ސްޕެއިންގެ ބާސެލޯނާއިން ފުޓުބޯޅައިގެ ހަޔާތަށް ނިކުތް ލިއޮނަލް މެސީއާއި އެކު އެކުލަބަށް ގިނަ ދުވަސްތަކެށް ވަންދެން ކުޅުނު ސާޖިއޯ ބުސްކެޓުއާއި ޖޯޑީ އަލްބާވެސް އިންޓަރ މިޔާމީއާއި ގުޅިއްޖެއެވެ.

މީގެ ތިން ދުވަސް ކުރިން މެސީއާއި ބުސްކެޓު ވަނީ ރަސްމީ ގޮތެއްގައި އިންޓަރ މިޔާމީއާއި ގުޅިފައެވެ. އެހެން ނަމަވެސް ޖޯޑީ އަލްބާ އެކުލަބާއި ގުޅުނު ކަން ރަސްމީކޮށް ޓީމުން އިއުލާނު ނުކުރިނަމެސް އެކުލަބުގެ ރައީސް ވަނީ މީޑިޔާގައި އެކަން ކަށަވަރުކޮށްދީފައެވެ.

ބާސެލޯނާގެ ވެރިންނާނި އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެއްބަސްވުމުގައި އެއް އަހަރު އޮއްވާ ޖޯޑީ އަލްބާ ވަނީ ބާސެލޯނާ ދޫކޮށްލާފައެވެ. ހަމައެއާއެކު އެއްބަސްވުމުގައި ބަކީ އޮތް އެއް އަހަރަށް ލިބެން ޖެހޭ ބަދަލު ވެސް އަލްބާ ވަނީ ދޫކޮށްލަން ނިންމައިފައެވެ. އެގޮތަށް ނިންމާފައި ވަނީ އޭރު ބާސެލޯނާއަށް ދިމާވެފައިވާ ބާލީ އުނދަގޫތަކުން އަރައި ގަތުމަށް އެހީތެރިވުމަށް ކަމުގައި އަލްބާ ވަނީ ބުނެފައެވެ.

ބުސްކެޓްސް ބާސެލޯނާ ދޫކޮށްފައިވަނީ މީގެ އެއް މަސް ކުރިންނެވެ. އެއަށްފަހު، ސައުދީ އަރަބިއްޔާގެ ކްލަބްތަކުންވެސް ވަނީ ބުސްކެޓްސް ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް، އޭނާ އިޚްތިޔާރު ކުރީ ބާސެލޯނާގައި އޭނާއާ އެއްކޮށް ކުޅުނު ލިއޮނަލް މެސީއާއި އެއްކޮށް އެމެރިކާ ލީގް ތަޖުރިބާކުރާށެވެ. ބުސްކެޓްސް އާއި މެސީ ވަނީ 2008 އިން 2021 އަށް ބާސެލޯނާގައި 13 ސީޒަން އެއްކޮށް ހޭދަކޮށްފައިއެވެ.

މިއާމީގެ އައު ކޯޗު ޖެރާޑޯ މާޓިނޯ އަންނަނީ އޭނާގެ ޕްލޭންގައި އަލްބާ ހިމަނައިގެން މަސައްކަތްތައް ރާވަމުން ކަމަށާއި، އެހެންކަމުން އަލްބާ އަކީ ވެސް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމުގައި މީޑިޔާ ރިޕޯޓުތަށް ބުނެއެވެ. އެހެން ކަމުން އަންނަ ސީޒަނުގައި މި ތިން ކުޅުން ފެނިގެން ދާނީ ޑޭވިޑް ބެކަމްގެ އިންޓަރ މިޔާމީއިންނެވެ.