އިންތިހާބެއްގެ ނަތީޖާ ނިކުމެދާނެ ގޮތެއް ލަފާކުރުން އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ. ހާއްސަކޮށް ޑިމޮކްރެޓިކް އުސޫލުން ވެރިކަން ބަދަލުވަމުން އަންނަ ގައުމުތަކުގައި ހިޔާލު ހޯދުމުގެ ވޯޓްތަކަށް ވަރަށް ހާއްސަ ސަމާލުކަމެއް އަދި އިތުބާރެއް ވެސް އޮވެއެވެ. ބައެއް ގައުމުތަކުގައި އިންތިހާބުގެ ކުރިން އެއިންތިހާބެއްގެ ނަތީޖާ ލަފާކޮށް މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކަށް އިތުބާރުކޮށް އާއްމުން ވެސް "ނަތީޖާ އޮންނަނީ ނިންމާފައެވެ."

ނަމަވެސް ދިވެހިރާއްޖެ ހިޔާލު ހޯދުމުގެ ވޯޓްތަކަށް ވަރަށް އަލެވެ. ބައެއް ފަރާތްތަކުން އިންތިހާބުތަކާއި ދިމާކޮށް ނެރޭ ހިޔާލު ހޯދުމުގެ ވޯޓްތަކަށް އާއްމުން މާބޮޑު އިތުބާރެއް ވެސް ނުކުރެއެވެ. ސަބަބަކީ އެހިޔާލު ހޯދުމުގެ ވޯޓްތަކުން ފެންނަ ނަތީޖާ އާއި އަސްލު ނަތީޖާ ދިމާނުވުމެވެ. ހިޔާލު ހޯދުމުގެ ނަތީޖާ ނިކުންނަނީ އެހިޔާލު ހޯދުމުގެ ވޯޓެއް ނަގާ ބަޔަކު ތާއިދު ކުރާ ސިޔާސީ ބޭފުޅުންގެ ކޮޅަށް ބުރަވެގެންނެވެ.

ރާއްޖޭގެ އޮންލައިން ނޫސްތައް ހިންގާ ގޮތައް އިންގިލާބީ ބަދަލެއް ގެނައި "ވަގުތު" އިން ހިޔާލު ހޯދުމުގެ ވޯޓް ނަގަން ފެށީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދިމާކޮށެވެ. އެފަހަރު ހިޔާލު ހޯދުމުގެ ވޯޓް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި ތިބި ނުފޫޒުގަދަ ބައެއް މެންބަރުންނަށް އިންތިހާބު ނާކާމިޔާބު ވާނެ ކަމަށް އިންތިހާބުގެ ކުރިން "ވަގުތު" އިން ރިޕޯޓް ކުރިއެވެ. އެއާއިއެކު ބައެއް ބޭފުޅުންގެ ނުރުހުމާއި ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ނައިފަރުގައި މިއަހަރު ވަގުތު ހޭރިޔާ ޓީމުން ކުރިއަށް ގެންދިޔަ ސާވޭގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެއަށްފަހު އެންމެފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ބައެއް ދާއިރާތައް ކާމިޔާބު ކުރާނެ ކެންޑިޑޭޓުން ބަލަން "ވަގުތު" އިން ހިޔާލު ހޯދުމުގެ ވޯޓް ކުރިއަށް ގެންދިޔައެވެ. އެނަތީޖާތައް އައީ ރަސްމީ ނަތީޖާ އާއި ދާތި އެއްގޮތަކަށެވެ.

2023 ވަނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވުމުން މިއަހަރުގެ ކުރީކޮޅުން ފެށިގެން "ވަގުތު" އިން އައީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ދެމެގަތުމަށް ބައެއް ސަރަހަރަދުތަކުގައި ހިޔާލު ހޯދުމުގެ ވޯޓްތައް ނަގަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހު "ވަގުތު" އިން ވަނީ ޒަމާންތަކެއް ވަންދެން އެމްޑީޕީން މާލެ އާއި އައްޑޫ ސިޓީގައި ދަމަހައްޓަމުން އައި ސިޔާސީ ބާރުވެރިކަން މިއިންތިހާބުގައި ނިމުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އައްޑޫ ސިޓީ ހުރިހާ ރަށެއްގައި ކުރިއައް ގެންދިޔަ ސާވޭ ގެ ތެރެއިން:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ނަމަވެސް އެކަން ގަބޫލު ކުރަން ސަރުކާރުން ވެސް އަދި އެމްޑީޕީން ވެސް ބޭނުމެއް ނުވިއެވެ. "ވަގުތު" އިން އޭރު އިއުލާން ކުރަމުން ދިޔަ ނަތީޖާތަކަށް ޖޯކް ޖަހައި އެއީ ކަން އޮތްގޮތް ނޫން ކަމަށް ސަރުކާރުގެ އެކިފެންވަރުގެ ވެރިން "ވަގުތު" ނޫސްވެރިން އަރިހުވެސް ވިދާޅުވެފައި އެބަހުއްޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް އައިއިރު އިންތިހާބުގެ ފުރަތަމަ ބުރުން އެއްވަނަ ހޯއްދަވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކަމަށް "ވަގުތު" އިން ރިޕޯޓް ކޮށްފައި ވެއެވެ. އަދި ދެވަނަ އަށް ވަޑައިގަންނަވާނެ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ.މުއިއްޒުގެ ދެމެދުގެ ފަރަގު ބޮޑު ވާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން "ވަގުތު" އިން ކުރި ސާވޭތަކަށް ފަހު "ވަގުތު" އިން ވަނީ ބ.ތުޅާދޫ އާއި ގދ.ހޯނޑެއްދޫ ފަދަ އެމްޑީޕީގެ ކިއްލާތައް ކަމަށް ބެލެވޭ ރަށްތައް މިއިންތިހާބުގައި އެމްޑީޕީއަށް ގެއްލޭނެ ކަމަށް ބުނެފައެވެ. ފުވައްމުލަކުން ރައީސް ސޯލިހަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް ވެސް އިންތިހާބުގެ ކުރިން "ވަގުތުން" ރިޕޯޓް ކުރިއެވެ. ހަމައެއާއިއެކު މާލެ އިން ގޯތިތައް ބަހާލުމުން ރައީސް ސޯލިހަށް އިތުރުވަމުން ދިޔަ ތާއީދާއި، ނަމަވެސް އެގޯތިތަކުގެ ސަބަބުން މާލޭގައި އުމުރު ދުވަހު އުޅުނު އަތޮޅުތެރޭ މީހުންގެ ތާއީދު ރައީސް ސޯލިހަށް ކުޑަވަމުން ދިޔަ މަންޒަރު ވެސް "ވަގުތު" ސާވޭ އިން ދައްކުވައި ދިނެވެ.

އެހުރިހާ ދިރާސާއަކަށްފަހު އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ "ވަގުތުން" ލަފާކުރި ގޮތަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ.މުއިއްޒަށް ލިބޭނެ ކަމަށް "ވަގުތު" އިން ލަފާކުރި ނަތީޖާއަކީ %44.8 އެވެ. ރަސްމީ ނަތީޖާގައި އެމަނިކުފާނަށް ލިބުނީ %45.9 އެވެ. "ވަގުތުން" ލަފާކުރި ނަތީޖާ އާއި ރަސްމީ ނަތީޖާގައި ހުރީ %1.1 ގެ ތަފާތެކެވެ.

އަދި ވޯޓް ގުނަން ނުފަށަނީސް "ވަގުތު" އިން ވާނީ ވޯޓް ލުން ކުރިއަށް ދިޔަ ދުވަހުގެ އެގްޒިޓް ޕޯލްގެ ނަތީޖާ އިއުލާންކޮށް އިންތިހާބު ދެވަނަ ބުރަކަށް ދާނެ ކަމަށާއި ޑރ.މުއިއްޒު އެއްވަނަ ބޮޑު ތަފާތަކުން ކަށަވަރު ކުރައްވާނެކަން ވެސް އިއުލާން ކޮށްފައެވެ. ރަސްމީ ނަތީޖާ އިއުލާން ކުރިއިރު ކަންވީވެސް އެހެންނެވެ.

ވަގުތު އެގްޒިޓް ޕޯލް: މުއިއްޒު އެއްވަނައަށް، އިންތިހާބު ދާނީ ދެވަނަ ބުރަކަށް

ދެވަނަ ބުރަށް ކެންޑިޑޭޓުން ކެމްޕޭން ފެށިއިރު އާއްމުންގެ ވަރަށް ބޮޑު އިތުބާރެއް "ވަގުތު" ސާވޭ އަށް އޮތީ ލިބިފައެވެ. ވަގުތުގެ ސާވޭ އާއި ރަސްމީ ނަތީޖާ އާއި ބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ސިޔާސީ ލީޑަރުން ވެސް ގަބޫލުކޮށްފިއެވެ. ވަރަށް ގިނަ ސިޔާސީ ބޭފުޅުންނާއި އަދި ބޮޑެތި ވިޔަފާރިވެރިން ވެސް ވަގުތު ނޫސްވެރިންނަށް ގުޅުއްވާ ސާވޭގެ ނަތީޖާތަކުގެ މައުލޫމާތު ހޯއްދަވަމުން ގެންދެވިއެވެ.

ދެވަނަ ބުރުގެ ވޯޓް ލުމުގެ ކުރިން "ވަގުތު" އިން ވަނީ ރާއްޖޭގެ 54 ރަށެއްގައި ސާވޭ ކުރިއަށް ގެންގޮސްފައެވެ. އެސާވޭއަށްފަހު "ވަގުތުން" އިއުލާން ކުރި ގޮތުގައި އިންތިހާބު ކާމިޔާބު ކުރައްވާނީ ޑރ.މުއިއްޒު އެވެ. ހިޔާލު ހޯދުމުގެ ވޯޓަށްފަހު "ވަގުތުން" އިއުލާން ކުރި ނަތީޖާގައި ޑރ.މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށް ބުނީ %54 ވޯޓެވެ. ރައީސް ސޯލިހަށް ލިބޭނެ ކަމަށް "ވަގުތުން" އިއުލާން ކުރީ %43.24 އެވެ.

ރަސްމީ ނަތީޖާގައި ޑރ.މުއިއްޒަށް ލިބިވަޑައިގެންނެވީ %53.9 އެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ %46.1 އެވެ.

ވަގުތު އެގްޒިޓް ޕޯލް: އިންތިހާބު ކާމިޔާބު ކުރާނީ ޑރ. މުއިއްޒު

"ވަގުތު" ސާވޭތަކާއި އަދި ރަސްމީ ނަތީޖާއަށް ބެލުމުން ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހިސާބު ޓީޗަރަކީ މިހާރު "ވަގުތު" އެވެ. އިންތިހާބުގެ ނަތީޖާ ލަފާކޮށް، ހޮވޭނެ ކެންޑިޑޭޓުން އިއުލާން ކުރުމުގައި "ވަގުތު" އިން މިވަނީ އެއްވަނަ ހޯދާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުންނާނެ ގޮތް ކަމަށް ލަފާކޮށް އެމެރިކާ އާއި އަދި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ސާވޭތަކަށްވުރެ "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭ މާބޮޑަށް ވެސް އެކިއުރޭޓް އެވެ. މިއާއިއެކު "ވަގުތު" މިވަނީ ރާއްޖޭގެ އެހެން އެއްވެސް މީޑިއާއަކަށް ނުހޯދޭ ވަރުގެ ބޮޑު ކާމިޔާބެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އސރމ

    ބޮން ވެސް އޮތީ ގޮވަން ތައްޔާރަށެވެ. ޑްރާމާ އަށް ތައްޔާރުވެ ލައްވާ..

    ބާކީ 2 ގަޑިއިރު.

    7
    8
  2. ޢެމްއެސް

    ސާބަސް!

  3. ސަންތި

    އިންތިޚާބީ ހިސާބުޓީޗަރަކީ އަދުރޭ. އެކަން ބަދަލެއްނުކުރެވޭނެ.

    12
    2
  4. Anonymous

    ވަރަށް ބޮޑު ތެދެއް. އިންވެސްޓިގޭޓިވް ގާނަލިޒަމްގަ ވަގުޔުވަރެއްނެތް.
    ދެން ބައްލަވާލަ ދެއްވަބައްލަވާ ނިމިދިޔަ ސަރުކާރުން ހަމަ އެކަނި ސައިކަލުގައި ސްޓިކަރ ޖެހިސަބަބާ ޕޯޓު ސަރަހައްދުގެ ބޮޑު ލޮރީ ޑްރައިވަރުން ދާދާ ހެދިގެން އެމީހުން ބޭނުންތަނެއްގެ ޕާކިން އަމިއްލަ އެއްޗެއް ގޮތަށް ހަދާލެވޭ ސަބަބު.