ފުޓްބޯޅައިން ރިޓަޔާ ކުރަންދެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުންނާނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ ކަމަށް އޭނާއާއެކު އެ ކްލަބަށް ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް ބުނެފިއެވެ.

އާޖެންޓީނާ އަށް އުފަން މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއަކަށް ވާއިރު އެންމެފަހުން ޔުއެފާ އިން ހޮވި ޔޫރަޕްގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް މެސީ ހިމެނިފައެއް ނުވެއެވެ. އެ އެވޯޑު މިފަހަރު ގެންގޮސްފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗްއެވެ.

މީގެއިތުރުން ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި ވެސް މެސީ ހިމެނިފައެއް ނުވެއެވެ.

އެގޮތުން ފީފާ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު އަދި މިހާރު ޔުވެންޓަސް އަށް ބަދަލުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ އިތުރުން ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހުއެވެ.

ފީފާ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނިފައި ނުވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ފީފާ އަށް އަމާޒުކުރަމުން ދާއިރު ބުސްކެޓްސް ބުނީ މެސީ އަކީ ދުނިޔޭގައި މިވަގުތު ވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ކުރިއަށް ހުރި އަހަރުތަކުގައި ވެސް އެކަން އެގޮތުގައި އޮންނާނެ ކަމަށެވެ.

"މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އަދި ފުޓްބޯޅަ އިން ރިޓަޔާ ކުރަންދެން އެ މަގާމުގައި މެސީ ހުންނާނެ" ބުސްކެޓްސް ބުންޏެވެ.

ޔުއެފާ އެވޯޑެކޭ އެއްގޮތަށް ފީފާ އެވޯޑު ވެސް ގެންދާނެ ކަމަށް ބެލެވެނީ މޮޑްރިޗް ކަމަށްވާއިރު ބުސްކެޓްސް ބުނީ މޮޑްރިޗް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް މެސީ އާއި މޮޑްރިޗް އާއި އެއްގޮތަކަށް ވެސް އަޅާނުކިޔޭނެ ކަމަށެވެ.

"މެސީއާ އަޅާ ނުކިޔޭނެ މޮޑްރިޗް އާއި ވެސް. އަދި އެހެން ކުޅުންތެރިއަކާއި ވެސް" ސްޕެއިން އަށް އުފަން މިޑްފީލްޑަރު ބުންޏެވެ.

މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަން ވެސް މެސީ ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ބާސާ އަށް ކުޅެދިން ހަތަރު މެޗުގައި ހަތަރު ގޯލު ކާމިޔާބުކޮށް ތިން އެސިސްޓް ހަދާފައެވެ.