އިއްޔެ އަކީ އިނގިރޭސިވިލާތުގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. ގައުމުތަކުގެ އެންމެ މަތީ މަޤާމް ފުރުއްވާފައިވާ ބޭފުޅުން ވަޒީރުންގެ ދަރަޖައިގެ މަޤާމަކަށް އައުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް އިއްޔެ މި ވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީގެ މަގާމަށް އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރޮން އައްޔަނު ކުރައްވާފައެވެ. ޑޭވިޑް ކެމޮރަން އަކީ 2010 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމަ އަށް އިނގިރޭސިވިލާތުގެ ވެރިކަން ކުރެއްވި ބޮޑުވަޒީރެވެ

ޑޭވިޑް ކެމަރޮން އެ މަޤާމަށް އައްޔަނު ކުރެވުނީ ބޮޑު ވަޒީރު ރިޝީ ސުނަކް، ހޯމް ސެކެޓެރީގެ މަޤާމުގައި ކުރިން ހުންނެވި ސުއެލާ ބުރެވާމެން ވަޒީރު ކަމުން ވަކި ކުރެއްވުމުންނެވެ. އަދި ކުރިން ފޮރިން ސެކެޓްރީ ގެ މަޤާމު ގައި ހުންނެވި ޖޭމްސް ކުލެވާލީ ހޯމް ސެކެޓްރީގެ މަގާމަށް އައްޔަނު ކޮށް، ފޮރިން ސެކެޓްރީގެ މަގާމަށް ޑޭވިޑް ކެމަރޮން އައްޔަނު ކުރީއެވެ. ސުއެލާ ބުރެވާމެން ހޯމް ސެކެޓްރީގެ މަޤާމުން ވަކި ކުރެވުނީ ފަލަސްތީނަށް ތާއީދުކޮށް އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ހިނގާލުންތަކުގެ ބައިވެރިންނަށްނާއި މެދު ފުލުހުން ހަރުކަށި ފިޔަވަޅު ނާޅާކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުންނެވެ.

ދުނިޔޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން މިހާރު އުފައްދާ ސުވާލަކީ ޑޭވިޑް ކެމަރޮން ފޮރިން ސެކެޓްރީ އަށް އައްޔަނު ކުރެވުމުން، އިނގިރޭސިވިލާތުން މެދުއިރުމަތީގައި ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް އަންނާނެތޯއެވެ. ހާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި އިނގިރޭސިން އަމަލު ކުރަމުންދާ ހާރިޖީ ސިޔާސަތަށް އެއްވެސް ކަހަލަ ބަދަލެއް އަތުވެދާނެތޯއެވެ.

ހޯމް ސެކެޓެރީގެ މަޤާމުގައި ކުރިން ހުންނެވި ސުއެލާ ބުރެވާމެން —-ފޮޓޯ: ރޮެއިޓާސް

އިނގިރޭސިވިލާތުގައި މިހާރު ވެރިކަން ކުރަމުންދާ ކޮންސަވޭޓިވް ޕާޓީ އަކީ ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި އަބަދުވެސް އިސްރާއީލަށް ތާއީދުކޮށް، އަމިއްލަ ދިފާއުގެ ނަމުގައި އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް ހަމަލާދީ، މައުސޫމު ރައްޔިތުން މެރުމަށް ވަރަށް ބޮޑަށް ތާއީދުކުރާ ޕާޓީއެކެވެ. އެ ޕާޓީގެ ސިޔާސަތަކީ ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް އޮންނަން ޖެހޭނެ ކަމަށް ދެކޭ ސިޔާސަތެވެ. އަދި ހަމާސް އަކީ ނިރުބަވެރިން ކަމަށް އެ ޕާޓީން އަބަދުވެސް ދެކޭ އިރު، ދުވަހަކުވެސް އިސްރާއީލުގެ އަނިޔާވެރިކަން އެ ޕާޓީގެ ވެރިކަމުގައި ކުށްވެރި ކޮށްފައެއް ނުވެއެވެ.

ޑޭވިޑް ކެމަރޮން އަކީ ކޮންސަވޭޓިވް ޕާޓީގެ ދުވަސްވީ އަދި ސީނިއަރ ސިޔާސީ ބޭފުޅެކެވެ. އެމަނިކުފާނު ފޮރިން ސެކެޓްރީގެ މަޤާމަށް އައްޔަން މި ކުރެވުނީ ވެސް މިހާރު ޕާޓީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ބައިބައިވުން ނައްތާލުމަށް ކަމަށް ބޭރުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކިލައްވައެވެ. ބޮޑު ވަޒީރު ރިޝީ ސުނަކް އަށް އެމަނިކުފާނުގެ މަޤާމް ދިފާއުކުރެއްވުމަށް، ކޮންސަވޭޓިވް ޕާޓީގެ އެތެރޭގައި މި ހިނގާ ހަމަނުޖެހުންތައް އަވަސް މުސްތަޤްބަލެއްގައި ހައްލުކުރުން މުހިންމެވެ. އެއީ އިނގިރޭސިވިލާތަކީ ވަރަށް އަވަސް އަވަހަށް ބޮޑުވަޒީރު ބަދަލުކުރުމުގެ ސަޤާފަތެއް އަށަގަނެފައިވާ ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމަކަށް ވާތީއެވެ.

ޑޭވިޑް ކެމަރޮންގެ ފަލްސަފާ އަކީ ވެސް ފަލަސްތީނުގެ ބިމުގައި ދެ ދައުލަތެއް އޮތުމެވެ. ނަމަވެސް 1967ގެ ބޯޑަރުތައް އަލުން އިއާދަކުރަން ކެމަރޮން ތާއީދެއް ނުކުރައްވައެވެ. ގިނަ އަރަބި ގައުމުތަކުންނާއި އދ އިންވެސް ވަކާލާތު ކުރަނީ 1967ގެ ސަރަހައްދީ އިންތަކަށް އިޔާދަވެ، ޔަހޫދީ ޣައިރު ޤާނޫނީ ދައުލަތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އެމީހުން ފޭބުމަށެވެ. އަރަބި ގިނަ ގައުމުތަކާއި ގާތް ގުޅުމެއް ބާއްވަވާ ޑޭވިޑް ކެމަރޮން އަކީ މިހާރު ހިނގަމުން މިދާ ލާއިންސާނީ ޖަރީމާތަކުގެ ކުރިން، ނުބައި ނުލަފާ ޔަހޫދީ ދައުލަތް އިސްރާއީލުން 2014 ވަނަ އަހަރު ފަލަސްތީނުގެ މުގައްދަސް ބިމުގައި، ހާއްސަކޮށް ޣައްޒާގައި ބޮޑު ގަތުލު އާންމެއް ހިންގިއިރު އިނގިރޭސިވަލާތުގެ ބޮޑު ވަޒީރެވެ. އަދި އެފަހަރު އޭނާ ވަނީ އޭނާ އާއި އިނގިރޭސިންގެ ތާއީދު އިސްރާއީލަށް އޮތް ކަން ވަރަށް ފާޅުކޮށް ބޮޑު ގޮތެއްގައި ހާމަކޮށްފައެވެ. އަދި ޔަހޫދީންގެ ނުލަފާ ދައުލަތަށް އަސްކަރީ ގޮތުން ވެސް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. މާލީ ގޮތުން ވެސް އެމެރިކާ އަށް ފަހު ޔަހޫދީ ދައުލަތަށް އެންމެ ބޮޑު އެހީއެއް ފޯރު ކޮށްދެނީ ވެސް އިނގިރޭސި ވިލާތުންނެވެ. އަދި އިސްރާއީލުގެ އަނިޔާވެރި ބޮޑު ވަޒީރަށް ފޯނުން ގުޅައި، އެ އަނިޔާވެރި އަމަލުތައް ކުށްވެރި ކުރުމުގެ ބަދަލުގައި، ޔަހޫދީ ޣައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލަށް ހިތްވަރު ދީފައިވެއެވެ.

އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނަކް —- ފޮޓޯ: ރޮއިޓާސް

ޑޭވިޑް ކެމަރޮންގެ ހާރިޖީ ވަޒީރުކަމުގައި މެދުއިރުމަތީގެ އަރަބި އެހެން ގައުމުތަކާއި އިނގިރޭސީން ގާތް ގުޅުމެއް ބާއްވާނެކަމަށް ބެލެވެއެވެ. އެއީ ކެމަރޮން އަކީ އަރަބި ގައުމުތަކުގެ ވެރިން ދަންނަ، ފަރިތަ މޫނަކަށް ވެފައި، އޭނާގެ ބޮޑުވަޒީރު ކަމުގައި އެ ގައުމުތަކާއި ގާތް ގުޅުމެއް ޤާއިމުކޮށްފައި ވާތީއެވެ. ނަމަވެސް ފަލަސްތީނުގެ މައްސަލައިގައި ކެމަރޮންގެ ވިސްނުން ބަދަލުކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރުމަށް ކެމަރޮން ހުށަހަޅާނީ ކުރިން ވެސް އޭނާ ވަކާލާތު ކުރަމުންދިޔަ ހުށަހެޅުމެވެ. އެއީ ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް އުފެއްދުމުގެ ހުށަހެޅުމެވެ.

ހައްލަކީ އެއީ ކަމަށް ދުނިޔޭގެ ބޮޑު ބާރުތަކުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށް އެއީ ގަބޫލު ކުރެވޭ ހުށަހެޅުމެއް ނޫނެވެ. އެމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއި އެކީ އުޅުމުގެ ހައްގަކީ ފަލަސްތީނުގެ ރައްޔިތުންނަށް މާ ލޮބުވެތި ހައްގެކެވެ. އިސްރާއީލުން އެވަނީ އަނިޔާވެރިކަން އިސްކޮށް، ފަލަސްތީނުގެ އެތައް މުސްލިމު ރައްޔިތުންނެއް އެ ހައްގުން މަހްރޫމު ކޮށް، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ބިންތަކަށް ވެރިވެގަނެފައެވެ. ހަމާސް ޖަމާއަތުން އެ ކުރާ ޖިހާދަކީ މި ބިންތަކުން އިސްރާއީލު ބޭރުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ މިނިވަންކަމާއެކީ ދިރިއުޅުމުގެ ހައްގު ހޯދައިދިނުމުގެ މަތިވެރި ޖިހާދެވެ.