހުމެއް ލިބޭނެފަދަ ކަމެއް ކުރުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އިނގިއްޔެއްވެސް ހަލުވާލާތަނެއް ނުފެނޭ... މުޅި ދުނިޔެ އޮތީ ކަނުވެފައި" ޣައްޒާ ސިޓީގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ މަންދޫބަކު ބުންޏެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެއްޗާއި ކާނާއާއި ބޯފެނުގެ އިތުރުން ބޭސް އެގައުމަށް އެތެރެ ކުރުމުގެ ފުރުސަތު ދޭންޖެހޭ.. ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިވާގޮތަށް އަޅާފައިވާ އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތުން ވަގުތައް ނިންމުމެއް ގެންނަންޖެހޭ" އދ. ގެ ޗީފް ބުރާސްފަތި ދުވަހު އެކްސްގައި ހާމަކުރައްވާފައި ވެއެވެ.

އިސްރާއީލުގެ މި ހަމަލާތަކަށް ބައިނަލްއަގްވާމީ ފަރާތްތަކުން ސިފަކުރަނީ ކިހިނެތް؟

އަންގާރަ ދުވަހު ބައިނަލްއަގުވާމީ ކުރިމިނަލް ކޯޓުން ވަނީ 2014 ވަނަ އަހަރުން ފަށައިގެން ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ހިންގާފައި ވާކަމަށް ތުހުމަތުކުރެވޭ ލާއިންސާނީ އަމަލުތައް ތަހުގީގު ކުރަމުންދާކަމަށް ބުނެފައެވެ. އަދި މިހާރު ފެށިގެން އުޅޭ ހަނގުރާމައިގެ ސަބަބުން މި ތަހުގީގު އިތުރަށް ފުޅާވެފައި ވާކަމަށާއި، އެމީހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ހެކި ހޯދުމުގެ މަސައްކަތް ކުރިއަށް ވުރެ ފުޅާކޮށްގެން ކުރިއަށް ގެންދާކަމަށް ވަނީ ހާމަކޮށްފައެވެ.

ބައިނަލްއަގްވާމީ ކުރިމިނަލް ކޯޓުގެ ގަވާއިދުތައް ބުނާގޮތުން ހަނގުރާމައިގެ ކުރިމަތިލުން ތަކުގެ ތެރެއިން އާންމު ރައްޔިތުންނަށް ފިއްތުންތައް ކުރިމަތި ކުރުވައި، ބަނޑުހައިހޫނުކަމަން މަތީގައި ތިބުމަށް މަޖުބޫރު ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ ހަނގުރާމާގައި ދެ ފަރާތުން ވެސް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ "ސާފު ހެކި" މިހާރު ވެސް އެ ކައުންސިލަށް ލިބިފައި އެބަހުއްޓެވެ. މީގެއިތުރުން އިސްރާއީލުން މުޅި ޣައްޒާ ވަށާލައި އެ ސިޓީ ހުސޯރުކުރާނެކަމަށް ބުނެފައިވާ ބުނުމަކީ އެކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް އާންމު ރައްޔިތުންގެ ފުރާނަ ގެއްލިދާނެތީއާއި އާންމުން ބަނޑުހައި ހޫނުކަމުގައި މަރުވެދާނެތީ އެކައުންސިލުން ކަންބޮޑުވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ރޮއިޓާސް އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އާއި އެހެން ގައުމުތަކާ އެކު މިސްރުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް ހަނގުރާމައިގެ ސަބަބުން ޣައްޒާއިން ފިލައިގެން އުޅޭ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީ، ރެފިއުޖީން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މި ގައުމުތަކުން ދެކޮޅު ހަދައެވެ.

މިހާރު މެދުއިރުމަތީގައި ފެށިގެން އުޅޭ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުގެ ތުންފަތްމަތީގައި ވާއިރު، ހަނގުރާމަ ކުށްވެރިކުރުމަށް ބަހެއް ބުނެލުން ފިޔަވައި މި ހަނގުރާމަ ހުއްޓުވުމަށް ކަމާހޭ ބައިނަލްއަގްވާމީ ފަރާތްތަކުން މާބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. މި ހނގުރާމައިގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަމަކީ ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް މި ހަނގުރާމާގައި އިސްރާއީލަށް ތާއީދުކުރާ ކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔަވްމިއްޔާ

    އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ جمعيةތަކުންނާއި عرب قوم ތަކުން، ހަރުކަށިިި عباراتއިން عزرائيل ކުށްވެރިކުރަމުންދާއިރުު فلسطينގެޙައްޤުގައިފުރާނައިންޤުތުބާންވަމުންދާފަރާތްތަކަށްعسكري އެހީތެރިކަމެއް ފޯރުކޮށް ދެެއްވުންވެސް އެދެވިގެންވެއެވެ