އޭނާ އަކީ މީގެ ކުރީން ލޯބިވާ އަނބިމީހާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދިޔަ ފިރިއެކެވެ. ވިހި އަހަރުވީ ލޯބީގެ އެ ގުޅުމަށް އިތުރު އުޖާލާ ކަމެއް ލިބިގެންދިޔައީ ލިބުނު ދެ ކުދިންގެ ސަބަބުންނެވެ. ލޮލުގެ ކޮއިފަދައިން އެ ދެ ކުދިން ބަލާބޮޑުކޮށް ލާމަސީލު ބައްޕައަކަށް ވުމަށް އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް މުޅި އާއިލާ ހަދަން އޭނާ އަބަދުވެސް ދިޔައީ މަަސައްކަތް ކުރަމުންނެވެ. ކުދިންނާއި އަންހެނުންގެ ހިތްވަރަކަށް އޭނާ އަބަދުވެސް ވެއެވެ.

ނަމަވެސް މިއަދު ނ. ކުޑަފަރީ، އަހުމަދު އިބްރާހިމް، 44 ވަނީ އެހެން މީހުންގެ އެހީތެރިކަމާއި މަދަދަށް ބޭނުންވެފައެވެ. ދެ ކިޑްނީ ފެއިލްވުމުގެ ސަބަބުން އުޅެމުންދިޔަ އުފާވެރި ދުވަސްތައް މިއަދު ވަނީ ހިތާމަވެރިކަމެއް ތެރޭގައެވެ. ދިރިއުޅުން ވަނީ އަދިރިވެފައެވެ.

އަހުމަދު އިބްރާހިމްގެ ކިޑްނީ ފެއިލް ވެފައިވާކަން އެނގުނީ މީގެ ހަތަރު މަސް ކުރިން ހަށިގަނޑުގެ ލެއާއި ހަކުރު ހުރި މިންވަރު ބެލުމަށް އައިޖީއެމްއެޗަށް ދެއްކުމުންނެވެ. ޓެސްޓުތަކުގެ ނަތީޖާ ބަލާފައި ޑޮކްޓަރު ފުރަތަމަ ލަފާ ދެއްވީ ފުލް ބޮޑީ ޗެކަޕެއް ހެދުމަށެވެ. އޭރުވެސް ދިރިއުޅުމަށް އައިސްދާނެ ކަޅު ވިލާގަނޑަކަށް އޭނާގެ ކުޑަ ވެސް ވިސްނުމެއް ނެތެވެ.

އާދައިގެ ކަމެއްކަމަށް ހީކޮށް ޑޮކްޓަރުގެ ލަފާގެ މަތީން ފުލް ބޮޑީ ޗެކަޕެއް އޭނާ ހެދިއެވެ. ނަމަވެސް އޭގެ ނަތީޖާ އައީ އަހުމަދު އިބްރާހީމް ހީކުރި ގޮތަކަށް ނޫނެވެ. އޭނާގެ ކިޑްނީ ފެއިލްވެފައިވާ ކަމުގެ ހަބަރު ޑޮކްޓަރު ދެއްވިއެވެ. ފުރަތަމަ އެކަން ގަބޫލުކުރަން ވެސް އޭނާއަށް ދަތިވިއެވެ. އެ ފިކުރުގައި ހުރެ އައިޖީއެމްއެޗްގެ ކިޑްނީގެ ހާއްސަ ޑޮކްޓަރަށް ވެސް އޭނާ ދެއްކިއެވެ.

ނަމަވެސް ލިބުނީ އިތުރު ޝޮކެކެވެ. އެ ޑޮކްޓަރު ލަފާ އެރުވީ ވީއެންމެ އަވަހަކަށް ކިޑްނީ ބަދަލުކުރުމަށެވެ.

"މީގެ ތިން ވަރަކަށް މަސްކުރިން ބޭބެ (އަހުމަދު އިބްރާހިމް)ގެ ފުލް ބޮޑީ ޗެކަޕެއް އައިޖީއެމްއެޗުން ހެދީީ. އެއަށް ފަހު ޑޮކްޓަރުން ބުނީ ބޭބެގެ ކިޑްނީ ފެއިލްވެފައިވާކަމަށް. އަދި ވީހާވެސް އަވަހަކަށް ކިޑްނީ ބަދަލު ކުރަން ޖެހޭނެ ކަމުގައިވެސް ބުނި" އަހުމަދަށް ބޮޑުބޭބެ ކިޔާ މީހަކު ވަގުތަށް މައުލޫމާތު ދެމުން ބުންޏެވެ.

އެ ފަހުން، އައިޖީއެމްއެޗްގައި މަހެއްހާ ދުވަސްވަންދެން އަހުމަދު އިބްރާހިމް އެޑްމިޓްކޮށްގެން ފަރުވާ ހޯދިއެވެ. ނަމަވެސް އެއިރު ފަރުވާކުރުމަށް ހޮސްޕިޓަލުން އަތަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑު އިންފެކްޓްވިއެވެ.

"އައިޖީއެމްއެޗްގައި އެޑްމިޓްކުރުމަށްފަހު ފަރުވާ ކުރުމަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ބޭބެގެ މުޅި ހަށިގަނޑު އިންފެކްޓްވި. ފާޑެއްގެ ފޮޅުތަކެއް މުޅި ގައިގަ ނަގާފަ ހުރީ. މިހާރު އޭގެ ފަހުން ވެސް އެއް މަސް. އަދިވެސް ފޮޅުތަށް ރަގަނޅެއް ނުވޭ. ޑޮކްޓަރުން ބުނަނީ އިންފެކްޝަންގެ އަސަރު އެއްކޮށް ކެނޑުމުން ކަމަށް ކިޑްނީއަށް ކިރިޔާވެސް ފަރުވާއެއް ކުރެވޭނީ" އަހުމަދުގެ ހާލު އޭނާގެ އާއިލާއިން ކިޔައިދިނެވެ.

އަހުމަދުގެ ކިޑްނީ ފެއިލް ވުމުން އެކަމަށް ރާއްޖެއިން އިތުރު ފަރުވާ ލިބޭތޯ އާއިލާއިން މަސައްކަތް ކުރިއެވެ. އެގޮތުން އޭޑީކޭ އާއި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ގިނަ ޓެސްޓުތަކެއް ހަދާ ފަރުވާ ހޯދިއެވެ.

ނަމަވެސް ހުރިހާ ތަނަކުން ވެސް އަހުމަދަށް ލަފާ އެރުވީ، ވީ އެންމެ އަވަހަކަށް ކިޑްނީގެ ޓްރާންސްޕްލާންޓޭޝަނެއް ހެދުމަށެވެ. އަހުމަދުގެ އާއިލާއިން ބުނާގޮތުގައި، އަހުމަދު އިބްރާހިމްގެ ހާލު ދުވަހަަކަށްވުރެ ދުވަހެއް ދަނީ ދަށްވަމުންނެވެ. އަދި މިހާރު ދިފާއީ ނިޒާމު ވެސް އެއްކޮށްހެން ފެއިލް ވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

އަހުމަދަށް ކިޑްނީ އެއް ހޯދުން ނޫން ގޮތެއް މިއަދު ނެތެވެ. ކުރިން އުޅުނު ދިރިއުޅުމަށް ކިރިޔާ ވެސް އޭނާއަށް ދެވެން އޮތް އުއްމީދަކީ އެއީއެވެ. އަހުމަދުގެ އާއިލާއިން ވެސް މިހާރު މަސައްކަތް ކުރަމުންދަނީ އޭނާއަށް ކިޑްނީ ޑޯނަރެއް ހޯދުމުގެ މަސައްކަތެވެ. އެކަމަށް އާއިލާގެ ތިން މީހަކު ކްރޮސް މެޗް ހެދި ނަމަވެސް ދިމާވެފައެއް ނުވެއެވެ.

އަހުމަދުގެ އާއިލާއިން ބުނިގޮތުގައި، އޭނާގެ ހާލު ދަށްވެ ރާއްޖެއިން އެކަމަށް އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން މިހާރު ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ތައްޔާރުވަމުންނެވެ. އަހުމަދުގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އޭނާގެ ފަރުވާއަށް އިންޑިއާގައި ހަ މަސް ދުވަސް ހޭދަކުރަންޖެހެއެވެ.

މިއަދު އަހުމަދު ވެސް ބަލިއެނދުގައި އޮންނަންޖެހުމާއި އޭނާގެ އާއިލާ އަތުގައި ވެސް އެވަރުގެ ތަނަވަސްކަމެއް މިއަދު ނެތުމުން އަހުމަދު ފަރުވާއަށް އާންމުންގެ އެހީތެރިކަމަށް އެދުން ނޫން ގޮތެއް މިއަދު ނެތެވެ. އަހުމަދާއި އޭނާގެ އާއިލާގެ އާދޭހަކީ ވެސް އާންމުންގެ ފަރާތުން ވީހާވެސް ގިނަ ބަޔަކު އޭނާގެ ފަރުވާއަށް އެހީތެރިކަންވެ ދިނުމެވެ.

އިބްރާހިމް މުހައްމަދު އަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7529587 (މުހައްމަދު ޝައީދު)

ކިޑްނީ ހަދިޔާ ކުރެއްވުމަށް ގުޅުއްވާނީ ، 7529587 ( މުހައްމަދު ޝައީދު ) ނަންބަރ ފޯނާއެވެ.

ބީއެމްއެލް އެކައުންޓް ނަންބަރ : 7720325268001 (އަހުމަދު އިބްރާހިމްގެ އަންހެނުން ޝިޔާނާ އިބްރާހިމްގެ އެކައުންޓް ނަންބަރު)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފާތުމަ

    ހަމަޔަގީނުންވެސް ބޭސްފަރުވާ އަށް ސަލާންޖެހުން ހުއްޓިއްޖެ.މިހާރު މިއޮތީ ކެއުމަށާއި ހުރުމަށް ސަލާން ޖެހުން އާންމުވެފަ.ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ.އެންމެއަގުބޮޑު ފޯނާ ސައިކަލާ ސެންޓާ ގަނެވޭއިންސްޓޯލްމަންޓަށް ލާރިނަގައިގެން ދަރަނިވެރިވެގެންވެސް. ކަމެއް ދިމާވެދާނެތީ ފަހަށްރައްކާކުރާކަށްބޭނުމެއްނުވޭ.

  2. Anonymous

    އަޙުމަދު އިބްރާހިމް ތޯ ނުވަތަ އިބްރާހިމް މުޙައްމަދު ތޯ

  3. 3ނިރު

    ޓްރާންސް ޕްލާންޓް ހެދެން ދެން ޑައިލިސިސް ހެދޭނެ އެއްނު ކިޑްނީ ފެއިލްވީމަ ޓްރާންސް ޕްލާންޓް ކުރެވެންދެން ޑައިލިސިސް ހެދުން ފިޔަވާ ހިޔެއް ނުވޭ ދޭނެ އެހެން ފަރުވާާ އެއް އޮންނަހެނެއް ރާއްޖެއިންވެސް ޑައިލިސިސް ހެދޭ

    • 3ނިރަށް

      ޑޮކްޓަރަށް ވުރެ ކަލޭ މޮޅު ދޯ؟
      ހިތުގަ އެއްވެސް ހަމްދަރުދީގެ ކަންފުޅެއްވެސް ނެތް. އެހީނުވަންޏާ ވެސް ތިކަހަލަ ކޮމެންޓުނުކޮށް މައިތިރި ވެގެން ހުރެބަލަ! ކަލެއަށް ވެސް އެކަހަލަ ކަމެއް ދިމާވެދާނެ.

      އަޙުމަދަށް އަވަސް ޝިފާއެއް ދެއްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި!

  4. ހަސަން

    ކުރުކޮށް ފޮނިކޮ ލިޔަން ދަސްކޮބަލަ

  5. Anonymous

    އަވަސް ޝިފާއަކަށް އެދެން

  6. ގަމު ކުއްޖާ

    އަވަސް ޝިފާއެއް ދެއްވާށި.. އާމީންް

  7. އުނާ

    ވަރަށް ދެރަވެއްޖެ މި ލިޔުން ކިޔާފައި.އިރާދަކުރެއްވިއްޔާ އަހަރެން އެހީވާނަން. އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! ކޮންމެ މީހަކަށްވެސް އަނެކާގެ ހާލު އިހުސާސް ކުރެވޭނީ އެ މީހާ އެ ފަދަ ހާލަތަކަށް ދިޔުމުން. މީހުން ލިޔެފައިވާ ކޮމެންޓްތައް ކިޔާފައި ވަރަށް ހައިރާންވެއްޖެ. އިންސާނިއްޔަތުކަންވެސް އޮޔާދާތަން ފެންނަމުންދާތީ ހިތާމަކުރަން

  8. މީ

    ޔާﷲ އަހުމަދުއަށް ޝިފާ ދެއްވަވާށި އާމީން

  9. ގާފަރޭ

    ނިކަމެތި ދިވެހިން ޢަދިވެސް ސަލާމްޖަހަން ޖެހިފަ ! ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ އިބޫ ގެ ވެރިކަމެއްގާ އިރާދަ ކުރެއްވީޔާ ތިކަން ހައްލުވާނެ

  10. ގާފަރޭ

    ނިކަމެތި ދިވެހިން ޢަދިވެސް ސަލާމްޖަހަން ޖެހިފަ ! ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ އިބޫ ގެ ވެރިކަމެއްގާ އިރާދަ ކުރެއްވީޔާ ތިކަން ހައްލުވާނެ ގގގގގގ