ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އެގައުމުގެ ޖޯޑީ އަލްބާ ބާސެލޯނާ ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެފިއެވެ.

2012 ވަނަ އަހަރު ބާސެލޯނާއާއި ގުޅުނު ޖޯޑީ އަލްބާ އެޓީމު ދޫކޮށްލަން ނިންމީ މާލީ ގޮތުން ޓީމަށް ދިމާވެފައި ދަތި ތަކަށް އެހީތެރި ވުމަށް ކަމުގައި މީޑިއާ ރިޕޯޓުތަށް ބުނެއެވެ. ސީޒަން ނިމުމުން ފްރީ އެޖެންޓެއް ގޮތުގައި އޭނާ ބާސެލޯނާ ދޫކޮށްލާނެކަން ވަނީ ކަށަވަރުވެފައެވެ.

ސްޕެއިންގެ ގައުމީ ޓީމުގައިވެސް ގިނަ ދުވަސްތަކެއް ކުޅުނު އަލްބާ ވަނީ ގައުމީ ޓީމަށް ޖުމުލަ 91 މެޗު ކުޅެދީފައެވެ. ލެފްޓް ބެކަށް ކުޅެމުން އަންނަ ޖޯޑީ އަލްބާ ގައުމީ ޓީމަށް ކުޅެދިން 91 މެޗުން 9 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ އަލްބާ ގައުމީ ޓީމަށް ކުޅެފައި ވަނީ 2011 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު ސްޕެއިން އިން ފީފާ ކޮންފެޑެރޭޝަން ކަޕުގެ ދެވަނަ މަގާމު ހޯދިއިރު، އަލްބާގެ ހިއްސާ ވަރަށްވެސް ބޮޑުކަން ފާހަގަކުރެވެއެވެ.

ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި މިހާރު ފާހަގަ ކުރެވޭ އަލްބާ ބާސެލޯނާއާއި އެކު ކުޅުނު 312 މެޗުން ވަނީ 17 ގޯލުވެސް ކާމިޔާބުކޮށްދީފައެވެ. ބާސެލޯނާގެ ފަހަތުގައި މުހިންމު ރޯލެއް އަދާ ކުރަމުންދާ ޖޯޑީ އަލްބާ ވަނީ އެންމެ ފަހުން ނިމުނު ފީފާ ވޯލްޑް ކަޕުގައި ސްޕެއިންގެ ކެޕްޓަން ކަންވެސް ކޮށްފައެވެ. އޭގެ އިތުރުން ބާސެލޯނާގެ ކެޕްޓަން ކަންވެސް އޭނާ ވަނީ ކޮށްފައެވެ.

މި ސީޒަނުގައި ބާސެލޯނާއިން ލަލިގާ ކާމިޔާބު ކުރި އިރު މުހިންމު ދައުރެއް އަދާ ކޮށްފައިވާ އަލްބާ ޓީމު ދޫކޮށްލަން ނިންމާފައި ވުމާއި ގުޅިގެން ބާސެލޯނާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ. މި ސީޒަން ނިންމުމަށް ފަހު ބާސެލޯނާގެ އެންމެ ގިނަ ދުވަސްވީ އެއް ކުޅުންތެރިޔާ ބުސްކެޓްވެސް ޓީމު ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.