ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޖޯޑީ އަލްބާ ހޯދުމަށް އެމެރިކާ ލީގުގެ އިންޓަ މިއާމީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބާސެލޯނާ ދޫކޮށްލަން އަލްބާ ނިންމީ، އެކުލަބާއެކު ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ.

އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިންޓަ މިއާމީ އަށް ބަދަލުވާން އަލްބާ ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ، އޭނާގެ ޒަމާންވީ ރަޙުމަތްތެރިޔާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް އެ ކުލަބަށް ބަދަލުވާން ނިންމުން ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެއެވެ. ބައިނަލްއަގްވާމީ ގިނަ މީޑިއާތަކުގައި ބުނެފައިވާ ގޮތުން މިވަގުތު އަލްބާ އަންނަނީ އިންޓަ މިއާމީ އަށް ބަދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

މި ސީޒަނަށް ފަހު އަލްބާ ބާސެލޯނާ ދޫކޮށްލީ، އެ ކުލަބުގައި ކާމިޔާބު 11 ސީޒަން ހޭދަ ކުރުމަށް ފަހުއެވެ. ބާސެލޯނާ ދޫކޮށްލަން އޭނާ ނިންމުމާއެކު، ސައުދީ ޕްރޯ ލީގުގެ ދެ ކުލަބަކުން ވަނީ އަލްބާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އެ ދެ ކުލަބުން ވަނީ އަލްބާ އަށް ރަސްމީކޮށް ބިޑު ވެސް ހުށަހަޅާފައި ކަމަށާއި، ނަމަވެސް އެކަމާމެދު އަލްބާ ވަކި ގޮތެއް ނުނިންމާ ކަމަށް މީޑިއާތަކުން ބުނެއެވެ.

އެހެންކަމުން މުސްތަގްބަލުގައި ކުޅޭނެ ކުލަބެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އަލްބާ ނިންމާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ކުޅެފައިވާ ބާސެލޯނާގެ ޑިފެންސްގައި އިސް ދައުރެއް އަދާކޮށްފައިވާ އަލްބާ ވަނީ އެ ކުލަބަށް 459 މެޗު ކުޅެދީ، 27 ލަނޑު ޖަހައިފައެވެ. އޭނާ އަކީ ބާސެލޯނާގެ ޑިފެންސްގައި ފާއިތުވި އަހަރުތަކުގައި އެންމެ އިތުބާރު އެއް ކުޅުންތެރިޔާ އެވެ. ބާސެލޯނާއާއެކު އަލްބާ ވަނީ 17 ތައްޓެއް ކާމިޔާބުކޮށްފައެވެ.