މިއަދަކީ ހަކުރު ބައްޔާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ފާހަގަ ކުރެވޭ ބައިނަލް އަގުވާމީ ހަކުރުބަލީގެ ދުވަހެވެ. ދުނިޔޭގައި 537 މިލިއަން ހަކުރު ބަލީގެ ބަލި މީހުން އުޅޭކަމަށް އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން އިން ބުނެފައި ވެއެވެ. އެއީ ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހަކުން އެކަކެވެ. އޭގެ ކޮންމެ 4 މީހުންގެ ތެރެއިން ތިން މީހުންނަކީ ތަރައްޤީވަމުންދާ ޤައުމުތަކުގައި ދިރިއުޅޭ މީހުންނެވެ. 2030 އަށް މި އަދަދު 643 މިލިއަނަށް އަދި 2045 ވަނަ އަހަރަށް މިއަދަދު 783 މިލިއަނަށް އިތުރުވާނެ ކަމަށް އެ ފެޑެރޭޝަނުން ލަފާކުރެއެވެ. 2021 ވަނަ އަހަތު މުޅި ދުނިޔޭން ގާތްގަނޑަކަށް 6.7 މިލިއަން މީހުން ހަކުރުބަލީގެ ސަބަބުން ދިމާވާ ކަންކަމުގައި ދުނިޔެ ދޫކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ. އެއީ ކޮންމެ ފަސް ސިކުންތަކު މީހެކެވެ. އަޅުގަނޑުމެންގެ މި މީސްކޮޅު މަދު ރާއްޖޭގައިވެސް އާބާދީގެ ނިސްބަތުން ހަކުރުބަލި ވަރަށް ގިނައެވެ.

ހަކުރުބަލީގެ ވައްތަރުތައް އެނގޭތަ؟

ހަކުރު ބަލީގައި ވާގޮތަކީ އާންމުކޮށް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ލޭގައި ހަކުރު ހުންނަނީއެވެ. އެއީ ހަށިގަނޑުން އުފައްދާ ހޯމޯން އެއްކަމަށްވާ އިންސުލިން އެއްގޮތަކަށްވެސް އުފައްދައިނުދޭތީ ނުވަތަ މި ހޯމޯން މަސައްކަތް ނުކުރާތީ ވާ ގޮތެކެވެ. އިންސުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންއެވެ.

ހަކުރުބަލީގެ ދެ ވައްތަރެއް ހުރެއެވެ. ޓައިޕް 1 ނުވަތަ ފުރަތަމަ ވައްތަރަކީ ހަށިގަނޑުން އެއްވެސް ވަރަކަށް އިންސުލިން އުފައްދައިނުދޭ ވައްތަރެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ ބަދަލަކާއި ގުޅިގެން އިންސުލިން އުފައްދައިދޭ ސެލްތައް އެއްކޮށް ހަލާކުވުމުން ވާ ގޮތެކެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް ބަލީގެ މި ވައްތަރު ޖެހުމުގެ ފުރުސަތު އޮތް ކަމުގައި ވީ ނަމަވެސް، ޓައިޕް 1 އާންމުގޮތެއްގައި ޖެހޭނީ ކުޑަކުދިންނަށެވެ. މި ވައްތަރުން ރައްކާތެރިވުމަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ.

ހަކުރުބަލީގެ ޓައިޕް 2 ނުވަތަ ދެވަނަ ވައްތަރުގައި ހަށިގަނޑުން އިންސުލިން އުފެއްދި ނަމަވެސް، އިންސުލިން ރަނގަޅަށް މަސައްކަތް ނުކުރަނީއެވެ. ހަކުރުބަލީގެ ބަލިމީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ މިވައްތަރުގެ ހަކުރު ބަލީގެ މީހުންނެވެ. މިވައްތަރު އާންމުކޮށް ޖެހޭނީ 40 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް އެހެން އުމުރު ފުރާތަކުގެ މީހުންނަށްވެސް މި ބަލި ޖެހުން އެކަށީގެންވެއެވެ.

ހަކުރުބަލީގެ ބަލިމީހުންގެ ތެރެއިން 90 އިންސައްތައަކީ ޓައިޕް 2

މި ރިޕޯޓުގައި ބޮޑަށް އަލިއަޅުވާލާނީ ޓައިޕް 2 ނުވަތަ ދެވަނަ ވައްތަރުގެ ހަކުރުބައްޔަށެވެ.

ހަކުރުބަލި ޖެހެނީ ކޮންބަޔަކަށް؟

ހަކުރު ބައްޔަކީ ކޮންމެ މީހަކަށްވެސް ޖެހުން އެކަށީގެންވާ ބައްޔެކެވެ. ބައެއްމީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެގޮތުން މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަންކަމުގެ ތެރޭގައި؛

  • - މާ ބޮޑަށް ފަލަވުން ނުވަތަ ހުންނަންޖެހޭ ވަރަށްވުރެ ބަރުދަން އިތުރުވުން
  • - އާއިލާގައި ހަކުރުބަލީގެ ބަލިމީހުން ތިބުން
  • - ދުންފަތުގެ އިސްތިއުމާލު ކުރުން
  • - ހެލިފެލިވެ ނޫޅުން
  • - 45 އަހަރަށްވުރެ މަތިވުން
  • - އަންހެނުން މާބަނޑުއިރު ހަކުރުބަލި ޖެހިފައިވުން.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަކުރުބައްޔަށް މަގުފަހިވާ ކަމެއް

ހަކުރުބަލީގެ އަލާމާތްތައް

  • - ގިނަގިނައިން ކުޑަކަމުދެވުން
  • - މާ ބޮޑަށް ކަރުހިއްކާ ފެންބޮވުން
  • - ބަރުދަން ލުއިވުން
  • - ވަރުބަލިވުން
  • - ބޮޑަށް ބަނޑުހައިވުން
  • - ލޮލުގެ ފެނުން ފުސްވުން
  • - ފަސޭހައިން އެކިކަހަލަ އިންފެކްޝަންތައް ޖެހުން (މިސާލަކަށް ހަމުގެ އިންފެކްޝަން، އަނގައިގެ ނުވަތަ ހިރުގަނޑުގެ އިންފެކްޝަން އަދި ޖިންސީ ގުނަވަނަށް ޖެހޭ އީސްޓް އިންފެކްޝަން)
  • - ހަލާކުވާ ތަންތަން ލަހުން ފަސޭހަވުން
  • - އަތަށް ނުވަތަ ފަޔަށް ތަދުވުން ނުވަތަ އައްސިވުން
އަލާމާތްތައް ހުރިނަމަ ޑޮކްޓަރަށް ދައްކަވާ ބައްޔަށް ޓެސްޓުކުރައްވާ

ބައެއް މީހުންނަށް ބައެއް އަލާމަތްތައް ވަރަށް އަވަހަށް އަދި ވަރަށް ބޮޑަށް ފެނުނު ކަމުގައިވީނަމަވެސް، އަނެއް ބައިމީހުންނަށް މި އަލާމާތްތައް ލަސްލަހުން ފެންނަމުންގޮސް، ބޮޑަށް ފާހަގަވާން އެތައް މަސް ދުވަހެއް ނުވަތަ އެތައް އަހަރު ދުވަހެއްވެސް ނަގާފާނެއެވެ. ވުމާއެކު ބަލި ދެނެގަނެވޭ އިރު ބަލީގައި މާބޮޑުވަރުވެ، އެހެން ގުނަވަންތަކަށްވެސް އަސަރުކޮށްފައި ހުރުން އެކަށީގެންވެއެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ އެއްވެސް އަލާމާތެއް ނުފެނި ހުންނަ މީހެއްގެ ގައިގައިވެސް ހަކުރުބަލި ހުރެދާނެކަމެވެ. ވީމާ ބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުން އަދި އުމުރު މައްޗަށް ދާވަރަކަށް ޤަވާއިދުން ހަކުރުބައްޔަށް ޓެސްޓުކުރުން މުހިންމެވެ. އަދި އަލާމާތްތައް ފެންނަ ނަމަ ކޮންމެ އުމުރެއްގެ މީހެއްނަމަވެސް ޑޮކްޓަރަށް ދައްކާލާށެވެ. އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން އިން މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައިވެސް ކަނޑައަޅާފައި ވަނީ " ހިރާސްތައް ދެނެގަނެ، ފިޔަވަޅުއަޅަމާ" އެވެ.

ހަކުރުބަލި ޖެހިފައި ތިބި މީހުން ރާއްޖޭގައި ކިތަންމެ ގިނަ ނަމަވެސް ބައެއް މީހުންނަށް ހަކުރު ބަލީގެ ނުރައްކާތެރިކަން އިހުސާސް ނުކުރެވެއެވެ. ޤަބޫލު ކުރެވޭ ގޮތުގައި މިހެންވަނީ ހަކުރު ބައްޔާއި ބެހޭގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބިފައި ނެތުމުންނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހަކުރު ބައްޔަކީ ހަމައެކަނި ހަކުރު މަތިވުމާއި ދަށްވުންކަމުގައެވެ. ނަމަވެސް ހަކުރުބައްޔަކީ އެއަށްވުރެ މާ ފުޅާ، ފަރުވާކުޑަ ކޮށްލެވިއްޖެނަމަ، ވަރަށްވެސް ނުރައްކާތެރި ބައްޔެކެވެ.

ހަކުރުބަލީގެ ސަބަބުން ދިމާވާ ކަންތައްތައް މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ އެމީހެއްގެ ގައިގައި ހަކުރު ބަލި ހުރި މުއްދަތަށާއި ހަކުރު ކޮންޓްރޯލް ކުރެވޭ މިންގަނޑަށެވެ.

ހިތުގެ ބައްޔާއި ސްޓްރޯކް

ލޭނާރުތަކުގައި ސަރުބީ ޖަހާ، ލޭނާރުތައް ބެދުމުގެ ފުރުސަތު ހަކުރުބަލީގެ ބަލިމީހުންނަށް ބޮޑެވެ. މިގޮތަށް ހިތުގެ ލޭނާރު ބެދި ހިތަށް އެކަށީގެންވާ ވަރަށް ލޭ ނުލިބުމުން ހާރޓްއެޓޭކެއް އަދި ސިކުނޑީގެ ލޭނާރެއް ބެދުމުން ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ހަމަ އެއާއި އެކު އަތާއި ފައިގެ ނުވަތަ އިނގިލިތަކަށް ލޭ ފޯރުކޮށްދޭ ލޭނާރުތައް ބެދިއްޖެނަމަ އެ ހިސާބުތަކަށް ލޭ ނުލިބި އެ ތަންތަން މަރުވެ ބުރިކޮށްލަންޖެހޭ ފަހަރުތައްވެސް އާދެއެވެ.

މިކަންކަމުން ރައްކާތެރިވުމަށް ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމާއެކު، ލޭ މައްޗަށް ދާނަމަ އެކަމަށް އަދި ކޮލެސްޓްރޯލް މަތިނަމަ އެކަމަށް އެކަށީގެންވާ ފަރުވާ ހޯދުން ވަރަށް މުހިންމެވެ. އަދި ހަމަ އެހެންމެ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތެއްނަމަ އެކަމުން ދުރުވުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ލޮލުގެ ބަލި

ހަކުރުބަލީގެ ސަބަބުން ލޮލުގެ ލެންސް ހަލާކުވުމުގެ އިތުރުން ލޮލުގެ އެތެރެ ފަށަލައިގައި ހުންނަ ކުދިކުދި ލޭނާރުތަށް ހަލާކުވެ ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. ލޮލުގެ ފެނުން ފުސްވެ ބައެއްފަހަރު ލޮލުގެ ފެނުން އެއްކޮށް ގެއްލިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިކަމުން ރައްކާތެރިވުމަށް އަދި ހަލާކުވެފައިވާ ކުދިކުދި ލޭނާރުތައް ބޮޑަށް ހަލާކުވިޔަ ނުދިނުމަށް ހަކުރު އަދި ލޭގެ ޕްރެޝަރ ވަރަށް ރަނގަޅަށް ކޮންޓްރޯލްކުރަން ޖެހެއެވެ.

ކިޑްނީ ބަލި

ހަކުރުބަލީގައި ގިނަ ދުވަސް ވާ ވަރަކަށް ކިޑްނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ހަކުރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ މި ފުރުސަތު އަވަސްވެ ބޮޑުވެގެން ދެއެވެ. ކިޑްނީ ހަލާކުވަމުންގޮސް ކިޑްނީ އެންމެފަހުން ފެއިލްވެ، އާ ކިޑްނީއެއް ލައްވަން ޖެހެއެވެ.ކިޑްނީ ފެއިލްވެއްޖެނަމަ ކިޑްނީއެއް ނުލެއްވޭހާ ދުވަހަކު މެޝިނެއްގެ އެހީގައި ހަށިގަނޑުގެ ލޭ ސާފުކުރަންޖެހެއެވެ. މިކަމަށް ކިޔަނީ ޑަޔަލިސިސް ހެދުމެވެ. ހަފްތާއަކު ތިންހަތަރު ފަހަރު އެތައް ގަޑިއިރުތަކެއް މިކަމުގައި ހޭދަކުރަންޖެހެއެވެ.

ހަކުރުބަލީގެ ސަބަބުން ޖެހޭ ކިޑްނީބަލިން ރައްކާތެރިވުމަށް އޮތީ ހަކުރުބަލި ކޮންޓްރޯލްކުރުމާއެކު ލޭ މައްޗަށް ދާ މީހެއްނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމެވެ.

ކިޑްނީ ބަލީގެ މީހަކު ޑަޔާލިސިސް ހަދަނީ

ނާރުގެ ބަލި

ލޭގައި ހަކުރު މަތިވުމުގެ ސަބަބުން ނާރުތައް ވެސް ހަލާކުވެއެވެ. ފުރަތަމަ އަސަރުކުރަނީ ފައިގެ ނާރުތަކަށެވެ. އެހެންކަމުން ފައިގެ އިހުސާސް މަޑުމަޑުން ކެނޑެމުން ދެއެވެ. ތަދާއި ފިނިހޫނުކަމުގެ އިހުސާސް ކެނޑެމުން ދިއުމުގެ ސަބަބުން ފަޔަށް އަނިޔާވުމުންވެސް ނޭނގެއެވެ. އަދި ހަލާކުވާ ތަންތަން ފަސޭހަނުވެ ޖަރާސީމު އުފެދި ވަރަށް ބޮޑަށްހަލާކުވާ ފަހަރު އާދެއެވެ.

މަދުންނަމަވެސް ނާރުތައް ހަލާކުވުމުގެ ސަބަބުން ދިމާވާ އަނެއްކަމަކީ ފައިތިލައަށް ނުވަތަ ކަށިމައްޗަށް ނުވަތަ ފަލަމަސްގަނޑަށް ވަރަށްބޮޑަށް ތަދުވުމެވެ. މިތަދު އެހާ ފަސޭހައިން ރަނގަޅެއްވެސް ނުކުރެވެއެވެ.

މީގެ އިތުރުންވެސް ނާރުތައް ރަނގަޅަށް މަސައްކަތްނުކުރުމުގެ ސަބަބުން ޖިންސީ ގުނަވަނުގެ ބާރު ދެރަވުންފަދަ ކަންކަންވެސް ދިމާވުން އެކަށީގެންވެއެވެ.

ހަކުރުބަލީގެ މީހެއްގެ ފައިގެ އިހުސާސްތައް ރަނގަޅުތޯ ބަލަނީ

އިންފެކްޝަންތައް

ހަކުރުބަލި ކޮންޓްރޯލް ނުކުރެވޭކަމަށްވާނަމަ އިންފެކްޝަންތައް ޖެހުން ވަރަށް ގާތެވެ. އެގޮތުން ހަމުގެ އިންފެކްޝަން، ދަތާއި ހިރުގަނޑުގެ އިންފެކްޝަން، އަދި އަންހެނުންގެ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ވަރަށް އާންމެވެ. އަދި ހަމަ އެހެންމެ ކަށީގެ އިންފެކްޝަން އަދި ނިއުމޯނިއާ އާއި ޓީބީ ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. އަދި ކުރިން ދެންނެވުނު ފަދައިން އަނިޔާވެފައިވާ ތަންތަންވެސް ފާރުވެ އެ ތަންތާނގައިވެސް ޖަރާސީމު އުފެދި ހަލާކުވުމުގެ ފުރުސަތުވެސް ހަކުރުބަލީގައި ބޮޑެވެ.

ފަރުވާކުޑަ ކޮށްލެވޭކަށް ނެތެއް ނޫންތޯއެވެ. މި ދަންނަވަނީ ހަކުރުބަލި ހުންނަ ކޮންމެ މީހަކަށް މިހުރިހާ ކަމެއް ދިމާވާނެއެކޭ ނޫނެވެ. ނަމަވެސް ހަށިގަނޑުގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ މި ކަންތައްތައް ދިމާވުމުގެ ފުރުސަތު ބޮޑުވާހަކައެވެ.

ހަކުރު ބައްޔަކީ ދާއިމީ ބައްޔެކެވެ. އެތައް އަހަރެއް ވަންދެން ކޮންމެ ދުވަހަކު ދެއިރު ނުވަތަ ތިންއިރު ބޭސްކާން ޖެހުމަކީ އުނދަގޫކަމެކެވެ. ވަކިގޮތަކަށް ކެއުން ބައްޓަންކުރުމާއި ކޮންމެދުވަހަކު ކަސްރަތު ކޮށް ހެދުމަކީވެސް ފަސޭހަކަންކަމަށް ނުވެދާނެއެވެ. ނަމަވެސް ފަރުވާތެރިކަމާއެކު ކުރަންޖެހޭ ކަންކަމެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކާ، ޓެސްޓުހަދާ ހަކުރު ކޮންޓްރޯލްކުރެވޭ ވަރު ބަލައި ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް ފަރުވާ ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު