ޣައްޒާގެ އެންމެ ބޮޑު ދެ ހޮސްޕިޓަލުގެ އޮޕަރޭޝަން ހުއްޓާލަން ޖެހިއްޖެ ނަމަ މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އިންޒާރު ޑަބްލިޔުއެޗްއޯއިން ދީފިއެވެ.

އަލްޝިފާގައި ތިން ނަރުހަކު ޝަހީދުވެފައިވާ ކަމަށް އދ ރިޕޯޓިކޮށްފައިވާއިރު ނިރުބަވެރިންގެ ހަމަލާތަކުގެ ސަބަބުން ޢައްޒާ ވަނީ ތެލަށް ޖެހިފައެވެ. އަދި އޭގެ ސަބަބުން ޣައްޒާގެ އެންމެ ބޮޑު ދެ ހޮސްޕިޓަލަށް ބަލިމީހުންނާއި ހަނގުރާމައިގައި ޒަހަމް ވާ މީހުނަށް ފަރުވާދިނުމަށް ގެނައުން ވަނީ ހުއްޓާލަން މަޖުބޫރުވެފައެވެ. މީގެ އިތުރުން ހިތާމައަކީ "މެޑިކަލް ސްޓާފުން"ގެ ނުވަތަ ހިދުމަތް ދެމުން އަންނަ ހިތްވަރުގަދަ ފަލަސްތީނުގެ ޑަކްޓަރުންނާއި، ނަރުހުންގެ މަރުތައް ވެސް އިތުރުވެގެން ދިއުމެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ އަދި ދެވަނައަށް އެންމެ ބޮޑު އަލް ޤުދުސް ހޮސްޕިޓަލްއިން އާދީއްތަ ދުވަހު ބުނެފައިވަނީ ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން މަރުވާ މީހުންގެ އަދަދު އިތުރުވުން ހުއްޓުވުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮޮވާލާފައި ވީނަމަވެސް ހަނގުރާމަ ހަމަ ކުރިއެކޭ އެއްފަދައިން ކުރިއަށް ދާކަމަށެވެ.

އަލް ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނިއުރޯސާޖަން ޑރ ނިދާލް އަބޫ ހަދްރޫސް ވިދާޅުވީ މި ދަނޑިވަޅަކީ ބަލިމީހުންނަށާއި މުވައްޒަފުންނަށް ކަރަންޓާއި ފެން އަދި ރައްކާތެރިކަމެއް ނުލިބޭ ހާލުގައި ހުދު ބޭރަށްވެސް ނުނިކުމެވޭ ފަދަ ބޮޑު "މުސީބާތެއް" ކަމަށެވެ.

" އަހަރެމެންނަކަށް މިހެނެއް ދެން މާގިނަ ދުވަހަކު ނުތިބެވޭނެ، ފަލަސްތީނު ހޮސްޕިޓަލްތަކުގެ މުވައްޒަފުންނާއި ބަލިމީހުން ސަލާމަތް ކުރުމަށް ވީހާ ވެސް އަވަސް އިންޓަރވެންޝަނެއް ބޭނުންވޭ،" އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން އަބޫ ހަދްރޫސް ވިދާޅުވިއެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ ޑިރެކްޓަރު އަހުމަދު އަލް ކަހުލޫތު ވިދާޅުވީ ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދުވާން ހޮސްޕިޓަލުގެ މައި ޖަނަރޭޓަރުގެ ތެޔޮ ހުސްވުމުން އެތަނުގެ އޮޕަރޭޝަންތައް ވެސް ހުއްޓާލަން ޖެހިފައިވާކަމަށެވެ.

މީގެ އިތުރުން، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އަލްޝިފާ ހޮސްޕިޓަލުގެ ހާލަތު ސިފަ ކުރީ އެއީ "ނިކަމެތި އަދި ނުރައްކާތެރި" ހާލަތެއްގެ ގޮތުގައެވެ.

"ބަލި މީހުންނަށް ރައްކާތެރި ތަންތަން ކަމުގައި ވާންޖެހޭ ހޮސްޕިޓަލްތައް މީހުންގެ މަރުތަކުން ފުރި، ތަން ސުންނާފަތިވެ، ފަނާވުމާއި މާޔޫސްކަމުގެ މަންޒަރުތަކަށް ބަދަލުވަމުންދާއިރު ދުނިޔެއަށް މަޑުން އަޑު ނޫފުލާ ހިމޭނުން ތިބެގެން ނުވާނެ!،" ޓްވީޓްގެ ޕޯސްޓެއްގައި ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ފާހަގަކުރިއެވެ.

ނިރުބަވެރިންގެ ހަމަލާތަކާއި ގުޅިގެން ކޮމްޕްލެކްސް ކައިރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ހުކުރު ދުވަހުން ފެށިގެން އަލް ޝިފާ ހޮސްޕިޓަލުގައި ތިން ނަރުހަކު ޝަހީދުވެފައިވާކަމަށްވެސް އދ އިން ރިޕޯޓުކުރެއެވެ.

އަދި ހަމަ ކަރަންޓުގެ ހިދުމަތް ކަނޑާލުމުން ޕްރީމެޗަރ ދެ ތުއްތު ކުދިން ހިމެނޭ ގޮތަށް 12 ބަލިމީހަކު މަރުވެފައިވާއިރު، ކާޑިއޯ ވެސްކިއުލަރ ފެސިލިޓީ އާއި މެޓަނިޓީ ވޯޑް ހިމެނޭ ގޮތަށް ކްރިޓިކަލް އިންފްރާސްޓްރަކްޗަރަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އދ އިން ރިޕޯޓުކުރެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ދުވަސް ނުފުރާ ވިހެއުމަށްފަހު އުފަންވި ތިން ކުދިން މިހާތަނަށް މަރުވެފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 600-650 ބަލިމީހުންނާއި 200-500 ސިއްހީ ހިދުމަތްތެރިންނާއި، 1،500 ގާތް ކުރާ ވަރަށް ހާލުގައި ޖެހިފައިވާ މީހުން ހޮސްޕިޓަލުގައި ތިބީ ރައްކާތެރިކަން ހޯދުމަށެވެ. އަދި އެ މީހުނަށް އަމާން ކަމާއި އެކު ބޭރަށް ނުކުމެވޭނެ ގޮތެއް ވަނީ ނެތިފަކަން ޑަބްލިއުއެޗްއޯ އިން ރިޕޯޓުކުރެއެވެ.

ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުންގެ ތެރޭގައި ހިމެނެނީ ފަންކްޝަނަލް އިންކިއުބޭޓަރުތައް ނެތުމުން މަރުވުމުގެ ނުރައްކާ އޮތް 36 ތުއްތު ކުދިން ކަމަށް ހަމާސްއިން ހިންގާ އެންކްލޭވްގައި ހުންނަ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިސްރާއީލުގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ އުތުރުގައި ހުރި މެޑިކަލް ފެސިލިޓީތައް ވަށާލާފަ އެވެ. އަދި ހަމާސް އާއި ހޮސްޕިޓަލްގެ އޮފިޝަލުން ވަނީ އެ ކޮމްޕްލެކްސްގައި އަސްކަރީ އެއްވެސް އިންފްރާސްޓްރަކްޗަރެއް ފޮރުވާފައި ހުރި ކަމަށް ދެކޮޅުހަދާފައެވެ. އެހެން ނަމަވެސް ޔަހޫދީން އެ ވާހަކަތައް ގަބޫލުނުކޮށް ވަނީ ބީރު ކަންފަތެއް ދީފައެވެ. އަދި އެގޮތުގެ މަތިން މި ސަރަހައްދުތަކަށް އަންނަނީ ހަމަލާތައް ފޮނުވާ މީހުން ހުއްޓުމެއްނެތި ޝަހީދު ކުރަމުންނެވެ.

ފަލަސްތީނުގެ އޮފިޝަލުންނާއި އެ ހޮސްޕިޓަލުގެ ތެރޭގައި ތިބި މީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ނުލަފާ ނިރުބަވެރިން ހޮސްޕިޓަލް ކޮމްޕްލެކްސްއަށް އަމާޒުކޮށްފައިވަނީ ސްނައިޕަރުންނެވެ. އެގޮތުން ކޮމްޕައުންޑް ތެރެއަށް ސްނައިޕަރުން ބަޑިޖަހަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ އަންޑަސެކްރެޓަރީ މުނީރު އަލް ބުރުޝް ވިދާޅުވީ ސްނައިޕަރު ހަމަލާތަކުން ޒަޚަމްވެފައިވާ މީހުންނާ ހަމައަށްވެސް ނުދެވޭ ކަމަށެވެ. “އަހަރެމެންނަށް ކުޑަދޮރުން ބޯ ވެސް ދިއްކޮށްލަން ނުކެރޭ"، އޭނާ ފާހަގަ ކުރިއެވެ.

އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނީ، އަލަށް އުފަންވާ ތުއްތު ކުދިން ނެރުމަށް ހުށަހެޅި ކަމަށެވެ. އަދި ހޮސްޕިޓަލުގެ އެންޓްރެންސްގައި 300 ލީޓަރު (80 ގޭލޯން) ތެޔޮ ބަހައްޓަ ދޭނެ ކަމަށާއި، ނަމަވެސް ހަމާސްއިން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ހަމާސްއިން ވަނީ މިކަން ދޮގުކޮށް، އެ ހޮސްޕިޓަލަކީ ޣައްޒާގެ ހެލްތު މިނިސްޓްރީގެ ބާރުގެ ދަށުގައި އޮތް ހޮސްޕިޓަލެއް ކަމަށް ބުނެފައެވެ.

އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ވަނީ އިސްރާއީލުގެ ބަޔާނަކީ "ޕްރޮޕެގެންޑާ" ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"އިސްރާއީލުން ބޭނުންވަނީ ތުއްތު ކުދިން މަރާނުލާކަން ދުނިޔެއަށް ދައްކަން. އެއީ ކިރިޔާ 30 މިނެޓަށް ދެމިގެންދާ 300 ލީޓަރުގެ ތެލުން އެ މީހުންގެ ތަސްވީރު ރީތިކުރުމަށް ކުރާ ކަމެއް، މީހުންގެ ލޮލުގަ އަނދުން އަޅުވަން ކުރާކަމެއް"، އަބޫ ސަލްމިޔާ އަލްޖަޒީރާއަށް މައުލުމާތު ދެމުން ފާހަގަކުރިއެވެ.

ހަމާސް ނައްތާލުމަށް އިސްރާއީލުގެ ނިރުބަވެރިން ކުރާ ލާ އިންސާނީ ލޭ އޮހޮރުވުމަގައި މިހާ ތަނަށް ފަލަސްތީނުގެ 11،078 މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ނުލަފާ ޔަހޫދީ ނިރުބަވެރިން ހޮސްޕިޓަލްތަށް ވަށާލައިގެން ތިބެ ހަމަލާތައް ދެމުންދާއިރު އެ ތަން ތަނުގެ ހިދުމަތްތަކާއި މުވާސަލާތީ ވަސީލަތްތައް ފުނޑުފުނޑުވެފައިވާ ކަމަށް ބުނެ ސިއްހީ އޮފިޝަލުން ހުކުރު ދުވަހުން ފެށިގެން މަރުވި މީހުންގެ އަދަދު އަޕްޑޭޓްކޮށްފައެއް ނުވެއެވެ.

އަދި މި ބޮޑު ލާއިންސާނީ ލޭއޮހޮރުވުން ހުއްޓުމެއް ނެތި ކުރިއަށް ދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހަނގުރާމަ ހުއްޓާލުމަށް ދަނީ ގޮވާ އަޑުއުފުލަމުންނެވެ. ނަމަވެސް ނިރުބަވެރިން ބުނަމުން އަންނަނީ ހަމަލާތައް އަވަސް މުސްތަގުބަލެއްގައި ހުއްޓާނުލާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޑަބްލިޔުއެޗްއޯ އަކީވެސް އުވާލަން ވެފަ އޮތްތަނެއް މީހުންގެ ހައްގޭ އެހެންއެއްޗެކީ ކިޔާނެ އިސްރޭލާ އެމެރިކާއާ ދޭތެރޭ ފިޔަވަޅެއް އެޅޭނެ ބަޔަކު ނެތް ، އެދެބައިގަނޑު އެގެންދަނީ މުސްލިމު ގައުމުތައް ހަލާކުކޮއް ސުންނާފަތި ކުރަމުން

    10
    0
  2. ލަކުޑިބޯ

    ވާޖިބުއަދާކުރެވުނީދޯ؟ ތިޔަހުރިހާތަންތަނުގެމިސާލަކީ ދަތްނެތްކުއްތާއެއްގެމިސާލު ހަމައެކަނިވައްވައްޖަހާނީ